އަޅުގަނޑުމެން މުސްލިމުންނަށް ކޮންމެ ހަފުތާއަކު ބައްދަލުކުރާ ހުކުރު ދުވަހަކީ ޢީދެއް ފަދަ ދުވަހެކެވެ. އަޅުގަނޑުމެންގެ ޚިޔާލަށް ފިކުރަށް ވެސް ނުގެނެވޭނެ މިންވަރަށް، ހުކުރު ދުވަހުގެ މާތްކަމާއި މަތިވެރިކަން ބޮޑެވެ. އެއީ އަޅުގަނޑުމެން ގެ ނަފުސު ހެޔޮ އަމަލު ތަކުން ޒީނަތްތެރިވެ، މުޅި ހަށިގަނޑު ފާފައިގެ ނުބައި ކަމުން ސާފު ކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ. މި ރަނުގެ ފުރުސަތުގެ ބޭނުން ނުކޮށް ޣާފިލް ކަމުގެ ނިދީ ގައި ވަގުތު ބޭކާރު ކޮށްލުމަކީ އެއްވެސް ޙާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. 

ހުކުރު ދުވަހުގެ ޙާއްޞަ ކަމާއި މާތްކަން ބަޔާން ކޮށްދެއްވައި، މާތް ﷲ ރުއްސުން ލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. 

(أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا ، فَكَانَ لِلْيَهُودِ يَوْمُ السَّبْتِ ، وَكَانَ لِلنَّصَارَى يَوْمُ الأَحَدِ ، فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ ) رواه مسلم 

މާނައަކީ: “އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރު ދުވަހާއި މެދުގައި ޣާފިލުވީ އެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވި އެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވި އެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ޙިޔާތާއި މާތް ކަން ދެއްވި އެވެ.” 

އިރު އުދަރެހުން މަރުޙަބާ ކިޔާނެ އެންމެ މަތިވެރި ދުވަހަކީ ހުކުރު ދުވަސްކަން އަބަދު ވެސް ހަނދާނުގައި ބަހައްޓާށެވެ. އެނގޭ ހެއްޔެވެ؟ އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ ހުކުރު ދުވަހެއްގަ އެވެ. އެކަލޭގެފާނު އަވަހާރަވީ ވެސް ހަމަ ހުކުރު ދުވަހެއްގަ އެވެ. ތާޅަފިލި ފުމެލައްވާނީ ވެސް ހަމަ ހުކުރު ދުވަހުގަ އެވެ. ޤިޔާމަތް ވާނީ ވެސް އެދުވަހުގަ އެވެ. މިކަން ކަމުން ވެސް ހުކުރު ދުވަހުގެ ޙާއްޞަ ކަން ޔަޤީންވެ އެވެ. 

ހުކުރު ދުވަހުގައި އަޅުގަނޑުމެންނަށް މާތްﷲ ވަނީ ހުކުރު ނަމާދު ކުރުން ވާޖިބު ކުރައްވާފަ އެވެ. އެގޮތުން ޞިއްޙަތު ސަލާމަތުން ހުރި، މިނިވަން، ބުއްދިހުރި، ބާލިޣު ވެފައިވާ، ޤާއިމްވެ ހުރި (ދަތުރެއްގެ މަތީގައި ނުވާ)، މުސްލިމު ކޮންމެ ފިރިހެނެއްގެ މައްޗަށް ހުކުރު ނަމާދަކީ ޢައިނިއްޔަ ފަރުޟުކެވެ. މި ޝަރުތުތައް ހަމަވެފައިވާ ފިރިހެނަކު ގަސްދުގައި ހުކުރު އަޅައިފި ނަމަ ފާފަވެރި ވާނެ އެވެ. ޝައިތާނާގެ މަޅީގައި ޖެހިގެން ހުކުރު ނަމާދު ވަގުތުގައި ނިދަން އޮވެ، ފާފައިގެ ދަންތުރައެއް ގައި ނަމަނަމަ ނުޖެހޭށެވެ. މާތް ﷲގެ ހަޟްރަތުގައި ޖަވާބުދާރީ ވާން ޖެހޭނެ ދުވަހެއް އަންނާނެ ކަން އަބަދު ވެސް ހަނދާނުގައި ބަހައްޓާށެވެ.

أبو هريرة رضي الله عنه  ވިދާޅުވެފައި ވެއެވެ. ނަބިއްޔާ صلى الله عليه و سلم ޙަދީޘްފުޅު ކުރެއްވިއެވެ.

“ހުކުރު ދުވަހުގައި މަލާއިކަތުން މިސްކިތުގެ ދޮރުކޮޅު ތަކުގައި ދެމިތިއްބަވާނެ އެވެ. މިސްކިތަށް ވަންނަ މީސްތަކުން އެންމެ ފުރަތަމަ އަދި އެއަށް ފަހު ވަންނަ މީހުން އެ ތަރުތީބުން ލިޔުއްވަ އެވެ. އެންމެ ފުރަތަމަ ވަގުތުގައި މިސްކިތަށް ވަންނަ މީހުންނަށް ޖަމަލެއް ހަދިޔާ ކުރުމުގެ ޘަވާބު ލިބިދެ އެވެ. ދެވަނަ ވަގުތުގައި މިސްކިތަށް ވަންނަ މީހުންނަށް ގެރިއެއް ހަދިޔާ ކުރުމުގެ ޘަވާބު ލިބިދެ އެވެ. އެއަށްފަހު ތިންވަނަ ވަގުތު ގައި ކަންބަޅި އެވެ. އެއަށްފަހު ކުކުޅެކެވެ. އެއަށްފަހު ކުކުޅު ބިހެއް ހަދިޔާ ކުރުމުގެ ޘަވާބެ އެވެ. އިމާމް ޚުޠުބާ ދިނުމަށް ނުކުތުމުން މަލާއިކަތުން ލިޔުއްވާ ފޮތްތައް ބަންދު ކޮށްލެއްވުމަށް ފަހު ޒިކުރު އަޑުއެއްސެވުމަށް އިށީންނަވައެވެ.”

ހުކުރު ދުވަހުގެ ބަރަކާތްތެރިކަން މި ދަލީލު ތަކުން ޝައްކެތް ނެތް މިންވަރަށް އެނގެއެއް ނޫންހެއްޔެވެ؟؟ އެހެންކަމުން ޣާފިލް ކަމުގެ ނިދިން ހޭލައިގެން ހުކުރު ނަމާދު ކުރަން ސަމާލުކަން ދޭށެވެ.

“ފަރުވާކުޑަ ކަމުން ޖެހިޖެހިގެން ތިން ހުކުރު ދޫކޮށް ލައިފި މީހާ ދަންނާށެވެ. ﷲ އޭނާގެ ހިތުގައި ސިއްކަ ޖައްސަ ވާނެ އެވެ” މިންބަރުގެ ހަރުފަތުގެ މަތީގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްފުޅު ކުރެއްވި އެވެ. މި ބަސްފުޅުން ހުކުރު ނަމާދު ނުކޮށް ޣާފިލު ކަމުގެ ނިދީގެ ތެރޭގައި އޮތުމުގެ ނުބައިކަން  ވަރަށް ބޮޑަށް ދޭހަވެ އެވެ. 

އެހެނަސް ހިތާމައަކީ މިއަދުގެ ގިނަ ޒުވާނުން ހުކުރު ވަގުތު ގައި ވެސް ގަދަ ނިދީ ގައި އޮންނަކަމެވެ. ދަންވަރު ނުނިދައި ދުނިޔެ ވީ ހެއްލުންތަކަށް ހެއްލި، މާތް ﷲ އެންގެވި ކަންކަމަށް ފަރުވާ ކުޑަ ކުރެވޭ ކަމެވެ. މިއީ ހަމަ ލޮލަށް މިއަދު ފެންނަމުން ދާ މަންޒަރު ތަކެވެ. އަނެއް ބައި ޒުވާނުން ހުކުރު ވަގުތުގައި ބޭރު ތެރޭގައި ރަޙުމަތްތެރިންނާއި އެކު ސިނގެރޭޓް ބުއިމާއި، ހަވާ ނަފުސުގެ ގޮވުން ތަކަށް ހެއްލިގެންދާ މަންޒަރަކީ މި ކުޑަކުޑަ މުޖުތަމަޢު ގައި ފެންނަމުންދާ ވަރަށް ހިތާމަވެރި މަންޒަރުތަކެކެވެ.

ޒުވާނުންނޭވެ.! އެންމެހާ މުސްލިމުންނޭވެ.!  ހޭލާށެވެ. ދެލޯ ހުޅުވާ ރަނގަޅަށް ދިރުއުޅުމަށް ބަލައިލާށެވެ. އަމިއްލަ ނަފުސު ފާފައިގެ ދޮރުން ޙިމާޔަތް ކުރާށެވެ. ނަމާދަށް ފަރުވާތެރި ވާށެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ހުކުރު ވަގުތުގައި ނިދަން ނުތިބޭށެވެ. ހެޔޮ ދަރުމާއި ޘަވާބު ލިބިގަތުމަށް ހުކުރު ދުވަހު އަވަހަށް މިސްކިތަށް ގޮސް ހުކުރު ނަމާދު ލިބިގަންނާށެވެ. ޝައިތާނާގެ ފިރުމުން ތަކުން ލިބިދޭ އަރާމުން ނަމާދު އަޅާފައި ނިދަން އޮންނަން ހެޔޮނުވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.