“ސަޕްރައިޒް.”
އައިޝާގެ ލޯ މަތީގައި އަޅާފައިވާ އަތް ނައްޓައި ލަމުން ވާރިޝް ހީނލި އެވެ. އެ އާއި އެކު އައިޝާ މަޑުމަޑުން އޭނާގެ ދެލޯ ހުޅުވާލި އެވެ. ފެނުނު މަންޒަރުން އައިޝާގެ ދެލޯ ބޮޑު ވެގެން ދިޔަ އެވެ. ބިރުން ފަހަތަށް ޖެހެވުނެވެ.
“ނޫން… ނޫން… އަހަންނަށް ދެރަ ގޮތެއް ނުހަދާތި…. ވާރިޝް…. އަހަރެން ސަލާމަތް ކުރޭ…”
އައިޝާ ފަހަތް ބަލައިލި އިރު ވާރިޝްގެ ހިލަމެއް ވެސް ފެންނާކަށް ނެތެވެ. ކުރިމަތީ ގައި ވަޅި ހިފައިގެން ހުރީ އައިޝާގެ ކުރީގެ ލޯބިވެރިޔާ ޒާހިދެވެ. އަވަސް އަވަހަށް އައިޝާ ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ. އެހެންނަމަވެސް ޒާހިދު އެއަށް ވުރެ މާ ހުޝިޔާރެވެ. އައިޝާގެ އިސްތަށިގަނޑުގައި ހިފައި، އެނދާއި ދިމާއަށް ކޮށްޕާލި އެވެ. އޭރު އައިޝާގެ މުޅި ހަށިގަނޑު ބިރުން ތުރުތުރު އަޅަނީ އެވެ. ޒާހިދު ކޮޓަރީގެ ދޮރު ތަޅުލުމަށް ފަހު އައިޝާ އާއި ގާތްވެލި އެވެ.
“ކަލޭ މަށާ ވަކިވީ މީ ބޯ މީހެކޭ ކިޔާފަ… ނުބައި މީހެކޭ ކިޔާފަ… އާނ… މައްސަލަ އެއް ނެތޭ… މީ ނުބައި މީހާ… އެކަމު އަހަރެން ވެސް ކަލޭ ދެކެވީ ލޯބި…. ހަޤީޤީ ލޯބި….. އަހަރެންގެ ހިތުގައި ކަލެއަށް ދެވުނު މަތިވެރި ޤަދަރަށް ކަލޭ ޖެހީ ކޮޅުފައިން………. އަހަރެން ކަލޭ ހޯދާތާ ހާދަ ދުވަހެއް ވެއްޖޭ…. މިއަދު ކަލެއަށް މަގޭ ނުބައިކަން ދައްކާލާނަން…”
މިހެން ބުނުމާއި އެކު ޒާހިދު އައިޝާގެ ކަރުގައި ވަޅި ޖައްސާލި އެވެ. އޭރު ޒާހިދު ހުރީ އިންތިހާއަށް ރުޅި ގަދަވެފަ އެވެ.
“ޒާހިދު ނޫން… އަހަރެން މަރާ ނުލާތި… އާދޭސް ކޮށްފަ މިބުނީ… އަހަރެން…. އަހަރެން.. ދޫކޮށްލާ…”
އައިޝާގެ އަޑު ބެދޭ ގޮތްވި އެވެ. ޒާހިދު ބަލާކަށް ނެތި ތަންމިނަށް އަތް ދަމާލައި، އައިޝާގެ ކަރަށް ވަޅި ހަރާލަން ދިމާ ކޮށްލި އެވެ. އެވަގުތު އައިޝާ އޭނާގެ ދެލޯ ބާރަށް މަރާލަމުން “މަންމާ” އޭ ކިޔައި ރޯން ފެށި އެވެ. ކުއްލިއަކަށް އައިޝާއަށް އިވުނީ އެނދު މަތިން ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑެވެ. ފިސާރި ބިރުން ހުރެ އައިޝާ އޭނާގެ ދެލޯ ހުޅުވާލި އެވެ. ތަށިމުށިގަނޑުމަތީގައިި ލެއިން ތަތްތެޅިފައިވާ ޒާހިދުގެ ފުރާނަ ނެތް މަސްގަނޑު ފެނުމާއި އެކު އެނދުން ފުއްމައިގެން ތެދުވެ، އައިޝާ ކޮޓަރިން ނިކުންނަން ދުއްވައި ގަތެވެ. އޭރު އޭނާގެ ހިތް ހީވަނީ ހަށިގަނޑު ފަޅައިލާފައި ބޭރަށް ނިކުމެ ދާނެހެންނެވެ.
އައިޝާ ދުވަމުން ކަހަލަ ގޮތަކަށް ގެއަށް އައިސް ވަތް އިރު އޭނާގެ ނޭވާ އުފުރައިގެން ދަނީ އެވެ. އޭނާ ވަނީ ބިރުން ދާހިއްލައި ފޯވެފަ އެވެ. އޭރު އައިޝާގެ މަންމަ ފަތީނާ އާއި ބައްޕަ އާދިލު އައިޝާގެ އިންތިޒާރު ގައި ސިޓިންރޫމްގައި ތިބިވެ.
“މަންމާ… ބައްޕާ… އަހަރެން ސަލާމަތް ކޮށްދީ.”
ފަތީނާގެ ގައިގައި ބައްދާލުމާއި އެކު އައިޝާގެ ބަޑި ފަަޅައިގެން ހިނގައްޖެ އެވެ.
“ދަރިފުޅާ އައިޝާ…. ކީއްވެފަ ތިހުރީ…؟ ކަމަކާ ބިރުންތަ؟”
އައިޝާގެ މޫނަށް ބަލައިލަމުން ވަރަށް ހާސްވެފައި ހުރެ ފަތީނާ އެހި އެވެ. އައިޝާ ވަަރަށް ހިތްވަރު ކޮށްފައި މިރޭގައި ހިނގި ހުރިހާ ކަމެއް ކިޔައިދޭން ފެށި އެވެ. އެ ވާހަކަތައް އަހައިފައި ފަތީނާ ވަރަށް ބިރުގެންފި އެވެ. އާދިލަށް ހީވީ އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.
***
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އޭރު ވެސް އައިޝާ އޮތީ އެނދުމަތީ ގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލަ އެވެ. އޭނާގެ މޫނު މަތިން ނިދީގެ އެއްވެސް އަސަރެއް ފެންނަން ނެތްކަހަލައެވެ. ހިތުގައި ބިންވަޅު ނެގިފައި ވަނީ މިރޭ ދިމާވި ކަންތައް ގަނޑެވެ.
“ވާރިޝް އަކީ ކޮން ފަދަ ނުބައި ރައްޓެއްސެއް… އަހަންނަށް ސަޕްރައިޒެއް ދޭށޭ ކިޔާފަ ގެސްޓުހައުސް އަކަށް ގެން ގޮސް އަހަރެން މަރުގެ އެތި ފަހަރަކަށް ވައްޓާލީ….. އެކަމު ޒާހިދަށް އެވީ ކީއްބާ..؟ ޒާހިދު މަރާލީ ކާކުބާ؟..”
ކުއްލިއަކަށް އައިޝާ ސިއްސައިގެން ދިޔައީ އޭނާގެ ކަންފަތް ދޮށުގައި މީހަކު ވައި އަޑަކުން “ދަރިފުޅާ” އޭ ކިޔައި ގޮވައިލި އަޑަށެވެ.
“ކާކު؟؟؟ ކާކު؟؟؟” އައިޝާ އަށް ތެޅިގަނެވުނެވެ.
“ދަރިފުޅާ.”
އަނެއްކާ ވެސް އެ އަޑެއް އިވުނެވެ. އެކަމު މި ފަހަރު އެ އަޑު އައީ އައިޝާ އާއި ވަރަށް ދުރުންނެވެ. އައިޝާގެ ހިތުގައި ބިރުވެރި ކަމުގެ އިޙުސާސްތައް ކެކި އުތުރެން ފެށި އެވެ. މުޅި ރޭ ވެސް އައިޝާ ހޭދަކުރީ އެ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ.
***
އިރުގެ އަލިކަން ދުނިޔެއަށް ވެރިވެގަތުމާއި އެކު މާލެ ތެރެއަށް ގުގުމަމުން ދިޔަ ޚަބަރަކީ ދެ ޒުވާނަކު ރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލައިފައި އޮއްވައި ފެނުނު ވާހަކަ އެވެ.
“ދަރިފުޅާ…. ރޭގަ ވާރިޝް ވެސް މާލޭގެ ގޯޅި ގަނޑެއްގެ ތެރޭގައި މަރާލާފަ އޮއްވާ ފެނިއްޖެ.. ބައެއް މީހުން ކިޔާ އެއީ އިންސާނެއްގެ ކަމެއް ވެސް ނޫނޯ…. ވާރިޝްގެ މަސްގަނޑު އޮތީ ކާލާފަޔޯ..”
ފަތީނާ ދައްކަމުން ދިޔަ ވާހަކަތަކުން އައިޝާ ބިރުން ދެލޯ ފެންކަޅިވި އެވެ.
“ދަރިފުޅާ… ކަންބޮޑު ނުވޭ…
ދަރިފުޅަށް ރޭގަ ވީ ކަންތަކާއި މިކަމާ ގުޅުމެއް އޮންނާނެ… މަންމަ ތައްހާނުބެ ކައިރިއަށް ގޮސް މި ވެގެން އުޅޭ ގޮތެއް ބަލާނަަން..”
ފަތީނާ މިހެން ބުނުމާއި އެކު އާދިލުގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫންނެވެ.
“ހަނދާން ކުރާތި…. މިއީ ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ…. ހަމަ ކަމެއް ވާއިރަށް ޖެހޭތަ ފަންޑިތަ ހަދަން ދާން…. ގޮސްގެން ނުވާނެ..” އާދިލުު ވަރަށް ބާރަށް ދޮރު ލައްޕަމުން ކޮޓަރިއަށް ވަނެވެ.
ދަންވަރުގެ އަރާމު ނިދިން މަޙްރޫމު ވެ އައިޝާއަށް މިރޭ ވެސް ކުރިމަތި ލާން ޖެހިފައި ވަނީ އެ ބިރުވެރި ކަންތަކާ އެވެ.
“ދަރިފުޅާ.”
މިރޭ އެ އަޑު އައީ ސީދާ ކޮޓަރީގެ މައި ދޮރާއި ދިމާލުންނެވެ. އައިޝާ ވަރަށް ބިރުން ހުރެ ދޮރާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ. ކޮޓަރީގެ ދޮރު ހުޅުވުނީ އައިޝާ އެގޮތަށް ހުއްޓުން އަަރާފައި އިންދަ އެވެ.
“ކާކު؟… ތީ ކާކު؟… މިތަނަށް ނުވަދޭ… ހެޔޮނުވާނެ… މިތަނުން ދޭ…” އައިޝާއަށް ރޮއެގަނެވުނެވެ. އެއާއިއެކު ކޮޓަރީގެ ދޮރު މަޑުމަޑުން ލެއްޕިއްޖެ އެވެ.
***
އާދުވަހަކަށް އިރު މަރުޙަބާ ކިޔުމާއި އެކު ފަތީނާގެ ގާތަށް ގޮސް އައިޝާ އަށް މިހާރަކަށް އައިސް ދަންވަރުގައި ކުރިމަތިލާން ޖެހޭ ގޮތް ނޭނގޭ ބިރުވެރި ކަންތަކުގެ ވާހަކަ ކިޔައިދީފި އެވެ. ފަތީނާ ބޭނުން ވީ އާދިލަށް ސިއްރުން ނަމަވެސް ތައްހާނުބެ ކައިރިއަށް ދާށެވެ. މި ވާހަކަތައް އޭނައަށް ހިއްސާ ކުރާށެވެ. އެހެން ނަމަވެސް ކަން ދިމާކުރި ގޮތުން ތައްހާނުބެ އޭރު ހުރީ ހަފުތާ އަކަށް މާލެއިން ބޭރުގައި ކަމުން އޭނާ އައުމުން އެ ވާހަކަތައް ދައްކަން ފަތީނާ މަޑުކުރި އެވެ.
ދުވަސްތައް މިގޮތަށް ފާއިތުވަމުން ދިޔަ އެވެ. އައިޝާއަށް ކުއްލިއަކަަށް ހޭލެވުނީ މީހަކު އޭނާގެ މޭގައި ބޯ އަޅައިލައިގެން އޮވެ ރޯ އަޑަށެވެ. އައިޝާ ބިރުން ފިތްކަނޑައިގެން ނު ދިޔައީ ހަމަ ކިރިޔާ އެވެ. އޭރު އެ އަންހެން މީހާ އައިޝާއަށް ބަލަހައްޓައިގެން އޮތެވެ. އެމީހާގެ ފައި ބިމަކު ނުޖެހެެ އެވެ. ހަށިގަނޑުގައި އެތަކެއް ޒަޚަމު ތަކެއް ފެންނަން ހުއްޓެވެ.
“ދަރިފުޅާ… ބިރު ނުގަނޭ… މިއީ ދަރިފުޅުގެ މަންމަ އޭ… މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ..” އެ އަންހެންމީހާ ވާހަކަ ދައްކަން ފެށިއެވެ.
އައިޝާ އިތުރަށް ބިރުގަންނަ ގޮތް ވިއެވެ.
“ކީކޭ؟؟ މަންމައޭ؟؟ އެ ކިހިނެތް؟؟ ” އައިޝާ ވަރަށް އުނދަގުލުން އެހި އެވެ.
“އާނ ދަރިފުޅާ… މިއީ ދަރިފުޅުގެ މަންމަ ރަޝީދާ… މަންމަގެ އެއްވެސް ކުށެއް ނެތި ދަރިފުޅުގެ ބައްޕަ، މަންމަ މަރާލީ… ދަރިފުޅު ބައްޕަ ގާތު އަހާ ބަލަ މަންމަ މަރާލީ ކީއްވެ ތޯ؟؟..”
އެހެން ބުނުމާއި އެކު އެ އަންހެން މީހާ ގެއްލިއްޖެ އެވެ.
އައިޝާ ގަޑި ބަލައިލި އިރު ގަޑިން ދަންވަރު 3:30 ވަނީ އެވެ. އެހެން ނަމަވެސް އޭނާ ބޭނުން ވީ މިހާރުން މިހާރަށް އެ ވާހަކަ އޭނާގެ ބައްޕަ ގާތުގައި ދައްކާށެވެ. އައިޝާ އެނދުން ތެދުވެގެން ގޮސް އޭނާގެ ބައްޕަމެންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަން ފެށި އެވެ.
“ދަރިފުޅާ…. މިއޮތް ދަންވަރު؟؟ ކިހިނެއްތަ ވީ؟؟” އާދިލު ކޮޓަރީގެ ދޮރު ހުޅުވާލި އެވެ.
“ކަލޭ ތީ އަނިޔާވެރި އެއް… މަކަރުވެރި އެއް… ކަލޭ މަގޭ މަންމަ މަރާލީ… ކީއްވެ މަރާލީ؟؟.. ބުނޭ…. ކީއްވެ މަރާލީ؟..” އައިޝާ އަށް އަޑުގެ ނެތް ތަނަށް ރޯން ފެށުނެވެ.
“ކީކޭ؟ މަރާލީއޭ؟” ވާނުވާ ނޭނގިފައި ވާ ފަތީނާއަށް އަހައިލެވުނެވެ. އޭރު އާދިލަށް ހަމަ ރަނގަޅަށް ވެސް ރޮވޭ ގޮތް ވެއްޖެ އެވެ.
“އާނ… އަހަރެން އައިޝާގެ މަންމަ މަރާލީ….. އަހަރެން މިއަދު ހުރިހާ ވާހަކަ ތަކެއް ކިޔައި ދޭން ބޭނުން… ފަތީނާއަށް ދަރިން ނުލިބޭތީ އަހަރެން އެހެން އަންހެނަކާއި އެކު ގުޅުން ބޭއްވިން…. އޭނައަށް ކިޔަނީ ރަޝީދާ… އަހަރެން ރަޝީދާ އާއި ކައިވެންޏެއް ނުކުރަން…. އެކަމު އަހަރެމެން އެއްކޮށް އުޅެމުން ދަނިކޮށް ރަޝީދާ، އައިޝާއަށް ބަލިވެ އިނީ… އޭގެ ފަހުން ތަކުރާރު ކޮށް ރަޝީދާ އެދެމުން ދިޔައީ އޭނަޔާ ކައިވެނި ކުރުމަށް… އެކަމު އަހަރެން އެކަމާއި ދެކޮޅު ހެދިން…. އައިޝާ ލިބުމުން އަހަރެން ބޭނުންވީ ރަޝީދާ މަރާލަން… އެއީ ރަޝީދާގެ ސަބަބުން އަހަރެންގެ ދިރިއުޅުން ހަލާކު ވެދާނެތީ… އެގޮތުގެ މަތިން އަހަރެން އޭނާ މަރާލިން… އަދި އައިޝާ އަހަރެންގެ ކައިރިއަށް ގެނައިން… އޭގެ ފަހުން އަހަންނަށް ތަޖުރިބާ ކުރަން ޖެހުނީ ބިރުވެރި ކަންތައް ގަނޑަކާ… އަހަންނަށް ރަޝީދާގެ އުނދަގޫ ވާން ފެށި… އަހަރެން އެ ވާހަކަތައް ފަންޑިތަ ހަދާ މީހަކަށް ކިޔައި ދިނުމުން ރަޝީދާގެ ރޫޙު ރަޝީދާ މަރާލި ކޮޓަރި ތެރޭގައި ވާ ކަމަށް ބުނި… އަދި އޭނާ ފަންޑިތަ ހަދާ ރަޝީދާގެ ރޫޙު ނިންދަވާލި…. އޭގެފަހުން އަހަންނަށް އޭނާގެ އުނދަގުލެއް ނުޖެހުނު… އެހެންނަމަވެސް މިހާރު އަހަންނަށް އަނެއްކާ ވެސް އޭނާގެ އުނދަގޫވާން ފަށައިފި….
އަހަންނާއި ރަޝީދާގެ ލޯބީގެ ހުރިހާ ކަމެއް ހިނގީ “ފަޖުރު” ނަމަކަށް ކިޔާ ގެސްޓު ހައުސް އެއްގެ 99 ވަނަ ނަންބަރު ކޮޓަރި ތެރޭގައި… އަހަރެން އޭނާ މަރާލީ ވެސް ހަމަ އެ ކޮޓަރީގައި… ދަރިފުޅާ އައިޝާ…… އޭގެ ވިހި އަހަރު ފަހުން ދަރިފުޅަށް ވެސް ތި ވަދެވުނީ ހަމަ “ފަޖުރު” ގެސްޓު ހައުސްގެ 99 ވަނަ ނަންބަރު ކޮޓަރިއަށް… ދަރިފުޅުގެ މަންމަގެ ނިދާ ފައިވާ ރޫޙު ދަރިފުޅަށް ތިވަނީ ހޭލައްވާ ލެވިފަ……….. ފަތީނާ….. ދަރިފުޅާ….. އަހަންނަށް މަޢާފު ކުރޭ…. އަހަންނަށް ހަޤީޤަތް އޮޅުވާ ލެވުނީ….. އަހަރެން މީގެ ހައްޤު އަދަބު ލިބެން ބޭނުން…”
އާދިލުގެ ވާހަކަ މިހާ ހިސާބަށް ދިޔަ އިރަށް މުޅި ގެއިން ކަރަންޓުގެ އަލިކަން ހިނގައްޖެ އެވެ. އެއާއި އެކު ބާރު އަޑު ފައްގަނޑަކާއި އެކު އާދިލުުގެ ހަޅޭކުގެ އަޑު އިވުނެވެ. ފަތީނާ ނިކަން ބިރުން ހުރެ އައިޝާގެ ގައިގައި ބައްދާލަމުން ރޯން ފެށި އެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ކޮޓަރިއަށް އަލި ވެގެން ދިޔަ އެވެ.
ފަތީނާ އާއި އައިޝާއަށް އެއްކޮށް ކަހަލަ ގޮތަކަށް ހަޅޭލަވައި ގަނެވުނެވެ. އޭރު ކޮޓަރި ތެރެއަށް ވަނީ ލޭގެ ކޯރެއް ހެދިފަ އެވެ. އާދިލުގެ ގައިގެ އެކި ތަންތަނަށް ވަޅި ޖަހައި ވަނީ މަރައިލާފަ އެވެ. ކުއްލިއަކަށް ކޮޓަރި ތެރެއަށް ދުންގަނޑެއް އަރައިގެން ދިޔަ އެވެ.
“މަންމާ.”
ދުންގަނޑުގެ ތެރެއިން ރަޝީދާ ފައުޅުވުމާއި އެކު އައިޝާ އަށް ބޭއިޚުތިޔާރު ގައި ކޮޅަށް ތެދުވެވުނެވެ. ރަޝީދާ ހިނިތުންވުމަކާއި އެކު އައިޝާ އާއި ދިމާއަށް އަތް ދިއްކޮށްލި އެވެ.
“މަންމާ.”
އައިޝާ އަނެއްކާ ވެސް އޭނާގެ މަންމައަށް ގޮވައިލަމުން ރަޝީދާ އާއި ކައިރި ވެލިއެވެ. އައިޝާގެ ހިތުގައި ވާ ބިރުވެރިކަން މިހާރު މަޑުމަޑުން ނެތެމުން ދާ ކަހަލަ އެވެ.
“ދަރިފުޅާ… މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ… ވަރަށް ވަރަށް ލޯބިވޭ……… ނުބައި ރޭވުމެއްގެ ތެރެއިން މީހަކު ދަރިފުޅު މަރާލަން އުޅެނިކޮށް މަންމައަށް ގޮވީމެއްނު… އެވަގުތު މަންމަ ދަރިފުޅަށް އެހީވިން.. ދަރިފުޅު ސަލާމަތްކޮށް ދިނިން… މަންމަ ޤަބޫލު ކުރާ ގޮތުގައި ކުށްވެރިންނަށް އޭގެ ހައްޤު އަދަބު ލިބެން ޖެހޭނެ…. އެގޮތުގެ މަތިން މަންމަ ވާރިޝް ވެސް…. ޒާހިދު ވެސް… އަދި ބައްޕަ ވެސް މަރާލީ… ފުލުހުން މި މަރުތައް ތަޙުޤީޤު ކުރިޔަސް، މީގެ ހަޤީޤަތް އެ މީހުންނަކަށް ދެނެއެއް ނުގަނެވޭނެ… މަންމައަށް މި ކުރެވުނީ ކުށެއް ނަމަ ދަރިފުޅު މަންމައަށް މަޢާފު ކުރޭ.”
އައިޝާގެ މޫނުގައި ފިރުމައިލަމުން ރަޝީދާ ފަހަތަށް ޖެހެލި އެވެ. އެ އާއި އެކު ކޮޓަރި ތެރެއަށް ވެރިވެފައިވާ ދުންތަކާއި އެކު ރަޝީދާ ގެއްލިއްޖެ އެވެ. އައިޝާ ބާރު ބާރަށް ރޮމުން ކޮޓަރީގެ ތަށިމުށިގަނޑު މައްޗަށް ޖެހިގަތެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު ފަތީނާ ގޮސް އައިޝާގެ ގާތުގައި އިށީނަމުން، ފަތީނާގެ ގައިގާ އައިޝާ ލައްކޮށްލި އެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
- ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޯގަސްޓް 2023ހާދިސާހާހޫރަ – ކުރު ވާހަކަ
- 2 ސެޕްޓެމްބަރ 2020ޚަބަރުފުޓުބޯޅަ ދަނޑުގައި ވިލްފުގެ ހުނަރުވެރިކަން ފެނި އަންތަރީސްވެއްޖެ!
- 31 ޖުލައި 2020ޚަބަރުޖައިލަމްގެ ފިޓް ބޮޑީ، “ކުލަ ފިހިން” – ޗާލު ދޯ!
- 8 ޖުލައި 2020ޚަބަރުކުރީގެ ފިލްމީ ތަރި، ލިލިއަންގެ ދަރި ޖައިލަމް މިހުރީ! ވަރަށް ފިޓް!