[avatar user=”Zaanaa” size=”thumbnail” align=”left”]ޒާނާ އަކީ އަސަރުގަދަ ލޯބީގެ ވާހަކަ ލިޔުމަށް ވަރަށް ތަޖުރިބާ ހުރި އުއްމީދީ ލިޔުންތެރިއެކެވެ. ޒާނާ ގެ ވާހަކަ ‘މާާފުކުރާށޭ ކަލާ’ ވެގެން ގޮސްފައިވަނީ ކިޔުންތެރިންނަށް ވަރަށް ކަމުދިޔަ ވާާހަކަ އަކަށެވެ.[/avatar]

ނުހާ އަށް ހީވީ ރަނގަޅަށެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. މާކިންއެވެ. އެއް އިރެއްގައި ނުހާގެ ހިތުގެ ހިނގުމެވެ. ނުހާގެ ދިރިއުޅުމެވެ. ހަޔާތުގެ އެހާ ހިތްދަތި ދަނޑިވަޅެއްގައި މާކިން ކުއްލިއަކަށް ފެނުމުން ނުހާއަށް ރޮވުނެވެ. ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހިގަތެވެ.

“ކިހިނެއްވީ؟” ނުހާގެ ލޮލުން ފައިބަމުންދާ ކަރުނަތަކަށް ކަޅި ހުއްޓާލައިގެން ހުރި މާކިން ހުރީ ހައިރާންވެފައެވެ. ނުހާ އިންތަނުން ތެދުވެ މާކިންގެ މޭތެރެއަށްވަނެވެ. އެތަނުގައި ތިބި އެއްވެސް މީހަކަށް ބަލައިލުމެއްވެސް ނެތެވެ. އެތަކެއް އަހަރު ތަކަކަށްފަހު ނުހާގެ ބީހުންތައް މާކިންގެ ހިއްސުތައް ހޭލައްވާާލި ކަހަލައެވެ. ނުހާގެ ބުރަކަށީގައި މާކިން ފިރުމަމުން ގެންދިޔައިރު ނުހާއަށް އަދިވެސް ރޮވެނީއެވެ.

“ނުހާ. އެންމެންތައް ބަލަނީއޭ. ދެން ބުނާނެ އަހަރެން ނުހާ ރޮއްވަނީއޭ. ހިނގާބަލަ ގެޔަށް ދާން. އަހަރެން ގެންގޮސްދެންތަ؟” މާކިން ނުހާގެ ކަންފަތާއި ކައިރިވެލީ އެމީހުން ދައްކާ ވާހަކަ އެއްވެސް މީހަކަށް އަޑު ނީއްވަން ކަހަލައެވެ. ކުއްލިއަކަށް މާކިން އެހާ ގާތްކޮށް ވާހަކަ ދެއްކުމުން ނުހާ ހިސާބަކަށް ހައިރާންވެސްވިއެވެ. އެއީ މީގެ ދުވަސްތަކެއް ކުރިން މާކިން ވަނީ ދުވަހަކުވެސް ނުހާ އާއި އެއްވެސް ގުޅުމެއް ނުބާއްވާނެކަމަށް ބުނެފައެވެ. އެސްފިޔަ ވެސް ޖަހައިލަން ހަނދާންނެތިފައި ނުހާއަށް އިނދެވުނީ ވިސްނާށެވެ.

“ނުހާ.” ޖެހި ބުދެއްހެން ހުރި ނުހާ އަށް ރޭކާލީ އަނެއްކާވެސް މާކިން ގޮވާލީމައެވެ.

ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ ނުހާ ހިނގައިގަތީ ކުރިޔަށެވެ. ޖީބުން ފަސް ސަތޭކަ ރުފިޔާގެ ނޫޓެއް ނަގާ ވެއިޓަރު އަތަށް ދިއްކޮށްލަމުން މާކިންވެސް ބާރުބާރަށް ހިނގައިގަތީ ނުހާ ދިޔަ ދިމާއަށެވެ. ނުހާގެ ހުޝިޔާރުކަމަށް ސާބަސް ދޭހާ ވެއެވެ. ނުހާ އެގޮތަށް އެކަންތައް ކުރީ މާކިން ނުހާގެ ފަހަތުން ގެންނަންވެގެން ނެވެ. އަދި އަންނާނެ ކަމުގެ ޔަޤީންކަންވެސް އޮތީމައެވެ. ނުހާ ގޮސްވަނީ އޭނަގެ ކޮޓަރި އަށެވެ. އެތެރެއަށް ވަންނަމުން ދޮރުވެސް ލައްޕައިނުލީ މާކިންއަށް ދައުވަތުދޭ ކަން އަންގާލަން ވެގެންނެވެ. ދެފިކުރެއްގައި ހުރެ މާކިން ނުހާ ވަން ކޮޓަރިއަށް ވަނެވެ.

“ދޮރު ލޮކް ކޮށްލައްޗޭ.” ނުހާގެ އަޑުގައިވަނީ މޮޅިވެރިކަމެވެ. އެއްވެސް ސުވާލެއް ނުކޮށް މާކިން ދޮރު ލައްޕާލިއެވެ.

“އެއްވެސް ސުވާލެއް ނުކޮށް އަހަރެން ބުނާކަމެއް ކޮށް ދީފާނަންތަ؟” ނުހާ މާކިން އާ ސީދާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ނުހާގެ ދެލޮލުގައިވާ ފުރިހަމަކަމުގެ ޖާދޫގައި އަނެއްކާވެސް މާކިން ޖައްސަން ނުހާ ބޭނުންވާކަހަލައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ނުހާގެ އެރީތި ބޮޑު ދެލޮލަކީ އެ ދެލޮލަކަށް އަބަދުމެ މާކިން ތައުރީފްކޮށްފައިވާ ދެލޮލެވެ.

މާކިންއަށް ނުހާއާ ދިމާއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

“ކަމެއްގެ ގޮތުން ދޯ އެނގޭނީ.” ލައިގެން ހުރި ޖިންސްގެ ޖީބަށް އަތް ކޮށްޕާލަމުން މާކިން ފަރުވާތެރިކަމާއެކު ނުހާއާ ދިމާއަށް ބަލާލިއެވެ.

މާކިންގެ ޖަވާބާއި އެކު މުޅިތަނަށް ވެރިވެގެންދިޔައީ ހަމަހިމޭންކަމެވެ. ނުހާ ބޭނުންވި ކަހަލަ ޖަވާާބެއް ނުލިބުނީމާ ކަމަށް ވުން ވެސް އެކަށީގެންވެއެވެ.

“ނުހާގެ ފިރިމީހާ ނިޔާވި ޚަބަރު އަޑުއެހިން. ހިތަށްއެރި ގުޅާލަންވެސް-” މާކިންގެ ވާހަކަ މުޅިން ފުރިހަމަ ނުވަނީސް ނުހާ މާކިންގެ ގައިގައި އޮޅުލައިގަތެވެ. ނުހާގެ އަތްވަނީ މާކިންގެ ކަރުގައި ވަށާލެވިފައެވެ. ނުހާގެ ފިނިފިނި އޮމާން އަތްތިލައިގެ ބީހުން އިޙްސާސްވުމާއި އެކު މާކިން ގެ ގައިން ހީބިހި ނަގައިގަތެވެ.

“އަޅެ. އަހަންނަށް މާފްކުރޭ.” ނުހާގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ މޮޅިވެެރިކަމެވެ.

 

“މާފްކޮށްފިން.” ފާލިހް ވާހަކަ ދައްކަމުން ދިޔައީ އޭނަގެ ކުރިމަތީގައި އިސްޖަހައިގެން އިން ޝަރީފާ އާއެވެ.

“އެއީ ތީ އަހަރެންގެ މަންމައަށްވީތީ. އެކަމަކު ދުވަހަކުވެސް މިކަންތައްތަކެއް އަހަރެންގެ ހިތަކުން ނުފިލާނެ. އަދި މަލަކާ އަށް ޖެހިފަ ހުރި ހާލުގެ ޒިންމާވެސް ނަގަން ޖެހޭނީ މަންމަ.” ފާލިހް އަޑުގައިވަނީ ނުރުހުމެވެ. މާފްކުރާނީވެސް ކިހިނެއް ހެއްޔެވެ؟ ފާލިހްގެ މުޅި ދިރިއުޅުން އެ ނަގާލީ އޭނާ ދިރިއުޅުން އުޅެން މިދުނިޔެއަށް އުފަން ކުރި މީހާއެވެ.

“މަލަކާ މިގެޔަށް ގެނެސްދީ. މަންމަ ބޭނުން ތިދެކުދިން އެކުގައި އުފަލުން އުޅޭތަން ދެކެން.” ޝަރީފާ އަޑުން އަޑުނަގައި ރޮއެގަންނަމުން ފާލިހްގެ އަތުގައި ހިފެހެއްޓިއެވެ. ޝަރީފާގެ ބަސްތަކުން ފާލިހްގެ ހިތްދަތިކަން ދެގުނައަށް އިތުރުވެގެން ދިޔަކަހަލައެވެ. މަލަކާ މިހާރު ހުރި ހާލުގެ ވާހަކަވެސް ޝަރީފާ ކައިރީގައި ބުނާކަށް ފާލިހް ގެ ހިތެއް ނޭދުނެވެ. މަލަކާ އަށް އެހާލު ޖެއްސީ ޝަރީފާ ކަމަށް ވީތީއެވެ. ޝަރީފާ ގެ އަތް ދުރުކޮށްލަމުން އިންތަނުން ތެދުވެގެން ފާލިހް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ދެން އެތަނުގައި ހުންނާނެހާ ހިތްވަރުވެސް ފާލިހް ގެ ގައިގައި ނެތީމައެވެ.

 

“ދަނީތަ؟” ނުހާއާއި ދުރަށް މާކިން ހިނގައިގަތް ތަން ފެނިފައި ނުހާއަށް މާކިންގެ އަތުގައި ހިފުނެވެ.

“މަށަކަށް މާފެއް ނުކުރާނަންތަ؟” މާކިންގެ ހަމަހިމޭންކަން މަޖުބޫރު ކުރުވީ އަނެއްކާވެސް އެސުވާލު ތަކުރާރުކޮށްލުމަށެވެ.

“އަހަރެން ނުހާއަށް މާފްކޮށްފީމޭ ކުރިންވެސް ބުނީމެއްނު.” މާކިންގެ ތޫނު ނަޒަރު ނުހާގެ މޫނަށް ހުއްޓާލުމުން ނުހާއަށް ހިނިތުންވެލެވުނެވެ.

“އަޅެ. އަަސްލުވެސްތަ؟. މާކިންގެ ހިތުން ކުރިން މަށަށް ދިން ޖާގަ ލިބިދާނެތަ؟ އައި އެމް ޗޭންޖްޑް އޭ. ދެން ދުވަހަކުވެސް މާކިން ދެރަވެ ހިތުގައި ޖެހޭ ކަމެއް ނުކުރާނަން.” ޖަޒުބާތުގައި ޖެހުނު ގޮތަށް ނުހާ އުޅުނީ މާކިންގެ މޭތެރޭގައި މޫނު ފޮރުވާލާށެވެ. ނަމަވެސް  އެއަށް ވުރެ ކުރިން މާކިން ދުރަށް ހިނގައިގަތެވެ. ނުހާގެ އެ އަމަލު މާކިން އަށް އެނގުނު ކަހަލައެވެ.

“ނުހާ ބޭނުންނަމަ އާދެވިދާނެ އަހަރެންގެ ދިރިއުޅުމަށް އަދިވެސް. އެކަމަކު މިފަހަރު މިގުޅުން ބިނާ ކުރެވިގެން ނުވާނެ އެއްވެސް ދޮގެއްގެ މައްޗަކަށް. ނުހާ އިތުބާރު ކުރަން ޖެހޭނެ އަހަންނަށް. މަށަށް ކަމެއް  ސިއްރުން ކުރާނަމަ ވެސް، ކޮށްފަ އޮތް ނަމަވެސް ކުރިން ބުނެދީފަ ގުޅުމެއް އުފައްދަން ވާނީ. ޒޫކަން އަށް ޓަކައި މިގޮތަށް މި ނިންމީވެސް.” މާކިން ވާހަކަ ދައްކަމުން ދިޔައިރު ނުހާއަށް ހުރެވުނީއެވެ. ކަންފަތަށް އިވެމުން އެދަނީ ހަޤީޤަތްބާ އޭ ނުހާގެ ހިތަށް އަރަމުންދިޔައެވެ. މާކިން ހަމަ އަލުން އޭނާގެ ހަޔާތަށް ގުޅިދާނެބާއެވެ.

“އާ ޔޫ ކިޑިން މީ.” ނުހާގެ ޖާދުވީ ދެލޯ މާކިންގެ މޫނަށް ހުއްޓާލަމުން ނުހާ މާކިން އާ ހަތަރުކަޅި ހަމަކޮށްލިއެވެ.

“ވައި ޝުޑު އައި. ބައި ދަ ވޭ. ކީއްވެ ނުހާ މިތަނުގައި ތިއުޅެނީ.” މާކިން ކޮށްލި ސުވާލުން ނުހާ ހާސްވި ކަހަލަައެވެ. އޭސީ ފުލް ކޮށްފައިވާ އެކޮޓަރި ތެރޭގައިވެސް ނުހާގެ ނިތްކުރިމަތިން ދާ ތިކިތިކި ވިދަމުންދިޔައެވެ.

“ނުވޭ ކަމެއް. ބޯ ހަމަ ޖައްސާލަނީ.” ނުހާއަށް ދެވުނީ ފަރުވާކުޑަ ޖަވާބެކެވެ.

“އޯ. ގުޅުމެއް އަލުން އުފައްދަން ބުނާއިރު އިތުބާރެއް ނުކުރޭ. މަށަށް އިނގޭ ނުހާ ތި ހަދަނީ ދޮގުކަން. ކޮންމެވެސް ކަމެއް ވެގެން ދޯ މިތާާގައި އެކަނި މާއެކަނި އުޅޭނީ. ބުނަން ބޭނުން ނެތިއްޔާ އޯކޭ. އަހަރެން ދެން ދަނީ.” މާކިން އެތަނުން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ނުހާ މާކިންގެ އަތުގައި ހިފާލީ ނުދާށޭ ބުނާ ފަދަ ގޮތަކަށެވެ. މާކިން އިސްއުފުލާލަމުން ނުހާގެ އުދާސްވެފައިވާ މޫނަށް ބަލާލިއެވެ.

“އަހަރެން- އަހަންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ.” ނުހާގެ ބޮޑު ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.

“ޕްލީސް ޑޯންޓް ކްރައި. ނުހާއަކަށް ނުކުރެވޭނެ އަހަންނަށް މާފް ނުކުރެވޭނެ ވަރުގެ ކުށެއް.” މާކިން ނުހާގެ މޫނުގައި ދެއަތުން ބާރަށް ހިފަހައްޓާލަމުން ނުހާގެ ނިއްކުރީގައި ތުންފަތް ޖައްސާލިއެވެ.

މާކިންގެ ލޯތްބާއި ހަމްދަރުދީ ވެގެން ދިޔައީ ނުހާގެ ހިތުގައި ފޮރުވިފައިވާ ބޮޑު ސިއްރު ހާމަކުރަން ލިބުނު ބޮޑު ހިތްވަރަކަށެވެ. ނުހާ މާކިންއާއި ހަތަރު ކަޅި ހަމަކޮށްލީ އެދެލޮލުން އެފެންނަ ހަމްދަރުދީ ޔަޤީން ކުރުމަށް ކަހަލައެވެ.

“މި- އައި-ކިލްޑް އާސިފް.” ނުހާއަށް އަނގަމަތީގައި އަތް އެޅުނީ ރޮއެނުގަންނަން ވެގެންނެވެ.

“ވަޓް.” މާކިން ނުހާ އޭނާގެ ގަޔާއި ދުރަށް ކޮށްޕާލިއެވެ.

“ބުނީމެއްނު މާާފް ކުރާނަމޭ.” ނުހާ މާކިން އަށް ހަނދާންކޮށްލަދިނެވެ.

“ފައިސާގެ ދަހިވެތިކަމުގައި ތިކުރީ ވަރަށް ދަށުދަރަޖައިގެ ކަމެއް.” މާކިން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގި ހައިރާންވެފައެވެ.

“އަހަރެންނަކަށް ނޭނގެ އެކަން އެވީ ކިހިނެއް ކަމެއް. އަޔާންގެ ލޯބި ހާސިލްކުރުމަށްޓަކާ އިތުރުގޮތެއް ނެތީ. އެހެންވެ މީހަކަށް ލާރި ދީގެން އެކަން ކުރެވުނީ.” ނުހާއަށް އަނގައިން ބުނެލަން ކިހާ ފަސޭހަ ހޭ މާކިންގެ ހިތަށް އެރިއެވެ.

“ދެން ތިކަމުގަ އަހަރެން ކީއް ކޮށްދޭންވީ.” މާކިން އަތުގައި އޮތް ފޯނު ނަގާ ނަމްބަރަކަށް ޑައިލް ކޮށްލިއެވެ.

“ކާކަށް ތިގުޅަނީ.” ނުހާ ހާސްވެފައި ތެޅިގަތެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ނުހާގެ ރޫމްގެ ދޮރު ހުޅުވުނެވެ. ލިބުނު ޝޮކުގައި ނުހާ އަށް ދޮރާއި ދިމާއަށް އެނބުރެވުނެވެ. އޭރު ހޮޓެލްގެ މެނޭޖަރ ދޮރުމަތީގައި ހުއްޓެވެ.

“މީ ކޮންކަހަލަ ހޮޓަލެއް. ނޭނގޭތަ ހުއްދައަކާއި ނުލައި ބާރުގެބޭނުންކޮށްގެން ތިގޮތަށް ދޮރު ނުހުޅެވޭނެކަން.” ނުހާ އުޅުނީ އަތް ދަމާފައި ހޮޓެލް މެނޭޖަރު ގެ ކަންފަތް މަތީގައި ފިރުމާލަދޭށެވެ. ނަމަވެސް އެއަށްވުރެ ކުރިން ނުހާގެ އަތް ބާރުގަދަ އަތަކުން ވަށައިލިއެވެ.

ވީތަދުން ނުހާއަށް ބަލައިލެވުނެވެ. އެވަގުތު ނުހާާގެ ހިތް ވެސް ނުހުއްޓުނީ ކިރިޔާއެވެ.

“އަޔާން.” ނުހާ ހަމަ ރަނގަޅަށްވެސް ބިރުގެންފިއެވެ.

“ތޭންކްސް މާކިން.” އަޔާން މާކިން އާއި ކޮނޑާއި ކޮނޑު ޖައްސާ ސަލާމްކޮށްލިއެވެ. އަޔާންގެ ފަހަތުން އެ ރޫމް ތެރެއަށް ވަނީ ފުލުހުންގެ ތިން މީހުންނެވެ.

“ތި ބޭފުޅާ ދެންމެ ތި ދެއްކި ހުރިހާ ވާހަކައެއް ވަނީ ރެކޯޑް ކުރެވިފައި. އަދި ތި ބޭފުޅާގެ އަނެއް ބައިވެރިޔާ އަހްމަދު އާހިލްވެސް މިވަގުތު ހުރީ އަހަރެމެންގެ ބެލުމުގެ ދަށުގައި.” ނުހާގެ ދެއަތް ވަގުތުން ފުރަގަހަށް ގެނެސް ބިޑި އަޅުވާލެވުނެވެ.

“އަޔާން. އަހަންނަށް މާފް ކުރޭ.” ނުހާ ފުލުހުންނާއެކު ހިނގައިގަންނަމުން ފަސް އެނބުރި އަޔާން އާއި ދިމާއަށް ބަލާލީ ދެލޯ ކަރުނުން ފުރިފައިވާ ހާލުގައެވެ. ނަމަވެސް އަޔާން މޫނު އަނބުރާލީ ދުރަށެވެ. ނުހާ އަޔާންއަށް ދިން ކޮންމެ ވޭނަކަށް އަޔާން ކެތްކުރިއެވެ. މާާފްވެސް ކުރިއެވެ. އެކަމަކު އަޔާންގެ ލޯބިވާ ބައްްޕަ އަޔާން އާއި ވަކިކޮށްލުން އެއީ މާފް ކުރެވޭނެވަރުގެ ކަމެއް ނޫނެވެ.

“މާކިން. ތޭންކްސް. ތި ކޮށްދިނީ އަހަންނަށް މިދުނިޔެމަތީގައި މީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު އެއްކަންތައް.” މާކިން އާ ވާހަކަ ދެއްކި އިރުވެސް އަޔާންއަށް ބަލަން ހުރެވުނީ ނުހާ ނިކުމެގެން ދިޔަ ދޮރާއި ދިމާއަށެވެ.

“ހިތްހެޔޮ ކުރައްޗޭ. މާދަމާ އަނެއްކާވެސް އެނބުރި މެލޭޝިޔާއަށް ދާން މިއުޅެނީ. އަހަރެންގެ ހަޔާތުގެ ބައިވެރިޔާ އާއެކު.” މާކިން ހިނިތުންވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ.

އަޔާން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން މާކިންގެ އަތުގައި ހިފިއެވެ.

އެވަގުތު ޖީބުގައި އޮތް އަޔާން ގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލާލި ވަގުތު އަޔާން ގެ ހިތުގެ ތެޅުން ބާރުވެގެންދިޔަ ކަހަލައެވެ. ގުޅަނީ ގުރައިދޫ ގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުންނެވެ.  ދުވަހަކުވެސް މިގަޑީގައި އެތަނަކުން އެއްވެސް ކޯލެއް މި ވީހާ ތަނަށް އައިސްފައެއް ނުވެއެވެ.

ތެޅިތެޅި އޮތް ހިތަކާއެކު އަޔާން ފޯނު ނަގާ ކަންފަތުގައި ޖައްސާާލި އެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް