މަޝްހޫރު ޅެންވެރިންތަކެއް އެކުވެގެން “އީސާ އޮންލައިން ޕޮއެޓްރީ (އީއޯޕީ)”ގެ ނަމުގައި އޮންލައިންކޮށް ޅެން ހަދަން ދަސްކޮށްދޭ ކޯސްތަކެއް ފެށުމަށް މަޤްބޫލު ޅެންވެރިޔާ އީސާ ޝަރީފު ތައްޔާރުވެއްޖެއެވެ. މިއީ ރާއްޖޭގައި އޮންލައިންކޮށް ބޭއްވޭ ފުރަތަމަ ޅެން ކޯހެވެ.

އީސާ ޝަރީފު، ޢިއްޒާ އަޙްމަދު ނިޒާރު، އަދި ޒީނަތު އަޙްމަދު (ޒީން)ގެ މުދައްރިބުކަމުގެ ދަށުން ކުރިއަށްގެންދާ މި ޅެން ކޯސްތަކުގެ މުއްދަތަކީ އެއް ހަފުތާއެވެ. ކޯސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ:-

– ފުރަތަމަ ބެޗް – 24 ނޮވެމްބަރުގައި

– ދެވަނަ ބެޗް – 03 ޑިސެމްބަރު ގައި

– ތިންވަނަ ބެޗް – 10 ޑިސެމްބަރު ގައި ކަމަށް މުނިއަވަސް އަށް އީސަ ބުންޏެވެ.

“ކުލާސްތައް ހިންގާނީ އޮންލައިންކޮށް ‘ޒޫމް ކްލައުޑް މީޓިންގ’ ޓެކްނޮލޮޖީ ބޭނުންކޮށްގެން. ކުލާސް އޮންނާނީ ކޮންމެ ރެއަކު 08:30 ން 10:30 އަށް.” ކޯސް ހިންގަން ހަމަޖެހިފައިވާގޮތް އޮޅުންފިލުވައިދެމުން އީސަ ބުންޏެވެ.

އީސާ އޮންލައިން ޕޮއެޓްރީ (އީއޯޕީ) ކުލާހުގެ އިންޓަރެކްޓިވް ބޯޑު – ފޮޓޯ: އީއޯޕީ

‘ޒޫމް ކްލައުޑް މީޓިންގ’ އެޕް ޓެކޮނޮލޮޖީ އަކީ އޯޑިއޯ ވީޑިއޯ ލައިވް ކޮންފަރެންސް ހަދައިލެވޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ކޮމްޕިއުޓަރ ސިސްޓަމާއި ފޯނުންވެސް ބޭނުންކުރެވޭނެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ފައިލް ޝެއާވެސް ކުރެވެއެވެ.

އީސަ ބުނީ “އީއޯޕީ” ކޯހުގައިވެސް ކިޔަވައިދޭނީ ރަށްރަށަށް ގޮސްގެން އީސަގެ ޓީމުން ކުރިއަށް ގެންދާ ޅެން ކޯސްތަކުގައި ކިޔަވައިދޭ އެއްޗެހި ކަމަށެވެ. އީސަ އާއި ޢިއްޒާ އަދި ޒީންގެ ޅެން ކޯސްތައް މީގެ ކުރިން ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ގޮސްގެން ބާއްވާފައިވެއެވެ.

އީސާ އޮންލައިން ޕޮއެޓްރީ (އީއޯޕީ) ކުލާހުގެ ލެކްޗަރާ އީސަ – ފޮޓޯ: އީއޯޕީ

“ހަމަ އަހަރުމެން މި ކިޔަވައިދޭ އަސްލު ކޯސް. ކޯސް ނިމޭއިރު ބަރާބަރަށް ޅެން ހަދަން އެނގޭނެ. ކޯހުގެ ރަސްމީ ގަޑީގެ އިތުރުން، އިތުރު ގަޑީގަ ތަންކޮޅެއް ކޮށި ކުދިންނަށް އިތުރު ފީ އަކާ ނުލައި ވަކިން ކުލާސްތަކެއް ވެސް ނަގައިދޭނަން.” އީސަ ފާހަގަކުރިއެވެ.

ޅެން ކޯހުގައި ބައިވެރިވުމަށް މާ ބޮޑު ޝަރުތެއް ނެތެވެ. ދިވެހި ބަހުން ލިޔަން ކިޔަން އެނގޭ، މިކަމަށް ޝައުޤުހުރި ހަމަ ކޮންމެ ފަރާތަކަށްވެސް ކޯހުގައި ބައިވެރި ވެވޭނެ އެވެ.

އީސާ އޮންލައިން ޕޮއެޓްރީ (އީއޯޕީ) ކުލާހުގެ ލެކްޗަރާ ޢިއްޒާ – ފޮޓޯ: އީއޯޕީ

“ކޯސް ނިންމުމަށް ފަހުވެސް ކޯހުގެ ބައިވެރިންނާއި އޮންލައިންކޮށް ވައިބަރ އިން ފޮލޯ ކުރާނަން. ޅެންތަކުގެ ކަރެކްޝަން ހަދައިދީ އެހީތެރިވާނަން. ދުނިޔޭގެ ކޮންމެ ތާކު ހުރެވެސް މި ކޯސް ހެދޭނެ، ފޯނު، އައިޕެޑް ފަދަ ތަކެތި ބޭނުންކޮށްގެން.” ކޯސް ނިމުމަށްފަހުވެސް ކޯހުގެ ބައިވެރިން ދޫކޮށްލުމުގެ ވިސްނުމެއް ނެތްކަން އީސަގެ ވާހަކައިން އެނގުނެވެ.

ކޯހަށް ފީ ދެއްކުންވެސް އޮތީ ވަރަށް ފަސޭހަ ގޮތަކަށެވެ. އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް ހަމަޖައްސާފައި ވާކަމަށް އީސަ ބުންޏެވެ. ފީ ދެއްކުމުން ފައިސާ ދެއްކިކަމުގެ ރަސީދުވެސް ހަވާލުކުރާނެއެވެ. އަނެއްކޮޅުން، ބައިވެރިންނަށް ފަސޭހަ ދުވަސްވަރެއްގައި ފައިސާ ދެއްކުމާމެދުވެސް އީސަގެ ޓީމުގެ އިއުތިރާޒެއް ނެތެވެ.

އީސާ އޮންލައިން ޕޮއެޓްރީ (އީއޯޕީ) ކުލާހުގެ ލެކްޗަރާ ޒީން – ފޮޓޯ: އީއޯޕީ

“ފުރަތަމަ ވިސްނީ ބެޗަކަށް 06 ކުދިން ނަގަން. އެކަމަކު މިހާރު ވިސްނުން ހުރީ 12 ބައިވެރިންނަށް. މިވަގުތު ބެޗެއްގަ 8 ބައިވެރިން އެބަ ތިބި. އެހެންވީމަ އަދި ކޮންމެ ބެޗެއްގަ 04 ޖާގަ އެބަ އޮތް.” ކޯހަށް ބައިވެރިން ނަގާ އުސޫލު އޮޅުންފިލުވައިދެމުން އީސަ ބުންޏެވެ.

“މިކަމަކީ ވަރަށް ގިނަ ރަށް ރަށުން އަބަދުވެސް އެދެމުން އަންނަކަމެއް. މިކަމަށް ވިސްނާތާ ދުވަސްތަކެއް ފަހުން މި ފަށަނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން. މި ދެވެނީ ދަތުރުމަތީ އުޅެމުންވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތެއް.”

އީސާ އޮންލައިން ޕޮއެޓްރީ (އީއޯޕީ) ކޯހުގެ ބައިވެރިންނަށް ދޭ ސެޓްފިކެޓްގެ ނަމޫނާއެއް – ފޮޓޯ: އީއޯޕީ

އޮންލައިންކޮށް މި ކޯސް ހިންގުމަށްޓަކައި ތަޖުރިބާކާރު ޓެކްނިކަލް ބޭފުޅެއްގެ އެހީއާއެކު މިހާރު އީސަ ދިރިއުޅެމުން އަންނަ ކޮޅުމަޑުލު ހިރިލަންދޫގައި ވަނީ ސްޓޫޑިއޯ ސެޓްއަޕް ކުލާސްރޫމެއް ހަދާފައެވެ. ސެޓަޕް ތައްޔާރުކޮށް ޓެކްނިކަލް މަސައްކަތް ކުރަނީ “އީ-ޓޯކް” ގައި ސީނިއާ ޓެކްނީޝަނެއްގެ ގޮތުގައި އުޅުއްވި ހަސަން އަޖުއާން އެވެ. އަޖުއާން އަކީ އައިޓީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވާފައި ފަރާތެކެވެ.

އީސާ އޮންލައިން ޕޮއެޓްރީ (އީއޯޕީ) ކުލާހުގެ އައިޓީ ޓެކްނީޝަން އަޖުއާން – ފޮޓޯ: އީއޯޕީ

ތ. ހިރިލަންދޫގައި ގާއިމުކޮށްފައި ހުންނަ އޮންލައިން ސެޓަޕް ކުލާސްރޫމް މެދުވެރިކޮށް އީސަ ޅެން ކޯހުގެ ފިލާވަޅުތައް ނަގައިދޭއިރު، މ. ދިއްގަރުން ކުލާހުގެ ބައިވެރިންނާ ގުޅެނީ ޢިއްޒާގެ ފިލާވަޅުތަކެވެ. ހަމަ އެހެންމެ ޒީން، ލަންކާގައި ހުރެ، ބައިވެރިންނަށް ފިލާވަޅުތައް ނަގައިދޭނެއެވެ. އެހެންކަމުން މިއީ ރާއްޖޭގެ އަތޮޅު ތެރޭގައި ހަދާފައިވާ މިފަދަ ސެޓަޕެއް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ތިބެގެންވެސް ކިޔެވޭގޮތަށް ގާއިމުކޮށްފައިވާ ފެންވަރު ރަނގަޅު ސެޓަޕެއްކަމަށް އީސަގެ ވާހަކަތަކުން އެނގެއެވެ.

ސެޓްފިކެޓްވެސް ދެވޭ މި ކޯހުގެ ފީއަކީ 1200 ރުފިޔާއެވެ. ކޯހުގެ އިތުރު މަޢުލޫމާތުތައް މި ވީޑިއޯ އިން ލިބިގެންދާނެއެވެ.

“އީސާ އޮންލައިން ޕޮއެޓްރީ (އީއޯޕީ)” ކުލާހުގެ އަދިވެސް ޖާގަ އެބެ އޮތެވެ. ޅެން ހަދަން ޝައުޤުވެރިވާ ފަރާތްތަކަށް މިއީ ރަނގަޅު ފުރުޞަތަކަށް ވާނެކަމަށް އީސަގެ ޓީމުން ފާހަގަކުރެއެވެ. ކޯހާ ބެހޭ އިތުރު މަޢުލޫމާތު 9922668 އިން ލިބޭނެ ކަމަށް އީސަ ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.