އަބަދުވެސް އަޑުއިވެނީ ޖުމައްޔިލް ނިމާލް (ޖުމަލް) އަށް ނަށަން ނޭނގޭ ވާހަކައެވެ. ފިލްމުތަކުގައި ލިޕްސިން ހަދައިގެން ލަވައަށް އެކްޓްކޮށްފައި ނުހުންނަ ވާހަކައެވެ. ނަމަވެސް އެ ހުރިހައި ވާހަކަތަކަކަށް ޖުމަލް ޖަވާބުދިނީ ހުށައެޅި އެންމެ އައިޓަމަކުންނެވެ.

ރޭ ނިމިގެންދިޔަ ދިވެހި ފިލްމު އެވޯޑް ހަފުލާ ފަޅުފިލުވައިލުމަށް ތަފާތު އައިޓަމްތައް ގެނެސްދީފައި ވާއިރު، އެންމެ ބޮޑަށް ފާހަގަކޮށްލެވިގެން ދިޔަ އައިޓަމަކީ ‘ވަރަށް ޚާއްޞަ ފަރާތަކުން، ވަރަށް ޚާއްޞަ ފަރާތަކަށް ދިން ޚާއްޞަ ޓްރިބިއުޓް’ ކަމާމެދު ދެބަސް ވެވޭކަށް ނެތެވެ.

ބިރުކުޑަ އަލީ، ރާއްޖެ އަލީ، ޖިންނި އަލީ، ފިލްމީ އަލީ – މިހެންގޮސް އެތަކެއް ބައިވަރު އަލީ ތަކެއް ފެނިގެންދިޔަ މަޝްހޫރު ޑްރާމާ ސީރީޒް “ސަޅި ބައިސާ”ގެ ލީޑް އަޙްމަދު ނިމާލް އަށް އޭނާގެ ދަރިފުޅު، އެކްޓަރ ޖުމައްޔިލް ގެނެސްދިނީ “ސަޅި ބައިސާ”ގެ ހަނދާންތަކާއެކު ނިމާލް އެކްޓްކޮށްފައިވާ ބައެއް ލަވަތަކެވެ. މި އައިޓަމް ވެގެންދިޔައީ ލިބުނު ސަޕްރައިޒަކަށެވެ.

ނިމާލަށް، ޖުމަލް ހުށައަޅައިދިން އައިޓަމްގެ ސްކްރީން ޝޮޓެއް

ނިމާލް އަށް ޓްރިބިއުޓަކަށް ޖުމަލް މި އައިޓަމް ހުށައަޅައިދިނުން އެއީ ފުރަތަމަ ސަޕްރައިޒް ކަމަށް ބަލަމާ ހިނގާށެވެ. އެ އައިޓަމްގައި ޖުމަލް ލިޕްސިން ހެދިތަން ފެނިގެން ދިއުން މިއީވެސް ކުޑަ ސަޕްރައިޒެއް ނޫނެވެ. ހަމަ އެހެންމެ މާ ވަރުގަދައަށް ނުނެށިޔަސް، ނެށުމެކޭ ބުނާވަރުގެ ހަރަކާތްތައް ޖުމަލްގެ ފަރާތުން ފެނިގެން ދިއުން މިއީވެސް ލިބުނު ސަޕްރައިޒެކެވެ.

ނިމާލަށް، ޖުމަލް ހުށައަޅައިދިން އައިޓަމްގެ ސްކްރީން ޝޮޓެއް

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި އެއްވެސް ފަނޑުކަމެއް ނެތި އަދިވެސް ފިޔަޖަހަމުންދާ ނިމާލް ވަރަށް ޝައުޤުވެރިކަމާއެކު މަންޒަރު ރެކޯޑްކުރަމުން، ބަލަމުންދިޔަތަން ފެނުނެވެ. “ސަޅި ބައިސާ”ގެ އެޕިސޯޑް ނިމޭގޮތަށް ޖުމަލްގެ އައިޓަމްގެ ނިންމުން ގެނައީ ވަރަށް ހިތްގައިމު ގޮތަކަށެވެ.

“…. އޯކޭ އޯކޭ.. މަށަކީ ފިލްމީ އަލީ އެއް ނޫނޭ، އެއްވެސް އަލީއެއް ނޫނޭ، އެކަމަކު މިތާ (ސްކްރީނުން، އޯޑިއަންސަށް އިނގިލި ދިއްކޮށްލަމުން) އެބައިން އަސްލު އަލީ، އަލީ….. އަލީ ހެޔޮނުވާނެ މަ ސަލާމަތްކުރަން ސްޓޭޖަށް އަރާލަދީބަލަ.” ޖުމަލް މިހެން ބުނަމުން އައިޓަމް ނިންމައިލީ އޭނާގެ ބައްޕަ ސްޓޭޖަށް އެރުމަށް ދައުވަތު ދެމުންނެވެ.

ދެން ފެނިގެން ދިޔައީ ދެބަފައިން ކޮނޑަށް އަތް ވައްޓާލައިގެން އެކުގައި ގޮސް ސްޓޭޖަށް އެރި މަންޒަރެވެ.

“ވަރަށް ސަޕްރައިޒް… އެއްގޮތަކަށްވެސް ހަމަ ޚިޔާލަށްވެސް ނާދޭ މިކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް. އެންމެ ބޮޑު ސަޕްރައިޒަކީ މިއަދާ ހަމައަށް ޖުމައްޔިލް އެއްވެސް ފިލްމެއްގަ ލިޕްސިން ކޮށްގެން ޑާންސެއް ކޮށްފައެއް ނެތް، ސްޓޭޖެއްގަ ޑާންސެއް ކޮށްފައެއް ނެތް. އެހެންކަމުން އެއީ އެންމެ ބޮޑު އެއް ސަޕްރައިޒް…. ދެން އެކަން ކުރުވި ބަޔަކަށް ވަރަށް ބޮޑަށް ޝުކުރު ރައްދުކުރަން.” ޖުމައްޔިލްގެ އައިޓަމާމެދު ނިމާލް ބުންޏެވެ.

ތެދެކެވެ. ޖުމަލްގެ މި އައިޓަމުން އެންމެންނަށް ލިބިގެންދިޔައީ ބޮޑު ސަޕްރައިޒެކެވެ. ޖުމަލްގެ ހުނަރާމެދު ހީވެފައިވާ ހީވުމަކީ ބޮޑު ކުށްހީއެއް ކަން ސާބިތުކޮށްދިން ހިތްގައިމު އައިޓަމެކެވެ.

ޖުމަލްގެ އައިޓަމްގައި “ސަޅި ބައިސާ”ގެ އިތުރުން ނިމާލްގެ މަޤްބޫލުކަން ލިބިފައިވާ ބައެއް ފިލްމުތަކުގެ ލަވަތައް ހިމަނާފައިވެއެވެ. އެގޮތުން ފިލްމު “ސިޓީ”ގައި ހިމެނޭ ‘މުޅި ޖާން ހިތާ…’ ލަވަ ހިމަނާފައިވެއެވެ.

“ސަޅި ބައިސާ” އަކީ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު، ޓެލެވިޛަން މޯލްޑިވްސް އިން ގެނެސްދިން ކޮމެޑީ ޑްރާމާ ސީރީޒެކެވެ. ސީރީޒް ޑައިރެކްޓްކުރީ މުޙައްމަދު ނިޔާޒް (ޓެޑްރީ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.