އުމުރުގެ ޒުވާން ދުވަސްތައް ގުނަމުންދާ ނާއިމް އަކީ ރަށުގައި ހުރި އެންމެ ހަރުދަނާ ޒުވާނާ ކަމުގައި ރަށުގެ ގިނަބަޔަކު ބުނަމުން ދަނީ ސަބަބުތަކެއް އޮތުމުންނެވެ. ދީނީ ކަންކަމަށް ދެމުންދާ ސަމާލުކަމެއްގެ ބޮޑުކަމުންނެވެ. މައިންބަފައިންގެ އެހީތެރިކަމާއެކު މީގެ ދެއަހަރުކުރިން ފެށި ވިޔަފާރީގައި ނާއިމް ހިންދެމެލީ ބުރަމަސައްކަތާއި ގަދަ ހިތްވަރުންނެވެ. އެތައް ބައެއްގެ ރުހުމާއި ލޯބި ހޯދައި ވަރުގަދަ ވިޔަފާރިވެރިއަކަށްވިއެވެ. ނިކަމެތިންނަށް އަޅާލައި އިޖުތިމާއީ ކަންކަމަށް އެހީތެރިކަމާއި އެއްބާރުލުން ދެމުންދިޔައެވެ. ގިނަބައެއްގެ ތަޢުރީފް ނާއިމަށް ލިބުނީ ތަޢުރީފް ލިބެންޖެހޭތީ ކަމަށް އެއްބަސްވާ މީހުން ގިނައެވެ.

ލޯތްބަކީ ވާއެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. ލޯބި އުފެދޭކަށް މީހެއްގެ ފެންވަރެއް، މީހާގެ ސިފައެއް މުހިންމެއް ނޫނެވެ. ނާއިމްގެ ހިތުގައި ޔަޒީދާގެ ސޫރަ ކުރެހިގެން ދިޔައީ އޭނާގެ ކިބައިން ފެންނަމުން ދިޔަ ރިވެތި އަހްލާގާއި ހަރުދަނާ ގެވެހި އުޅުމުގެ ސަބަބުންނެވެ. ޒަމާނީ ތަޢުލީމަށްވުރެ ބޮޑަށް އޭނާ އިސްކަންދިން ދީނީ ތަޢުލީމުގެ ސަބަބުންނެވެ. ނާއިމްގެ ހޮވުން އޭނާގެ މައިންބަފައިންނާއި ޢާއިލާގެ މެންބަރުންނަށް ކިތަންމެ ކަމުދިޔަ ނަމަވެސް ގިނަ ރައްޓެހިންނަކަށް ކަމަކު ނުދިޔައެވެ. ޔަޒީދާ ހުންނަނީ ބޮޑުބުރުގާ އަޅާ އޭރުގެ މުސްކުޅިހެދުން ލާފައެވެ. ރައްޓެހިންނާއިއެކު ރެސްޓޯރެންޓްތަކާއި ފަޅުރަށްތަކަށް ގޮސް މަޖާކުރާކަށް ބައިވެރިއެއް ނުވެއެވެ. ދޮނެއް ނޫނެވެ. މިހާރަށް ކަމުދާކަހަލަ ބައްޓަމެއް ނެތެވެ. ޒަމާނީހެދުމެއް ނުލައެވެ. ނާއިމްއާއެކު ސައިކަލް ދުއްވާލާކަށް ނުދެއެވެ.

ބޮއްކުރާދޮށަށް އޮޑި ކެނބުމަކީ އެއްއިރެއްގައި ބަލައިގަނެވޭކަމަކަށް ނުވި ނަމަވެސް އެދުވަސް މާޒީއާއެކުވެގެން ހިނގައްޖެއެވެ. ދިގު އިސްކޮޅަކާއި ބައިމަތިފުޅާ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ނާއިމްގެ ލޯތްބަށް ބޭނުންވެފައިވާ އެތައް އަންހެންކުދިންނެއް މިހާރު ވެސް ރަށުގައި އެބަތިއްބެވެ. ސީދާގޮތުންނާއި ނުސީދާގޮތުން އެފަދަ އެތައް އިޝާރާތްތައް ނާއިމަށް ވަނީ ލިބިފައެވެ. މުއްސަނދިންގެ ދަރިންނާއި ރަށުގައި ނަންހިނގާ ރީތި ކުދިންނެވެ. އެންމެ މިހާރުގެ ޒަމާނީ ޒުވާނުންނެވެ.

ޔަޒީދާ އާއި ނާއިމްގެ ކައިވެނީގެ ސަބަބުން އެންމެބޮޑަށް އުފާވި އެކަކީ ނާއިމްގެ މަންމަ ނަރީމާ އެވެ. އޭނާގެ ދަރިފުޅުގެ ހަޔާތަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދީ ދިރިއުޅުން ބާއްޖަވެރިކޮށްދޭނެ މީހަކަށް ޔަޒީދާ ވާނެކަމުގެ ޔަގީންކަން ނަރީމާއަށް ބޮޑެވެ. ނާއިމްގެ ދިރިއުޅުމުގައި ނާއިމް ދާން ބޭނުން ހިސާބަށް ދިއުމުގައި ނަރީމާއެކޭ އެއްފަދައިން ޔަޒީދާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް ނަރީމާއަށް އޮތެވެ. ޔަޒީދާއަކީ އޭނާގެ ދަރިފުޅަށްޓަކައި ނަރީމާ އެދެމުންދިޔަ ފަދަ އަނތްބެކެވެ.

ޔަޒީދާ އާއި ނާއިމްގެ ކައިވެންޏާއިއެކު ދެމަފިރިންގެ ކިބައިން ފެންނަމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެންދިޔައެވެ. ގޭތެރޭގެ މަސައްކަތްތަކުގައި ނަރީމާއަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދެމުން، ވިޔަފާރީގެ ކަންތަކުގައި ނާއިމަށް ދޭންޖެހޭ އެއްބާރުލުން އެންމެ ފުރިހަމައަށް ޔަޒީދާ ދެމުންދިޔައެވެ.

ޔަޒީދާގެ ފަރާތުން ލިބެމުން ދިޔަ އެހީތެރިކަމާއި އެއްބާރުލުން ނާއިމް ބަލައިގަތީ އުފަލާއި ހިތްހަމަޖެހުމާ އެކުގައެވެ. ޔަޒީދާގެ ސަބަބުން ނާއިމަށް އިތުރު ފަސޭހަތަކާއި ކުރިޔަށް ދާނެ އާ މަގުތައް ފެނިގެން ދިޔައެވެ.

ހިޔާލަކީ ތަފާތު އެއްޗެކެވެ. ކޮންމެކަމެއްގައި ވެސް އެކިމީހުން ދެކެނީ އެކިގޮތަށެވެ. ބޭނުންވަނީ ވެސް އެކިގޮތެވެ. ކައިވެންޏާއިއެކު ޔަޒީދާއަށް ނާއިމްދިން ފުރުސަތުތަކަކީ ބައެއްމީހުނަށް ބަލައިގަނެވޭ ކަމަކަށް ނުވިއެވެ.

“މަ މިހެން ބުނީތީ ވެސް ނާއިމް ހަނދާންކުރާތި …. ރަނގަޅަށް ބަނޑުފުރޭއިރަށް ޔަޒީދާ ރައްކާވާނެ. އޭރު އޮންނާނީ ވާނެ އެއްޗެއްވެ ނާއިމްގެ އަތްމަތި ހުސްވެފަ. އެވަރުގެ ބޮޑު ނިކަމެއްޗަކަށް މިވަރުގެ ތަނަވަސްކަމެއް ލިބުނީމަ ވާނެގޮތް ނާއިމް ވެސް ނިކަން ވިސްނާލަ ބަލަ.” އެއްޗެއް ގަންނަން ފިހާރައަށްއައި ގިތުރީސް ނާއިމްއާ ވާހަކަ ދައްކަމުން ދައްކަމުން ބުންޏެވެ. ގިތުރީސްގެ ވާހަކަތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް ނާއިމް އެއްޗެކޭ ނުބުނެއެވެ. ނާއިމް ގަބޫލުކުރާގޮތުގައި ޔަޒީދާގެ ޙަޤީޤަތް އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށެވެ. ޔަޒީދާއަކީ އެބުނާފަދަ މީހެއް ނޫނެވެ.

އޮޅިގަނޑު ރަނގަޅުވެއްޖެނަމަ އެގެއެއް ރަނގަޅުވާނެކަމަށް ބައްޕަ ބުނަމުންއައި ބުނުން ނާއިމް އަބަދު ވެސް ހަނދާން ހުރެއެވެ. ޔަޒީދާއާ ކައިވެނިކުރި ދުވަހު އެބަސް ހަނދާންކޮށްދީ އޮޅިގަނޑަށް ލޮޅުމެއްއަރާފަދަ ކަމެއް ނުކުރުމަށް ބުނި ބުނުން ވެސް އޭނާގެ ހަނދާނުން ފިލައި ނުދެއެވެ. އޭނާގެ ހޮވުމަށް އޭނާގެ މައިންބަފައިން މަރުހަބާކީ އުފަލާއިއެކު ހިނިތުންވަމުންނެވެ. މީހަކު ދައްކާ ވާހަކައަކަށް، މީހަކު ބުނާއެއްޗަކަށް ބެލުމުގެ ބޭނުމެއް، މާނައެއް ނެތެވެ.

އެންމެފުރަތަމަ ދުވަހު ވެސް ޔަޒީދާ އާއި ނާއިމް ބޭނުންވިފަދައިން އެދެމަފިރިން ދަރިއަކު ހޯދީ ކައިވެންޏަށް ދެއަހަރު ވުމުންނެވެ. އެކަކު އަނެކަކަށް ދަސްވެ ދަރިއަކު ގޮވައިގެން އުޅެވޭފަދަ އިމާރާތެއްކޮށް އަތްމަތި ހަމައަކަށް އަޅުވާލުމަށްފަހުގައެވެ. ދަރިއަކަށްޓަކައި ވާންޖެހޭ ކަމަށް ދެމަފިރިންނަށް ވިސްނުނު ތައްޔާރީތައް ވެ ނިންމާލުމަށްފަހުއެވެ.

ދަރިއަކު ލިބުމުން ޔަޒީދާމެން ދެމަފިރިންގެ އިތުރުން ދެފަރާތުގެ ޢާއިލާމެންބަރުން ވެސް ނުހަނު އުފާކުރިއެވެ. ދެމަފިރިންނަށް މަރުހަބާކިޔައި ތިޔަފަދަ ހަރުދަނާ ދަރިއަކަށް ދަރިފުޅުހެދުމަށް ނަސޭހަތްދީ ހިތްވަރު ދިނެވެ. އެކަމުގައި ދެފަރާތުގެ ޢާއިލާއިން ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އެންމެފުރިހަމައަށް ދޭނެކަމަށް އެންމެން ވެސް ބުނަމުންދިޔައެވެ.

ޔަޒީދާ އާއި ނާއިމްގެ ދަރިފުޅު ކަމާލިޔާ ބޮޑުވަމުންދިޔައީ ޔަޒީދާ އާއި ނާއިމްގެ އިތުރުން ދެފަރާތު ޢާއިލާގެ ވެސް ލޯތްބާއި އަޅާލުމާ އެހީތެރިކަމާ އެކުގައެވެ. ހުރިހާމީހުން ވެސް އޭނާއަށް ދެމުންދާ ސަމާލުކަމާއި އަޅާލުމާ ލޯބީގެ ސަބަބުން ކަމާލިޔާ ފެންނަނީ އަބަދު ވެސް ވަރަށް އުފާވެ ހިތްހަމަޖެހިފައި ވަނިކޮށެވެ. ސިއްހަތު ރަނގަޅު އުމުރާއިގުޅޭ ހެޔޮވަރުގެ ހެދިހުރި ފުރިހަމަ ހަށިގަނޑެއް ކަމާލިޔާއަށް ލިބިފައިވެއެވެ. ކަމާލިޔާއަކީ ބަސްމަދު ކިޔަމަންތެރި އަހުލާގު ރަނގަޅު ކުއްޖެކެވެ.

ޔަޒީދާ ފަދަ ތެދުވެރި، ވަފާތެރި ހަރުދަނާ އަނތްބަކު އޭނާއަށް މިންވަރުކުރެއްވިކަމަށްޓަކައި ނާއިމް އުފާކުރެއެވެ. އެނިއުމަތް ބީވެ ނުދިއުމަށް އެދި ދުޢާކުރެއެވެ. އޭނާގެ ފަރާތުން ފުރިހަމަކޮށްދޭންޖެހޭ ކަންކަން ފުރިހަމަކޮށްދިނުމަށް އިސްކަންދެއެވެ. ޔަޒީދާ އާއި ކަމާލިޔާ ދެކެ އޭނާ ލޯބިވާވަރު ހަނދާންކޮށްދީ ޢަމަލުން އެކަން ދައްކައިދެއެވެ. ކަމާލިޔާ އާއި ޔަޒީދާ ތިބެނީ އެކަމާ ވަރަށް އުފަލުންނެވެ.

އެންމެބޭނުންވިފަދަ ސާލިހް، ތަޤުވާވެރި ހަރުދަނާ ފިރިއަކު މިންވަރުކުރެއްވިޓަކައި ޔަޒީދާ ދަންނަވަމުންއައި ޝުކުރުދެންނެވުން ތަކަށް ނިމުމެއް ނާދެއެވެ. ދިރިއުޅުން ބާއްޖަވެރިކޮށް ދަރިފުޅަށްޓަކައި ދެކެމުންދާ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ ހެޔޮ ތަޢުފީގުދެއްވުން އެދި ދަންނަވަމުން އައި ދެންނެވުން އިތުރުކުރަމުން ދިޔައެވެ.

ކަމާލިޔާގެ އުމުރުން ދިހައަހަރު ފުރުނުއިރު، ޔަޒީދާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއެކު ނާއިމް ދެވަނަ ފިހާރައެއް ހުޅުވައި ވިޔަފާރި ފުޅާކޮށްލައިފިއެވެ. ވިޔަފާރީގައި ފަހަކަށް އައިސް ނާއިމް ހޯދަމުންދާ ކާމިޔާބާއި ކުރިއެރުމުގެ އަސްލަކީ ޔަޒީދާގެ ހިއްސާކަމުގައި ގިނަބަޔަކު ބުނެއެވެ. ނާއިމް އެކަން ގަބޫލުކުރެއެވެ. ޝުކުރުވެރިކަމާއެކު އެކަން ބަލައިގަނެއެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ރޭދުވާ ދައުރުވަމުން ދިޔައެވެ. އިއްޔެ އުފަލާއި ހިތްހަމަޖެހުމުގައި އުޅުނު މީހާ މިއަދު ހިތާމަ އާއި ހިތްދަތިކަމުގައި އުޅެން ޖެހިދާނެއެވެ. މިއަދު ހިތާމަ އާއި ހިތްދަތިކަމުގައި އުޅުނު މީހާ މާދަމާ އުފަލުގައި ވެސް އުޅެދާނެއެވެ. ނިއުމަތްތަކާއި ތަނަވަސްކަން، ނިކަމެތިކަމާއި ފަގީރުކަން އެކިދުވަހު ފެންނަނީ އެކިގޮތަށެވެ. އެއްބަޔަކު ތަނަވަސްކަމުގައި އުޅޭއިރު އަނެއްބަޔަކު އުޅޭނީ ނިކަމެތިކަމުގަ އެވެ. ރޭދުވާ ދައުރުވަމުންދާއިރު އެކިމީހުނަށް ކުރިމަތިވާނީ އެކިގޮތެވެ. އެކި އިމްތިހާނެވެ.

އަސްރު ނަމާދުން ފައިބައިގެން ނާއިމް ގެއަށް އައިއިރު ޔަޒީދާ އޮތީ އެނދުހުރަހަށް ކަހަލަގޮތަކަށް އޮށޯވެގެން ނިދާފައެވެ. ނަމާދުކުރަން ގެންގުޅުނު މުސައްލަ އާއި އެހެނިހެން ސާމާނު ތަޅުންމަތީގައި ހުއްޓެވެ. އާންމުކޮށް މިގަޑީގައި ކަމާލިޔާ އުޅެނީ ޔަޒީދާމެން ގޭގައި ކަމަށްވާތީ މިހާރު ވެސް ކަމާލިޔާވާނީ އެގޭގައިކަން ނާއިމަށް އެނގެއެވެ. ޔަޒީދާއަކީ އާންމުކޮށް ދުވާލުގަޑީ ނިދާ މީހަކަށް ނުވެފައި އެނދުގައި އޮތްގޮތުން އޭނާ އެއޮތީ ވަރުބަލިފިލުވާލަން ކަހަލަ ކޮންމެވެސް ކަމެއްގައި އޮށޯވެލިތަނުން ނިދިފައިކަން ނާއިމަށް ޔަގީން ވިއެވެ. ނިދާފައި އޮއްވައި ގޮވައިގެން ޔަޒީދާ ރުޅިނާންނާނެކަން އެނގުނު ނަމަވެސް އުނދަގޫ ނުކުރުމުގެ ގޮތުން ނާއިމް ކޮޓަރިން ނުކުތެވެ.

ކާގެއަށް ދިޔައިރު ހަވީރުގެ ސައި ހުރީ ތައްޔާރުކޮށްފައެވެ. އެހެން ދުވަސްތަކުގެ އާދައިގެމަތިން މިއަދު ވެސް ސައި ބޮއިގެން ނާއިމް ދިޔައީ ފުޓްބޯޅަ ކުޅޭށެވެ. ރަށުގެ ޒުވާން ފިރިހެނުންތައް ފުޓްބޯޅަދަނޑަށް ޖަމާވަމުންދިޔައިރު ޒުވާންފުރައިގެ އަންހެންކުދިންތައް ނެޓްބޯޅަ ކުޅުމާއިގެން އުޅެމުންދިޔައެވެ. ސަރުކާރުގެ ދީލަތިއެހީގައި މިހާރަށް އެކަށީގެންވާގޮތަށް ތައްޔާރުކޮށްފައިވާ ފުޓްބޯޅަ ދަނޑަކާއި ނެޓްބޯޅަ ކޯޓެއް ރަށުގައި އޮތުމަކީ ޒުވާނުންނަށް ލިބިފައިވާ ބޮޑުހިތްހަމަޖެހުމެކެވެ.

ޔަޒީދާދެ ދެކޮއްކޮ ކަމުގައިވާ ލަމްޔާ އާއި ލުހްޔާ، ކަމާލިޔާ ގޮވައިގެން ޔަޒީދާމެން އުޅޭގެއަށް އައީ އިރުއޮއްސޭން ކައިރިވުމުން ނެވެ. އިރުއޮއްސުމުގެ ތަންކޮޅެއް ކުރިން ކަމާލިޔާ ގެއަށް ގެންނަން ޔަޒީދާ ބުނެފައި އޮންނާތީ އެންމެން ވެސް އެކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއެވެ. އެފަދަ މުހިންމުކަމެއް އެވަރުގެބޮޑު އިސްކަމެއްދީގެން ކުރަމުންދާތީ އެންމެވެސް ޔަޒީދާއަށް ތަޢުރީފްކުރެއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.