ސާމިހާގެ ހިތް އުފަލުން ފޮޅުނެވެ. އުފަލުން ގޮސް ހިތަށް ވެރިވެގެން ދިޔަ އިހްސާސްތައް ބުނެދޭންވެސް ނޭގެއެވެ. ސާމިހާ ވެސް ބޭނުންވަނީ އެންމެ އަވަހަކަށް ފާރިޝް އާއި ކައިވެނިކުރާށެވެ. އަދި ސާހިލްގެ ހަނދާންތައް އެއްކޮށް ފޮހެލާށެވެ. ސާހިލްގެ ޚަބަރެއް ނުވެ މި ވީހައި ދުވަހު، ޚުދު ސާމިހާ ވެސް ސާހިލް ކޮބައިތޯ ބަލާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ސީކް ފެންނަ ކޮންމެ ފަހަރަކު ސާހިލްގެ ހަނދާންތައް ސާމިހާގެ ހިތުގައި ކުރަހާފައިވާ ތަސްވީރުތަކެއް ހެން އާލާވެއެވެ. އެ ލޯބި ދަރިފުޅު ސާމިހާގެ އަތުން ގެންގޮސްފާނެ ކަމުގެ ބިރު އަބަދުވެސް ސާމިހާގެ ހިތުގައި އޮވެއެވެ. މިހާ ދުވަަސް ވެގެން ދިޔައިރުވެސް ސާހިލްގެ ޚަބަރެއް ނުވެ އޮތުމަކީ، އެ ދަރިފުޅުގެ މަތިން ސާހިލް ހަނދާން ނުކުރާކަމުގެ ނިޝާނެއް ކަމުގައި ސާމިހާ އައީ ދެކެމުންނެވެ. ބައެއް ފަހަރު ސާމިހާ ހިތާއި ހިތުން އެކަމާއިމެދު ސާހިލްއާ ޝަކުވާކުރެއެވެ. ސާހިލްގެ ލޭ ހިނގާ ދަރިއެއް ސާމިހާ ކައިރީގައި ހުރިކަން ސާހިލް ހަނދާންނެތުނީ ބާވައެވެ. ބަފައެއްގެ ހިތުގައި ދަރިންނަށް އޮންނަ ލޯބިވެސް ސާހިލްގެ ހިތުގައި ނެތީބާވައޭ ހިތާހިތާ ސުވާލު ކޮށްލެވެއެވެ. ނަމަވެސް މިއަދު ސާމިހާ ބޭނުންވަނީ ސާހިލްގެ ހިޔަނިވެސް ސާމިހާއާއި އެ ކުޑަ ދަރިފުޅުގެ މައްޗައް ނޭޅުމެވެ. ސާހިލް އެނބުރި އަތުވެއްޖެނަމަ އިތުރު ތަކުލީފުތަކަކާއި އެ ދެމައިންނާ ކުރިމަތިލާން ޖެހުމަކީ ދުރުގައިވާ ކަމެއްނޫނެވެ. އެކަން އެގޮތަށް ނުވުމަށް އެދި ސާމިހާ ދިޔައީ އަބަދުވެސް ދުއާ ކުރަމުންނެވެ.

މާގިނަ ދުވަހު ސާމިހާގެ އިންތިޒާރުގައި ފާރިޝް ބަހައްޓާކަށް ސާމިހާ ބޭނުމެއް ނުވިއެވެ. ސާމިހާގެ ޖަވާބު ވަރަށް ސާފެވެ. ފާރިޝް ބުނާ ދުވަހެއްގައި ކައިވެނިކުރަން ތައްޔާރުވެގެން ހުރި ކަމުގައި ސާމިހާ ބުންޏެވެ. އަދި އެ ހުރިހާ ވާހަކައެއް ސާމިހާގެ މަންމައާއި ހިއްސާކުރިއެވެ.

މަންމަގެ ރުހުމާއިއެކު ސާމިހާ ކައިވެންޏަށް ތައްޔާރުވާން ފެށިއެވެ. ފާރިޝް ބޭނުންވީ ސާމިހާގެ ރަށުގައި ކައިވެނި ކުރާށެވެ. މާބޮޑު ހަފްލާއެއް ނުބާއްވާ ކުޑަ ގޮތަކަށް ކައިވެނީގެ ކަންތައް ނިންމާލާށެވެ. ސާމިހާގެވެސް އަލަތު ކައިވެންޏަށް ނުވާތީ ސާމިހާ ވެސް ބޭނުންވަނީ ކުޑަގޮތަކަށް ކައިވެނީގެ ކަންތައް ނިންމާލާށެވެ.

މާގިނަ ދުވަހެއް ނުވެ ސާމިހާއާއި ފާރިޝްގެ ކައިވެނި ކުރެވުނެވެ. ފާރިޝް އައީ ދިހަ ދުވަހުގެ ޗުއްޓީއެއް ނަގައިގެންނެވެ. ވަޒީފާ ހުރިގޮތުން ގިނަ ދުވަހަށް އާދެވެން ނެތީއެވެ. ސީކް އަށް ބައްޕައެއްގެ ލޯބި ލިބޭނެ ކަމުގެ ފޮނި އުންމީދުގައި ސާމިހާ ފާރިޝް އާއި ކައިވެނިކުރީ ފާރިޝް އަށް ވަރަށް ބޮޑު އިތުބާރަކާއި ޔަގީން ކަމެއް ދީގެންނެވެ. ސާހިލް ދިޔަ ފަހުން ސާމިހާގެ އެކަނިވެރި ހަޔާތާއި މެދު އަބަދުވެސް ވިސްނަމުންއައި ސާމިހާގެ މަންމައަށް ވެސް ހިތްހަމަޖެހުމުގެ އިހްސާސްތައް ކުރެވެންފެށިއެވެ. ނަމަވެސް ކޮންމެވެސް ކަހަލަ ނުތަނަވަސް ކަމެއް އެ މަންމަގެ ހިތުތެރޭގައި ހުންނަހެން ހީވެއެވެ. ފާރިޝް އަކީ ކާކުކަން އެހައި ރަނގަޅަށް އެ މަންމަ އަށް ނޭނގޭތީ ކަމުގައިވެސް ވެދާނެއެވެ.

ސާމިހާއާއި ފާރިޝްގެ އުފާވެެރި ދުވަސްތައް ގުނަމުންދެއެވެ. ސާމިހާ ހުންނަނީ ވަރަށް އުފަލުންނެވެ. ދުވަސްތަކަކަށްފަހު ފިރިއެއްގެ ހަގީގީ ލޯބި ލިބެން ފެށުމުންނެވެ. އަދި ސީކް އަށްވެސް ބައްޕައެއްގެ ލޯބީގެ އިހްސާސްތައް ކުރެވެމުން ދިޔައެވެ. ނަމަވެސް އެ ކުޑަ ދުވަސްކޮޅު ނިމިގެން ދިޔައީ ވަރަށް އަވަހަށެވެ.

ފާރިޝްގެ ޗުއްޓީ ހަމަވެ ފުރަން ޖެހުނެވެ. ސާމިހާ ގުނަމުންއައި އުފާވެެރި ވަގުތުކޮޅު ނިމުނީއެވެ. ދެން އަނެއްކާވެސް ފާރިޝް އަށް އާދެވޭނީ މަސް ތަކެއް ފަހުންނެވެ. ސާމިހާގެ ޝަކުވާތައް ހިތުތެރޭގައި ފޮރުވިއެވެ. ފާރިޝްގެ ކުރިމަތީގައި ސާމިހާ ދެރަވެފައި ހުންނާކަށް ބޭނުމެއް ނޫނެވެ. އެހެން ނޫނަސް ފާރިޝްގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ސާމިހާއެވެ. އެހެން ކަމުން ފާރިޝް ފުރައިގެން ދާން ޖެހުމަކީ އެކަމާމެދު ސާމިހާއަށް ޝަކުވާކުރެވޭނެ ޖާގައެއް އޮތް ކަމެއްނޫނެވެ.

ފާރިޝް ފުރައިގެން ދިޔައެވެ. އަވަހަށް އަންނާނެ ކަމުގައި ބުނެފައެވެ. ސާމިހާ ހުރީ ދެރަވެފައެވެ. ދުވަސް ކޮޅަކަށް ނަމަވެސް ފާރިޝް ދުރަށް ދާތީއެވެ. އަބަދުވެސް ކައިރީގައި ބަހައްޓަން ބޭނުމެވެ. ނަމަވެސް އެނޫން ގޮތެއް ނެތެވެ. ފާރިޝް ވަޒީފާ އަދާކުރަނީ މާލޭގައެވެ. ޒިންމާދާރު ވަޒީފާއެކެވެ. ދުވަސްތައް ދިޔަލެއް އަވަސް ކަމުން ފާރިޝް ވެސް ހުރީ ފުރަންޖެހިގެން ދެރަވެފައެވެ. ވީ އެންމެ އަވަހަކަށް އެނބުރި އަންނާނެ ކަމުގެ ފޮނި އުންމީދުގައި ފާރިޝް ފުރިއެވެ.

ކޮންމެ ދުވަހަކީ ވެސް ސާމިހާ ފާރިޝްއަށް ގުޅާ ހާލު ބަލާ ދުވަހެކެވެ. ދުރުގައި ތިބެން ޖެހުނަކަސް ހާލު އަހުވާލު ބަލާ ވާހަކަދެކެވެއެވެ. ނަމަވެސް ސާމިހާގެ އެކަނިވެރި ދިރިއުޅުން ފަޅުފިލުވައިދިނުމަށް ސާމިހާ ކައިރީގައި އަބަދުވެސް ފާރިޝް ބަހައްޓަން ބޭނުންވެއެވެ.

ފޯނު ކޯލުގައި އެތައް ވަގުތެއް ހޭދަކުރުމަށްފަހު ބާއްޖަވެރި ރޭގަނޑަކަށް އެދެމުން ފާރިޝް ފޯންބޭއްވިއެވެ. ހެނދުނު އޮފީހަށް ދިއުމަށް އަވަހާ ހޭލުމަށެވެ. ސާމިހާވެސް ނިދަން އޮށޯތެވެ.

ޜޭގަނޑުގެ ހަމަ ހިމޭން ކަމުގައި މުޅިރަށް އޮތީ ނިދާފައެވެ. ދޫނި ސޫފާސޫފީގެ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނީވެއެވެ. ދުވާލުގެ ވަރުބަލިކަމަށް ފަހު އެންމެން އަރާމުކުރަނީއެވެ. ކުއްލިއަކަށް ސާމިހާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ދެލޯ ފޮހެލާފައި ކޮޓަރީގައި ހުރި ގަޑި ބަލައިލިއެވެ. މެންދަމުން އަލިވެ ދޭއް ޖެހީއެވެ. މިގަޑީގައި މި ގުޅަނީ ކާކުބާވައޭ ހިތައްއެރިއެވެ. ސާމިހާގެ ހިތަށް ބިރުވެރިކަންވަނެވެ. ފާރިޝް އޮންނާނީ ނިދާފައި ކަން ސާމިހާއަށް ޔަގީނެވެ. އެހެން ނޫނަސް ދުވަހަކުވެސް މިހައި ދަން ގަޑިއެއްގައި ފާރިޝް ނުގުޅައެވެ. މިކަހަލަ ޚިޔާލުތަކެއްގައި ހުރެ އެނދުން ތެދުވިއެވެ. މަޑުމަޑުން ގޮސް ޑްރެސިންގ ޓޭބަލް މަތީގައި އޮތް ފޯނު ބަލައިލިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. މިހައި ދަންވަރުގަޑީގައި އެ ގުޅަނީ ކާކުބާވައެވެ. ބިރުން ބިރުން ހުރެ ސާމިހާ ފޯނުނެގިއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޔޫސުފް ބިން މޫސާ
ދީނީ އަދި އިޖުތިމާޢީ ރޮނގުން ގަލަން ހިނގައިލުމުގެ އިތުރުން ވާހަކަ ލިޔުމަކީވެސް ޔޫސުފުގެ ހުނަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް