ޒުވާން އުމުރަކީ ކޮންމެ މީހެއްގެ ވެސް ހަނދާނުން ފޮހެލަން އުނދަނގޫ އެތަކެއް ހާދިސާތަކެއް ހިގާނެ ދުވަސްވަރެކެވެ. ފުރާވަރުގެ އުމުރުފުރާ ނިމި، ހަރުފުރާ އަށް މީހާ އެޅުމާއެކު ފަހުގެ ޖީލުގެ ޒުވާނުން އުޅޭ އުޅުމާއި އަޅައިކިޔާލެވޭނެއެވެ. މިއަދުގެ ޒުވާނުންގެ ފަރާތުން ފެންނަ ‘ރޮމޭންޓިކް’ ކަމާއި، އޭރުގެ ޒުވާނުންނާއި އަޅައި ކިރާލެވޭނެ އެވެ. އެހާރާއި މިހާރު، މި ދެންނެވި ރޮމޭންޓިކްކަން ހުންނަ ގޮތްތަކަށް ކަޅިއެއް އެއްލާނަމެވެ.

އޭރު ރައްޓެހިވެގެން ނުވަތަ ހިތާވެގެން އުޅޭކުއްޖާއާ ބައްދަލު ކުރުން އެއީ ވަރަށް ލޯބިވެގެން ނޫނީ ކުރަން އުނދަގޫ ކަމެކެވެ. ބައްދަލުކުރަން އޮންނަ ފުރުޞަތުގެ ހަނިކަން އިންތިހާއެވެ. އެހެންކަމުން އެ ޒަމާނުގައި ގިނަފަހަރު ގެންގުޅޭނީ މެދުވެރިއެއްގެ ގޮތުން ރަހުމަތް ތެރިއެކެވެ. މިގޮތަށް ގެންގުޅޭ މީހުންނަށް “ކަނދުފަތި” މި ނަމުން ވެސް އޭރު ކިޔާ އުޅެއެވެ. މަދުން ނަމަވެސް މިހެން ކަނދުފޮތި ކަނބާން ގެންގުޅޭ މީހާ ވެސް ލޯބިވެރިޔާ ޖަހައިގަނެއެވެ.

‎އެ ދުވަސްވަރަކީ މުވާސަލާތީ ގޮތުން މިޒަމާނުގައި މި ފެންނަ ކުރިއެރުންތައް އޮތް ޒަމާނެއް ނޫނެވެ. އޭރު މޮބައިލް ފޯނަކީ ދަންނަ އެއްޗެއް ނޫނެވެ. ޗެޓްކުރުމަށް މި ޒަމާނުގައި މި ހުންނަ ފަދަ ވަޞީލަތެއް ނުހުރެއެވެ. އެހެން ކަމުން ބައްދަލުކުރަން ބުނާ ގަޑިއަށް ނުދެވިއްޖެއްޔާ ދެން ބައްދަލުވާނެ ދުވަހެއް ފަސޭހަ ރަހުމަތެއްގައި ނެނގޭނެ އެވެ. ބައެއް ފަހަރު ކުދިކުދި ނޯޓްކޮޅުގައި ދާންވީ ގަޑިއާއި ދާންވީ ތަން ޖަހާފައި ގޭ ދޮރުމައްޗަށް ވައްޓައިލީމާ، ވާން އުޅޭ މައިދައިތަ އެ ނަގައިގެން ކިޔާފާ ލޯބިވެރިޔާގެ ބަދަލުގައި ބައްދަލުކުރަން ދާ ތަނަށްވެސް ގޮސްފައި އެބަހުއްޓެވެ. ރޭގަނޑު ގެޔަށް ވަންނަ ކަން ފަޅާއަރައިގެން، މަންމަ އޮންނަ ތަނަށް ދަރިފުޅު ލާފައި ދަރިފުޅު އޮންނަތަނުގައި މަންމަ އޮށްވާ ވަދެވިގެން ލަދުން ފިލަނީކީވެސް މަދަކުން ނޫނެވެ. 

ހަދިޔާގެ ގޮތުގައި ‎މިހާރުގެ ލޯބިވެރިންނަށް އަގުބޮޑު ފޯނު ފަދަ ތަކެތި ނޫނީ ކަމަކުނުދެ އެވެ. އަގުބޮޑު އަންނައުނާއި ސައިކަލާއި ކާރު ވެސް ގަނެދީފައި އެބަ ހުރެއެވެ. އެހެން ނަމަވެސް އޭރުގައި ދޭ ކުޑަ ރުމާލެއްގެ އަގަކީވެސް ލޯބިވެރިންނަށް ލިބޭ ވަރަށް އަގުބޮޑު އެއްޗެއް ކަމަށް ބަލައެވެ.

އޭރުވެސް މަލުގެ ހަދިޔާ ދެއެވެ. ނަމަވެސް އޭރު ބޮޑު މާބޮނޑިއެއް ބޭނުމެއް ނުވެއެވެ. ގަހުން ބިނދެލައިގެން ގެނެސް ދިއްކޮށްލާ ހަމަ އެންމެ މަލަކުން ދެނީ މެސެޖެވެ. އެހެނީ އޭރު މާތަކަށް ވެސް ހުންނަނީ މާނަ ދީފައެވެ. ޒުވާން ފުރައިގެ ކޮންމެ ކުއްޖެއްގެ އަތުގައި މަލުގެ މާނަ ލިޔެފައިވާ ފޮތެއް އޮވެއެވެ. ސަބަބަކީ ދެވޭ އެއްމެ މަލަކުން ވެސް އަންހެން ކުއްޖާ ދެން އެނބުރި ނައިސް ވެސް ހުރެދާނެ އެވެ. މިސާލަކަށް ސައިމާ ފަދަ މަލެއް ދީފި ނަމަ އެ ބުނެވެނީ ‘ކަލާގެ ހަޔާތް ބަރުބާދު ކޮށްލާ ނަމޭ’ މިހެންނެވެ. އެހެން ކަމުން މަލުގެ މާނައަކީވެސް ހަމަ ކޮންމެހެން އެނގެން ޖެހޭ އެއްޗެކެވެ.

މި ބުނެވުނު ފަދަ، ހިތުން ފިލުވާލަން ދަތި ކަންކަން އެޒަމާނުގެ ލޯބިވެރިންގެ ފަރާތުން ފެނިފައި ހުންނާނެއެވެ. އެހެންކަމުން ހަޤީގަތުގައިވެސް އޭރުގެ ލޯބިވެރިން މާ ރޮމޭންޓިކް ކަމަށް ބުނެވިދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.