ހާމިދު ޢަލީގެ ކާމިޔާބު ފިލްމު “އުދަބާނި” އަށްފަހު “އުދަބާނި 2” އުފެއްދުމުގެ މަސައްކަތްތައް ފަށާފައިވާއިރު، ފިލްމުގެ ޓީމުގެ ފަރާތުން ޔޫސުފު ޝަފީޢު (ޔޫއްޕެ) އާއި ޢަލީ އާޒިމް (ދޮން އައްޔަ) އަށް ސަޕްރައިޒް ޕާޓީއެއް ދީފިއެވެ.
މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް އާއި ހާމިދު ޢަލީ އިންތިޒާމު ކުރި މި ޕާޓީއަށް “އުދަބާނި 2” ގެ ޓީމުގެ އިތުރުން މަޝްހޫރު ފިލްމީތަރި ނިޢުމާ މުހަންމަދާއި ލަވަކިޔުންތެރިޔާ ޒޫނާ އާއި މިޔުޒީޝަން ހުސައިން ސޮބާހު އަށް ވެސް ދައުވަތު ދީފައިވެއެވެ.
މި ސަޕްރައިޒް ޕާޓީ އަކީ ނިމިދިޔަ ފިލްމު އެވޯޑުން ޔޫއްޕެއާއި ދޮން އައްޔަ ހޯދާފައިވާ ފުރިހަމަ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޕާޓީއެކެވެ.
ވަރަށް ފުރިހަމަ އަށް ތައްޔާރު ކުރެވިފައިވާ މި ކުޑަކުޑަ ޕާޓީގައި ދެ ކޭކް ތައްޔާރު ކޮށްފައި ހުއްޓެވެ. ދޮން އައްޔަ އާއި ޔޫއްޕެގެ ނަން ޖަހައި ދެ ކޭކް ފެޅުމާއެކު ފެށުނު ޕާޓީ ނިންމާލާފައި ވަނީ ރަހަމީރު ކެއުމަކުން ނެވެ. ކުލަ ބޮކިތަކުން ޒީނަތްތެރިކޮށް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ފާރުގައި “ކޮންގްރެޓްސް ޔޫއްޕެ އެންޑް ދޮން އައްޔަ – އުދަބާނި 2” މިހެން ލިޔެފައި ހުއްޓެވެ.
ތަނުގެ ހަމަ ހިމޭން ކަން ފަޅުފިލުވައި ދީފައި ވަނީ އުދަބާނި އެކެއްގެ ހިތްގައިމު ރީތި ލަވަތަކުން ނެވެ.
“އިރާދަ ކުރެއްވިޔާ ޖެނުއަރީ 25 ގައި އުދަބާނި ދޭއްގެ ޝޫޓިން ފެށޭނެ… މި ފިލްމު ޝޫޓް ކުރަން ހަމަޖެހިފައި ވާނީ ފެންފުށީގަ، ފެންފުށްޓަކީ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑު ރަށެއް، އެކުވެރި ބައެއް އުޅޭ ރަށެއް. އެގޮތުން މިރަށް ހަމަ ޖެއްސީ އިތުރު ގޮތްގޮތުން ވެސް ބަލާފައި… ދެން ފިލްމުގެ ހާއްސަ ރަސްމީ ލޯންޗިން އިވެންޓެއް އަދި ބާއްވާނަން ރަނގަޅު ދުވަހެއް ބަލާފަ… ކާސްޓުން މިހާރުވަނީ ހަމަ ޖެހިފަ، ނަމަވެސް އަންހެން ކުއްޖަކު އަދި މުޅިއަކުން ހަމައެއް ނުޖެހޭ”. ޕާޓީގައި ފިލްމުގެ ތައާރަފެއް ދެމުން ހާމިދު ބުންޏެވެ.
“ޔޫއްޕެ އާއި ހާމިދު އަކީ ވެސް ވަރުގަދަ ދެ ޑައިރެކްޓަރުން. އޭގެ އިތުރުން އަޅުގަނޑު ޑައިރެކްޓު ކުރާ މި ފިލްމު އެމީހުންގެ އެޑްވައިސް އާއި އެކު މިފަހަރު ވަރަށް ވަރުގަދަވާނެ، ދިވެހި ފިލްމުތަކުން ނުފެންނަ ފަދަ މަންޒަރުތައް އުދަބާނި ދެއަކުން ފެންނާނެ. އަނެއްހެން ބުނާނަމަ އިންގިލާބެއް ފެންނާނެ ވަރު ފިލްމަކަށް މި ފިލްމުވާނެ” މުނިއަވަސް އާއި ވާހަކަ ދައްކަމުން އަމްޖަދު ބުންޏެވެ.
މުނިއަވަސް އަށް އެނގިފައިވާގޮތުން ފިލްމު “އުދަބާނި 2” ގައި ފެނިގެންދާނީ ޔޫއްޕެ، ހާމިދު، ހަސަން މަނިކް (ރޯނު)، މަރިޔަމް ހަލީމް، އަލީ ފަރޫޤް، މަރިޔަމް ޝަކީލާ، އާނަންދު ގެ އިތުރުން ކުރިއަރަމުން އަންނަ ގުލިސްތާން އެވެ.
‘އެއް ގާގަނޑުން ޖަހައި ދެ ދޫނި މަރައިލުމަށް’ ކުޅަދާނަ ހާމިދުގެ ގޭގައި ރޭ ޔޫއްޕެ އާއި ދޮން އައްޔަ އަށް ދިން ސަޕްރައިޒް ޕާޓީ ވެގެންދިޔައީ ވެސް އެއްދޮނުގައި ދެބުޅި ޖަހައިލުމަކަށެވެ. ޔޫއްޕެ އާއި ދޮން އައްޔައަށް ސަޕްރައިޒް ޕާޓީއެއް ދިނުމާއެކު ފިލްމު “އުދަބާނި 2” ގެ މަޢުލޫމާތު ވެސް ފުރަތަމަ ފަހަރަށް އާއްމުވެގެން ދިޔައީ އެ ޕާޓީ ތެރެއިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 26 މެއި 2020ރިޕޯޓްއުފާވެރިކަމުގެ ހިމަފޮދު ވާރެއިން ފެންވަރާލާށެވެ.
- 23 ނޮވެމްބަރ 2019ޚަބަރުލ. ގަމު އަންހެނުންގެ ކޮމެޓީގެ ފަރާތުން ސައިކަލުބުރެއް ބާއްވަނީ
- 21 ނޮވެމްބަރ 2019ޚަބަރު“އުދަބާނި 2” ގެ ފަރާތުން ޔޫއްޕެ އާއި ދޮން އައްޔަ އަށް ސަޕްރައިޒެއް
- 25 ސެޕްޓެމްބަރ 2019ޚަބަރު“ކާކު” ބަލައިލަން ދާވަރު… ވަރަށް ބިރުވެރި!