​ދުވަހަކީ އާދީއްތަދު ވަހެވެ. ސާމިހާގެ ފުރުން އޮތީ ހެނދުނު 8 ޖެހިއިރުއެވެ. ސާމިހާގެ މަންމަ، ސީކް ގޮވައިގެން ގޮސް އަތިރިމަތީގައި ހުއްޓެވެ. ލޯބިވާ ދަރިފުޅު ފުރައިގެން ދާތީ ހިތް ނުތަނަވަސްވެފައެވެ. ނެރުން ލޯންޗު ނުކުންނަދެން ސާމިހާވެސް އިނީ މަންމައާއި ސީކްއަށް ބަލަހައްޓައިގެންނެވެ. ސީކް އާއި ދުރަށްދާން ޖެހޭތީ ހިތުތެރޭގައި ނުތަނަވަސްކަން ވެރިވެފައި ވީނަމަވެސް ސާމިހާއެކޭ އެއްގޮތަށް މަންމަ ވެސް ސީކްއަށް އަޅާލާނެ ކަމާއިމެދަކު އެއްވެސް ޝައްކެއްނެތެވެ. 

ވިހި މިނެޓްގެ ދަތުރަކަށް ފަހު ލޯންޗް އައިސް ބަނދަރުގައި މަޑުކޮށްލިއެވެ. އޭރު ޕޮލިސް ސާރވިސްގެ ބައެއް އިސްބޭފުޅުން ވޯރކްޝޮޕްގެ ބައިވެރިންގެ އިންތިޒާރުގައި ބަނދަރުމަތީގައި ތިއްބެވެ. ރަށުގެ މަލަމަތިން ބިޔަ ގަސްތައް ފެންނަން ހުރުމާއިއެކު ރަށުގެ ހިތްގައިމުކަން ސާމިހާއަށް އެނގުނެވެ. ޕޮލިސް ވެހިކަލްގައި ސާމިހާ މެން ތިބޭ ގެސްޓް ހައުސްއަށް ދިޔައެވެ. ސާމިހާގެ ހިތަށް އުފާވެރިކަން ގެނެސްދިނީ ރަށުގެ ރީތިކަމުންނެވެ. ކުޑައިރު މިރަށަށް އައިފަހުން އަދި މި އާދެވުނީއެެވެ. ވޭތުވެދިޔަ ދުވަސް ތަކުގައި ރަށަށް އައިސްފައިވާ ބަދަލުތައް ފެނިފައި ސާމިހާވެސް ހުރީ އަޖައިބުވެފައެވެ. ދިރިއުޅުމުގައި މީހުން ކުރިހޯދާފައިވާ މިންވަރު ފެންނަން ހުރި ރަށެކެވެ. ބޮޑެތި ފިހާރަތަކެވެ. ރެސްޓޯރަންޓް ތަކެވެ. މީހުން ދިރިއުޅޭ ގެތައް އެހާމެ ރީތިވެފައި ބޮޑެވެ. ގެސްޓްހައުސް ވިޔަފާރިތަކެވެ. ރަށު ތެރޭގެ މަގުތައް ހަދާފައިވާ ރީތިކަމާއި މަގުތަކުގެ ސާފު ކަމުން އަންގައިދެނީ ރަށުގެ ރަށްވެހީން ހޭލުންތެރިވެފައިވާ މިންވަރެވެ.

ވޯރކްޝޮޕް ފެށެން އޮތީ މެންދުރު އެކެއް ޖަހާއިރުއެވެ. އޭގެ ކުރިން މެންދުރުގެ ކެއުން އޮތެވެ. ގެސްޓްހައުސްގެ ގްރައުންޑް ފްލޯރގައި ބުފޭ މޭޒުތައް އަތުރާލާފައި ހުއްޓެވެ. ސާމިހާވެސް ތައްޓަށް ކާއެއްޗިހި އަޅައިގެން އައިސް ބޭރު ފެންނާނެހެން ހުރި މޭޒެއްގައި އިށީންދެލިއެވެ. އޭރު އެހެން ބައިވެރިންވެސް ކެއުމާއިގެން ކުރިއަށްދެއެވެ.

” ހާދަ އެކަނި”  ސާމިހާއަށް ސިއްސައިގެން ގޮސް ބަލާލެވުނެވެ. އޭރު މޭޒުކައިރީގައި ޓްރޭއެއް ހިފައިގެން ހުރި ޒުވާނާ ފެނިފައި ސާމިހާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. 

“އޯކޭތަ އިށީނިއަސް” ދެވަނަ ސުވާލާއެކު ސާމިހާއަށް ހޭވެރިކަން ވިއެވެ. އަދި އަވަސް އަވަހާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. 

“އަހަންނަށް ކިޔަނީ ފާރިޝް.” ފުރަތަމަ ވާހަކަ ދަށްކަން ފެށީ އެ ޒުވާނާއެވެ. ސާމިހާއަށް އަދިވެސް އިނީ ބުނާނެއެއްޗެއް ނޭގިފައެވެ. ކުއްލިއަކަށް މި ދިމާވީ ކާކާކަމެއްވެސް ނޭގެއެވެ. ދިގު އިސްކޮޅަކާއި އެއްވަރަށް ހަށިގަނޑުގެ ރޫފަވެސް ރީއްޗެވެ. ހަމުގެ ކުލަ އަލިވެފައި މޫނުމަތިން ހިތްހެޔޮކަން ފެންނަން ހުއްޓެވެ. ވާހަކަދެއްކުމުގައި ވެސް ހިތްހެޔޮކަން ފެނެއެވެ. 

“އަލަށްތަ މި ރަށަށް ތިއައީ؟” އަނެއްކާވެސް ފާރިޝް ކޮއްލީ ސުވާލެކެވެ. މިފަހަރުވެސް  ނޫނެކޭ ބުނުމުގެގޮތުން ސާމިހާ ބޯހޫރާލިއެވެ. ސާމިހާ އަކީ ކާމޭޒު މަތީގައި  އެހާ ވާހަކަ ގިނަކުރާ މީހެެއްނޫނެވެ. ތެދަށް ބުނަންޏާ ކާގަޑީގައި ކާނީއެވެ. ވާހަކަދައްކާ ގަޑީގައި ވާހަކަ ދައްކާނީއެވެ.

ސާމިހާގެ ފޯނު ރިންގްވާން ފެށުމުން ފޯނުނެގިއެވެ. ގުޅަނީ މަންމައެވެ. ސާމިހާ ހަލޯއޭ ބުނުމާއެކު މަންމަގެ ސުވާލުތައް އޮއްސާލިއެވެ. އެ ރަށަށް ދެވިއްޖެތޯއާއި ކައިފިންތޯއެވެ. ރަށް ކިހިނެއްތޯއާއި ހުންނަނީ ކޮންތާކުތޯއެވެ.

މަންމަގެ ސުވާލުތަކަށް ކުރު ޖަވާބު ތަކެއް ދިނުމަށްފަހު ސީކް ކޮބައިތޯ އަހާލިއެވެ. ފޯންކޯލް ނިމެންދެން ފާރިޝް ވެސް ކެއުމައިގެން ކުރިއަށް ދިޔައެވެ. ފޯންކޯލް ނިންމާލުމަށްފަހު ފުރަތަމަ ވާހަކަދައްކަން ފެށީ ސާމިހާއެވެ.
“އަޅުގަނޑަށް ކިޔަނީ ސާމިހާ” ސާމިހާ މަޑުމަޑުން ބުނެލިއެވެ. އަދި ފާރިޝްގެ ކުޑަ ތައާރަފެއް ދިނުމަށް އެދުނެވެ. ފާރިޝްއަކީ ވޯރކްޝޮޕް ހިންގަން މާލެއިން އައިސްހުރި މީހެކެވެ. ވޯރކްޝޮޕް ފެށުމުގެކުރިން ލިބުނު ވަގުތުކޮޅުގައި ކުޑަކޮށް ބައިވެރިންނާ ބައްދަލުކޮއްލަނީއެވެ. އެގޮތުން ސާމިހާގެ މޭޒުގައިވެސް އިށީދެލީ ކަމުގައި ފާރިޝް ބުންޏެވެ.

ވޯރކްޝޮޕް ގައި ތިރީސް ބައިވެރިން ތިއްބެވެ. އެންމެންވެސް ވަރަށް މަޖާ މާހައުލެއްގައި ސެޝަންތަކުގައި ބައިވެރި ވަމުންދެއެވެ. އަތޮޅުގެ އެކި ރަށްރަށުން އައިސްތިބި އެންމެނާވެސް އެކުވެރި ކަމާއިއެކު ސާމިހާވެސް ސެޝަން ތަކުގައި ބައިވެރިވަމުންދިޔައެވެ. ދުވަހުގެ ސެޝަންތައް ނިންމާލީ ހަވީރުއެވެ. 

ރޭގަނޑުގެ ކެއުމުގެ ވަގުތުގައި އަނެއްކާވެސް ފާރިޝްއާއި ދިމާވިއެވެ. މިފަހަރު ފާރިޝްއިން މޭޒުގައި އިށީނީ ސާމިހާއެވެ. ފާރިޝް ވެސް ދިޔައީ ސިއްސައިގެންނެވެ. ސާމިހާ ކުއްލިއަކަށް އައިސް ފާރިޝް އިން މޭޒުކައިރީގައި އިށީނުމުންނެވެ. ރީތި ހިނިތުންވުމަކުން ފާރިޝް ސާމިހާއަށް މަރުހަބާކިއެވެ. އަދި ސެޝަންތައް ކުރިއަށްދާގޮތާމެދު ސުވާލުކޮށްލިއެވެ. މަޑުމަޑުން ދެމީހުންގެ އަމިއްލަ ވާހަކަތަކައިގެން ކެއުމައިގެން ކުރިއަށްދިޔައެވެ. ކައިނިމިގެން ފަހުން ދިމާމާނެ ކަމުގައި ބުނެ ސާމިހާ ދިޔައީ ކޮޓަރިއަށެވެ.

ޜޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ސާމިހާ ހުރީ ކޮޓަރިތެރޭގައެވެ. ނިދި ނާންނާތީ ކުޑަދޮރު ހުޅުވާލައިގެން ކުރިމަތީގައި އޮތް ބަގީޗާ ގަސްތަކަށް ބަލާށެވެ. މަޑުމަޑު ވައިރޯޅި އައިސް ސާމިހާގެ މޫނުގައި ބޮސްދެމުންދާކަހަލައެވެ. ސާހިލްގެ ހަނދާންތައް އާވެއާވެ ހުރެއެވެ. އެ ހަނދާންތަކާއި ދުރަށްދާން މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ބޭކާރުވެފައެވެ. ނަމަވެސް ސާހިލް ކަހަލަ މަކަރުވެރިއެއްގެ ހަނދާން ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ސީކްގެ ބައްޕަގެ މަގާމުގައި ހުރެ އެ ކުޑަކުޑަ ދަރިފުޅު ބައްޕައެއްގެ ލޯބިން މަހްރޫމްކޮށްލާފައި ދިޔަ މީހެއްގެ ހަނދާން ކުރުމުގެ ބޭނުމެއް ކޮބައިހެއްޔެވެ. އުފާވެރި ހަޔާތަކަށް ބަނަކަން ދީފައި ދާނީ ހިތުގައި ރަހުމެއްނެތީމަތާއެވެ. މިކަހަލަ ހިޔާލީ ދުނިޔެއެއްގައި ގެނބެމުންދިޔަ ސާމިހާ ސިއްސުވާލީ ފޯން ރިންގްވާ އަޑަށެވެ. ގަޑިނއ އޭރު އެގާރަ ޖަހަނީއެވެ. މިފަދަ ގަޑިއެއްގައި އެގުޅަނީ ކާކުބާއެވެ. ފޯން ބަލާލިއިރު ނުދަންނަ ނަމްބަރެކެވެ. ދެ ހިޔާލެއްގައި ހުރެ ސާމިހާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.  “ނުވެސް ނިދަންތަ؟” އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެކެވެ.

ނުނިމޭ​

ލިޔުންތެރިޔާގެ ފުރަމަލަ

ޔޫސުފް ބިން މޫސާ
ދީނީ އަދި އިޖުތިމާޢީ ރޮނގުން ގަލަން ހިނގައިލުމުގެ އިތުރުން ވާހަކަ ލިޔުމަކީވެސް ޔޫސުފުގެ ހުނަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް