ދެކުނު އޭޝިއާގެ ސަރަހައްދުތަކުގެ ވިޔަފާރިތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށްދޭ ބައިނަލްއަގުވާމީ އެވޯޑެއް ކަމަށްވާ ‘ސައުތު އޭޝިއަން ބިޒްނަސް އެކްސަލަންސް އިން މޯޝަން ޕިކްޗާސް އެވޯޑް’ ރާއްޖޭގެ އެންމެ މަޤްބޫލު އެއް ފިލްމުހެދުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ) އަށް ލިބިއްޖެއެވެ.

މި އެވޯޑް ހަފުލާ އޮތީ ކޮލޮމްބޯ ހިލްޓަންގައި ރޭ ބޭއްވި ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ ފާހަގަކޮށްލެވޭ ސިޔާސީ، އިޖްތިމާއީ، އިޤްތިޞާދީ އަދި ކޯޕަރޭޓް ދާއިރާތަކުގެ އިސް ލީޑަރުންވެސް މި ހަފުލާގައި ބައިވެރިވިއެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގެ އެކިއެކި ވިޔަފާރިތަކުން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކަށް ދެވޭ ’ބިޒްނަސް އެކްސެލެންސް އެވޯޑް‘ (ސަޕްސް) ނަޙޫ އަށް ލިބިފައި މިވަނީ ދެކުނު އޭޝިއާ ސަރަޙައްދުގެ އެކިއެކި ގައުމުތަކުގެ މެދުގައި ސަޕްސް އިން ކުރިއަށް ގެންދިޔަ ދިރާސާއަކަށް ބެލުމަށްފަހު އެ ސަރަހައްދަކުން އެންމެ ފާހަގަކޮށްލެވޭ، އެންމެ ހައްޤުވެރި ފަރާތް ކަމަށް ޖަޖުންގެ ޕެނަލަށް ފެނިވަޑައިގެންނެވެ.

“ސަޕްސް އެވޯޑް” އުފުލާލައިގެން ނަހޫ

މި އެވޯޑަށް ހޮވޭ ފަރާތްތައް ކަނޑައަޅާފައި ވަނީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިޒްނަސް އިން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އެ ޕެނަލްގައި ތިއްބަވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ ވިޔަފާރީގެ ތަޖުރިބާކާރުންނެވެ.

ސައުތު އޭޝިއަން ޕާޓްނަޝިޕް ސަމިޓް އެންޑް ބިޒްނަސް އެކްސެލެންސް އަކީ ވޯލްޑް އެޗްއާރްޑީ ކޮންގުރެސް އިން 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ އެވޯޑެކެވެ.

ނަހޫ އަށް މިރޭ ލިބުނު ކާމިޔާބީ އަށް މުނިއަވަސް އިން ވަރަށް ފަޚުރުވެރިކަމާއެކު މަރުޙަބާ ކިޔަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.