ލިބޭ ޗުއްޓީތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ޗުއްޓީއަކީ ޒުވާނުން ބޭނުންވާ ލަނޑުދަނޑިތަކަށް ވާޞިލުމުވަށްޓަކައި މަސައްކަތް ކުރުމަށް ލިބޭ އަގުހުރި ވަގުތުކޮޅެއް ކަމަށާއި، އެހެންކަމުން ބޭކާރު ކަންތައްތަކާއި ބޭކާރު ވާހަކަ ދެއްކުމުގައި ވަގުތު ނަގައިލުމުގެ ބަދަލުގައި އިސްލާމް ދީން ހުއްދަކުރާ އަދި ދުނިޔެވީ ގޮތުން ފައިދާ ކުރުވަނިވި ކޮންމެވެސް ހުނަރެއް ކުރިއެރުވުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމުގައި އެވަގުތުގެ ބޭނުން ހިފުމަށް މިއަދުގެ ޚުޠުބާގައި ނަސޭހަތްތެރި ވެފައި ވެއެވެ.
ޗުއްޓީގެ ދުވަސްވަރު ކީރިތި ޤުރުއާން ކިޔެވުމާއި އަދި ކޮންމެ ކުއްޖަކު ވެސް ނުވަތަ ކޮންމެ ޒުވާނަކުވެސް މިސްކިތާއި ރަހުމަތްތެރި ވުމަށާއި، ފަސްވަގުތު ނަމާދުކުރާ ބަޔަކަށް ވުމަށާއި އެ މަގަކީ ޝައިޠާނާގެ ކިބައިން ސަލާމަތްވުމަށް އޮތް މަގުކަމުގައި މިއަދުގެ ޚުޠުބާގައި ވެއެވެ.
ވަގުތަކީ އިންސާނާގެ ހަޔާތުގައި ވަރަށް މުހިންމު ބަހާއެކެވެ. رسول الله صلي الله عليه وسلم ހަދީޘް ކުރައްވާފައި ވެއެވެ. نعمتان مغبون فيهما كثير من الناس الصحة والفراغ މާނައީ: ވަރަށް ގިނަބަޔަކު އެ ދެ ނިޢުމަތަކާއި މެދު ފަރުވާކުޑަ ކޮށްފައިވާ ދެ ނިޢުމަތެއް ވެއެވެ. (އެއީ) ފުރިހަމަ ޞިއްޙަތާއި ހުސްވަގުތެވެ. ވަގުތުގެ މުހިންމުކަން ބަޔާންކޮށްދެއްވުމަށް ޓަކައި ބައެއް ވަގުތުތައް ގަންދެއްވައި ﷲ ތަޢާލާ ވަނީ ބަސް ވަހީ ކުރައްވާފައެވެ. އެކަލާންގެ ފަޖުރު ސޫރަތުގެ ފުރަތަމަ ދެ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. والفجر، وليال عشر މާނައީ: ފަތިސް ގަންދެއްވަމެވެ. އަދި ދިހަރޭ ގަންދެއްވަމެވެ. އަދި އެކަލާންގެ ޟުޙާ ސޫރަތުގެ ފުރަތަމަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. والضحى މާނައީ: ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ.
ހުސްވަގުތު ހޭދަކުރުމުގައި ފަރުވާކުޑަކޮށްފިނަމަ، އޭނާއަށް ވަރަށްގިނަ ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އެކަމުގެ ނުރައްކާ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ކުރިމަތި ވެދާނެ ކަމަށާއި މިސަބަބުތަކަށްޓަކައި ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ޚުޠުބާގައި ގޮވައިލާފައި ވެއެވެ.
މިއަދުގެ ޚުޠުބާގައި ވެއެވެ. “ދަރިންނަކީ ﷲ ތަޢާލާ ތިޔަބައި މީހުންނާއި ހަވާލު ކުރައްވާފައިވާ ވަރަށް އަގުބޮޑު އަމާނާތަކަށް ވާތީ ޗުއްޓީގެ ތެރޭގައި ވެސް އެކަމުގެ މަތިން ހަނދާން ނައްތައި ނުލާށެވެ. رسول الله صلي الله عليه وسلم ހަދީޘް ކުރައްވާފައި ވެއެވެ. كل مولود يولد على الفطرة فأبواه يهودانه أو ينصرانه أو يمجسانه (روى البخاري فيصحيحه) މާނައީ: “ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިތުރަތުގެ ސާފުކަން މަތީގައެވެ. ފަހެ އެ ކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ.” ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ މަސްޢޫލިއްޔަތެކެވެ. ވުމާއިއެކު ޗުއްޓިގެ ތެރޭގައި ވެސް މި މަސްޢޫލިއްޔަތު ހަނދާން ބަހައްޓަން ވާނެއެވެ. ދަރިންނަށް ޞާލިހު ރަނގަޅު އުޅުމެއް އުޅެން ދަސްކޮށްދޭށެވެ. ރަނގަޅު ކަންތައްތަކުގެ މައްޗަށް ދަރިން ހޭނުވުމަށް ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.
ދަރިންނަށް ކުރަންޖެހޭ ޚަރަދުތައް ކުރުމާއި، އަސާސީ ބޭނުންތައް ފުއްދައި ދިނުމާއި، އުނގެނުމަށް އެހީތެރިވެދިނުމާއި، ދުޅަހެޔޮކަންމަތީގައި ތިބުމަށް ރަނގަޅު ކާނާ ފޯރުކޮށްދިނުމާއި އަމާން ވެށްޓެއް ޤާއިމުކޮށްދިނުމުގެ އިތުރުން ހުސްވަގުތު ހެޔޮގޮތުގައި ހޭދަކުރުމަށް ދަސްކޮށްދިނުމަކީ މައިންބަފައިންގެ މައްޗަށް ވާޖިބެކެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ކުރަމުން ގެންދަނީ ވަރަށްބޮޑު ޤުރުބާނީއެއް ކަމަށާއި އަދި އެއީ ދަރުމަހުރި ޖިހާދެއް ކަމަށް މިއަދުގެ ޚުޠުބާގައި ވެއެވެ.
“ޗުއްޓީގައި ގިނަ ހުސްވަގުތުތަކެއް ލިބިގެންދާއިރު އަޅުގަނޑުމެންގެ މުޖްތަމަޢުން ގިނަބަޔަކު ޓީވީ ސްކުރީނުގެ ކުރިމަތީގައި އަގުހުރި ގިނަވަގުތުތަކެއް ނަގާލައެވެ. ވަކިން ޚާއްޞަކޮށް ކުޑަކުދިން ސްކުރީނުތަކުގެ ކުރިމަތީގައި ކާޓޫނު ބެލުމަށް ގިނަވަގުތު ހޭދަކުރުމަކީ ހިތާމަހުރި ކަމެކެވެ. އެކަމަކީ އޭގެ ސަބަބުން އެކުދިންގެ ސިކުނޑިއާއި ހަށިގަނޑު ހެދި ބޮޑުވުމަށް ނުހަނު ގެއްލުން ލިބޭ ކަމެކެވެ. މީގެ އިތުރުން ޒުވާނުންވެސް ޓީވީ ސީރީޒްތަކާއި ފިލުމުތަކުގެ ތެރެއަށް ގެއްލިގެން ދިއުމަކީ ނޭނގި ތިއްބައި އެ ޒުވާނުންގެ ވިސްނުމާއި ފިކުރަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. މުސްލިމް ނޫން މުޖްތަމަޢު ތަކުގެ އާދަތަކާއި އިސްލާމް ދީނާއި ފުށުއަރާ ޘަޤާފަތްތައް ދައްކުވައިދޭ ސީރީޒްތައް ކެނޑިނޭޅި ބަލަމުން ގެންދިއުމުގެ ސަބަބުން ޒުވާނުންގެ ހިތްތަކާއި ސިކުނޑިތަކަށް ނޭދެވޭ އަސަރުކޮށް އެ ކުދިންގެ މުޅި ހަޔާތަށް ވެސް އެ އަސަރު ފޯރައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ތިމާގެ ލޮލުން ބަލާ މަންޒަރުތަކާއި މެދު ﷲ ހަޟްރަތުގައި ޖަވާބުދާރީ ވާން ޖެހޭނެކަން ދަނެ، ﷲ ގެ ރުހިވޮޑިގަތުން ލިބޭފަދަ މަންޒަރުތައް ބެލުމަށް ޢަޒުމު ކަނޑައަޅައި މަސައްކަތް ކުރަންޖެހެއެވެ.” މިއަދުގެ ޚުޠުބާގައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި