ބައިސްކޯފު ޕްރެޒެންޓްސް ދިވެހި ފިލްމް އެވޯޑްސް ހަފްލާ ރޭގައި ނިމިގެން ދިޔައިރު ހަފްލާ އެންމެ ހާއްސަވި އެއްފަރާތަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. ބޮޑެތި ހުރިހާ އެވޯޑެއް ފަހުރުވެރިކަމާއެކު އުފުލާލި އިރު، މިއެވޯޑްތަކަކީ ލިބޭނެ ކަމަށް އުއްމީދުވެސް ކުރި އެވޯޑްތަކެއް ނޫންކަމަށް ޔޫއްޕެވަނީ ބުނެފައެވެ.

ގިނަ ދުވަސްތަކަކަށްފަހު އެވޯޑް ލިބުމުން ހިތްހަމަޖެހިފައި ހުރި ޔޫއްޕެއަށް އެވޯޑްތައް ލިބިފައިވަނީ ފިލްމް “ދެވަންސޫރަ” އިންނެވެ. ފިލްމް “ދެވަންސޫރަ” އިންވަނީ ރޭގެ ހަފްލާގައި ޔޫއްޕެއަށް ލިބުނު ހަތަރު އެވޯޑާއި އަލީ އާޒިމް (ދޮން އައްޔަ)އަށް ލިބުނު ޖޫރީ ސްޕެޝަލް އައުޓްސްޓޭޑިން ޕާރފޯމެންސް އެވޯޑާއެކު 5 އެވޯޑެއް ދިފާއުކޮށްފައެވެ.

ރޭގެ ހަފްލާގައި ޔޫއްޕެއަށް ލިބުނު އެވޯޑްތަކަށް ބަލާލާއިރު ބެސްޓް އެޑިޓިންގ އެވޯޑާއި، ބެސްޓް ސްކްރީން ޕްލޭ އެވޯޑާއި، އެންމެ މޮޅު ޑައިރެކްޓަރގެ އެވޯޑްގެ އިތުރުން އެންމެ މޮޅު ފިރިހެން އެކްޓަރގެ އެވޯޑް ހިމެނެއެވެ. 

ކުޅަދާނަ މޮޅެތި ފަންނާނުންތަކަކާ ވާދަކޮށް ޔޫއްޕެ މި އެވޯޑްތައް ހާސިލްކޮށްފައިވާއިރު، ޔޫއްޕެ ވަނީ މީގެ ކުރިންވެސް އެންމެ މޮޅު އެކްޓަރ އެވޯޑް 3 ފަހަރު ހާސިލްކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.