އާންމު ތަންތާނގައި ނުބައިވަސްދުވާ ފޮޑި ޖެހުމަކީ ލަދުވެތި ކަމެކެވެ. ކުންފުންޏަކުން މިކަމަށް ހައްލެއް ހޯދައިފިއެވެ. މާމެލާމެއްޔާއި ޗޮކްލެޓްގެ ވަސްދުވާ ގޮތަށް ބޭހެއް އުފައްދައިގެންނެވެ.

މިބޭސް އީޖާދުކުރީ ކްރިސްޓިއަން ޕޮއިންޗީވަލް ނަމަކަށްކިޔާ، އުމުރުން 65 އަހަރުގެ ފަރަންސޭސިއެކެވެ. އޭނާގެ މި ގަބޫލުކުރަންދަތި އުފެއްދުން މިހާރުދަނީ ދުނިޔޭގެ ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދަމުންނެވެ. މި އުފެއްދުމަކީ އެ ބޭސް ކެއުމަށްފަހު ޖަހާ ފޮޑީގައި މީރުވަސް ދުވާގޮތަށް ތައްޔާރުކޮށްފައިވާ ބޭހެކެވެ. އަގުވެސް ބޮޑެއް ނޫނެވެ. 60 ގުޅައިގެ ޕެކެޓެއް 23 ޑޮލަރަށް ލިބެއެވެ. މި ބޭސް އޭނާގެ ވެބްސައިޓް pilulpet.com އިން އޮންލައިންކޮށް އޯޑަރު ކުރެވެއެވެ.

މި ބޭހުގެ ވަސްތަކުގެ ތެރޭގައި ޗޮކްލެޓާއި އިނގުރާއި ބައެއް މާމެލާމެއްޔާއި ހަވާދުގެ ބާވަތްތަކުގެ ވަސް ހިމެނެއެވެ. ގޭގައި ގެންގުޅޭ ޖަނަވާރު ޖަހާ ފޮޑީގެ ވަސް ކަނޑުވާލާ ކުނޑިއެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ޓެލެގްރާފަށް ޕޮއިންޗީވަލް ކިޔައިދިން ގޮތުގައި މި ބޭސް އުފެއްދުމުގެ ޚިޔާލު އޭނާއަށް އައީ ރައްޓެހިން ތަކަކާއެކު ރެސްޓޯރަންޓަކަށް ގޮސް އެތަނުން ކެވުނު އެއްޗެއްގެ ސަބަބުން އެމީހުން ގޭސްވެގެން ނުބައިވަސްދުވާ ފޮޑި ޖެހެން ފެށުމުންނެވެ. “އެއީ ވަރަށް ލަދުގަތް ދުވަހެއް” ޕޮއިންޗީވަލް ބުންޏެވެ.

“އެ ކެއުމަށްފަހު އަހަރެމެންނަށް ޖެހުނު ފޮޑިތަކުން ވަރަށް ނުބައިވަސްދުވި. ކިރިޔާ އަނބުރައިނުގަތީ. އަހަރެމެން ތިބި މޭޒާ ޖެހިގެންހުރި މޭޒުގައި ތިބި މީހުންވެސް ތިބީ ނުރުހިފައި. މިކަމަށް ކޮންމެވެސް ކަމެއް ކުރަން އެބަޖެހޭ.”

އެއަށްފަހު މިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެށިއެވެ. ބޭސް އުފެއްދުމުގެ ޚިޔާލު ކުއްލިއަކަށް އައީ މި މަސައްކަތުގެ ތެރޭގައެވެ.
“އަހަރެމެން ހަމައެކަނި ތަރުކާރީ ކާއިރު އަހަންނަށް ފާހަގަ ކުރެވުނީ ފޮޑިން ދުވަނީ ތަރުކާރީ ވަސްކަން. މަސް ކާން ފެށުމުން މަސް ވަހަށް ބަދަލުވާކަން. މިހެންވެ، ފޮޑިން މީރުވަސް ދުވާގޮތަށް އެއްޗެއް އުފެއްދިދާނެކަމަށް އަހަންނަށް ފެނުނު.”

ޕޮއިންޗީވަލް ބުނާގޮތުން މިބޭސް ކެއުމުން ފޮޑިން މީރުވަސް ދުވުމުގެ އިތުރުން މިއީ ސިއްހަތަށްވެސް ފައިދާހުރި އެއްޗެކެވެ.

ގޮހޮރުގައި އުފެދޭ އާވިގަނޑުގެ ބާރު ދަށްކޮށްދީ މީރުވަހަށް ބަދަލު ކޮށްދެނީ ބޭހުގައި ހިމަނާފައިވާ މާއްދާ ތަކެއް ކަމުގައިވާ ތަރުކާރީ ދެއްޔާއި މޫދުވިނައާއި ގަސްގަހުގެ ކިރާއި ބިލްބެރީއާއި ކޮކޯޕޮޑްގެ ތޮށިންނެވެ.

އޭނާބުނީ މިބޭސް ގިނައިން މީހުން ބޭނުންކުރަނީ ޗުއްޓީގެ ދުވަސްވަރު މަޖަލަކަށް ކަމަށެވެ. ނަމަވެސް މިއީ ހަގީގަތުގައިވެސް ވަރަށް ބޭނުންތެރި އެއްޗެކެވެ.

“ހުރިހާ ވައްތަރެއްގެ ކަމޭދުން އަހަރެންގެތިބޭ. ބައެއް މީހުން މިބޭސް ގަންނަނީ ފޮޑީގައި މީރުވަސް ދުއްވަން. އަނެއް ބަޔަކު މަޖަލަކަށް ރައްޓެހިންނަށް ފޮނުވަން. ކޮންމެއަކަސް ޗުއްޓީގެ ދުވަސްވަރު މި ވިކޭލެއް ގިނަ.”

މި ބޭހުގެ ވެބްސައިޓްގައި ވެއެވެ. “މި ފޮޑިބޭހަކީ ދިގު މުއްދަތެއްގެ ތަހުލީލަށްފަހު 2007 ވަހައަހަރު އުފައްދާ ވިއްކަންފެށި ބޭހެއް. މިބޭހުގެ ވަސްތަކަކީ މީހުންނަށް މަޖާ އެއްޗަކަށް ވެއްޖެ. މިބޭސް ތަކުރާރުކޮށް ގަންނަ ކަމޭދުން އިތުރުވާކަމީ މިކަމުގެ ހެއްކެއް.”

މިބޭސް ތަޖުރިބާކުރި ލިޔުންތެރިޔަކު ލިޔުނު ގޮތުގައި މިބޭހުން އޭނާގެ ބަނޑަށް އުނދަގޫވުމާއި ބަނޑު ހިކުމާއި މިފަދަ ކުދިކުދި ވަގުތީ މައްސަލަތަކެއް ދިމާވިއެވެ. ބައެއް މީހުންނަށް އެއްވެސް ވަހެއް ނުދުވާ ކަމަށާއި އަނެއްބައި މީހުންނަށް ފިނިފެންމަލުގެ ވަސް ދުވާކަމަށް އޭނާގެ ލިޔުމުގައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.