ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ހުނަރުވެރި ބަތަލާ ފާތިމަތު އާޒިފާ (އަޒޫ)، ލީޑުން ފެނިގެންދާ ބައިސްކޯފުގެ ވެބް ސީރީޒް “ހާސާ” ދައްކަން ފަށައިފިއެވެ.

ވެބް ސީރީޒް “ހާސާ” އަކީ މަޝްހޫރު އެކްޓަރ މުޙައްމަދު މަނިކް ޑައިރެކްޓްކުރާ 13 އެޕިސޯޑްގެ ސީރީޒެކެވެ. “ހާސާ”ގެ މައިގަނޑު ތަރިންގެ ތެރޭގައި އަޒޫގެ އިތުރުން ލީޑްކުރަނީ ޢަލީ ޝަމީލް އެވެ. މީގެ އިތުރުން ވަރަށް މުހިންމު ރޯލަކުން ހުނަރުވެރި އެކްޓަރ އިބްރާހިމް ޖިހާދު (ޖިމީ) ވެސް ފެނިގެންދާނެއެވެ. އިތުރު ތަރިންގެ ތެރޭގައި އަޒޫގެ ރައްޓެއްސެއްގެ ރޯލުން، ފިލްމު “ފޯޓީ ޕްލަސް”ގައި ހުނަރުވެރި އެކްޓިންއެއް ދެއްކި މަރިޔަމް ޝިފާ ހަރަކާތްތެރިވެއެވެ. ހަމަ އެހެންމެ އޮފީސް ޑްރާމާތަކުން ވިދައިލި، ވެމްކޯގެ ޢަލީ ޔޫޝަޢުވެސް ހަރަކާތްތެރިވެއެވެ. ޔޫޝަޢު އަކީ ވެމްކޯ ޑްރާމާގެ އިތުރުން ‘އައި ފިލްމްސް’ގެ “ބަވަތި” އިން ވެސް ފެނިގެންދިޔަ ފަންނާނެކެވެ.

“ހާސާ”ގެ ފުރަތަމަ އެޕިސޯޑުންވެސް އަޒޫގެ ހުނަރުވެރި އެކްޓިން ދައްކާލާފައިވާއިރު، ފުރަތަމަ އެޕިސޯޑް ނިމިގެން ދިޔައީ ހަތަރު ރަހުމަތްތެރިންގެ މެދުގައި ވަރުގަދަ ބެޓެއް ކުރާ ހިސާބުންނެވެ.

“ހާސާ” އާމެދު މުނިއަވަސް އަށް އަޒޫ ބުނީ މި ސީރީޒްގައި އޭނާ ކުޅެނީ މީގެ ކުރިން އެއްވެސް ފިލްމެއްގައި ކުޅެފައި ނުވާ ފަދަ ތަފާތު ރޯލެއް ކަމަށެވެ. އެގޮތުން އަޒޫގެ ބައިވެރިއެއްގެ ގޮތުގައި މި ސީރީޒުން ފެނިގެންދާނީ އުމުރުގެ ގޮތުން ވަރަށް ތަފާތު ހުންނަ ޝަމީލް އެވެ.

މަނިކުގެ ޑައިރެކްޝަން އާމެދުވެސް އަޒޫ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. އަޒޫ ބުނީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ރާއްޖޭގައި ގުނާލެވޭ މީހުންގެ ތެރޭގައި މަނިކުގެ ނަންވެސް އޭނާ ހިމަނާނެ ކަމަށެވެ.

މި ސީރީޒްގެ ކެމެރާ އަދި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ ‘ވޭރިއަސް އާޓްސް’ އިންނެވެ. ވާހަކަ އަދި ސްކްރީންޕްލޭ އަކީ އާއިޝަތު ޝަޒްލީންގެ މަސައްކަތެކެވެ.

ދިވެހި ފަންނާނުންގެ އުފެއްދުންތައް ގެނެސްދިނުމަށް މީގެ އެއް އަހަރު ކުރިން އުފެއްދި ‘ބައިސްކޯފު އެޕް’ގެ ޒަރީޢާއިން ގިނަ އަދަދެއްގެ ކޮންޓެންޓްތައް ގެނެސްދެމުން އަންނަ އިރު، އަހަރީ ދުވަހާއި ގުޅިގެން އިތުރު އާ ކޮންޓެންޓްތަކެއް ވަނީ ގެނެސްދޭން ފަށާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.