މިހާރަކަށް އައިސް އެކިއެކި މީމްސް ހަދައި މީސްމީޑިއާގައި ފަތުރަމުން ދިއުން އާންމު ވެއްޖެއެވެ. ޚާއްޞަ ގޮތެއްގައި މަޝްހޫރު މީހުންނާއި ކުށް ކުރާމީހުންގެ ފޮޓޯ ބޭނުން ކޮށްގެން މީމްސް ހަދައިގެން ފެތުރުން މިވަނީ އާާއްމުކަމަކަށް ވެފައެވެ. ބައެއް މީހުންނަށް ހީވާ ކަހަލައެވެ. ތިމާއަކީ އެއްވެސް ކުށެއް ނުކުރެވޭ މައުސޫމު މީހެކެވެ. ނަމަވެސް ހަޤީޤަތަކީ ކޮންމެ އިންސާނަކީވެސް ކުށްކުރެވޭނެ މީހެއްކަމެވެ. ތިމާ ކުށްކުރާ ތަން ނުފެނުމަކީ ކުށް ނުކުރާކަމުގެ ހެއްކެއް ނޫނެެވެ.

މީމްސް ހަދައިގެން މީހުނަށް ފުރައްސާރަކުރުމަކީ ވެސް ކުށެކެވެ. މިކަމުގެ ސަބަބުން ކުށެއް ނެތް އެތައް ބަޔަކަށް އެކަމުގެ ނޭދެވޭ އަސަރުކުރެއެވެ. މާދަމާ ތިމާގެ ބޭބެ ނުވަތަ ދައްތަ އަދި ގާތްތިމާގެ މީހަކަށް ކަމެއް ދިމާވެއްޖެ ނަމަ ތިމާއަށްވެސް އެކަމުގެ އަސަރު ކުރާނެއެވެ. ލަދުވެސް ގަންނާނެއެވެ. ދެރަވެސް ވާނެއެވެ. ވީއިރު އެހެންމީހުންގެ އިޙްސާސްތަކަށް ޤަދަރާއި އިޙްތިރާމް ކުރުމެއް ނެތި ތިޔަ ހަދައި ފަތުރަމުންދާ މީމްސްތަކުގެ ބަދަލުގައި މީހަކަށް ހެޔޮ ނަސޭހަތެއް ލިބޭ ފަދަ މީމްސް ތަކެއް ހެދުން ކިހިނެއް ވާނެ ތޯއެވެ.

އަޅުގަނޑުމެން ވާންވީ މީހުންްނަށް ކުރެވިފައި ހުންނަ ގޯސްތައް ހޯދައި މީހުންނަށް މަލާމާތް ކުރާ ބަޔަކަށް ނޫނެވެ. މިފަދަ ކަންތައް ތަކުން ދުރުހެލިވެ ހެޔޮބަސް ފަތުރާ ބަޔަކަށެވެ.

މީމްސްއަކީ ފިލްމުތަކުންނާއި އެކި ތަންތަނުން ނަގާފައިވާ ފޮޓޯތައް ބޭނުންކޮށްގެން އެޔަށް ލިޔުންކޮޅު ލައިގެން ތައްޔާރުކުރާ ފޮޓޯއެކެވެ. މީމްސް ބޭނުންކުރަނީ ޖޯކުޖެހުމާއި ފުރައްސާރަކުރުން ފަދަ ކަންތައްތަކަށް ވެފައި، މީމްސް ހަދަނީ ފިލްމުގެ މަންޒަރުތަކާއި އެކިއެކި ތަސްވީރުތައް ބޭނުންކޮށްގެން ކަމަށްވެފައި ކޮޕީރައިޓްސް އަށް އަރައިގަނެވޭތީ ޔޫރަޕްގައި މީމްސް މަނާވެދާނެ ފަދަ ގާނޫނެއް ހެދުމަށް ވެސް އަންނަނީ ވިސްނަމުންކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.