‏ފީފާ ވޯލްޑް ކަޕް 2022 އަދި އޭއެފްސީ އޭޝިއަން ކަޕް 2023 ގެ ކޮލިފައިންގައި ދިވެހިރާއްޖެ އަދި ގުއާމް ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ދިވެހިރާއްޖެ ކާމިޔާބުކޮށް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ 24 ވަނަ މިނެޓުގައި ރާއްޖެ އަށް ލިބުނު ކޯނަރެއް ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެން އަލިީ ސަމޫޙް (ސަމުއްޓެ) ވަނީ ރާއްޖެ އަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މެޗުގެ 29 ވަނަ މިނެޓުގައި ސަމުއްޓެ އަށް އަނިޔާވެގެން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ހައިޝަމް ވަނީ އަރުވާފައެވެ. ފުރަތަަމަ ހާފްގައި ގުއާމް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ނުރައްކާތެރި ހަމަލާއެއް ރާއްޖޭގެ ގޯލަށް އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ. ފުރަތަަމަ ހާފް ނިމެން އުޅެނިކޮށް މެޗުގެ 38 ވަނަ މިނެޓުގައި ހައިޝަމް އަރިމަތިން ނެގި ހުރަހެއް ގުއާމް ކުޅުންތެރިއެއް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަދެ ރާއްޖެއިން ލީޑު ފުޅާކުރިއެވެ. 

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވެ މެޗުގެ 50 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ އަރިމަތިން ނެގި ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން މަޓްކިން ވަނީ ގުއާމް އަށް އުންމީދު ގެނުވާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތު ތެރޭގައި އަލީ އަޝްފާގް (ދަނގަޑޭ) ވަނީ ގޯލެއް ޖަހާ ރާއްޖެ އަށް 3 ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މި ގޯލަކީ ގުއާމް ގެ ކީޕަރު ސާފުކޮށްލަން އުޅުމުގެތެރޭގައި ދަނގަޑޭ ގައިގައި ޖެހި ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޮސް ވަން ގޯލެކެވެ. 

ރާއްޖެ އަށް ކުރިއަށް އޮތީ27 މާރޗް 2020 ގައި ޗައިނާ އާ އެއްކޮށް އެގައުމުގައި ކުޅެންޖެހޭ މެޗާއި، 31 މާރޗް 2020 ގައި ސީރިއާ އާ އެއްކޮށް ރާއްޖޭގައި ކުޅެންޖެހޭ މެޗާއި އަދި 9 ޖޫން 2020 ގައި ފިލިޕީންސް އާ އެއްކޮށް އެގައުމުގައި ކުޅެންޖެހޭ މެޗެވެ. މި ތިން މެޗުން ރަނގަޅު ނަތީޖާތަކެއް ނެރެގެން އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އަދިވެސް ރާއްޖެއަށް އެބައޮތެވެ. 

މި މެޗުން ހޯދި މޮޅާއެކީ 5 މެޗުން ލިބުނު 6 ޕޮއިންޓާއެކު ގްރޫޕްގެ ހަތަރުވަނައިގައި ރާއްޖެ އޮތްއިރު، އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ގުއާމް އެވެ. 

ސައްތައިންސައްތަ ރެކޯޑާ އެކު ކުޅުނު 4 މެޗުން 12 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނައިގައި ސީރިއާ އޮތްއިރު، 4 މެޗުން 7 ޕޮއިންޓް ހޯދައިގެން ފައިދާ ގޯލުގެ ތަފާތުން ދެވަނައިގައި އޮތީ ޗައިނާއެވެ. އަދި 4 މެޗުން 7 ޕޮއިންޓް ހޯދައިގެން 3 ވަނައިގައި އޮތީ ފިލިޕީންސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.