މިމަހު ހަތެއްގައި ލަވަ ފޮށްޓަށް ރިލީސް ކުރެވުނު ”ވަގުތު“ އޯޑިއޯ ލަވައަށް އިތުރު ފުރިހަމަ ކަމެއް 10 ނޮވެމްބަރު ގައި ‘އިއްޔާ ރެކޯޑްސް’ ޢިން މިވަނީ ގެނެސްދީފައެވެ.

“ވަގުތު” މިއީ ޏ. ފުވައްމުލަކަށް ނިސްބަތްވާ ޒުވާން ލަވަކިޔުންތެރިޔާ ހަޔާ ގެ އަޑުން ކިޔާފައިވާ ވަރަށް ހިތްގައިމު ލަވައެކެވެ. މިވަގުތު “ވަގުތު” ލަވައިގެ ވާހަކަ ދެކެވެމުންދަނީ ލަވައިގެ ހިތްގައިމުކަމާ އެއްވަރަށް އެ ލަވައިގެ ވީޑިއޯވެސް ފައްކާވީމައެވެ.

“ވަގުތު” ލަވަ އިތުރަށް ފުވައްމުލަކަށް ޚާއްސަ ވެގެންދާ ސަބަބު ތަކެއް ހުރިކަން ފާހަގަކޮށްލާނަމެވެ. ހަޔާ ކިޔާފައިވާ ލަވައިގެ ވީޑިއޯ ނިންމައިލީ ‘ޓު ބީ ކޮންޑިއުޑް…’ މި ލިޔުންކޮޅާއެކުގައި ކަން ހަނދާންވޭ ދޯއެވެ. މާނައަކީ މި ލަވައިގެ ދެވަނަ ބައެއް އޮތްކަމެވެ. މި ލަވައިގައި ދެ ބައެއް ހިމެނޭއިރު މި ދެބައި ކިޔާފައިވަނީ ފުވައްމުލަކުގެ ޒުވާން ދެ ލަވަކިޔުންތެރިންނެވެ. ހަޔާގެ އަޑުން ކިޔާފައިވާ ބައި މިހާރު މިވަނީ އިވިފައެވެ. ލަވައިގެ ފިރިހެން ވާޝަން ނިކުންނާނެ ކަމަށް އިއްޔާ ރެކޯޑްސް އިން ވަނީ މަޢުލޫމާތު ދީފައެވެ.

ހައި އޭނާގެ މަންމައާއެކު، އަދި ހައި ގެ ބައްޕަ – ފޮޓޯ: އިއްޔަ ރެކޯޑްސް

ހަޔާ އަކީ ކޮން ކުއްޖެއް؟

ފ. ފީއަލީ މާގަސްދޮށުގޭ އަހުމަދު ޝިހާމް އާއި ޏ. ފުވައްމުލަކު ހިކިފިނިފެންމާގޭ ޝަޒްމީނާ ޝާކިރު ގެ ދަރިފުޅު ހަޔާ އަހުމަދު ޝިހާމް (ހައި) އަކީ ކުޑައިރުއްސުރެ މިއުސިކަށް ލޯބިކުރަމުން އަންނަ ޒުވާން ކުއްޖެކެވެ. ގުރޭޑު ތިނަކުން ފެށިގެން ލަވަ މުބާރާތްތަކާއި މަދަހަ މުބާރާތް ތަކުން ރަންވަނަ ހާސިލް ކުމުން އައި ހަޔާ މިއުސިކް އިންޑަސްޓްރީ ގައި ވިދާލުމަށް ދެކެމުން އައި ހުވަފެން އިއްޔާ ރެކޯޑްސް އިން މިވަނީ ހަޤީގަތަކަށް ހަދައިދީފައެވެ.

ހައި ބައެއް ގާތް މީހުންނާއެކު – ފޮޓޯ: އިއްޔަ ރެކޯޑްސް

މުނިއަވަސް އަށް ހަޔާ މައުލޫމާތު ދިން ގޮތުގައި ހަޔާގެ ބައްޕަ އަކީ ލަވަ ކިޔާ އުޅޭ ބޭފުޅެކެވެ. ހަޔާގެ މަންމަ އަދި ބައްޕަ ވެސް ވަނީ އޭނާ މިއުޒިކްގެ ރޮނގުން ކުރިއެރުވުމުގައި ވަރަ ބޮޑު އެއްބާރުލުމެއް ދީފައިކަމަށާއި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ މަންމަގެ ފަރާތުން ކަމައް ހަޔާ މައުލޫމާތު ދެއެވެ. މީގެ އިތުރުން ހަޔާގެ އެއްބަނޑު އެއްބަފާ ދެ ދައްތަ އާއި އޭނާގެ ސްކޫލް ދައުރުގެ ބެސްޓް ފްރެންޑުންގެ ވެސް ވަރަށް ބޮޑު އެހީއެއް ލިބެމުންދާ ކަމަށް ހަޔާ ބުންޏެވެ.

އިއްޔާ ރެކޯޑްސް އަށް ގުޅިފައިވާ ބައެއް ފަންނާނުންނާއެކު، އިއްޔަ އަދި އޭނާގެ ބައްޕަ މުސްތާޤް – ފޮޓޯ: އިއްޔަ ރެކޯޑްސް

އިއްޔާ ރެކޯޑްސް ގެ ފަރާތުން އެ ލޭބަލްގެ ޓީމްގައި ހިމެނޭ އަހުމަދު ފަތީން ވަނީ އައްޑޫ އަދި ފުވައްމުލަކަށް ވޮއިސް ހަންޓް އަކަށްވެސް ގޮސްފައެވެ. މިގޮތުން ހަމޫދު އާއި ހަޔާ އާއި ބައްދަލު ކޮށްފައި ވަނީ “ވަގުތު” ކިޔުމަށް އަންހެން އަޑެއް ހޯދުމަށް އިއްޔާ ރެކޯޑްސް އިން ކުރިމަސައްކަތުގައި ސްކްރީން ކުރި ހަ ކުދިންގެ ތެރެއިން މުސްތާޤް މޫސާއަށް އެންމެ ފާހަގަ ވެގެން ދިޔަ އަޑު ކަމަށް ވާތީއެވެ.

އިއްޔާ އާއި ހަމޫދު – ފޮޓޯ: އިއްޔަ ރެކޯޑްސް

އިއްޔާ ރެކޯޑްސް ފަދަ ރެކޯޑް ލޭބަލް އަކުން ފުރުސަތު ލިބުނީ ކިހިނެއްތޯ ސުވާލުކުރުމުން ހަޔާ ބުނެފައި ވަނީ، އޭނާއަށް އިއްޔާ ރެކޯޑްސްއާ ދިމާވީ ހަމޫދު ފަރާތުން ކަމަށާއި، އިއްޔާ ރެކޯޑްސް ފުރަތަމަ ފެނުނީ އެމީހުންގެ ފުރަތަމަ ވީޑިއޯލަވަ “ސޮރީ ހަނީ” އިން ކަމަށެވެ. ހަޔާ ބުނި ގޮތުގައި އިއްޔާ ރެކޯޑްސް އިން އޭނާ އަށް އެޕްރޯޗް ކުރުމުން ލިބުނީ ހައިރާން ކަމެއް ކަމަށާއި، އެކަން ވެގެން ދިޔައީ އޭނާއަށް ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ. ހަޔާ އަށް މި ފުރުސަތު ދިނީތީ އިއްޔާ ރެކޯޑްސްގެ މުޅި ޓީމަށް ފައްފަށުން ހަޔާ ޝުކުރު އަދާކުރެއެވެ.

“ވަގުތު” ލަވަ ފުވައްމުލަކަށް ޚާއްޞަވަނީ ކީއްވެބާ؟

“ވަގުތު” ލަވަ ފުވައްމުލަކަށް ޚާއްޞަ ވެގެންދާ ދެވަނަ ސަބަބާ ހަމައަށް ޖެހިލާނަމެވެ. އެ ސަބަބަކީ ވަގުތު ގެ ފިރިހެން ވާޝަން ކިޔަން ހަމަޖެހިފައި ވަނީ ވެސް ހަމަ ފުވައްމުލަކަށް އުފަން ލަވަކިޔުންތެރިއެއް ކަމަށް އިއްޔާ ރެކޯޑްސް އިން ހާމަ ކޮއްފައި ވާތީއެވެ. އިއްޔާ ރެކޯޑްސް އިން ބުނީ މި އަޑަކީވެސް އަޑު އެހުންތެރިން ސިއްސުވާލާނެ އަޑަކަށް ވެގެންދާނެ ކަމަށެވެ.

“ވަގުތު” ލަވައިގެ ފިރިހެން ވާޝަން ކިޔަނީ ފުވައްމުލަކަށް ނިސްބަތްވާ ކޮން ފަންނާނެއްގެ އަޑުންތޯ ބަލައިލަން އިންތިޒާރުކޮށްލަމާ ހިނގާށެވެ. ހަމަގައިމުވެސް އިއްޔާ ރެކޯޑްސް އިން އަންނަނީ މިއުޒިކުގެ ދާއިރާގައި އަލިގަދަ ތަރިންތަކެއް އެމީހުންގެ ޓީމަށް އިތުރުކޮށް މިއުޒިކުގެ ވިދުވަރު ދިވެހި މިއުޒިކީ ފަޒާގައި ގަދަކުރަމުންނެވެ.

އިއްޔާ ރެކޯޑްސް ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.