ކީރިތި ޤުރުއާނާއި ޙަދީޘުން ޘާބިތުވެފައިވާގޮތުން، ސިހުރަކީ ވާ އެއްޗެއްކަން އިސްލާމީ ހުރިހައި ޢިލްމުވެރިންވެސް އިއްތިފާޤް ވެ ވަޑައިގަންނަވައެވެ. ‘ސިހުރަކީ ވާ އެއްޗެއް ނޫންކަމަށް’ ފަހަރުގައި ބުއްދި ގޯސްވެފައިހުރި ދީނީ ޢިލްމުވެރިއެއް ބުނިކަމުގައި ވިޔަސް ސިހުރު ހާހޫރަ އާއިމެދު އިންކާރު ކުރެވޭކަށް ނެތެވެ. ހަމަ ގައިމުވެސް އަހަންނަކީ މިކަން ޤަބޫލުކުރާ މީހެކެވެ. ދީނީގޮތުން ބަލާއިރު ސިހުރު ހެދުމާއި ސިހުރުވެރިން ކައިރިން ސިހުރު ހެއްދުމަކީ ކަނޑައެޅިގެން ބޮޑު ފާފައަކަށް އަރައިގަތުންކަންވެސް އަހަރެން ޤަބޫލު ކުރަމެވެ. މި ވާހަކަ އަކީ އަހަރެންގެ ރަޙްމަތްތެރިއެއްގެ މަންމައަށް ދިމާވެފައިވާ ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.

“އެއީ 2007 ވަނަ އަހަރުގެ މާރިޗް މަހުގެ ހެނދުނުގެ ވަގުތެވެ. އާދައިގެ މަތިން އަހަރެންގެ މަންމަ ނިދިން ހޭލީ ހައެއް ޖަހަން އުޅެނިކޮށެވެ. މަންމައަކީ އޭޭރު އެއްވެސް ވަރަކަށް ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ މީހެއް ނޫނެވެ. ނިދިން ހޭލެވުމާއިއެކު ގޭތެރޭގެ މަސައްކަތްތަކުގައި އަވަދިނެތި އުޅެން ފެށުމަކީ މަންމަގެ އާާދައެވެ.

ފާޚާނާއަށް ވަދެ ދަތް އުނގުޅާ ނިމިގެން ނުކުންނަނިކޮށް ކުއްލިއަކަށް މަންމަ ކައްސާލައިގެން ވެއްޓިއްޖެއެވެ. ވެއްޓުނީކީ އެހާާބޮޑު ގެއްލުމެއް ލިބޭފަދަ ގޮތަކަށް ނޫނެވެ. ނަމަވެސް ވެއްޓުމާާއެކު މަންމައަށް ހަޅޭއްލަވައި ގަނެވުނެވެ. އެވަގުތު އަހަރެންގެ ދައްތައާއި އަހަރެން މަންމަގެ ކޮޓަރިއަށް ވަނީމެވެ. އޭރު އަހަރެމެންގެ ބައްޕަވީ ކަސްރަތަށް ހިނގަން ގޮހެވެ. އަހަރަމެން އެ ކޮޓަރިއަށް ވަތްއިރު ފެނުނީ ފާޚާނާ ދޮރު ކައިރިއަށް މަންމަ ވެއްޓިފައި ވަނިކޮށެވެ. އަހަރުމެން ދެމީހުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. މަންމަގެ އަތުގައި ހިފައިފައި ނެގޭތޯ އަހަރަމެން މަސައްކަތް ކުރަން ފެށީމެވެ. ނަމަވެސް މަންމައަށް އެއްވެސް ހަރަކާތެއް ނުކުރެވޭތީ މަންމަ ނެގޭނެ ގޮތެއް ނުވިއެވެ. ވީ ކިހިނެތްތޯ މަންމަ ކައިރީގައި އެހުމުން ބުނީ ކައްސާލައިގެން ވެއްޓުނީ ކަމަށެވެ. އެހައިބޮޑުކަމެއް ނުވާ ކަމަށެވެ. ތަނަކަށް ތަދުނުވާކަމަށްވެސް ބުންޏެވެ. ނަމަވެސް ތެދުވަން މަސައްކަތް ކުރަން އުޅެއުޅެ އެއްވެސް ކަމެއް ނުކުރެވުނުކަމަށްވެސް މަންމަ ބުންޏެވެ. ވަރަށް މަސައްކަތުން، އަހަރަމެން ދެބެއިން ވެގެން މަންމަ ނަގައިގެން ގެންގޮސް އެނދުމަތީގައި ބޭއްވީމެވެ. މަންމަ އޮތީ ކުއްލި ޝޮކެއް ލިބިފައެވެ. އެހައި އާދައިގެ ގޮތަކަށް ކައްސާލައިގެން ވެއްޓިގެން ކޮޅަށް ނުހުރެވޭވަރު ވީމައެވެ. ނުހިނގޭގޮތް ވީމައެވެ.

މަންމައަށް ފަސޭހަ ވާނޭ ގޮތަކަށް ބޭއްވުމަށްފަހު ބައްޕައަށް ގުޅީމެވެ. ބައްޕަ އަންނަންދެން މަޑުކޮށްގެން ތިބިއިރު އަހަރެންގެ ދައްތަ، މަންމަގެ އުނަގަނޑާއި ފަައިގައި އައިސްޕެކް އަޅަމުން ދިޔައެވެ. ވަކިތަނަކަށް ތަދު ނުވިޔަސް ފުރަތަމަ އެހީ ދިނުން މުހިންމު ކަމެއް ކަމަށް ދެކޭތީއެވެ.

ބައްޕަ ގެއަށް އައިސް، ބައްޕަގެ ރައްޓެއްސެއް ކަމަށްވާ މަޝްހޫރު ކަށީގެ ޑޮކްޓަރަކަށް ގުޅައިގެން ގެއަށް ގެނައެވެ. ކަށީގެ ޑޮކްޓަރު އައިސް ބެއްލެވުމަށްފަހު އެއްވެސް އަނިޔާއެއް ވެފައިވާކަމަށް ފެންނަން ނެތްކަމަށް ވިދާޅުވެ ހޮސްޕިޓަލަށް ގެންގޮސް އަވަހަށް އެކްސްރޭއެއް ނެގުމަށް އިރުޝާދު ދެއްވިއެވެ. ކުޑަ ތަންފުކެއްވެސް ލަސްނުކޮށް ހޮސްޕިޓަލަށް ގެންގޮސް ކަށީގެ ޚާއްޞަ ޑޮކްޓަރު ބޭނުންވި ހުރިހައި އެކްސްރޭއެއް ނެގުނެވެ. އެކްސްރޭތައް ބެއްލެވުމަށްފަހު ޑޮކްޓަރު ދެއްވި ޖަވާބުން އަހަރަމެން ހައިރާންވިއެވެ.

“އެއްވެސް ގެއްލުމެއް، ފްރެކްޗަރއެއް ވެފަ ހުރިކަމަކަށް ނުދައްކާ. މަސުލް ސްޕްރެއިން ނުވަތަ ސްޓްރެއިން އެއްވެސް ވެފައެއް ނެތް. އެހެންވީމާ ބަކުރު އަންހެނުންނަށް ކޮޅަށް ނުހުރެވި، ނުހިގެންވީ ސަބަބެއް ނެތް. އެކަމަކު ކޮންމެވެސް ގޯހެއް އުޅޭތީތާދޯ މިހެން ވާންވީ!!” ނުހަނު ހައިރާންވެ ހުރެ ޑޮކްޓަރު މުޚާޠަބު ކުރީ އަހަރެންގެ ބައްޕައާއެވެ.

މަންމަ ވެއްޓުނުތާ ހަފުތާއެއް ފާއިތުވެ ދިޔައިރުވެސް މަންމައަށް ހިނގޭގޮތެއް ނުވެއެވެ. އެކަމާ އަހަރަމެން އެންމެންގެ ކަންބޮޑުވުން އިނތިހާއަށް ދިޔައެވެ. ދިވެހިބޭސްވެރިއެއް ގެނެސްގެން ދެތިން ހަތަރު ބޭސްގަނޑެއްވެސް އެޅިއްޖެއެވެ. ނާރުގެ ޑޮކްޓަރުންނާއި އަދިވެސް އެހެން ބައެއް ޑޮކްޓަރުންނަށްވެސް ދެއްކުނެވެ. އަހަރެންގެ ބައްޕަގެ ފަޤީރުކަމާހުރެ ބޭރު ޤައުމަކަށް ދެވޭނެގޮތެއް ނެތުމުން ބޭރަށް ދެވޭގޮތް ނުވީއެވެ.

މިހިސާބުން މަންމައަށް މި ދިމާވި ކަންތައް ކުޑަކޮށް އެއްފަރާތަކަށް ޖައްސާލައިފައި މިދިޔަ ފެބްރުއަރީ މަހު ހިނގި ކަމެއްގެ ވާހަކަ ގެންނާނަމެވެ. އެއީ މަންމައަށް މި ދިމާވި ކަންތަކާ ގުޅުންހުރި ކަމެއް ކަމަށް ވާތީއެވެ. މިއީ އަހަރެންގެ މަންމަގެ އުފަން ރަށުގައި ހުންނަ މަންމައާއި ދެބެއިންގެ ދެދަރި އަންހެނެއްގެ ވާހަކައެވެ. އެއީ އަހަރެމެން އެއްމެންވެސް ވަރަށް ފޫހިވާ އަންހެނެކެވެ. އެއީ ވަރަށް ހިތް ނުބައި ދެފުށްދެގޮތް އަންހެނެއްކަން އެންމެންނަށްވެސް އެނގޭތީވެއެވެ. އަދި އެމީހާއާއި އޭނާގެ ފިރިމީހާއަކީ ސިހުރު ހާހޫރައިގެ ދުނިޔެއެއްގައި އުޅޭ ބައެއްކަން އަހަރެމެންނަށް އޮޅިފައި ނުވާތީވެސްމެއެވެ. އޭނާއަށް އަހަރުމެން ކިޔަނީ ‘ބޮއްތަ’ އެވެ. ބޮއްތަ އަކީ ސިހުރު ހެދުމަށް އޭނާގެ އަތޮޅުގައި މަޝްހޫރު އަންހެނެކެވެ. ބޮއްތަގެ އާއިލާއާއި އަހަރެމެންގެ ޢާއިލާއާއި މާބޮޑު ގުޅުމެއް ނެތްނަމަވެސް ބައެއް ފަހަރަށް ބޮއްތަ މާލެއައިސް ހުންނަނީ އަހަރެމެންގެ ގޭގައެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ކޮންމެވެސް ދުވަހެއްގައި އަހަރެމެންގެ ގެއަށް ބޮއްތަ އައެއެވެ. އޭނާގެ އަންހެން ދަރިއަކާއި ދަނބި ދަރިފުޅުވެސް ގޮވައިގެންނެވެ. މާލެއަށް ހަމަ އާދެވުމާއެކު ބައްޕަ ކައިރީގައި ބުނީ އޭނާގެ ދަނބިދަރިއަށް ވަޒީފާއެއް ހޯދައިދިނުމަށެވެ. އަހަރެންގެ މަންމައާއި ބައްޕައަކީ މީހުންނަށް ހެޔޮ ދެމީހުންނެވެ. އެމީހުން އަބަދުވެސް ޤަބޫލުކުރަނީ މީހަކު ކަމަކަށް އެދެފިނަމަ އެކަމެއް ވާންއޮތް މިންވަރަކުން އެބުނި ކަމެއް ކޮށްދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން ބޮއްތަ އެދުނުކަންތަކަށް ވަގުތުން ބައްޕަ އާނބަސް ބުންޏެވެ. އެކަން ކޮށްދެވޭތޯ ބަލާނެ ކަމަށް ބުނަމުންނެވެ. ކުއްލި ގޮތަކަށް، ކުރިން އަންގައިވެސް ނުލާ ބޮއްތަމެން އައެއްކަމަކު އެމީހުން ހަފުތާއެއް ވަންދެން އަހަރެމެންގެ ގޭގައި ބޭއްތިއްބީމުއެވެ. އެމީހުން ތިބީ އަހަރުމެންގެ ގެއާއި ވަކިން ހަދާފައި ހުންނަ ކުޑަ ކޮޓަރިއެއްގައެވެ. އެއީ ރަށްރަށުން އަންނަ ބައްޕަމެންގެ ރައްޓެހިން ނިދުމަށް ޚާއްޞަކޮށްގެން ހަދާފައިވާ ކޮޓަރިއެކެވެ. އެމީހުން ފުރައިގެން ރަށަށް ދިޔައީ ފެބްރުއަރީ މަހުގެ ފަހު ހަފުތާ ތެރޭގައެވެ. އެހެންކަމުން މަންމައަށް މިކަންތައް ގަނޑެއް ޖެހިގެން އުޅުނުއިރު ބޮއްތަމެންގެ އެ ދަތުރު މަތިން އަހަރެމެން މާ ބޮޑަކަށް ހަނދާނެއްވެސް ނެތެވެ.

އަހަރެންގެ އަސްލު ވާހަކައަށް އެނބުރިލާނަމެވެ. އަހަންނާ އަހަރެންގެ ދައްތައަށް ބޮއްތަމެންނާއި މެދު ޝައްކުވާން ފެށިއެވެ. އަނެއްކާ ބޮއްތަ ކޮންމެވެސް ކަމެއް ކުރީ ނޫންބާއޭ ހިތަށް އަރައި އެވާހަކަ އަހަރެމެންނަށް ދެެއްކެން ފެށުނެވެ. އެއްމެފަހުން އަހަރެމެން ދެބެއިން ނިންމީ ބޮއްތަމެން ތިބި ކޮޓަރި ޗެކްކުރާެށެވެ. ބަލާކަށް ނުތިބެ އެ ކޮޓަރިތެރެއަށް ވަދެ އެއްޗެހިތައް އެފުށްމިފުށަށް ޖަހައިގެން ހޯދަން ފެށީމެވެ. އެއްވެސް ކަހަލަ އާދަޔާޚިލާފް އެއްޗެއް ފެނޭތޯއެވެ. ނަމަވެސް މުޅި ކޮޓަރީގައި އެއްކޮށް އަތްފުނާ އަޅައިގެންވެސް އެކައްޗެއްވެސް ފެންނަގޮތެއް ނުވިއެވެ.

ގޮތް ހުސްވެ މާޔޫސްވެގެން ކޮޓަރީގެ އެނދެއްގައި އަހަރުމެން އިށީންނި ވަގުތު އެތަނަށް އައިސް ވަނީ އަހަރުމެންގޭގައި ގެންގުޅޭ މަސައްކަތު މީހާއެވެ. އެއީ މާފަންނުކޮޅު ގެއެއްގައި އުޅޭ ރާއްޖޭ މީހެކެވެ. އަހަރެމެން ކައިރީގައި ވެގެންއުޅެނީ ކީއްހޭ އަހައި ސުވާލުކޮށް ވެގެންއުޅޭގޮތް އޮޅުންފިލުވިއެވެ. އެއްމެފަހުން އެމީހާ ބުނެގެން ކޮޓަރީގެ މަތާރަންފިލާމަތި ބަލަން ފެށީމުއެވެ. މޭޒެއްމަތީގައި އަދަރާދަ ގޮނޑިއެއް ބަހައްޓައިގެން އެއަށް އަރައިހުރެ މަތާރަންފިލާމަތީގައި ހުރި ފޮށިގަނޑުތަކާއި ކޮތަޅުތައް ހާވަން ފެށީމެވެ. އެތައް އިރަކު ހޭވިއިރުވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. އެތަނުން ފައިބަންވެގެން މަތާރަންފިލާތައް ބަހައްޓަން އަޅާފައިހުރި ވަކަރު ބެރިތަކުގެ ތެރެއިން ބެރިއެއް މަތީގައި އަތް އެޅުމާއެކު އަތުގައި ކޮންމެވެސް އެއްޗެއް ޖެހުނުހެން ހީވެގެން ރަނގަޅަށް ބަލައިލީމެވެ. އެއީ ކަޅުކުލައިގެ ފޮތިކޮޅެކެވެ. ތަވީދެއްގެ ސިފައިގައި އޮތް އެއްޗެކެވެ. ތިރިއަށް ފައިބާ އެ ފޮތިކޮޅުގައި އޮޅާފައިވާ ރޮދިތައްް ނިއުޅުވާލައި ބަލައިލިއރު އޭގެ ތެރޭގައި އޮތީ ލަކުޑިކޮޅަކާއި ކަރުދާސްކޮޅެކެވެ. ގާތްގަނޑަކަށް ތިން އިންޗި ދިގު، ބައި އިންޗި ފުޅާމިން ހުންނަވަރުގެ އޮރިމަސް ލަކުޑިކޮޅެކެވެ. ލަކުޑިކޮޅުގައި އަންހެނެއްގެ ބޮލުގެ އިސްތަށިތަކެއް އޮޅާފައި ހުއްޓެވެ. އާދަޔާ ޚިލާފު އެ އެތި ފެނުމުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލަކުޑިކޮޅުގައި އޮޅާފައިވާ އިސްތަށިތައް ނިއުޅުވާލައި ބަލައިލުމާއެކު އެއީ އަހަރެންގެ މަންމަގެ ބޮލުގެ އިސްތަށިކަން އެނގުނެވެ. އެއީ އަހަރެމެންގެ ގޭގައި ނުރަ އިސްތަށި ހުންނާނީ މަންމަގެ ބޮލުގައި އެކަންޏެވެ. އަނެއްކޮޅުން ބޮއްތައާއި ބޮއްތަގެ އަންހެން ދަރިފުޅުގެވެސް ނުރަ އިސްތަށްޓެއް ނުހުރެއެވެ. އިސްތަށީގެ އިތުރުން ލަކުޑިކޮޅުގައި އޮޅާލާފައިވާ ފޮތިކޮޅަކީ މަންމަގެ ‘ދަށުންލާ އަންނައުނުގެ’ ތެރެއިން އަންނައުނަކުން ކަފާލާފައިވާ ފޮތިކޮޅެއްކަން އަހަރެންގެ ދައްތައަށް އެނގުނެވެ. އަދި އޭގެތެރޭގައި އޮތް ކަރުދާސްކޮޅެއްގައި އަހަރެންގެ މަންމަ ވެއްޓުނު ދުވަހުގެ ތާރީޚާއި ދިވެހިމަހުން ތާރީޚެއް ލިޔެފައިވެސް އޮތެވެ. އެ ތާރީޚް ދިމާވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހާއެވެ. އެ ތާރީޚްތަކުން އަހަރެމެންނަށް ކުރެވުނު ޝައްކު އެއްކޮށް ޔަޤީނަށް ބަދަލުވިއެވެ. އޭގައި އެ ވާގޮތުން އޭޕްރީލް މަހުގެ 13 ވަނަ ދުވަހަކީ މަންމައަށް ކޮންމެވެސް ބޮޑުކަމެއް ދިމާވާނެ ދުވަހެއް ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.

އަހަރުމެންނަށް ފެނުނު އެ ސިހުރު ހިފައިގެން ބޭރަށް ނުކުމެ އެ ހުރިހައި އެއްޗެއް އަންދާލީމުއެވެ. އެކަން ކުރީ މަސައްކަތު މީހާ ބުނެގެންނެވެ. އެ އެއްޗެހި އެންދި ވަގުތު އަހަރެންގެ ދައްތަ މަޑުކުރީ މަންމަ ކައިރީގައެވެ. ދައްތަ ބުނިގޮތުން އެ އެއްޗެހި އެންދި ވަގުތު މަންމަގެ ކޮޓަރިތެރެއިންވެސް އިސްތަށި އަނދާވަސް ދުވިއެވެ. މިހުރިހައި ކަމެއް އަހަރުމެން ކިޔައިދިނީ ބައްޕައަށެވެ. މަންމައަށް އެކަން ސިއްރުކޮށްފައި އެވަގުތަށް ބޭއްވުން ރަނގަޅުކަމަށް ބައްޕަ ބުންޏެވެ.

ހަމަ އެދުވަހު ބައްޕަގެ ވަރަށް ގާތް ފަނޑިތަ ހަދާ މީހެއް ގެނެސްގެން އެވާހަކަތައް ކިޔައިދިނެވެ. ފަންޑިތަ ހަދާ މީހާ ބުނީ އަހަރެމެން އެކަންތައް ކުރީ ހަމަ އެއްމެ ރަނގަޅަށް ކަމަށެވެ. އެމީހާ ބައެއް ހެޔޮ އެއްޗެހި ކިޔަވައި ޞަލަވާތް ފާތިޙާ ކިޔަވައިދިނެވެ.

އެ ސިހުރު އަންދާލިތާ ބަރާބަރު ތިންދުވަސް ފަހުން އަހަރެންގެ މަންމަ އެއްކޮށް ރަނގަޅު ވެއްޖެއެވެ. މަންމައަށް އެ ވާހަކަތައް ކިޔައިދިނީ މަންމަ އެއްކޮށް ރަނގަޅުވުމުންނެވެ. މަންމައަށް އެ ވާހަކަތައް އިވިފައި އަހަރެމެން ހީކުރިގޮތަށް އެހައި ބިރުގަންނަ ގޮތެއް ނުވިއެވެ. މަންމަ ބުނީ ބޮއްތަމެން އުޅުނު ދުވަސްވަރު މަންމަ ހުންނަނީ އަބަދުވެސް ކޮންމެވެސް ކަމަކާ ބިރުން ކަމަށެވެ. އަދި އެކަނި ހުންނަ ކޮންމެ ވަގުތަކު ކައިރިގައި ކޮންމެވެސް މީހެއް ހުންނަ ކަމުގެ އިޙްސާސް ކުރެވުނު ކަމަށްވެސް ބުންޏެވެ. ކޮންމެއަކަސް ނަސީބު ރަނގަޅުކަމުން އަހަރެންގެ މަންމަ އަށް ގެއްލުމެއް ނުވެ ސަލާމަތްވިއެވެ. އެދުވަހަށްފަހުން މަންމަގެ އުޅުންވެސް މުޅިން އިޞްލާޙް ކޮށްލިއެވެ. ގަޑިން ގަޑިޔަށް ހުރިހައި ނަމާދެއް ކޮށް ޤުރުއާން ކިޔެވުން އާދައަކަށް ހެދިއެވެ.

މިހާރު އަހަރުމެންގެ ގެއަށް ބޮއްތަ ވަނުންވެސް އޮންނަނީ މަނާކޮށްފައެވެ. ކިތަންމެ ހިތް ނުއެދުނަސް އެ ސިހުރުގެ ސަބަބުން ބޮއްތައާއި އޮންނަ ތިމާގެ ކަމުގެ ގުޅުންވެސް ބާއްވާކަށް މިއަދު އަހަރުމެން ބޭނުމެއް ނޫނެވެ.”

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.