ހަސަދަ ވެރިކަމަކީ މިހާރު ވަރަށް ބޮޑަށް އާންމު ވެފައިވާ ކަމަކަށް ވީއިރު މިފަހަރު މި ދިމާވީ މުޅިން ތަފާތު ހާދިސާއެކެވެ. މަޝްހޫރު ފިލްމީ ތަރި ރިތިކް ރޯޝަން ދެކެ ލޯބިވާ ކަމަށް އަނބިމީހާ ބުނުމުން އަނބިމީ މަރާލީ އޭނާގެ ފިރިމީހާ އެވެ.

ބޭރުގެ ރިޕޯރޓްތައް ބުނާ ގޮތުން އުމުރުން 33 އަހަރުގެ ޑިނޭޝް، އޭނާގެ 27 އަހަރުގެ އަނބިމީހާ ޑޯން މަރާލާފައިވަނީ ވަޅިއަކުން ހަމަލާ ދީގެންނެވެ.

އެމީހުންގެ ރައްޓެހިންނާ ހަވާލާދީ ނެރެފައިވާ މި ރިޕޯރޓުގައި ވާގޮތުން ޑިނޭޝް އަކީ އަނބިމީހާ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން މުށުތެރެއަށް ލައިގެން ގެންގުޅޭ ފިރިއެއް ކަމަށާއި އެކަމުގެ ސަބަބުން އެ ދެމީހުންގެ ދެމެދުގައި އަބަދުވެސް މައްސަލަތައް ޖެހޭ ކަމަށެވެ.

މިދިޔަ އޮގަސްޓް މަހު ޑޯންގެ މޫނު މަތީގައި ޖަހައި ފިރިމީހާ އަނިޔާ ކޮށްފައި ވާއިރު، މަރުގެ މި ހާދިސާ ހިނގާފައިވަނީ ފިރިމީހާ ޖިސްމާނީ އަނިޔާ ކުރުމުގެ ސަބަބުން ޑޯން ފުލުހުންނަށް އެ މައްސަލަ ހުށަހަޅައި އެކަމުގައި ހުކުމަކާ ހަމައަށް ގޮސްފައި ވަނިކޮށް ކަމަށް ނިއުޔޯކްގެ ފުލުހުން ބުނެއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހު ޑިނޭޝް އަށް ހުކުމް ކުރަން ތައްޔާރުވެފައި ވަނިކޮށް ޑިނޭޝް ވަނީ ޑޯން އުޅޭ އެޕާރޓްމަންޓަށް ގޮސް ވަޅިއަކުން ހަމަލާ ދީ އަނބިމީހާ މަރާލާފައެވެ. އަދި އެއަށްފަހު ޑިނޭޝް ވެސް ވަނީ އަމިއްލައަށް ދަންޖެހި މަރުވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.