އެމީހާ ބުނީ އަހަރެންގެ ބައްޕަމެން މީހަކުލައްވައި އަހަންނަށް ހެދި ސިހުރު ނުބައި އަތަކަށް އަޅާފައި ވާކަމަށެވެ. އެކަމުގެ ސަބަބުން އެ ސިހުރުހެދި މީހާ ބޭނުންކުރި ޖިންނި އަހަންނަށް އަނިޔާ ކުރަނީކަމަށްވެސް ބުންޏެވެ.

މިއީ ޖިންނި އާއި ސިހުރުގެ ވާހަކަތައް އަހަރެން އެއްމެ ފުރަތަމަ ޢާއްމުކުރި ފަހެރެވެ. މިކަންތައްތައް އަހަރެން ޤަބޫލުކުރުމަށް ހިތް ނުރުހުނު ނަމަވެސް ފަރުވާއާއިގެން ކުރިއަށް ދިޔައިމެވެ. ފަންޑިތަހަދާ މީހާ ދިން ތަކެތި ބޭނުންކުރަން ފެށީމެވެ. ޤުރުއާނުގެ ބައެއް އާޔަތްތައް ލިޔެފައިވާ ކަރުދާހާއި ކުކުން (ސެފްރޮން)، ފެންތަށްޓެއްގައި ގިރައިގެން ބޯންފެށީ ހިތާއި ދެކޮޅަށެވެ. އަހަރެންގެ އަންހެނުންނާއި އަހަންނާއި ދެމެދު އޮތް ގުޅުން ދިޔައީ ހީނަރުވަމުންނެވެ. އަހަރެންގެ އަންހެނުންނަށް ކުޑަކޮށްވެސް އިތުބާރުކުރުމަކީ އަހަންނަށް ކުރެވޭވަރު ކަމަކަށް ނުވިއެވެ. އޭގެ ބަދަލުގައި އަހަރެން އޭނާ ދެކެ އަންނަން ފެށީ އަމަށަކު ރުޅިއެއް ނޫނެވެ. ހޯދަންފެށި ފަރުވާއިން އަހަންނަށް ވަމުންދިޔަ ކަންތައްތައް ގާތްގަނޑަކަށް ސާޅީހަކަށް އިންސައްތައަށް ރަނގަޅުވިކަމަށް ބުނެވިދާނެ އެވެ. އަހަންނަށް ހިނގާބިނގާވެ އުޅެވެން ފެށިއެވެ. މީހުންނާއި ވާހަކަދައްކައި އުޅެން ފެށުނެވެ.

ޖެހުނު ބަލިގަނޑަށް ފަހުން، އެއްމެ ފުރަތަމަ ފަހަރަށް އަހަރެން ނަމާދުކުރަން ފެށީމެވެ. ނަމަވެސް ހުރިހައި ވަގުތަކު ނޫނެވެ. އަހަންނަށް ލިބެންފެށީ އާާދަޔާ ޚިލާފު ބޮޑު ހިތްހަމަޖެހުމެކެވެ. ނަމަވެސް ހާސްވުމާއި، ބިރުގަތުމާއި ކޮނޑުގައި ރިއްސުންފަދަ ކަންކަން ފިލައިގެނެއް ނުދެއެވެ. އެހިސާބުންވެސް އަހަރެން ނިންމީ އެކަންތައް އެއީ ކޮންމެވެސް ސިއްޙީ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެއް ކަމަށެވެ. ސިހުރުގެ ސަބަބުން ކުރިމަތިވާ ކަންތައް ތަކެއް ކަމަށް 100 އިންސައްތައަށް އަހަންނަށް އޭރުވެސް ޤަބޫލެއް ނުކުރެވެއެވެ. ފަހަރެއްގައި އަހަރެންގެ ހަށިގަނޑުތެރޭގައިވާ ޖިންނި، އަހަރެން އެގޮތަށް ޤަބޫލުކުރިޔަ ނުދިނީ ކަމަށްވެސް ވެދާނެއެވެ.

ހަމަސް ފާއިތުވެ ހިނގައްޖެއެވެ. އޭރުވެސް އަހަރެންގެ އަންހެނުން ދިރިއުޅެމުން ގެންދަނީ އަހަރުމެން ގޭގައެވެ. ވަރިކުރަން ކިތަންމެ ބޭނުންވިޔަސް، ކޮންމެވެސް ސަބަބަކާއި ހުރެ އެކަންވެސް ވަނީ ނުކުރެވިފައެވެ.

އަހަރެންގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެންގެ އަމިއްލަ ދެ އަތުން، އަހަރެން ހިތްނޭދޭ އެތައް ކަމެއް ކުރަން ފެށީމެވެ. ފުރާވަރުގެ ކުއްޖަކު އެކަން ކުރިޔަސް، މީހަކާއިނދެގެން އުޅޭ ތަސައްރަފު ފުދިފައިވާ މީހަކު އެފަދަކަމެއް ކުރުން އެއީ އެއްވެސް ބަޔަކު ބަލައިގަންނާނެ ކަމެއް ނޫނެވެ. އެހެން ނޫނަސް އިސްލާމް ދީނުގައިވެސް އެކަންކަމަކީ ކުރުން ނަހީކުރައްވައި، ޙަރާމްކުރައްވާފައިވާ ކަންކަމެވެ. މިކަންކަމާއެކު އަހަރެން ‘ބްލޫ ފިލްމު’ ބަލަމުން ދިޔައީވެސް ކޮންމެ ދުވަހެއްގެ ހަތަރުދަމު އެވެ. 24 ގަޑިއިރު އަހަރެންގެ ކަމަކީ އެފަދަ ފިލްމުތައް ބެލުމެވެ. ހިތް ކާފަރުވެފައި ހުންނަވަރުން ސެކްސްޗެޓް ކުރުމާއި އެފަދަ ފޯންކޯލްތައް ކުރުމަކީވެސް އާދައަކަށް ވިއެވެ. އަހަންނަށް ލިބޭހާ ފައިސާއެއް ހޭދަކުރަމުން ދިޔައީ ފޯނަށެވެ. އަހަރެން އަބަދުވެސް ބަލަމުންދިޔައީ ވަހުޝީ ކަމެއްގެ ތެރޭގައި އުޅެވޭތޯ އެވެ. އަހަންނަށް އުޅެވެމުން ދިޔައީ މުޅިން އެހެން ދުނިޔެއެއްގައެވެ. ބައެއް ފަހަރަށް އިސްލާމްދީނާއި މެދުވެސް އަހަރެންގެ ހިތުގައި ޝައްކުކަން އުފެދި ތަފާތު ސުވާލުތައް އުފެދެން ފެށިއެވެ. އަވަސް އަވަހަށް ރުޅި އާދެވެންވެސް ފެށިއެވެ. އަހަރެއްހައި ދުވަސް އަނެއްކާވެސް މިގޮތަކަށް ހޭދަވި އިރު، އަހަރެންގެ ޙާލަތު ކުރިޔަށްވުރެންވެސް ގޯސްވި އެވެ. އެއްމެފަހުން އަހަރެން ނިންމީ މިކަމުގައި ޑޮކްޓަރެއްގަ ލަފާ ހޯދުމަށެވެ.

އަހަރެން ދެއްކި ޑޮކްޓަރަކީ އިންޑިޔާގެ ހިންދީ ދީނަށް ތަބާވާ ޑޮކްޓަރެއް ނަމަވެސް އެ ޑޮކްޓަރު ދިނީ ވަރަށް އެހެންކަހަލަ ޖަވާބެކެވެ.

“އަހަންނަކީ މުސްލިމެއް ނޫނަސް، އަދި ނަފުސާނީ ކަންތައްތަކަށް ކިތަންމެ މޮޅު ޑޮކްޓަރެއް ނަމަވެސް ބުނެވެން އޮތީ ތިޔައީ މެޑިކަލް ކަމެއް ނޫނޭ. ތިޔައީ ‘ބްލެކް މެޖިކް’ (ސިހުރު) ގެ ކަމެއް. އެހެންވީމާ ޖެހިފައިތިވާ ކަންތަކަށް ފަރުވާހޯދަން ދިއުން ރަނގަޅީ ދީނީ މީހެއް ކައިރިއަށް. އެފަދަ މީހަކަށް ކަލެއަށް ޖެހިފައިތިވާ ސިހުރުން ސަލާމަތްކުރުމުގައި އެހީތެރި ވެވިދާނެ. އަޅުގަނޑަށް ތިޔަކަމުގަ ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތް.” ޑޮކްޓަރު މިހެން ބުނުމުން އަހަރެން ވަރަށް ހައިރާންވެސް ވިއެވެ.

އޭގެ އަނެއް ދުވަހު އަހަރެންގެ ރައްޓެއްސަކަށް ގުޅީމެވެ. އެއީ އައްޑޫ ފޭދޫ ކުއްޖެކެވެ. ވެގެން އުޅޭގޮތް ކިޔައިދިނުމުން އަހަރެން ގޮވައިގެން އޭނާ ދިޔައީ ފަންޑިތަހަދާ މީހެއް ކައިރިއަށެވެ. އޭނާއަށް ކިޔަނީ އިދްރީސްބެ އެވެ. އިދްރީސްބެ އަކީ ފަންޑިތަ ހެދުމަށް ވަރަށް މޮޅު މީހެކެވެ. އައްޑޫ އަތޮޅު ރަށެއްގެ މީހެކެވެ. އިދްރީސްބެ ކަރުދާސްގަނޑެއްގައި ވަށް ބުރެއް ކުރެހުމަށްފަހު އަހަރެންގެ އަތަށް ދެމުން ބުނީ އެ ބުރުގެ ތެރެއަށް ބެލުމަށެވެ. އަހަރެން އެ ބުރުގެ ތެރެއަަށް ބަލައިލީމެވެ. ކުއްލިއަކަށް ބުރުގެ ތެރެއިން ފެނިގެންދިޔައީ މުސްކުޅި ފިރިހެނެއްގެ މޫނެކެވެ. އަހަންނަށް ބިރުން ތެޅިގަނެވުނެވެ. އެވަގުތު އިދްރީސްބެ ބުނީ އަހަންނަށް ހުރީ ސިހުރު ޖެހިފައި ކަމަށެވެ. އަދި އަހަރެންގެ ހަށިގަނޑަށް ޖިންނިއެއް ވަދެ ހުރި ކަމަށްވެސް ބުންޏެވެ.

އިދްރީސްބެ އަހަންނަށް ދިނީ މަތުރާފައި ހުރި ފެނެކެވެެ. އޭގެ އިތުރުން އަހަރެން ކުރަންޖެހޭ ބައެއް ކަންތައްތައްވެސް ކިޔައިދިނެވެ. އަހަރެން އެކަންތައްތައް ކުރީމެވެ. އެކަންކަން ކުރަންފެށިތާ ފުރަތަމަ ދެ ހަފުތާާތެރޭގައި ކަންތައްގަނޑު ވަރަށް ގޯސްވިއެވެ. ގޭގެ އެއްމެންނާއި ޒުވާބުކޮށް އަރައިރުންވުން އެއީ ކޮންމެ ދުވަހެއްގެ ކަމަކަށް ވިއެވެ. ބައެއް ފަހަރަށް އަހަރެންގެ ބޯ ފަޅައިގެން ހިނގައިދާނެހެން ވެސް ހީވެއެވެ. ބޮލަށް ތަދުވީ ބުނެދޭން އެނގޭވަރަށްވުރެން މާ ބޮޑަށެވެ.

އެކަމަކުވެސް އިދްރީސްބެ ބުނި ކަންތައްތައް ކުރަމުން ދިޔައިމެވެ. ނަމާދު ކުރަންވެސް ފެށީމެވެ. މިފަހަރުވެސް ދިޔައީ ކުރެވޭ ފަހަރާއި ނުކުރެވޭ ފަހަރެވެ. ލުޔެއް ލިބެން ފެށީ ދުވަސްކޮޅެއް ފަހުންނެވެ. ނަމަވެސް އެއްކޮށް ރަނގަޅު ނުވާތީ އަނެއްކާާވެސް ފަންޑިތަ ހަދާ އެހެން މީހެއްކައިރިން އެހީ ހޯދީމެވެ. އެއަށްފަހު އަނެއްކާ އެހެން މީހެއްގެ އެހީ އެވެ. އެ ހުރިހައި އެއްމެންގެ ކައިރިން ފަރުވާ ހޯދައިގެން ކޮންމެވެސް ގޮތަކަށް ދިރިއުޅެލެވޭ ވަރު ވިއެވެ. ނަމަވެސް ‘ފަރުދާގެ ފުރަގަހުގައި ކޮންމެވެސް ކަމެއް ހިނގަމުންދާ ކަމުގެ’ އިޙްސާސެއް އަހަންނަށް އަބަދުވެސް ކުރެވެމުން ދިޔައެވެ. އަހަރެންގެ އަންހެނުންނާއި އޮންނަ ގުޅުމަށް ހީނަރުކަން ފިޔަވައި އެހެން އެއްޗެއް ލިބެމުންނެއް ނުދެއެވެ. އަހަރެން އޭނާދެކެ ރުޅިއަންނަ ބައިވަރު ސަބަބުތައް ހުއްޓެވެ. އަހަންނަށް ސިހުރު ކާންދިންކަމަށް ޚުދު އޭނާ އެއްބަސްވުމެވެ. ފަހުން އެއްމެންގެ ކުރިމަތީގައި އެއީ އޭނާ ނުދައްކާ ވާހަކައަކަށް ހެދުމެވެ. އަހަރެން ލޯބިނުވާ މީހަކާ ކައިވެނިކުރަން ޖެހުމެވެ. ކަން މިހެން ހުރުމާއި އެކު އަބަދުވެސް އަހަރުމެން ދެމީހުންގެ ދެމެދުގައި އޮންނަނީ ޒުވާބު ހިނގަހިނގައެވެ. އެކަމަކު މި ހުރިހައި ކަމެއްގެ ތެރެއިންވެސް އަންހެނުން ބަލިވެ އިނދެ އަންހެން ކުއްޖަކުވެސް ވިހެއެވެ. އަހަރެން އެ ދަރިފުޅުދެކެ އެއްވެސް ވަރަކަށް ލޯތްބެއެްވެސް ނުވެއެވެ. ކައިވެންޏަށް 4 އަހަރު ވިފަހުން އަހަރެން އޭނާ ވަރިކުރީމެވެ. މިހާރު ވިސްނާލުމުން އެނގެނީ އެއީ އަހަންނާ ފާވެގެން އުޅުނު ޖިންނި އަހަރެން ލައްވައި ގަދަކަމުން ކުރުވި ކަމެއް ކަމެވެ. އަންހެނުން ދިޔައީ އޭނާގެ ރަށަށެވެ.

އަހަރެންގެ އުމުރުން 24 އަހަރުގައި އަހަންނަކީ އަނބިމީހާ ވަރިކޮށް، ހުސްހަށިބަޔަށް ހުރި މީހެކެވެ. އަހަރެން ޖިންނި އާއި ސިހުރުގެ ކަންތައްތައް އޭރު ޤަބޫލުކުރަމެވެ. އަހަރެން އެއްމެފަހުން ނިންމީ މިކަންތައްގަނޑުން އެއްކޮށް ސަލާމަތްވުމަށެވެ. އެއްމެފަހުން ޝަރުޢީ ރުޤްޔާ ހަދާ މީހެއްގެ ކައިރިއަށް ދިޔައިމެވެ. އެމީހާ ކަންތައްތަކެއް ކޮށްދިނެވެ. އެހާމެގިނަ ފައިސާވެސް އޭނާއަށް ދޭންޖެހުނެވެ. އަހަރެން އިސްލާމް ދީނުގެ މަތިވެރި ތަރަޙައިގެ ތެރެއަށް އެއްކޮށް ވަންނަންވެސް ބޭނުމެވެ. އެމީހާ ކޮށްދިން ކަންތަކުން އަހަންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދިޔައެވެ. ހީވީ އަހަންނަށް ވޭތިވެދިޔަ 4 އަހަރުގައި ކުރިމަތިވި ހުރިހައިކަމެއް ފިލައިގެން ދިޔަހެންނެވެ. އަހަރެންގެ އަމިއްލަނަފުސު އަހަންނަށް ލިބިއްޖެ ކަމުގެ އިޙްސާސް ކުރެވުނެވެ. ވަހުޝީ ޚިޔާލުތަކުން މިންޖުވެވުނެވެ. ބިރުގަތުން ކެނޑިގެން ދިޔައެވެ. ގަޔަށް ވަމުންދިޔަ ތަދުތައް ކުޑަވަމުން، ނެތެމުން ދިޔައެވެ.

މިހިސާބުން އަހަންނަށް ހުރިހައިކަމެއް އޮޅުންފިލަން ފަށައިފިއެވެ. އަހަރެންގެ ބައްޕައާއި ބޮޑުދައިތަ، ސިހުރުގެ ކަނޑެއްގައި ކިހާވަރަކަށް ޣަރަޤްވެފައި ތިބިކަން އަންދާޒާކުރެވެން ފެށިއެވެ. އެމީހުން ސިހުރު ހަދާމީހެއް ލައްވައި އަހަންނަށް ކުރުވި ކަންތައްތައް އެނގި ހާމަވަމުން ދިޔައެވެ. ސިހުރު ހަދައިދިން މީހާއަށް އަހަރެންގެ އަންހެނުން ޤުރުބާންކުރިކަންވެސް ފަޅާއެރި އެވެ. އަންހެނުން ވިހޭ ދަރިދެކެ އަހަންނަށް ލޯބި ނުވެވުނު ސަބަބުވެސް އެހިސާބުން ހާމަވިއެވެ. އެ ދަރިއަކީ އަހަރެންގެ ދަރިއެއް ނޫނެވެ. އެއީ ސިހުރު ހަދާމީހެއްގެ ދަރިއެކެވެ. ސިހުރު ހަދާ މީހާ އާއި މައްސަލަ ޖެހުނީ ދެވަނަ ފަހަރަށް ޤުރުބާންވުމަށް އަންހެނުން ދެކޮޅު ހެދުމުންނެވެ. އަނެއްކޮޅުން އެމީހާ ބޭނުންވިވަރަށް ފައިސާއެއްވެސް ނުދެވުނެވެ. އެ މީހާ ބޭނުންވިވަރަށް ބައްޕަމެންނަށް ފައިސާ ނުދެވުމުން، އޭގެ އަހުވަ ދެއްކުމަށް، ސިހުރު އަނެއްކޮޅަށް އަނބުރާލިކަން އެނގުނެވެ. އަހަންނަށް ގޮތްގޮތް ވާންފެށީ އެހިސާބުންނެވެ. އެވަރުންވެސް އަހަރެންގެ ބައްޕަ އާއި ބޮޑުދައިތަ، އެ ނުބައި އަމަލުން ދުރަކަށް ނުދެއެވެ. އަހަރެން ލަންކާގެ ކޮލެޖަކުން ޖާގަ ހޯދައިގެން ކިޔަވަންދާން ނިންމީ އެހިސާބުންނެވެ. ބައްޕަމެންގެ ސިހުރުން ފުރިގެންވާ ހާލީގައި އުޅެން ބޭނުން ނުވާތީއެވެ. އަހަރެން ބޭރަށްގޮސް ކިޔަވަން ހުންނަން ހުރިހައިކަމެއް ހަމަޖައްސައިދިނީ މަންމައެވެ.

އުމުރުން 25 އަހަރުގައި އަހަރެން ދިރިއުޅެމުން ގެންދިޔައީ ލަންކާގެ ކޮލަމްބޯގައެވެ. ދިވެހިން ޢާއްމުކޮށް އުޅޭ ދެހިވެލަ ސަރަޙައްދުގައެވެ. އަހަރެން ކިޔެވުމައިގެން މަސްޢޫލުވީމެވެ. އަޅުކަން ކުރުމަކީ އެއްމެ މުހިންމު އެއް ކަންތައް ކަމަށް ހެދީމެވެ. ލަންކާއަށް ދިޔައިރުވެސް އަހަރެންގެ އާއިލާ މަތިން ހަނދާންވާނެކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެންގެ ބައްޕަގެ އެ ޖާހިލު ވިސްނުން ގެންގުޅޭ ތަނެއްގައި އަހަރެން ހުންނާކަށް ބޭނުމެއް ނޫނެވެ.

އަހަރެންގެ އުމުރުން 33 އަހަރަށް ދިޔައިރު އަހަންނަކީ މާތްﷲ ގެ ރަޙްމަތްފުޅުން ޞާލިޙް ކަމާއެކު ދިރިއުޅޭ މީހެކެވެ. ބަރާބަރަށް ނަމާދުކުރުމާއި ކީރިތި ރަސޫލާގެ އަގުމާތްވި ސުންނަތަށް ތަބަޢަވާ މީހެކެވެ. އަހަރެން ޤަބޫލުކުރާގޮތުން އަހަރުމެން އިންސާނުންނަށް ލިބިފައިވާ އެއްމެ ވަރުގަދަ އައްޑަނައަކީ ނަމާދެވެ. އެއަށްވުރެން ވަކިންމޮޅު ބޭހެއް ނުވެއެވެ. މީގެއިތުރުން އެކަލާންގެ މަތިން ގިނަގިނައިން ހަނދުމަކޮށް ކީރިތި ޤުރުއާން ކިޔެވުމާއި ހެޔޮ ދުޢާތަކާއި ޛިކުރުތައް ތަކުރާރުކޮށް ކިޔުންމަތީ ދެމިތިބުމަކީވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ. އަހަންނަށް ކުރިމަތިވި ގިލަންވެރިކަމުން ޝިފާ ދެއްވައި އަހަންނަށް ތެދުމަގު ދެއްކެވިކަމަށްޓަކައި ކޮންމެދުވަހަކުވެސް ތަކުރާރުކޮށް މާތް ﷲ އަށް ޙަމްދުކޮށް ޝުކުރުދަންނަވަމެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.