ދިވެހި ފިލްމު އެވޯޑްސް 9 ގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު، އެކްޓަރު އަދި ޑައިރެކްޓަރު މުހައްމަދު ރަޝީދު (ދަރާ) އަށް ދީފިއެވެ. މި އެވޯޑް ދަރާ ރަޝީދަށް ހަވާލު ކޮށްދެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ދަރާ ރަޝީދު ފިލްމީ ދާއިރާއަށް ވަނީ މީގެ 38 އަހަރު ކުރިންނެވެ. އޭރު ރަޝީދުގެ އުމުރަކީ އެންމެ 18 އަހަރެވެ. ރަޝީދު އޭރު ވަޒީފާ އަދާކުރަމުން ދިޔަ ޓެލެވިޛަން މޯލްޑިވްސްްގެެ އަހަރީ ދުވަހަށް ހެދި ފިލްމަކުން ފިލްމީ ދާއިރާއަށް ނުކުތީ ފިލްމު “ނަތީޖާ” އިންނެވެ.
ރަޝީދަކީ ހުނަރުވެރި ކެމެރާމަނެއްގެ އިތުރުން ޑައިރެކްޓަރެއްވެސް މެއެވެ. 1982 ގައި ޓެލެވިޛަން މޯލްޑިވްސް އިން އުފެއްދި ފިލްމު ”އޯކިޑް އޭނާގެ މާ“ އަކީ ރަޝީދުގެ ފިލްމުތަކުން ފާހަގަކޮށްލެވޭ އެއް ފިލްމެވެ. އެ ފިލްމުގެ “އަންގައި ދޭށޭ އަދުވީ..” އަކީ އަދިވެސް އެ ލަވަ އަޑުއިވުމުން ލޭ ކެކޭފަދަ މަޝްހޫރު ލަވައެކެވެ.
ލައިފް ޓައިމް އެޗީވްމަންޓް ހާސިލުކުރެވުމުން އުފަލުން ހުރި ދަރާ ރަޝީދު މުނިއަވަސް އަށް ބުނީ، އެ ޝަރަފުވެރި އެވޯޑް ލިބިގެން ދިޔައީ އޭނާ އެންމެ ބޭނުންވި ގޮތަށްކަމަށެވެ. އެގޮތުން ޓީވީއެމް އިއްބެގެ އަޑުން އެވޯޑް އެނައުންސްވެގެން ދިއުމާއި ރައީސްގެ އަތްޕުޅުން އެވޯޑް ލިބުމަކީ އެންމެ އެދިއެދި ހުރި ދެކަންތައް ކަމަށް ބުންޏެވެ. ވަކިން ޚާއްޞަކޮށް ރަޝީދު އާއި އެކުގައި ޓީވީއެމްގައި މަސައްކަތްކުރެއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަތްޕުޅުން އެވޯޑްލިބުމުން އިތުރަށް އުފާވިކަމަށް ރަޝީދު ބުންޏެވެ.
ރަޝީދުގެ ފިލްމީ ހަޔާތުގައި މިއަދާ ހަމައަށް 32 ފީޗާ ފިލްމު ކުޅެފިއެވެ. މީގެ އިތުރުން ގިނަ ވީޑިއޯ ލަވަތަކެއްގައި ރަޝީދު މަސައްކަތްކޮށްފައި ވެއެވެ. ފިލްމު “އިތުބާރު”، “ލޭކަރުނަ”، “ޔޫސުފް އެންޑް ޒައިނަބު”، “ޗުއްޓީ”، “ފިދާ”، “އިޚްތިޔާރު”، އަދި ”އޯކިޑް އޭނާގެ މާ“ އަކީ ދަރާ ރަޝީދުގެ ފާހަގަކޮށްލެވޭ ފިލްމުތަކުން މަދު ފިލްމުތަކެކެވެ.
ދަރާގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ސަޒާ އާއި ކަނޑުރޯދި، އޯކިޑް އޭނާގެ މާ، އިޚްތިޔާރު، ޔޫސުފް އެންޑް ޒައިނަބާއި ފިދާ، އިތުބާރު، ޗުއްޓީ، ލޭކަރުނަ ހިމެނެ އެވެ.
ފިލްމީ ދާއިރާއިން މަތީ ތަޢުލީމު ހޯދައިގެން ހުރި ދަރާ ރަޝީދުއަށް ލިބިފައިވާ ކާމިޔާބުތަކަށް ބަލައިލާއިރު ފިލްމު “ހަގު އަނބި” ގައި އޭނާ ކޮށްފައިވާ ކެމެރާ މަސައްކަތަށް 1996 ވަަނަ އަހަރު އެންމެ މޮޅު ކެމެރާމަން އެވޯޑް ލިބިފައިވެއެވެ. މީގެ އިތުރުން ގްލޯބަލް ޓީވީ ޗެނަލްއިން ތައްޔާރުކުރި ޑޮކިއުމަންޓްރީ ފިލްމަކަށް ވެސް އެންމެ މޮޅު ކެމެރާމަންގެ އެވޯޑް ލިބިފައިވެއެވެ.
ސަރުކާރުން ދެއްވާ ގައުމީ އިނާމު، ދަރާ ރަޝީދަށް ލިބުނީ 2005 ގައެވެ. ފިލްމީ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ފިލްމު އެސޯސިއޭޝަނުން ދިން އެވޯޑް 2015 ގައި ލިބިފައި ވެއެވެ.
ފިލްމީ ދާއިރާއިން ތަޢުލީމު ހޯދާފައިވާ ދަރާ ރަޝީދަކީ މާސްޓާސް ޑިޕްލޮމާއިން ވިޝުއަލް ކޮމިއުނިކޭޝަން، ޑިޕްލޮމާއިން އެކްޓިން އެންޑް ޕްރެޒެންޓޭޝަން، ޑިޕްލޮމާއިން ކެމެރާ އެންޑް ލައިޓިން ޓެކްނިކްސް، ޑިޕްލޮމާއިން އެޑިޓިން އެންޑް ސައުންޑް ރެކޯޑިން، ޑިޕްލޮމާއިން ފިލްމް ޑައިރެކްޓިން، ޑިޕްލޮމާއިން މޯޝަން ޕިކްޗަރ ފޮޓޯގްރަފީ
’ދަރާ ޕްރޮޑަކްޝަން‘ގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަނެއް ރަޝީދު ހިންގަމުން އަންނައިރު، އިންޑިޔާގެ ޑެއްލީ އަށް ނިސްބަތްވާ ފިލްމުހަދާ ފަންނާނުންނާއި ގުޅިގެން މިވަގުތުވެސް ރަޝީދު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ތިން ފީޗާ ފިލްމެއްގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންކަން ފާހަގަކޮށްލެވެއެވެ. ހަމަ އެހެންމެ 10 ލަވައިގެ މައްޗަށް ހިމެނޭ ވީޑިއޯ ލަވަ ސީޑީއެއްގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
ރޭގެ ހަފުލާގައި ރަޝީދު ބުނީ މި އެވޯޑް ޙާސިލުކުރެވުމުން މަސައްކަތް ހުއްޓާލާފައި ގޭގައި ހުންނާނީ ނޫންކަމަށާ މިރޭ ހިތްވަރު އައުވެއްޖެ ކަމަަށެވެ. އަންނަ އަހަރަކީ އޭނާގެ ކާމިޔާބީގެ އަހަރަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށްވެސް ދަރާ ރަޝީދު ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!