އަހަރެން ކުޑައިރުއްސުރެ މިއަދާ ހަމައަށްވެސް މަންމަ ނުވަތަ ބައްޕަ ނުވަތަ އަހަރެންނަށް ހެޔޮއެދޭ މީހަކު ރަގަޅު ނަސޭހަތެއް ދީފި ނަމަ ޤަބޫލުކުރަމެވެ. ކަމެއް ކުރުން މަނާކޮށްފި ނަމަ އެކަމެއް ނުކުރަމެވެ. ބިރުންނެއް ނޫނެވެ. ނަމަވެސް  އަހަރެން ޤަބޫލުކުރަނީ އެއީ އެމީހުން އަހަރެންނަށް ހެޔޮ އެދޭތީ އަހަރެންނަށް ރަނގަޅަކަށް ބުނާ ބަހެއް ކަމުގައެވެ. ހަމަ އެހެންމެ އެމީހުނަށް އިޙްތިރާމު ކުރުމުގެ ގޮތުންނެވެ.

އަަހަރެމެން ދިރިމިއުޅޭ ކުޑަކުޑަ މުޖުތަމަޢިން  އިޙްތިރާމް ކުރުމުގެ މާތް ސިފަ ނެތެމުންދާކަމީ ހިތާމަހުރި ކަމެކެވެ. އެންމެ ފުރަތަމަ ތިމާ ހެއްދެވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. އެކަލާންގެ ނަހީ ކުރައްވާފައިވާ ކަންތައް އެއީ އިންސާނީ ޙައްްޤޭ ކިޔައި ވަކާލާތު ކުރަމުން ދިއުމަކީ އެފަރާތައް ކުޑަވެސް އަދަބެއް އިޙްތިރާމެއް ނުކުރާކަމުގެ ހެއްކެއް ކަމާމެދު ޝަައްކެއް ނުކުރަމެވެ. އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން  އަންހެން ހެދުން އެޅުމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި، ރާބުއިމާއި ޒިނޭކުރުމާއި މީހުން މެރުން މިވަނީ ފެންފޮދެއް ބޯލާހާ ފަސޭހަ ކަންތައްތައް ކަމުގައި ހަދާފައެވެ. އިންސާނުން ތަބާވާންޖެހޭ ޤާނޫނަކީ އިލާހީ ޤާނޫނު ކަމަަށް ވާއިރުވެސް މި ފެންނަނީ   އެއްވެސް އިޙްތިރާމެއް ނެތި އެ ޤާނޫނުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރާ މަންޒަރެވެ. 

ފަރުޟު ފަސް ނަމާދަށްފަހު އެންމެ ހެޔޮކަންބޮޑު ޢަމަލަކީ މައިންބަފައިންނަށް ކަމޭހިތުން ކަމުގައިވާއިރު އެމީހުންގެ ހައްޤުތަކާއިމެދު އިންތިހާއަށް އިހުމާލު ވަމުންދާ މަންޒަރު މިއަދު މިދަނީ ފެންނަމުންނެވެ. ތިމާ ކުޑައިރުއްސުރެ ބަލައި ބޮޑުކުރި އެދެމީހުންގެ ކުރިމަތީގައި ޒުވާބު ކުރުމާއި އަޑުލައި ހަދާ މަންޒަރު ފެންނަނީވެސް މަދެއްކޮށެއް ނޫނެވެ. އަހަރެމެންގެ ވިސްނުން ބަހަައްޓަންވީ ހަމައެކަނި ކިޔަވައިގެން މަތީ ފާސްތައް ހޯދާކަށް ނޫނެވެ. މައިންބަފައިން މުސްކުޅިވާ ދުވަހު ބަލަހައްޓާނެ ގޮތްތަކެއްވެސް ހޯދަން ޖެހޭނެއެވެ. އެމީހުން އުފަލުގައި ބެހެއްޓޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހޭނެއެވެ. 

ސްކޫލްތަކުގައި ކިޔަވާކުދިން އެކުދިންގެ މުދައްރިސުންނަށް ބޭއަދަބީ  ބަސްތަކުން މުޚާޠަބު ކުރާއިރު މައިންބަފައިންނަކީ އެފަދަ ކުދިންނަށް ހިތްވަރުދޭ ބަޔަކަށް ވެގެންނުވާނެއެވެ. ނަމަވެސް މަދުން ނަމަވެސް ކުދިންގެ ކުރިމަތީ މުދައްރިސުންނަށް އިޙްތިރާމު ކުޑަވާފަދަ ގޮތްގޮތައް މުޢާމަލާތު ކުރާތަން އެބަފެނެއެވެ.

އިޙްތިރާމް ކުރަންޖެހޭނީ ތިމާއަށް އެއްޗެއްދޭ މީހަކަށް ނޫނެވެ. އެންމެންނަކީވެސް އިޙްތިރާމް ލިބެންޖެހޭ ބައެކެވެ. ކުނި އުކަން އުޅޭ މީހަކަސް، ވިޔަފާރި ވެރިއަކަސް އަދި ފިލްމުކުޅޭ މީހަކަސް އަދި ހަމަ އެހެންމެ ކުށެއް ކޮށްފައި ހުރި މީހަކަސް އިޙްތިރާމް ކުރަންޖެހެއެވެ. ނަމަވެސް މުޖުތަމަޢިން ފެންނަނީ ނިކަމެތިން އެކަހެރިކޮށް ފަައިސާލިބޭ މުއްސަނދިންނަށް ސަނާ ކިއަމުން އެމީހުން ފަހަތުން ދާ މަންޒަރެވެ.

އަހަރެމެން އެކަކު އަނެކަކަށް އިޙްތިރާމް ކުރަންވީ އިންސާނަކަށްވީތީއެވެ. މުދަލާއި ހަސަބާއި ނަސަބަށް ބަލައިގެނެއް ނޫނެވެ. ދަރިން މައިންބަފައިންނަށް އިޙްްތިރާމް ކުރާފަދައިން މައިންބަފައިން ދަރިންނަށްވެސް އިޙްތިރާމް ކުރަންޖެހެވެ. ތިމާއަށް ވުރެ ބޮޑެތި މީހުނަށް އިޙްތިރާމް ކުރާ ފަދައިން ބޮޑެތި  މީހުން، ކުޑަކުދިންނަށްވެސް އިޙްތިރާމް ކުރަންޖެހެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.