އެއީ ސަލީމްބެގެ އެކުވެރި އަހުމަދުގެ ފިހާރައެވެ. ފިހާރަ ހުރީ ރާނައި ނިމިފައެވެ. ހިޔާކުރުމަށް ބޭނުންވާނެ ސާމާނު ހޯދައި އެ އިމާރާތް ހިޔާކުރުމުގެ ތައްޔާރީތައްވެ ގާތްގަނޑަކަށް ނިމުމަކަށް ދަނީއެވެ. ހިޔާކުރުމަށް ބޭނުންވާނެ ވަކަރާއި ފަތި ފަދަ ތަކެއްޗަކީ ރަށުން ލިބެން ހުންނަ ތަކެއްޗަށް ވުމުން، އެ ތަކެތި ހޯދުމުގައި މާބޮޑު ތަކުލީފެއް އުފުލާކަށް ނުޖެހުނެވެ. ނަމަވެސް ފުރާޅުގައި ޖަހަން ބޭނުންވާ ޓިނު އެއީ ރަށުން ގަންނަން ލިބެން ހުންނަ އެއްޗެއް ނޫނެވެ.

ދުވަސްވަރަކީ މުޢާސަލާތީ ޚިދުމަތާއި އަދި ދަތުރު ފަތުރު ފާސޭހަކަން އެހައި ބޮޑަށް އޮންނަ ދުވަސްވަރެއް ނޫނެވެ. މާލެއިން އެއްޗެއް ރަށަށް ގެންނަން ބޭނުން ވެއްޖެ ނަމަ މާލެދާ މީހަކު އަތަށް ފައިސާ ހަވާލުކުރުމަށް ފަހު އެކަމެއް ކޮށްދިނުމަށް އެދިގެން އެ މީހަކު ލައްވައި އެކަން ކުރުވަނީއެވެ. އެއީ އެ ދުވަސްވަރު އެކަން އޮންނަ ގޮތެވެ.

ސަލީމްބެ މާލެ ދާން އުޅޭ ޚަބަރު އަހުމަދަށް ލިބިއްޖެއެވެ. އެ ޚަބަރާއި އެކު އަހުމަދު އަވަސްވެގަތީ ހަދަމުންދާ ފިހާރައިގެ ފުރާޅަށް ބޭނުންވަނީ ކިހައި ދިގުމިނެއްގެ، ކިތައްގަނޑު ޓިނުތޯ ބެލުމަށެވެ. މިންތައް ބަލައި ބޭނުންވާ ޓިނުގެ މިންތަކާއި އަދި އެކަމަށް ބޭނުންވާ ފައިސާ ހަވާލުކޮށްފިއެވެ.  

ސަލީމްބެ މާލެގޮސް ރަށު ބޯޓުން އަހުމަދުގެ ފިހާރައަށް ބޭނުންވާ ޓިނު ފޮނުވައިފިއެވެ. ހަފުތާއެއް ފަހުން ފިހާރަ ހިޔާކުރުމުގެ މަސައްކަތް އަހުމަދު ފަށައިފިއެވެ. މަސައްކަތުގައި ސަލީމްބެ ވެސް ބައިވެރިވެ އުޅެއެވެ. ފައިދޮށް އަރުވައި ފަތިއަޅައި ޓިނުޖަހަން ވެގެން ޓިނު އެރުވި އިރު ކޮންމެ ޓިނުގަނޑަކުން ފޫޓެއް ވަރު ދިގުވެއްޖެއެވެ. ކޮންމެ ގަނޑަކުން ދިގުވި ބައި ބުރިކުރަން ޖެހިއްޖެއެވެ. މިން ދެވުނީ ގޯސްކޮށްތޯ ވެސް އަހުމަދު ބަލައިފިއެވެ. ބެލި އިރު މިންދެވިފައިވަނީ ރަނގަޅަށެވެ. މި ވީގޮތާއިމެދު އަހުމަދު ސަލީމްބެއާއި ސުވާލުކުރިއެވެ. އަހުމަދު ދިން މިނަށްވުރެ ތިމަންނަ ތަންކޮޅެއް އިތުރު ކޮށްލީ ކަމުގައި ސަލީމްބެ ބުންޏެވެ.

އިމާރާތެއްގައި ނުވަތަ އެ ނޫންވެސް ތަނެއްގައި ޓިނުޖެހުމަށް ޓިނަކީ ހަމަ ސީދާ މިން ހަމަކޮށް ގެންނަ އެއްޗެކެވެ. މިނަށްވުރެ ކުރެއްވެސް އަދި ދިގެއްވެސް ނުކުރާނެއެވެ. އިތުރުވެ ބުރިކުރަން  ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ.

މި މިސާލު ބަސް ބޭނުން ކުރެވެމުންދާ ހާލަތް ތަކެއްހުރެއެވެ. އިމާރާާތެއްގައި ތަށިމުށި ޖަހަން މުށި ގަންނަ ނަމަ ބަރާބަރު މިނަށް ގަތުމުގެ ބަދަލުގައި އަބަދުވެސް ތަންކޮޅެއް އިތުރު ކުރާނެއެވެ. އެ އިތުރުކުރާ ބަޔަށް ސަލީމްބެއަށް ވީ ތަންކޮޅޭ ކިޔައި އުޅެއެވެ.

އިމާރާތަކަށް ކަރަންޓު ލުމަށް ކޭބަލް ގަންނަން ނަމަވެސް އެ ކޭބަލް ގަންނަ އިރު ހަމަ އެގޮތަށް މިނަށްވުރެ ދިގުކޮށް ގަންނާނެއެވެ. އެ ތަންކޮޅު އިތުރު ކުރުމަށް ސަލީމްބެއަށް ވީ ތަންކޮޅޭ ބުނެއެޅެއެވެ. 

ފިހާރަތަކުން ފިޔާކަހަލަ ކިރައިގެން ވިއްކާ އެއްޗެހި ކިރާފައި ދޭ އިރު މިނަށް ވުރެ ކުޑަތަންކޮޅެއް އިތުރު ކުރާނެއެވެ. އެ އިތުރުކުރާ ތަންކޮޅަށް ވެެސް މަޖާޒީގޮތުން ސަލީމްބެއަށް ވީ ތަންކޮޅު ކަމުގައި ބުނެއުޅެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.