ޑާކްރެއިން އެންޓަޓެއިންމެންޓުން ބާރު ސްޕީޑުގައި ޝޫޓުކުރަމުން އަންނަ ލޯބީގެ ފިލްމު “ނޮވެމްބަރ“ގެ ކާސްޓަށް ގިނަ ތަރިންތަކެއް އިތުރުކުރަމުން ދާއިރު، މަޝްހޫރު ބައެއް ފަންނާނުން ހިމަނައިގެން ފިލްމުގެ ބައެއް މަންޒަރުތައް މިއަދުގެ ޝޫޓްކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ޝޫޓިން ކުރިއަށް ގެންދިޔަކަމަށް ޑާކްރެއިން އިން ބުނެއެވެ. މިއަދުގެ ޝޫޓިންގައި ރާއްޖޭގެ އެންމެ މަޤްބޫލު އެއް ޕްރެސެންޓަރ މޫސާ ވަސީމް، ދިވެހި އަމިއްލަވަންތަ ލަވަ އުފައްދައި ކިޔުމުގައި ދެވަނައެއްނެތް މޭނާ ހައްސާން އާއި މޯލްޑިވިއަން އައިޑަލް އިން ވިދާލާފަވާ ހުނަރުވެރި، ޒުވާން ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ބައިވެރިވެފައިވެއެވެ.
ޑާކްރެއިން އެންޓަޓެއިންމެންޓުގެ ވެރިޔާ އަދި ފިލްމު “ނޮވެމްބަރ“ގެ އެއް ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުނީ އެއާޕޯޓްގެ އެތެރޭގެ ބައެއް ތަންތަނުގައި ފިލްމު ޝޫޓްކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރަަން ބޭނުންކަމަށެވެ.
“އެ ބޭފުޅުންގެ ފަރާތުން ވަރަށް ރަނގަޅު އެއްބާރުލުމެއް ލިބެމުންދަނީ. އެކަމަށްޓަކައި އެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުުކުރުވެރިވަން.” މިއަދު ހަވީރު މުނިއަވަސްއާ ވާހަކަދައްކަމުން މޮގާ ފާހަގަކުރި އެވެ.
ފިލްމު “ނޮވެމްބަރ“ގެ ޝޫޓިން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނަގަން ހަމަޖެހިފައިވާއިރު، ލ. އަތޮޅުގެ ބައެއް ރަށްރަށާއި ތުލުސްދޫގައި ވެސް މަންޒަރުތަކެއް ނަގާފައިވެއެވެ. މީގެ އިތުރުން މާލޭގައި ގިނަ މަންޒަރުތަކެއް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.
”ނޮވެމްބަރ”ގެ ލީޑުން ފެނިގެންދާނީ ޑާކްރެއިންގެ އެންމެ މަޤްބޫލު ޖޯޑު ޖުމައްޔިލް ނިމާލު އާއި މަރިޔަމް މަޖުދާ އެވެ. ފިލްމުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި އާއިޝަތު ޔާދާ ހިމެނެއެވެ.
ފިލްމުގެ މަންޒަރުތަކެއް ސިންގަޕޫރުގައި ނެގުމަށް ހަމަޖެހިފައިވާއިރު، ސިންގަޕޫރުގައި ނަގާ މަންޒަރުތަކުގައި ރާއްޖޭގެ ލެޖެންޑަތީ އެކްޓަރ އިސްމާޢީލް ވަޖީހް ބައިވެރިވާނެއެވެ.
އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާ ”ނޮވެމްބަރ” ޑައިރެކްޓްކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ކެމެރާ ކުރަނީ ޗިއްޕެ އާއި އަޙްމަދު ޝިނާން އެވެ. މޭކަޕް އަދި ކޮސްޓިމުން އާޓިސްޓަކީ ހުނަރުވެރި ފެޝަން ޑިޒައިނަރ އަދި ފެހުންތެރިޔާ ހުސެއިން ޝަދިޔާން (ސޭންޑީ) އެވެ.
2020 ގައި ރިލީޒްކުރުމަށް ތާވަލުކޮށްފައިވާ ”ނޮވެމްބަރ”ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.
ފިލްމު ”ނޮވެމްބަރ”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު