ސަރުކާރުން ބާއްވާ އެވޯޑެއް ޕީއެސްއެމް، ސަރުކާރުގެ ޓީވީން ނުދެއްކުމަކީ ޕީއެސްއެމްގެ ނާގާބިލުކަން ކަމަށް އެކްޓަރ ހުސައިން މުނައްވަރު (ކުޑަފޫޅު) ބުނެފިއެވެ. ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން މި މަހުގެ 15 ވަނަ ދުވަހުގެރޭ ބާއްވާ ‘ދިވެހި ފިލްމު އެވޯޑްސް 2019’ އެވޯޑް ހަފުލާ ޕީއެސްއެމްގެ ޓީވީން ނުދައްކަން ނިންމާފައިވާ މައްސަލައާމެދު ފިލްމީ ދާއިރާގެ ފަންނާނުން ތިބީ ބޮޑު ހިތްހަމަނުޖެހުމެއްގެ ތެރޭގައެވެ.

“އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ސަރުކާރު ޗެނަލްއެއް ޕީއެސްއެމް އަކީ. އެންސީއޭ އަކީ ސަރުކާރުގެ މުއައްސަސާއެއް. އެންސީއޭ އިން ބާއްވާ އެވޯޑެއް. މީގެ ކުރިން ވެއްޖެއްޔާމުން އެއީ ހަމަ ގައުމީ ފިލްމު އެވޯޑް. އެހެންވީމާ އޭތި ޕީއެސްއެމްގެ ޚަބަރުތަކުންނާ ޕީއެސްއެމުން ކަވަރުކޮށް ޕީއެސްއެމުން އޭތި ދައްކަދޭން ޖެހޭނެ. އެކަމަކު އެމީހުން ނުދައްކަނީ ބައިސްކޯފުން ފިލްމު އެވޯޑް ސްޕޮންސާކޮށްފައި ވާތީވެ.” އަވަށްޓެރި ސްރީ ލަންކާގައި ހުރެ މުނިއަވަސް އާ ވާހަކަދައްކަމުން މުނައްވަރު ބުންޏެވެ.

މުނައްވަރު އިތުރަށް ބުނީ މިއަދާ ހަމައަށް ޓިވީއެމް އިން ފިލްމީ ފަންނާނުން ހެދި ޑްރާމާއާއި، ފިލްމާއި ލަވަތަކުގެ ތެރެއިން ގިނަ އެއްޗެއްސަކީ ފިލްމީ ދާއިރާގެ ގިނަ ފަންނާނުން އެއްވެސް ފައިސާ އެއް ނުލިބޭގޮތަށް ހަދިޔާކޮށްފައިވާ ތަކެތި ކަމާއި ޓީވީއެމް އިން އެ އެއްޗެހިތައް ދައްކައިގެން މިއަދުވެސް އެސްއެމްއެސް ކޮށްގެންނާ އެތައް ގޮތްގޮތަކުން ފައިސާ ހޯދަމުން އަންނައިރު ފިލްމީ ފަންނާނުންގެ ކުރިއެރުމަށް އެއްވެސް ހައިރާކީއެއް، މަންފާއެއް ލާބައެއް ނުކޮށް ޕީއެސްއެމުން މިއަދު އެވޯޑް ނުދެއްކުމަކީ އެއީ އެބޭފުޅުންގެ ނާގާބިލުކަން ކަމަށެވެ.

“އަޅުގަނޑު ދަންނަވަން ބޭނުންވަނީ އެދުވަސް އެއީ ނަވާރަސަތޭކައިގެ ނުވަތަ ދެހާހުގެ އަހަރުތަކޭ، މިއަދު މީ 2019 އޭ. އެ ދުވަހުވެސް ތިބި ބަޔަކު މިއަދު ޕީއެސްއެމްގަ ތިބެ ހަމަ މި ސަރުކާރަށްވެސް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށްޓަކާ ކުރާ ކަމެކޭ އެއީ.” ފިލްމު އެވޯޑް ޕީއެސްއެމް އިން ނުދެއްކުން މުނައްވަރު ސިފަކުރާގޮތް ހިއްސާކުރަމުން ބުންޏެވެ.

“އެވޯޑަކީ ކޮންމެ ބަޔަކަށްވެސް ސްޕޮންސާކުރުމުގެ އިޚްތިޔާރު ލިބިފައިވާ އެއްޗެއް. އެހެންވީމަ އެވޯޑް އަދި ބައިސްކޯފުން ސްޕޮންސާކުރިއޭ ކިޔާފަ ޕީއެސްއެމުން ނުދެއްކުމަކީ އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން.” އަޑަށް ބާރުލަމުން މުނައްވަރު ފާހަގަކުރިއެވެ.

“އަނެއް ކަމަކީ ޕީއެސްއެމުން ނުދައްކަނީ ކީއްވެގެންތޯ ޕީއެސްއެމާ ސުވާލުކުރަން އެބަޖެހޭ.”

މިއަދާ ހަމައަށް އައިއިރު ދިވެހި ފިލްމު އެވޯޑްގެ އެއްވެސް ކަމެއް ޕީއެސްއެމުން ނުގެނެސްދެނީ ކީއްވެގެންތޯ އެއީ އުފެދޭ ވަރަށް ބޮޑު ސުވާލެއް ކަމަށް ވެސް މުނައްވަރު ބުންޏެވެ.

“ކީއްވެގެންތޯ މިއަދާ ހަމައަށް އެ ބޭފުޅުން އެކަމަށް އެހާ އަހައްމިއްޔަތުކަން ނުދެނީ؟” މުނައްވަރު އިތުރަށް ބުނީ މިހާ ގިނަ ޗެނަލްތައް ހުންނައިރު ބިޑްކޮށްގެން އެ ލިބޭ ބަޔަކު ލައިވްކުރުން އެއީ މައްސަލައެއް ނޫން ކަމަށާއި ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން އެވޯޑާއި ބެހޭ ޚަބަރާއި މަޢުލޫމާތުތައް ގެނެސްދޭން ޖެހޭނެ ކަމަށެވެ.

ޝީނިއާ ބައެއް ފިލްމީ ފަންނާނުންނާއެކު މުނައްވަރު

“މިއަދު ބައިސްކޯފުން ފިލްމީ ދާއިރާއަށް ގިނަ ކަންތައްތަކެއް އެބަ ކޮށްދޭ. ބައިސްކޯފުން ކޮށްދެނީ ވަކި މިވެނިކަމެކޭ ބުނާން ނުޖެހޭވަރަށް ކަންތައްތަކެއް ކޮށްދޭ. ކޮށްދީފަ، އަދި ބައިސްކޯފުން ފިލްމު އެވޯޑް ސްޕޮންސާކުރުމަކީ އެއީ ފިލްމީ ދާއިރާއއަށް ލިބޭ ވަރަށް ވަރަށް ބޮޑު ކުރިއެރުމެއް. އެއީ އެމީހުން ފިލްމީ ދާއިރާއަށް އޮތް ގާތްކަން ދައްކަދޭ ކަމެއް.” ބައިސްކޯފުން ފިލްމު އެވޯޑް ސްޕޮންސާކޮށްފައިވާ ކަންތަކަށް އަލިއަޅުވައިލަމުން މުނައްވަރު ފާހަގަކުރިއެވެ.

“މިއަދު އުފާކުރަން ޖެހޭ ފިލްމީ ދާއިރާ މީހުން، ބައިސްކޯފު ކަހަލަ ބަޔަކު ނުކުމެ ފިލްމީ ދާއިރާ މީހުންގެ އަތުގަ ހިފާ ފިލްމީ ދާއިރާ މީހުންނަށް ގިނަ ފުރުޞަތުތަކެއް ހޯދަދީ، ނުވިތާކަށް ފިލްމީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑެއް ކަމުގަވާ ދިވެހި ފިލްމު އެވޯޑް ސްޕޮންސާ ކޮށްދިނީތީވެ ބައިސްކޯފަށް ހަމަ ފިލްމީ ދާއިރާގެ އެންމެންގެ ނަމުގަ ހަމަ ވަކިވަކިން ޝުކުރުއަދާކުރަން ޖެހޭ.”

“މިހައިތަނަށް ކިތައް ފިލްމު އެވޯޑް ބާއްވައިފިތޯ އެއީ ސުވާލެއް. ދެން ޕީއެސްއެމުން އެންސީއޭއަށް ފައިސާ ދީގެން ނޫނީ ސްޕޮންސާކޮށްގެން ވިޔަފާރި ގޮތުގަ ފައިދާއަށް ވާގޮތަށް ނޫނީ އެންސީއޭ އަށް ފައިދާއެއް ވާގޮތުގަ ކޮން އެވޯޑެއްގަތޯ އެމީހުން (ޓީވީއެމް އިން) ލައިވްކޮށްދިނީ. މުޅިންވެސް އާދޭސްކޮށްގެން އަހަރުމެން އެމީހުން ކައިރީ ކަންކަން ކިޔަން ޖެހެނީ.” ކުރިން އެވޯޑްތައް ދެއްކިގޮތާމެދު މުނައްވަރު ބުންޏެވެ.

“އާދޭސް ކުރުމާ ސަލާންޖެހުން ހުއްޓާލުމުގެ ސަގާފަތް އަހަރުމެން މިއުޅެނީ ދިވެހިރާއްޖެއަށް ގެންނަންވެގެން. އެހެން ވެގެން މި ބުނަކީ ކޮންމެހެން ނުޖެހެޔޭ އަހަރުމެން ފައިސާ ނުލިބޭ ގޮތަކަށް އެވޯޑެއް ތަނަކުން ދައްކާކަށެއް. އެކަމަކު އެއީ ޕީއެސްއެމަށް އޮތް ލާޒިމުކަމެކޭ ދިވެހި ފިލްމު އެވޯޑް ދެއްކުމަކީ.”

“އެވޯޑަކީ އެންމެން ހިތްހަމަޖެހޭގޮތަށް އެވޯޑުގެ ޖަޖިންއާ ކަންތައްތަކެއް ނުދާނެ. އެވޯޑުގަ މިވަގުތު ނަގާފަ ހުރި ޖަޖިން ޕެނަލް އަކީ ހަމަ ގާބިލު މީހުން. ކޮންމެ ފަހަރަކުވެސް ކިޔޭނެ އެއްޗެހި ހުންނާނެ، ނޫނިއްޔާ ބަޔަކަށް ފާޑުކިޔިދާނެ. އެކަމަކު ޕީއެސްއެމުން އެކަން އިތުރަށް ފުޅާކުރުމަށްޓަކައި ބައެއްގެ ބޮލަށް ސަވާރުވެގެން އެވޯޑުގެ ކަންކަން ދިޔައީ އަމިއްލައެދުން ހުރި ގޮތަށޭ ނޫނިއްޔާ ބައެއް ބޭނުންވާ ގޮތަށޭ އެވޯޑްތައް އެދެނީ، އެއީ ހަމަ ހޮޅި ވާހަކަ.” ފިލްމު އެވޯޑަކީ ޒާތީ އެވޯޑެކޭ ކިޔައި މަދު ފަންނާނުންކޮޅެއް ކިޔަމުން އަންނަ ފާޑަށްވެސް މުނައްވަރު ރައްދު ދިނެވެ.

މުނައްވަރު އިތުރަށް ބުނީ ޖަޖިންނަށް ތިބި މީހުންނަކީ ނުފޫޒުފޯރުވާ، ވަކި މީހަކަށް ނުވަތަ ބަޔަކަށް ދޭން މަސައްކަތްކުރާނެ ބައެއް ނޫންކަމަށްވެސް އޭނާ ފާހަގަކުރިއެވެ. “އެވޯޑަކީ ހަމަ ސައްހަ ރަނގަޅު އެވޯޑެއް، ކޮންމެ ބޭފުޅަކަށް އެވޯޑު ލިބުނުކަމުގައި ވިޔަސް އެއީ ހަމަ ރަނގަޅު އެވޯޑެއް. އެވޯޑު ލިބޭ އެންމެނަށް އަޅުގަނޑު މަރުޙަބާ ކިޔަން. އަދި ނޮމިނޭޓްވި އެންމެނަށްވެސް މަރުހަބާ ކިޔަން.”

މިވަގުތު އެވޯޑްގެ ކަންކަން ހިންގާ ބަލަހައްޓާ ޓީމަކީ އެއީ ހަމަ ގާބިލު ޓިމެއް ކަމަށާއި ނަމަވެސް އެވޯޑުގެ ބައެއް ކަންކަން ގަވައިދު ހެދުމުގައި އިހުމާލުތަކެއް ވެފައި ހުރިކަންވެސް މުނައްވަރު ފާހަގަކުރިއެވެ. އެވޯޑުގެ ގަވައިދުތައް ހުރީ އެންމެ ހިތްހަމަޖެހޭގޮތަށް ނޫންކަން ފާހަގަކުރަމުން މުނައްވަރު ބުނީ މިހާރު މިއީ އެ ވާހަކަ ދައްކަން އޮތް ވަގުތު ނޫންކަމަށެވެ.

“މިއަދު އެވޯޑުގެ ގަވައިދާ ބެހޭގޮތުން ވާހަކަދެއްކުމަކީވެސް އެއީކީއެއް ފިލްމީ ދާއިރާ މީހުން ކޮށްގެންވާނެ ކަމެއް ނޫން. އެވޯޑުގެ ވާހަކަތައް ދައްކަން ވަގުތު ނޫނީ ފުރުޞަތުދީފަވަނީ. އެއީ އެވޯޑުގެ ކަންކަން އިސްލާހުކުރުމަށްޓަކައި އެމްއެފްއޭ ނުވަތަ މޯލްޑިވްސް ފިލްމު އެސޯސިއޭޝަނަށް ވަނީ ސިޓީއާ ހުރިހާ އެއްޗަކުން އެ ބޭފުޅުންނަށް އަންގާފ،ަ އެ ބޭފުޅުންގެ އެއްއްވެސް ކަހަލަ އެއްބާރުލުމެއް ނެތިގެން މިއަދާ ހަމައަށް އެވޯޑުގެ ކަންކަން އެ ދިޔަގޮތަކަށް އެ ދިޔައީ.” ފިލްމު އެވޯޑްގެ ގަވައިދުތައް އެކުލަވައިލުމާއެކު ދާއިރާގެ މީހުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރި މައްސަލައަށްވެސް މުނައްވަރު ވާހަކަދެއްކިއެވެ.

ކުޑަފޫޅުގެ ނަމުން މަޝްހޫރުވެފައިވާ މުނައްވަރު މިފަހަރު ‘ކުޑަފޫޅުގެ ވަސްވާހުގެ’ ބަދަލުގައި ދިނީ ރަނގަޅު ނަސޭހަތެކެވެ. އޭނާގެ އިލްތިމާސްއަކީ ހުރިހައި އެންމެންވެސް އެވޯޑް ހަފުލާއަށް ދިއުމެވެ.

“ސަބަބަކީ އެވޯޑަކީ ބަޔަކަށް ކޮށްދޭ ކަމެއް ނޫން. އެއީ ފިލްމީ ދާއިރާގެ މުސްތަގުބަލަށްޓަކާ ފިލްމީ ދާއިރާ މީހުންގެ އަގުވަޒަންކުރުމަށްޓަކައި ސަރުކާރުން ދޭ އެވޯޑެއް. ސަރުކާރުން ދޭ އެވޯޑަކަށް ރާއްޖޭގަ ފިލްމުކުޅޭ އަދި ފިލްމު ހަދާ ހުރިހައި ބޭފުޅުންވެސް ދާންވާނެ. ސަރުކާރަށް ނޮހޮރޮއްޕާން ކުރަން ނޫނިއްޔާ ސަރުކާރަށް ފިއްތުންތަކެއް ފިއްތަން ނޫނީ ސަރުކާރާ ދޭތެރޭގަ އޮތް ތާއިދު ގެއްލުވާލުމަށްޓަކާ ބަޔަކު މީހުން ރާވައިގެން ހިންގާ ޖަރީމާއެއް ޕީއެސްއެމްފަދަ ތަންތަނުން އެ ހިންގަނީ މިހާރު.”

ހުސެން މުނައްވަރު މިވަގުތު ލަންކާގައި ހުރީ ވެބް ސީރީޒް “ހަނާ”ގެ މަސައްކަތްތައް ކުރުމަށް ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.