ބްރެޒިލްގައި ކުރިއަށް ދިޔަ ފީފާ 17 އަހަރުން ދަށުގެ ވޯލްޑްކަޕް ފައިނަލްގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މެކްސިކޯ ބަލިކުރުމަށްފަހު، ބްރެޒިލް ހަތަރުވަނަ ފަހަރަށް ފީފާ 17 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފިއެވެ.

ބްރެޒިލްގެ ބެޒެރާއޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 66 ވަނަ މިނެޓުގައި މެކްސިކޯގެ ބްރިޔަން ގޮންޒާލޭޒް ވަނީ ގޯލެއް ކާމިޔާބުކޮށް މެކްސިކޯ އަށް ކުރި ހޯދަދީފައެވެ. ބްރެޒިލް އަށް އުންމީދު ގެނުވީ މެޗުގެ 84 ވަނަ މިނެޓުގައި ބްރެޒިލް އަށް ލިބުނު ޕެނަލްޓީ ކައިއޯ ޖޯޖް ކާމިޔާބުކުރުމުންނެވެ. އަމިއްލަ ދަނޑުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ބްރެޒިލް ހިތްވަރު ދޫނުކޮށް ކުޅުމުގެ ނަތީޖާއަކަށްވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ލަޒާރޯ މެޗުގެ އިތުރު ވަގުތުގައި ގޯލެއް ކާމިޔާބުކޮށްދީ އެޓީމަށް ވޯލްޑްކަޕް ޔަގީންކޮށް ދިނުމެވެ.

ސައުތު އެމެރިކާ ސަރަހައްދުން ވޯލްޑްކަޕަށް ބްރެޒިލް ކޮލިފައިވެފައި ނުވެއެވެ. ނަމަވެސް މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި ބްރެޒިލް އަށް ވޯލްޑްކަޕުން ޖާގަ އެއް ލިބުނީ ކުރިން މުބާރާތް ބޭއްވުމަށް ހަމަޖެހުނު ޕެރޫ ގެ ފުޓްބޯލް އެސޯސިއޭޝަން ގައި މައްސަލަތަކެއް ފެންމަތިވުމުން، މުބާރާތް ބްރެޒިލް ގައި ކުޅޭގޮތަށް ފީފާ އިން ހަމަޖެއްސުމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.