[avatar user=”Zaanaa” size=”thumbnail” align=”left”]ޒާނާ އަކީ އަސަރުގަދަ ލޯބީގެ ވާހަކަ ލިޔުމަށް ވަރަށް ތަޖުރިބާ ހުރި އުއްމީދީ ލިޔުންތެރިއެކެވެ. ޒާނާ ގެ ވާހަކަ ‘މާާފުކުރާށޭ ކަލާ’ ވެގެން ގޮސްފައިވަނީ ކިޔުންތެރިންނަށް ވަރަށް ކަމުދިޔަ ވާާހަކަ އަކަށެވެ.[/avatar]

“ހިތްހެޔޮ ކުރައްޗޭ. މާދަމާ އަނެއްކާވެސް އެނބުރި މެލޭޝިޔާއަށް ދާން މިއުޅެނީ. އަހަރެންގެ ހަޔާތުގެ ބައިވެރިޔާ އާއެކު.” މާކިން ހިނިތުންވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ.

އަޔާން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން މާކިންގެ އަތުގައި ހިފިއެވެ.

އެވަގުތު ޖީބުގައި އޮތް އަޔާން ގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލާލި ވަގުތު އަޔާން ގެ ހިތުގެ ތެޅުން ބާރުވެގެންދިޔަ ކަހަލައެވެ. ގުޅަނީ ގުރައިދޫ ގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުންނެވެ.  ދުވަހަކުވެސް މިގަޑީގައި އެތަނަކުން އެއްވެސް ކޯލެއް މި ވީހާ ތަނަށް އައިސްފައެއް ނުވެއެވެ.

ތެޅިތެޅި އޮތް ހިތަކާއެކު އަޔާން ފޯނު ނަގާ ކަންފަތުގައި ޖައްސާާލި އެވެ.

“އެކިހިނެއްވީތޯ.” އަޔާންގެ އަޑުއަޑު ތުރުތުރު އަޅަމުން ދިޔައިރު ހިތުގެ ތެޅުންވެސް އަވަސްވަމުން ދިޔައެވެ. އަޔާންގެ ކުރިމަތީގައި ހުރި މާކިން ކައިރީގައި ދަނީއޭ ބުނެލަންވެސް އަޔާންގެ ސިކުނޑިއަށް އެވަގުތު ނުވިސްނުނެވެ.
“އަޔާން. ކިހިނެއްވީތަ؟” ވާނުވާ ނޭނގިފައި ހުރި މާކިން އަޔާންއަށް ގޮވާލި ނަމަވެސް އެއަޑު އަޔާންގެ ކަންފަތަކާއި ހަމައަކަށް ފޯރިހެނެއް ހިއެއް ނުވެއެވެ.
ދެފަޔަށް ލެވުނުހާ ބާރެއްލާފައި އަޔާން ނިކުމެގެން ދިޔައީއެވެ.

 

ރީތި ހަނދުވަރެއްދީފައި އޮތް ރެއެއް ނަމަވެސް ނުހާގެ ހަޔާތުގައި ދެން އެއްވެސް އަލިކަމެއް ނެތެވެ. ޕޮޮލިސް ޖިޕުގައި އިށީނދެލައިގެން އިން ނުހާގެ ލޯމަތީގައި ސިފަވަމުން ދިޔައީ މިދުނިޔެމަތީގައި އޭނާާއަށް އުޅެވިފައިވާ ގޮތެވެ. ވަގުތު ކޮޅެއްގެ ހިތްހަމަޖެހުމަކަށްޓަކައި ނުހާ ގެ ހަޔާތުން ބޭކާރުކޮށްލިހާ ވަގުތެވެ. ހަޤީޤަތުގައި ނުހާ އެއްވެސް ވަރަކަށް ދެރަވާކަށް ބޭނުމެއްނޫނެވެ. ރޯކަށްވެސް ބޭނުމެއްނޫނެވެ. ބޭނުމީ މާފަށް އެދޭށެވެ. އެތައް ބައެއްގެ ކައިރިންނެވެ. އެބައެއްގެ އުފާވެރި ދިރިއުޅުން ނުހާ ގެ މުށުތެރޭގައި ފިތްތާލެވުނު އެންމެންގެ ކައިރިންނެވެ. ނުހާ އެންމެ ލޯބިވާ އަޔާން ގެ ކައިރިންނެވެ. އެކަމަކު ނުހާާ ގެ ހިތްބުނަމުންދިޔައެވެ. އެއްވެސް މީހަކު ނުހާ އަކަށް މާފެއް ނުކުރާނެ އެވެ. ނުހާ އަށް ކުރެވުނީ ވެސް އެއްވެސް މީހަކު މާފުދޭ ވަރަށް ވުރެ ބޮޑެތި ކުށްތަކެއްކަން ކަށަވަރެވެ.

 

ފާލިހްގެ ގޭގެ ދޮރުން އެތެރެއަށް ވަދެވުނު ގޮތަށް އަޔާން އަށް ފާލިހްގެ ނަމުން ގޮވާ ހަޅޭއްލަވައި ގަނެވުނެވެ. އެވަގުތު ނިދިފައި އޮތް ފާލިހްއަށް ފުންމައިގެން ތެދުވެވުނެވެ. ކޮޓަރި ތެރޭގައި މޮޅިވެފައި އިން ޝަރީފާ ވެސް ކުއްލިއަކަށް ދޮރުހުޅުވާލާފައި ނިކުތެވެ.
“އަޔާން ކިހިނެއްވެފަ ތިހުރީ މީހާއަށް.” ހޭވިފައިވާ އަޔާންގެ  އިސްތަށިގަނޑާއި ފުސްވެފައިވާ މޫނަށް ފާލިހް އަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
“އާާދެބަލަ.މަށާއެއްކޮށް.” އަޔާން ފާލިހް ގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ސަބަބަކީ ޝަރީފާއެވެ. މަލަކާ ގެ އެއްވެސް ވާހަކައެއް ޝަރީފާ ގެ ކުރިމަތީގައި ހާމަކުރަން އަޔާންގެ  ޒަމީރު އެއްބަސްނުވީއެވެ. އަޔާން ގެ ހިތްބުނެއެެވެ. އަދިވެސް އެ ޝަރީފާ ގެ ހިތް ރަނގަޅެއް ނުވާނެއެވެ.
“ވީގޮތެއް ކިޔާބަލަ.” ބޭރަށް ނިކުމެފައި ފާލިހް އަކަށް މަޑަކުން ނުހުރެވުނެވެ.
“ނޭނގެ. ގުރައިދޫން ގުޅާފައި ބުނީ ވީ އެންމެ އަވަހަކަށް އައިސް ދިނުމަށް.” އަޔާން ގެ ވާހަކަ އަހާފައި ފާލިހް އަށްވެސް ތެޅިގަނެވުނެވެ.
“އަނެއްކާ މަލަކާ.” ފާލިހް އަށް ރޮއެގަނެވުނެވެ. މަލަކާއާ  މާދަމާ ބައްދަލުވާނޭ ކަމުގެ ފޮނި އުއްމީދުގައި ފާލިހް ދިޔައީ ވަގުތުތައް ގުނަމުންނެވެ. ކުއްލިއަކަށް އެލިބުނު ޚަބަރުން ފާލިހް ގެ އުއްމީދުތަކާއި ހޭލާ ހުރެ ބެލިހާ ހުވަފެނެއް ވިއްސިވިހާލިވެއްޖެއެވެ.
“ހިނގާބަލަ ވީގޮތެއް ބަލަންދާން. މިހާރު އިންނާނީ ލޯންޗްވެސް ހަމަޖައްސާފައޭ.” އަޔާން ސައިކަލް ސްޓާޓް ކޮށްލުމުން ފާލިހް ސައިކަލްގެ ފަހަތު ސީޓްގައި އިށީނެވެ.

 

އަމާން އޮމާން ދަތުރަކަށްފަހު އަޔާން މެންނަށް ގުރައިދުއަށް ދެވުނު އިރު ދަންވަރު ބާރަ ޖަހަނީއެވެ. ހަނދުވަރުގެ ރިހި އަލިން ރަށުތެރެ ދިއްލިފައި އޮތް ނަމަވެސް މުޅި ރަށުތެރޭގައި ރަސްކަން ކުރަމުންދަނީ ހަމަ ހިމޭންކަމާއި ފަޅުކަމެވެ.

ޖީބުގައި އޮތް ފޯނުނަގާ އަޔާން ގުޅާލީ ކުރިން އަޔާންއަށް ގުރައިދޫން ގުޅި ނަމްބަރަށެވެ.
ބޭރުގައި މަޑުކޮށްލައިގެން ތިބި ވާހަކަ ބުނުމަށްފަހު އަޔާން ފޯނު ބޭއްވީއެވެ. އިރުކޮޅެއްފަހުން މުޅިން ހުދު ފޭރާމެއްގައި ހުރި ދެބައި އުމުރުގެ ފިރިހެނަކު ނުކުތެވެ.
“ވަދޭ.” ބަރު އަޑެއް ކަންފަތުގައި ޖެހުމުން އަޔާން އާއި ފާލިހްއަށްވެސް ފަހަތަށް ޖެހެވުނެވެ.
ނަމަވެސް ހަމަ އެސިކުންތުގައި ނަފްސު ހަމައަކަށް އަޅުވާލަމުން އަޔާން އާއި ފާލިހް އެތެރެއަށްވަނެވެ.
އެވަގުތު ފެނުނު މަންޒަރުން ފާލިހް އަރިއަޅާލައިފިިއެވެ. ނަމަވެސް ކައިރީގައި ތިބި ދެތިން ފިރިހެނަކު ވަރަށް ހުޝިޔާރުކަމާއެކު ފާލިހް ގެ ގައިގައި ހިފަހައްޓައިފިއެވެ. ފާލިހް ގެ ހޭވެރިކަމެއްނެތެވެ. އިސާހިތަކު ޑޮކްޓަރުންގެ ޓީމް ފާލިހް ވަށާލިއެެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އައްޓެއްގެ މަތީގައި ހުދު ފޮތި ގަނޑަކުން ބަންދުކޮށްލާފައި އެ އޮތީ ފާލިހްގެ ހިތެވެ. ފުރާނަފަދަ ލޯބިވާ މަލަކާ އެވެ. އެންމެ ކުޑަމިނުން މާފަށް އެދޭނެ ފުރުސަތެއްވެސް ފާލިހްއަކަށް ނުލިބުނެވެ.
“ޑޮކްޓަރ. މީ ކިހިނެއްވީ ކަމެއްތޯ. ގައިމު މިއަދު ހެނދުނުވެސް ބުނި ރަނގަޅޭ.” ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެނުފުށުން ފޮހެލުމަށްފަހު އަޔާން ޑޮކްޓަރާއި ކުރިމަތިލިއެވެ.
“ކީކޭ ބުނާނީ. މަލަކާ ގެ ހާލަތު ހުރީ ވަރަށް ރަނގަޅުވެފައި. މިއަދު މަލަކާ ގެ މަންމައާއި ބައްދަލުކުރަން ގޮސް ވެއިޓިން ރޫމް ގޮޑީގަ އިންގޮތަށް ނުތެދުވެގެން ބެލިއިރު މަލަކާ އޮތީ މަރުވެފައި.” ޑޮކްޓަރ ފުން ނޭވާއެއް ދޫކޮށްލަމުން އަޔާންގެ  ކޮނޑުމަތީގައި އަތްބާއްވާލިއެވެ.
“މަންމައޭ. ތީ ކިހިނެއްވާނެ ކަމެއްތޯ. މަލަކާ ގެ މަންމަ ނެތް ރާއްޖޭގައިވެސް.” އަޔާން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ.
“ވަޓް.” ޑޮކްޓަރ އަށް ވެސް ލިބުނީ ޝޮކެކެވެ. ހަޤީޤަތް ނޭނގޭ އެތައް ބައިވަރު ކަންތައްތަކެއް ވާކަން އަދިވެސް ޔަޤީނެވެ. ނަމަވެސް އަޔާންއަށް މުހިންމުވީ އެންމެ އަވަހަކަށް މަލަކާ ފަސްދަށަށްލުމެވެ.

ޑޮކްޓަރުންގެ އެތައް މަސައްކަތަކުން ފާލިހް ގެ ހޭވެރިކަން އައި އިރުވެސް ފާލިހް ގެ ލޮލުން ކަރުނަ ނުހިކެއެވެ. އަތުން ވެލި މުށެއް ނަގާ އެއްލަމުން ފާލިހް ގެ ހިތުގައި ހުރި ހުރިހާ ވާހަކައެއް މަލަކާ އާއި ހިއްސާ ކުރަމުންދިޔައީ ހިތުންނެވެ.
‘-އަހަރެންގެ އެންމެ ލޯބިވާ މަލަކާ އެވެ. އަހަންނަށް މާާފް ކުރާށެވެ. ދެރަ ދެވުނީ ގަސްތުގައި އެއް ނޫނެވެ. ޚުދު އަހަރެންވެސް ހުރީ ވާނުވާ ހާލުގައެވެ. ތަޤުދީރު އަހަރެމެންނާއި މިކުރީ ކިހާބޮޑު ސަމާސާއެއް ހެއްޔެވެ؟ ހުރިހާ އުފަލަކާއި ހިތްހަމަ ޖެހުމެއް ފޭރިގެންފިއެވެ.-‘

ހިތުން ހިތައް މެސެޖްތައް ފޮނުވަމުން ދިޔައިރު ފާލިހްގެ  މޮޔަކަންވެސް ކުޑައެއް ނޫނެވެ. މިއަދު މަލަކާ ގެ ހިތުގައި އެއްވެސް ދިރުމެއްނެތްކަން ފާލިހް އަށް ނޭނގުނީ ހެއްޔެވެ؟ އާވާރާއެއް ފަދައިން ފާލިހް ދެކޮޅަށް ހިނގަންފެށިއެވެ. އެއްވެފައިވާ މީހުންގެ ލޯތައް ފާލިހްއަށް ހުއްޓިފައިވާތަން ފެނުމުން އަޔާން ފާލިހް ގެ އަތުގައި ހިފިއެވެ.
“އަހަރެން އެނުލަފާ އަންހެނާއަށް ދެން މަންމަވެސް ނުކިޔާނަން.” ފާލިހް އަޔާން ގެ ގައިގައި އޮޅުލައިގަތީ ރޮއެގަންނަމުންނެވެ.
“އަހަރެންގެ މަލަކާ އަހަންނަށް ގެއްލިއްޖެ އަޔާން. މީ ކެހިވެރި ދުނިޔެއެއް. މިތާކު މަށެއްވެސް ނުހުންނާނަން.” ފާލިހް ދެއަތުން އަމިއްލަ މީހާ ގައިގައި ތަޅަން ފެށިއެވެ.
“ފާލިހް. ހަމަޖެހިބަލަ. މަލަކާ ގެއްލުނީކީ ނޫން. ގެއްލުވާލީ.” އަޔާން ފާލިހް ގެ އަތުގައި ހިފައި ދަމަމުން މީހުންނާއި ތަންކޮޅެއް ދުރަށް ގޮސް މަޑުކޮށްލިއެވެ.
“އާން. ގެއްލުވާލީ. އެ ޝަރީފާ. އަހަރެން އޭނާގެ ކުރިމައްޗަށް ދެން ނާރާނަން ދުވަހަކުވެސް.” އަޔާން ބުނި އެއްޗެއް ފާލިހް އަށް އެނގުނުހެނެއްވެސް ހިއެއް ނުވެއެވެ. އޭނާ ކިޔަމުންދިޔައީ އޭނާ ހިތަށް އެރިހާ އެއްޗެކެވެ.
“އާދެބަލަ މަށާއެކު.” އަޔާން ފާލިހްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

އަޔާން ގޮސް ވަނީ ޑޮކްޓަރުގެ ކޮޓަރިއަށެވެ.
އަޔާން ވަން އަޑަށް ފައިލެއް ހުޅުވާލައިގެން އިނދެފައި ޑޮކްޓަރ ހާޝިމް ތެދުވިއެވެ.
“މިތަނަށް ވަންނަ މީހުންނާއި ނިކުންނަ މީހުން އެނގޭނެހެން ފެންނަން ހުންނާނެތަ؟” އަޔާން ކުރި ސުވާލުންވެސް އަޔާން ގެ މަޤްސަދު ޑޮކްޓަރ ހާޝިމް އަށް ވިސްނުނު ކަހަލައެވެ.
ބޯ ޖަހާލަމުން މޭޒުމަތީގައި އޮތް ފޯނު ނަގައި ނަމްބަރަކަށް ޑައިލްކޮށްލިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކުއްޖަކު އައިސް ހާޝިމް އަތަށް ސީޑީއެއް ދިއްކޮށްލިއެވެ. ޑޮކްޓަރ ހާޝިމް އެ ސީޑީ ޕްލޭ ކުރަމުން މޭޒުމަތީގައި ހުރި ލެޕްޓޮޕް އަޔާން މެންނާއި ދިމާއަށް އަނބުރާލިއެވެ. ފާލިހްވެސް އިނީ ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެންނެވެ.
“ސުބުޙާނަﷲ. މިހާ ޖާހިލު މަންމައިން ވެސް ތިބޭތަ؟” އަޔާންއަށް އަނގަމަތީގައި އަތް އަޅާލެވުނީ ސްކްރީނުން ފެންނަމުންދިޔަ ޝަރީފާ ފެނިގެންނެވެ. މުށު ތެރޭގައި ބޮޑިކޮށްލާފައި އޮތް ކުޑަ ކޮތަޅެއްވެސް އޮތެވެ.
ކުއްލިއަކަށް ފާލިހްގެ ހުނުމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމައިގެން ދިޔައެވެ. އަޔާން ފާލިހް ގެ ގައިގައި ހިފައި ތަަޅުވައިގަތެވެ. ނަމަވެސް ފާލިހް ގެ ހުނުމަކަށް ބަދަލެއް ނައެވެ. ދެފަރާތަކަށް ހެލެމުން ނަށަމުން ހެމުންދިޔަ ފާލިހްގެ  ސިކުނޑީގައި އެއްވެސް ތެތްކަމެއް މިހާރަކު ނެތްކަން ޔަޤީނެވެ.
“ޑޮކްޓަރ. ކިހިނެއްތޯ މިވީ. ފާލިހް.” އަޔާން އަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. މީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ މަތި މައްޗަށް ހިތާމައެވެ. ވަށައިގެން ހިތްދަތިކަމެވެ.
“ކުއްލި ޝޮކެއް ލިބުނީމަ ވާގޮތް އެއީ. ލަފާ ކުރެވެނީ ފާލިހް މޮޔަވީ ކަމަށް.” ޑޮކްޓަރ ފާލިހް އާ ގާތްވެލިއެވެ. އެވަގުތު ކަރު ކެހިލާފައި ޑޮކްޓަރ ހާޝިމް ގެ މޫނަށް ފާލިހް ކުޅު ޖެހިއެވެ. އަދި އެހާމެ ބާރަށް ހީގަތެވެ.
ޑޮކްޓަރ ހާޝިމް ގެ އަވަސް އިޝާރާތަށް އެވަގުތު ފަސް މީހުން އައިސް ފާލިހް އުފުއްލާލައިގެން ގެންދިޔައެވެ.

ޑޮކްޓަރ ހާޝިމް ދިން ސީޑީ ހިފައިގެން އަޔާން ހިނގައިގަތެވެ. ހިތާމައިގެ ކޮޅެއްނެތެވެ. މީތަން މިއަދު ކައިރީގައި ހުރި ނަމައޭ އަޔާން ގެ ހިތަށް އެރިއެވެ. މިހުރިހާ ކަމެއް މީތަން އަށް އެނގިއްޖެއްޔާ ވާނީވެސް ކިހިނެއްހެއްޔެވެ؟

 

އާދުވަހަކަށް އިރު ފެނުން މައްޗަށް ހިއްލުނު އިރު އަޔާން ހުރީ ފާލިހް މެންގޭގެ ދޮރުމަތީގައެވެ. އެގެއަށް ވަންނާކަށްވެސް އަޔާން ބޭނުމެއް ނޫނެވެ. ނަމަވެސް އެންމެ ފަހު ފަހަރަށް ފާލިހްގެ މަންމަ ގެ ކުރިމައްޗަށް އަރަން އަޔާން ބޭނުމެވެ.
“ކޮބާތަ ފާލިހް.” ގޭތެރެއަށް ވަން އަޔާން ފެނުމާއެކު ސޯފާގައި އިށީނދެލައިގެން އިން ޝަރީފާ ފުންމައިގެން ތެދުވިއެވެ.
“މާ އާޓް ބޮޑު ނުކުރައްޗޭ. އެހެން ނޫނީ އަހަރެންގެ އަތުންފައިން ގޯހެއް ހެދިދާނެ.” އަޔާން ވާހަކަ ދެއްކީ ވަރަށް ރުޅި ކޮންޓްރޯލް ކުރަމުންނެވެ.
“ކޮން ވައްތަރަކަށް ތަ ތި ވާހަކަ ދައްކަނީ. މަންމަމެންގެ އުމުރުގެ މީހުންނަށް އިޙްތިރާމް ކުރަންވެސް ނޭނގެނީތަ؟” ޝަރީފާ ދެބުމަ ގޮށްޖަހާލިއެވެ.
“މަންމައޭ. ތީ މަންމައިންނަށް ހުރި ހުތުރެއް. ތިކަހަލަ މަންމައިން ރަޖަމު ކުރިޔަސް ފާފަ ނުވާނެ.” އަޔާންގެ  ކެތްތެރިކަން ކޮޅުންލީއެވެ. އަތް ދަމާފައި ހޫނު އެތިފަހަރެއް ޝަރީފާ ގެ ކަންފަތްމައްޗަށް އަރުވާލެވުނެވެ.
ޝަރީފާ ބަލާކަށް ނުހުރެ މަކުނެއް ފަދައިން އަޔާން ގެ ގައިގައި ހިފައިގަތެވެ.
“ކަލޭ މަށަށް އަނިޔާކުރަނީތަ؟” ޝަރީފާގެ ނިޔަފަތިން އަޔާންގެ  އަތުގެ އެތައްމިތަން ކޮށާލިއެވެ. ޝަރީފާއަށް އަޔާންގެ ކުރިމަތީގައި ވަކިން ދެއްކޭނީ ކޮންބާރެއް ހެއްޔެވެ؟ އަޔާން އަތުގައި ހުރި ބާރެއްލާފައި ޝަރީފާގެ މޭގައި އަޅާ ކޮށްޕާލިއެވެ. ސޯފާ ކައިރިއަށް ގުޅަވަރަކަށް ޖެހުނު ޝަރީފާ ހަޅޭލަވައިގަތީ ބިރުވެރި އަޑަކުންނެވެ.
“ހަމަ ތި ހާލުގައި ހަޅޭލަވަމުން އެކަނި އޮވެ ކަލޭ ނިމިދާނީވެސް.” އަޔާާންއަށް ކިޔޭ ނުކިޔޭވެސް ނޭނގެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އެންމެ ގާތް އެކުވެރިޔާގެ ދިރިއުޅުން ހަލާކުވީއެވެ. މީހާ ގެއްލި ހަލާކުވީއެވެ.
“ކަލޭ ތީ އަހަންނަށްވުރެ ތަޖުރިބާ ހުންނަން ޖެހޭނެ މީހެއް. ބުނާތީ އަޑުއަހަންތަ މީހަކަށް އަނިޔާއެއް ދީފި މީހަކު އެންމެ ލޯބި ހުންނަ މީހަކަށް ނަމަވެސް އެއަނިޔާ ޖެހޭނެ. ދެރައީ ކަލެއަށް އެވަރުވެސް ނުވިސްނުނުކަން. ތި ކަހަލަ މުޑުދާރު އަންހެނެއްގެ ގައިގައި އިނގިލި ޖައްސާލި މީހަކުވެސް ފާފަ ވާނެ.” އަޔާން ޝަރީފާގެ ލޮލުގައި ޖެހޭ ނުޖެހޭ ހިސާބަށް އިނގިލި ދިއްކުރަމުން ހަޅޭލަވައިގަތެވެ.
“ކަލެއަށް ކޯޗެއް އެނގި ގެންތަ ތިއުޅެނީ. އަހަރެންގެ ދަރިފުޅު އަހަންނަށް މާފްކޮށްފި.” ޝަރީފާ ވާހަކަ ދެއްކީ ހިސާބަކަށް ފަސްޖެހިފައި ހުރެއެވެ. އަޔާންގެ ރުޅި ފެނިފައެވެ.
“މާފްކުރިކަމުގެ ބަދަލު އިއްޔެ ތިދިނީއެއްނު ފާލިހް އަށް. އަހަންނަށް ޝައްކު ކަލޭގެ ދަރިއެއް ކަމަށްވެސް ފާލިހް އެއީ. ހެޔޮވާނީ ކިހިނެއް ތިހެން ހަދަން.” އަޔާންއަށް އެހިސާާބަށް ބުނެވުނުއިރު ޝަރީފާ ރޮނީއެވެ.
“ހާދަ ގޮތްދައްކަންވެސް މޮޅޭ ދޯ. ކަލެއަށް މަލަކާ ގެ ފުރާނަ ދުއްވާލާފަ މޮޅުތަކެއްވާނެ ކަމަށްތަ ހީކުރީ. ބަލަ. އެއީ ސިއްރުވާނެ ކަހަލަ ކަންތައްތަކެއް ނޫނޭ. ތިމާއަށް އެނގިފައި ހުރި ފަންޑިތަވެރިކަން ރަނގަޅު ގޮތުގައި ބޭނުން ހިފުމުގެ ބަދަލުގަ އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ތިހަލާކު ކޮށްލީ.” އަޔާން ޝަރީފާ އަށް ފުރަގަސްދިނެވެ. އެކަހަލަ މުޑުދާރު އަންހެނެއްގެ ކުރިމަތީގައި ހުއްޓަސް ފާފަވެރިވާނެއެވެ.
“ކަލޭ މަގޭ ބޮލުގަ ބަދުނާމު އަޅުވާކަން ފާލިހް އަށް އެނގިއްޖެއްޔާ ވަރަށް ގޯސްވާާނެ.” ޝަރީފާ ދިނީ އިންޒާރެއް ކަހަލައެވެ.
“އެ އޮތީ އަޅުވާާފަތާ. ދެން އެތިބަ މީހުންނަށް އިތުރަށް ޔަޤީންކޮށްދީ. ފާލިހްއެއް ނާންނާނެ ކަލޭ ކައިރިއަށް ދުވަހަކުވެސް.” އަތުގެ އިޝާރާތުން ދޮރުން ވަދެގެން އަންނަ ފުލުހުންގެ ދެމީހަކު އަޔާން ޝަރީފާއަށް ދައްކާލިއެވެ.
“ބައްލަވާ އަހަރެން މަލަކާ އެއް ނުމަރަން. މިހިރަ ފެންނަ މީހާ އަހަރެންގެ ދަރިފުޅުވެސް ފޮރުވައިގެން އެއުޅެނީ.” ފުލުހުންގެ މީހުން ފެނިފައި ޝަރީފާ ބިރުން ވިރިގެން ދިޔަ ކަހަލައެވެ.
“ކާކުތޯ ބުނީ ކަލެއޭ މަލަކާ މަރާލީ. ކަލޭގެ ދަރިފުޅު މޮޔައިންގެ މަރުކަޒުގައި ފަރުވާދެނީ ސިކުނޑި އުނި މީހެއްގެ ގޮތުގައި.” ފުލުހުންގެ އަންހެނަކު އައިސް ޝަރީފާގެ ކުރިމައްޗަށް ހުއްޓުނެވެ. ވަގުތުން ޝަރީފާ މޫނުގައި ދެއަތް އަޅާފައި ރޮއެގަތެވެ.
“ނުވާނެ މަގޭ ދަރިއަކަށްތިހެނެއް. ބުނޭ ތީ ދޮގޭ.” ޝަރީފާ ބިންމައްޗަށް ވެއްޓިގަންނަމުން ރޮއެ ނަގަމުން ދިޔައެވެ. ފާލިހް އަށް ދެރައެއްވާކަށް އޭނާ ނޭދެއެވެ. ނަމަވެސް ޝަރީފާއަށް ނުވިސްނުނު ކަމަކީ މަލަކާ އަށް ދެރަ ދިނުމަކީ ހަމަ ފާލިހް އަށް ދެރަ ދިނުން ކަމެވެ.
“އަޅުގަނޑުމެންނާއެކީ ހިންގަވާ. ތަހުޤީޤަށް ހައްޔަރު ކުރުމަށް އަމުރު ނެރެފަ އިނީ.” ފުލުހުންގެ މީހުންނާއެކު ޝަރީފާ ހިނގައިގަތެވެ. އިސްޖެހިފައި ހުރެއެވެ. ދެލޯ ފުރާ އަގެއްނެތް ކަރުނަ އަޅާ ހާލުގައެވެ.

އަޔާން ވަށައިގެން އެ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެއް އިރެއްގެ ފޮނި ހަނދާންތައް ލޯމައްޗަށް ސިފަވެގެން ދިޔުމާއެކު އަޔާން އަށް ދެލޯ މަރާލެވުނެވެ. މަޑު ފިޔަވަޅު ތަކެއްގައި އަޔާން ހިނގައިގަތީ އެގެއިން ނިކުންނާށެވެ.

“އަޔާން.” އަޔާންގެ ފިޔަވަޅު ހުއްޓުވާލީ ޒާރާގެ އަޑެވެ.
“ކޮބާ ފާލިހް. ކޮން ފުލުހުންނެއްތަ ނިކުމެގެން އެދިޔައީ.” ޒާރާ ހުރީ ހާސްވެ ކަންބޮޑުވެފައެވެ.
“ޒާރާާ. އަހަންނާ އެއްވެސް ސުވާލެއް ނުކުރޭ. އަދި އެނގޭނެ ހުރިހާ ކަމެއްވެސް. ފުލުހުންނަށް ޒާރާ އާ ބެހޭގޮތުން ވެސް އެނގޭ އެއްޗެއް އަހަރެން ވާނީ ކިޔައިދީފައި. އަހަރެން ޤަބޫލު ކުރާގޮތުގައި ތީވެސް މަލަކާގެ ކުށްވެރިއެއް. މަލަކާގެ އުފާތަކުގައި ހުޅުޖެހި މީހެއް.” އަޔާން ސައިކަލަށް އަރާ ދުއްވާލިއިރުވެސް ޒާރާ ހުރީއެވެ. އިތުރު ސުވާލެއް ކުރަންވެސް ނޭނގިފައެވެ. އަޔާން އެބުނީ ދޮގެއް ނޫންކަން ޚުދު ޒާރާގެ އަމިއްލަ ނަފްސުވެސް ޤަބޫލުކުރެއެވެ. ޒާރާ ހިނގައިގަތީ ފުލުހުން ޒާރާ އާ ހިސާބަށް އައުމުގެ ކުރިން ފުލުހުންނަށް ހުރިހާ އެއްޗެއް ކިޔައިދޭން ދިއުމަށެވެ. މަލަކާގެ ފަރާތުން މާފަށް އެދޭނެ ފުރުސަތެއްވެސް ޒާރާއަކަށް ނުލިބުނެވެ. އަމިއްލަ ކުށަށް އިއުތިރާފްވެ އަދަބު ލިބިގަތަސް އެއީ މިއަދު މަލަކާއާ މެދު ވެވޭ އިންސާފެއްކަމަށް ޒާރާއަށް ވިސްނުނެވެ.

 

ފްލައިޓްގެ ސީޓްގައި ބުރަކަށި ޖައްސާލަމުން އަޔާން ބިއްލޫރިގަނޑުން ބޭރުބަލާލިއެވެ. ފާއިތުވެގެންދިޔަ ހިތްދަތި ދުވަސްތައް ހިތަށް ސިފަވުމާއެކު ދެލޮލަށް ކަރުނަތައް ބޮޑިވެގަތެވެ. އެ ހުރިހާ ކަމަކީ ހުވަފެނަކަށްވީނަމަ ކޮންފަދަ ހެއްޔެވެ؟ ނުހާ އާ ދުވަހަކު ބައްދަލު ނުވިނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އެރީތި ސޫރައިގެ ފަހަތުން ނުދުވެވުނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ މީތަން އޭރު ބުނިހެން ޝަރީފާ މަލަކާ އަށް ހެދި ގޮތުގެ ވާހަކަތަކާއި މެދު ވިސްނާލެވުނު ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ކުރިން ހުރިހާ ކަމެއް އެނގުނު ނަމައެވެ. ލޯބިވާ ބައްޕަ ނިމިދިޔައީ އަޔާންގެ ހިތުގެ ރަނިކަމަނާ އަތުންނެވެ. ހުރިހާ ކަމެއްގައި އަޔާން އަށް އަޔާން ގެ އަމިއްލަ ނަފްސް ކުށްވެރިކުރެވެނީއެވެ. މީތަން އަށް ހުރިހާ ވާހަކައެއް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ ވިސްނަމުން ދިޔަ ވަރަކަށް އަޔާން ހާސްވާާން ފެށިއެވެ. އަދި އަތުގައި އޮތް ޓިޝޫ ކޮޅުނަގާ ފައިމަތީގައި ބާއްވާލަމުން ޖީބުގައި އޮތް ގަލަން ނެގިއެވެ.
އަދި ބޮޑު އަކުރުން ދެލަފްޒު ލިޔެލިއެވެ.
— މާފްކުރާށޭ ކަލާ—- އެލަފްޒުތައް ހިތުގެ އެންމެ ފުން މިނުގައި ހަރުލިއިރުވެސް ދުލާއި ހަމައަކަށް ނައެވެ. އަނެއްކާވެސް އަޔާންގެ ދެލޯ ކަރުނައިން ފުރިއްޖެއެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް