ލ. ކައްދޫ އިސްކަންދަރު ވައިގެބަނދަރަށް އައިސް ތިރިކޮށްލީ ހައްދުންމަތިން އައި ރޯޅިވައެކެވެ. އާދެ ރޯޅިވައެއް ހައި ހަލުވި ދުވެލީގައި އައިސް ޖެއްސީ މަތިންދާބޯޓެކެވެ. ވައިގެބަނދަރަށް މަތިންދާބޯޓް ޖެއްސުމާއި އެކު ‘ލާމު ޓުއާރ ގައިޑުން’ ތިބީ މެހެމާނުންނަށް އުފަލުން މަރުހަބާ ކިޔުމަށެވެ. ލާމު އަތޮޅުގެ ހިތްގައިމު މާހައުލުން ހިތް ފަސޭހަ ޗުއްޓީ ދަތުރެއްގެ އުފާވެރިކަން ހޯދައިދިނުމަށެވެ. ތަފާތު މާހައުލެއް ތަޖުރިބާކޮށްދިނުމުގައި ހިނިތުންވުމާއެކު އެހީތެރިވެދިނުމަށް ތައްޔާރަށެވެ.
މެހެމާނުންނަށް މަރުހަބާކިޔަމުން ހައްދުންމަތީގެ ސިނާޢީ ރަށްތަކާއި ވެރިކަންކުރާ ފޮނަދޫ ގުޅިލާމެހިފައިވާ ސަރާސަރު ދިގުމަގުން ހަތަރު ފުރޮޅުލީ ވެހިކަލެއް ނުވަތަ ސައިކަލްގައި ދުއްވާފައި ގޮސް، ހިތްގައިމު ގެސްޓުހައުސް އަކަށް ދިހަވަރަކަށް މިނެޓުން ވާޞިލްވެވޭނެއެވެ. ޒަމާނީ ފެންވަރަށް ތާރު އަޅާފައިވާ ހަލިމަގުން ދަތުރުކޮށް ފޮނަދޫގެ އެންމެ ދެކުނު ކޮޅުން ފެށިގެން ލ. ގަމުގެ ތުނޑިއާހަމައަށް މި ދެންނެވި ގޮތަށް ދަތުރުކޮށްލެވޭނެއެވެ.
ހަލިމަގުން ދަރުކުރަމުން ދާއިރު، ރަށްތަށް ގުޅައިލެވިފައިވާ ދެ ދާލަން ހުރަސްކޮށްލާ ވަގުތަކީ ކަނޑުން ޖެހެމުން އަންނަ ހިންގައިމު ރޯޅިތަކުން ހިތްތަކަށް ފިނިކަމެއް ގެނެސްދޭނެ ވަގުތުކޮޅެކެވެ. މި ‘ރައިޑް’ ފެށުމާއިއެކުވެސް ހިނދުކޮޅެއް ތެރޭގައި ލާމަށް ތިޔަ ކުރެއްވި ދަތުރުގެ ހިތްހަމަޖެހުމާއި އުފާވެރިކަން އިހްސާސްވާން ފަށާނެއެވެ.
މަތިންދާބޯޓު ކައްދުއަށް ޖައްސަން ކައްދޫގެ ދެކުނުން އައިއިރު ކައްދޫ-މާންދޫ ގުޅޭހިސާބުން ފެންނަން އޮތް ގުޅިފައިވާ ދޮންވެލިމަލަ ހަމަލޮލަށް ފެނުމުން އެތަން ހަމަލޮލުން، ތަންކޮޅެއް ގާތުން ބަލައިލަން ބޭނުންވާނެކަން ހަމަ ޔަގީނެވެ. އިރުއޮއްސޭ މަންޒަރު ބަލައިލަން މި ހިތްގައިމު ދޮންވެލި މަލައަށް ވެސް އަންނަން ޖެހޭތީ ދަތުރައިގެން ކުރިއަށްދަމާ ހެއްޔެވެ.
ވައިގެބަނދަރު އޮންނަ ކައްދޫގެ އުތުރަށް ދަތުރުކުރަމުންގޮސް، ލ. މާންދޫން ފެނިގެންދާ އަޖައިބެއްފަދަ ރުށް ދަނޑަކީ، އެ ދަނޑުގެ ރީތިކަމުގެ ވާހަކަ މުޅި ރާއްޖެއަށް މަޝްހޫރު ކަމެކެވެ. އެއީ އަޖައިބުކުރުވަނިވި ތަރުތީބަކުން އެކުލަވާލެވިފައިވާ ރުއްދަނޑެކެވެ. އެހާމެ ހަމަހަމަކަމާއި އެކު ތަރުތީބު ކުރެވިފައި ވާއިރު މިމަންޒަރު ތިބާގެ ސެލްފީއެއް ނުވަތަ ފޮޓޯއެއްގެ ފަސްމަންޒަރަށް ލައިގެން ހަނދާނުން ފޮހެލަން ދަތި ކިިތަންމެ ފޮޓޯއެއް ވެސް ނެގިދާނެއެވެ.
މާ ގިނައިރު ރުއްދަނޑުގައި މަޑުކުރާނެ ކަމެއް ނެތެވެ. އަވަސްކުރާށެވެ. މާންދޫ ފަހަނައަޅައި ދެން ބައްދަލުކުރާނީ ލ. ގަމުގެ ކުރުހިންނަ ސަރަހައްދެވެ. މިއީ ދިވެހިންގެ ތަރިކަތަކެއް އެކުލެވޭ ހިތްގައިމު ސަރަހައްދެކެވެ. ޕަރީ ފެންގަނޑުގެ ނަމުން މަޝްހޫރުވެފައިވާ ބޮޑު ފެންގަނޑާއި ހައްތެލި ނުވަތަ ހަވިއްތަ ބަލާލަން ހިތްއެދޭނަމަ އެއީވެސް ތަފާތު ތަޖުރިބާއެއް ކޮށްލެވޭނެ ހިތްގައިމު ދެ މާހައުލެވެ.
ޕަރީފެންގަނޑުގެ ވާހަކަ އެހައި ކުޑަކޮށް ދައްކައިލާ ނިންމުމަކީ އެ ފެންގަނޑުގެ އާދަޔާޚިލާފު ރީތިކަމަށް ވެވޭ ބޭއިންސާފެއް ކަމަށް ނޫނީ ނުވާނެއެވެ. ޖާދުވީ ޕަރީ ފެންގަނޑަކީ ދިވެހިރާއްޖޭގެ އާދަޔާޚިލާފު ރީތި ތަންތަނުގެ ލިސްޓުގައި ގުނާލެވޭ އެއް މަންޒިލެވެ. އެތަނުގެ ފުރިހަމަކަމާއި ޗާލުކަން މިހެން ކިޔައިދެވޭ ވަރަށްވުރެ ޗާލެވެ. އެހެންކަމުން ފެންގަނޑު ބަލައިލަން ހަމަ ކޮންމެހެންވެސް ދާންވާނެދޯއެވެ. ފެންގަނޑަށް ދެވުމާއެކު ސެލްފީ ނަގަން ތައްޔާރުވާށެވެ. ގުދުރަތީ ފެންގަނޑެއްގައި ފަތާލުމުގެ ޝަޢުޤުވެރިކަން ހުރިނަމަ އެ ފެންގަނޑަކީ ފަތާލަން އެރެންވެސް ކަމުދާނެ ފެންގަނޑެކެވެ. އިސްކޮޅުނުކާ ފުން ހިސާބަށް ގޮސް ފެންގަނޑުގެ ވަށައިގެންެ ހެދިފައިވާ އެވާ ރަަނޑޫ ގަސްތަކުން މަލެއް ބިނދެލިޔަސް އެންމެ ރަނގަޅުވާނެއެވެ. ބޮޑުފެންގަނޑުގައި ކުލަކުލައިގެ މަސް އުޅޭތަން ފީނާ ބަލައިލުން ވެގެންދާނީ ވެސް ކުރެވޭ އާދަޔާޚިލާފު ތަޖުރިބާ އަކަށެވެ. ފެންގަނޑުގެ ފުންމިން 15 މީޓަރާއި 30 މީޓަރު ކަމަށް ބެލެވޭ އެ ފެންގަނޑުގެ އެންމެ އަޑީގައި ވަނީ ކޮންފަދަ ޖާދޫއެއް ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. މި ފެންގަނޑު ޚާއްޞަވާ އެއް ސަބަބަކީވެސް އެއީއެވެ. ކިތަންމެ އިރަކުވެސް މި ފެންގަނޑުގެ ޖާދޫގައި ޖެހިފައި ތިބެވިދާނެ އެވެ.
މިހާރު މެންދުރު ނަމާދަށް ބަންގި ގޮވާ ވަގުތުވެސް ގާތްވަނީއެވެ. ޓުއާރގައި އުޅުނަސް ނަމާދަށް ފަރުވާތެތިވާނަމަ، ޓުއާރގެ ހިތްހަމަޖެހުމާއި އުފާވެރިކަން އިހްސާސްކުރެވޭލެއް އިތުރުވާނެއެވެ. ބަންގި ގޮވުމާމެދު ތިރިހަކަށް މިނެޓްގެ ވަގުތު ހުރުމާއިއެކު ފެންގަނޑާއި މާދުރު ނޫން ހިސާބެއްގައި އެހެރަ ހަވިއްތަ އަށް އަރާލެވިދާނެއެވެ. އެއީވެސް ލ. ގަމުގައި ހުރި ރާއްޖޭގެ މުހިންމު ތާރީޚީ ސަގާފީ ބިނާއެކެވެ. ހަވިއްތަ ނުވަތަ ހައްތެލީގެ ވާހަކަވެސް އެނގުމަކީ މުހިންމުކަމެއްކަމަށް އަހަރުމެން ދެކޭތީ މިއޮތީ އެތަނާބެހޭ މަޢުލޫމާތު ކާޑެކެވެ. ޓުއަރގައި ވަގުތެއް ވެއްޖެނަމަ ކިޔައިލަން ރަނގަޅުވާނެ އެވެ.
އެތަނެއްގައި ލާމުގެ އެއްމެ ގިނަ ޒުވާން ޖިންސްލަތީފުންނާއި މެހެމާނުންވެސް އުފަލާއި އެކު މަޖާކޮށްލާ މުކުރިމަގު ބީޗް އެެއޮތީ ހަމަ ތިބާގެ އިންތިޒާރުގައެވެ. އާދެ. ލ. ގަމުގެ ހިތްގައިމު ވެލިމަލައަކީ ހުދު ބޯކިރުފޮދެއް ފަދަ ހިމުން ދޮންވެލިން ފުރިގެންވާ ރާއްޖޭގެ އެއްމެ ބޮޑު އަދި ހިތްގައިމު ރަށުގެ ހިތްފަސޭހަ ވެލިމަލައެވެ.
ޔަގީނެވެ. އެ ހިތްފަސޭހަ ވެލިމަލަތައް ތިބާއަށް މަރުހަބާކިޔާނީ އުފަލުންނެވެ. އެ ހިމުން ދޮންވެލި މަލައިގައި ތިޔަ މެހެމާނުންގެ ފައި ބީއްސާލުމަށް އެދޭނެއެވެ. ސާފު ވިލުނޫ މޫދާއި އެމޫދުގެ ރާޅުބާނިތައް ތިޔަ ނިޔަނެތި ހަށިގަނޑުގައި ބީހިލަން ބޭނުންވާނެ އެވެ.
އަނެއްކާވެސް ހަލިމަގަށް ނުކުމެ، ގަމުގެ ސިނާޢީ ސަރަޙައްދުން އުތުރަށް ދުއްވަމާ ހިނގާށެވެ. ގަމުގެ ސަރާސަރު ދިގު ވެލިމަލަ ހިމެނޭ ހަމަ ކޮންމެ ދިމާއަކީވެސް މޫދަށް އެރިލައި ހިތްއުފާކޮށްލަން ނިކަން ހިތްގައިމު ތަނެކެވެ.
މަތިމަރަދޫ އަވަށުން ކަސްޓަމްސް ސަރަހައްދާއި ދިމާއަށް ފޭބުމާއެކު އަހަރުމެންނަށް މި ފެންނަ ފާލަމަކީ މިހާރު ބޭނުން ނުކުރިޔަސް މިރަށުގެ ތާރީޚީ ތަނެއްގެ ގޮތުގައި ބަލަހައްޓަން ޖެހިފައިވާ ތަނެކެވެ. މި ރީތި ދޮންވެލިމަލަ ހިމެނޭ މަތިމަރަދޫގެ ހިތްގައިމު ނަލަރޯޅިދޭ މާހައުލުން ތިބާ ދާންބޭނުން ނުވެފައި ހުރިކަން އިހްސާސްވެއެވެ. އެހެނަސް ގަމުގެ ތުނޑީ އަވަށްވެސް އެއީ އަހަރެމެންނަށް މަރުޙަބާކިޔަން ތައްޔާރަށެވެ. ތުނޑީ އަވަށުގެ އެންމެ އުތުރަށް އޮންނަ ތުނޑީކޮޅުގެ ހިތްގައިމު ފިނޮޅާއި ޖެހިގެން އޮތް ކުޑަކުޑަ ފަޅުރަށް ނުވަތަ ބޮޑުރަހާ އާއި ތުނޑީ ހިތްގައިމު ވެލިމަލަ ގުޅިފައިވާ ސަރަހައްދުގެ ފުރިހަމަކަން ފެނިފައި ވެސް ހައިރާން ވާނެއެވެ.
ކަންބޮޑު ނުވާށެވެ. ހިތްފުރެންދެން އެ ތުނޑީގައި އަހަރެމެން ވަގުތު ހޭދަކުރާނަމެވެ. މި ދަތުރު ފެށީއްސުރެން ކުޅުދިޔާވެފައި ތިހުރީ ލާމު ގޮޅަރިހަ ކާހިތުން ކަން އަހަރުމެންނަށް އެނގެއެވެ. އެހެންވެ، މެންދުރުގެ ކެއުމަށް އަހަރުމެން ގެނައީވެސް ލާމު ގޮޅަރިހަ އާއި ރޮށްޓެވެ. ކުޅި ބޮނޑިއާއާއި ކުހުރުވެސް ގެނައިމެވެ.
އެނގޭ ހެއްޔެވެ؟ ލާމުގެ ހުރިހައި ރަށެއްގައި ވަރަށް ވަރުގަދަ ބޮޑުކޭމެއް ނުވަތަ ‘ފީސްޓެއް’ އެބަ ބާއްވަމުއެވެ. ‘ގޮޅަރިހަ ކޭން އިވެންޓް’ އަކީ ލާމު ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި މި އަހަރު ޑިސެމްބަރު ހަތްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މިއީ ލާމު ލޯކަލް ޓުއާރސް އިން ލާމު ހުރިހާ ރަަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެކެވެ. ރާއްޖޭގެ ތާރީޚުގައި ވެސް މިފަދަ އިވެންޓެއް މީގެކުރިން ހިންގާފައި ނުވާއިރު، މިއީ ހަމަ ގައިމުވެސް މި އިވެންޓުގައި ބައިވެރިވުން ކިތަންމެހާވެސް މުނާސަބު އިވެންޓަކަށް ވާނެ ހަރަކާތެކެވެ.
‘ގޮޅަރިހަ ކޭން އިވެންޓް’ އަށް މިހާރު އަންނަނީ ވަރަށް ފޯރިއާއިއެކު ތައްޔާރުވަމުންނެވެ. އަތޮޅުގެ ރަށްރަށުގެ ކުލަބް، ޖަމްއިއްޔާ، ކޯޕަރޭޓިވް ސޮސައިޓީތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާ ތަކާއި އަމިއްލަ އޮފީސް ކުންފުނިތަކުން އެރަށެއްގެ ކޮމެޓީ ތަކާއި ގުޅައިގެން ބައިވެރިވުމަށް މިހާރުވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން ލ. މާންދޫ ހޮރައިޒަން ފިޝަރީޒް އާއި ސިކްސް ސެންސަސް ލާމު ރިސޯޓް ގައިވެސް މި އިވެންޓް ކުރިއަށްދާނެއެވެ.
ޒަމާނުއްސުރެ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ މިއަތޮޅުގައި އޮތް އެކުވެރި ގާތްގުޅުމުގެ ބަދަހިކަންފެނި މަވެސް ޗުއްޓީއަށް މިފަހަރު ދާނީ ލާމަށް ކަމަށް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކާއި މާލޭގައި ތިބި އެތައް ބަޔަކުވެސް އެބަ ބުނެތެވެ. ލ. އަތޮޅުގެ ކޮންމެ ރަށަކަށް ތިބާ ދާންބޭނުން ވިޔަސް ލާމު ޓުއަރ އިން އެކަމަށް މަރުހަބާކިޔަމުއެވެ.
ލ. އަތޮޅުގެ ދެންހުރި ރަށްރަށުގެ ވާހަކަވެސް އަދި ކިޔާއިދޭނަމެވެ. އެކަމަކު މެންދުރު ގޮޅަރިހަ ކޭމަށް ފަހުއެވެ.
ނޯޓް: މިއީ ލާމު ޓުއާރ އާއި މުނިއަވަސް ގުޅިގެން ތައްޔާރުކޮށްފައިވާ ލިޔުމެއް
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!