“އެ މަންޖެ ރީތިވެޔޯ.. ބަޔަކު އެބަ ހަލާކުވެޔޯ!!” އަހަރެންގެ މޭޒުކައިރިއަށް އައިސް އެ ހުއްޓުނީ ލާއިކު އެވެ. އާދައިގެ މަތިން މިއަދުވެސް އޭނާގެ ދުލުކުރީގައި ވަނީ ލަވައެކެވެ. ކޮންމެ ދުވަހަކުވެސް ލާއިކް ހުންނާނީ ކޮންމެވެސް ލޯބީގެ ލަވައެއް ޖައްސާފައެވެ. އެކި ދުވަހު އެކި ލަވައެވެ. އިއްޔެ އޭނާ ކިޔީ ‘ސާދާ މޫނޭ މުނޭ ތީ ތިޔަ ނަން މިހިތުގާ ލިޔެވުނު ރަނުގެ އަކުރަކުން….’ އެވެ. އޭގެ ކުރިން ދުވަހު ‘އިޙްސާސުވަނީ ހިތުގެ އަރާމާއި ލޯތްބޭ….’ ކިޔާވަރުން ބޮލަށް އުނދަގޫވާވަރު ވިއެވެ. މުޅިންވެސް ކިޔާނީ ޢަލީ ރަމީޒްގެ ލަވަތަކެވެ.

“މިއަދު އިރު އެރީ އެހެން ދިމާއަކުންތަ އަނެއްކާ؟ … ނޫނީ ޢަލީ ރަމީޒްގެ ލަވަހޮޅިތައް ހުސްވީތަ؟” ލާއިކް އަހަރެން އިން މޭޒު ކައިރިއަށް އައިސް ހުއްޓުމުން އަހާލީމެވެ. އަބަދު ޢަލީ ރަމީޒްގެ ލަވަތައް ތަސްބީހައެއް ހެން ކިޔާ މީހަކު ހާބުރި ރަޝީދުގެ ލަވައެއް ކިޔާތީ އަހަރެން އިނީ ހައިރާން ވެފައެވެ.

“އެ މަންޖެ ރީތިވެޔޯ …. ބަޔަކު އެބަ ހަލާކު ވެޔޯ … ކައެއަށް ނޭނގޭދޯ މާ ސަޅި މަންޖެއެއް މި އޮފީހަށް ވަތްކަމެއް؟” ރާގުގައި ލަވަ އަޅުވާލާފައި ލާއިކް ވެސް އަހަންނާ ކުރީ ސުވާލެކެވެ. ހަމަ އެއާއެކު އެބުނާ މަންޖެއެއްގެ ވާހަކަ އަލިފުން ޔާއަށް ލާއިކް ކިޔައިދިނެވެ. އަހަރެން ލާއިކްގެ ވާހަކަތަކަށް ސަމާލުކަން ދީގެން އިނީ ލާއިކް އަކީ އަހަރެންގެ ބެސްޓް ބަޑީ ކަމަށް ވީތީއެވެ. އެއްގޮތަކަށްވެސް އެބުނާ މަންޖެ އެއްގެ ހާސަރު އެނގުމުގެ މަޤުޞަދުގައެއް ނޫނެވެ.

“ދެން ލާއިކް މެނަށް ދޯ ރަނގަޅީ. އަހަރުން މިތިބީ ލައިފް ޓައިމްއަށް ޕެކޭޖް ނަގައިގެން.” ހިނިގަނޑެއް ޖަހައިލަމުން އަހަރެން ބުނީމެވެ.

މިއީ އެދުވަހު އަހަރެން މަސައްކަތްކުރާ އޮފީހަށް ދިޔަ އެ މަންޖެ ގެ ވާހަކައެވެ. އަހަންނަށް އެ މަންޖެގެ ސިހުރު ޖެހުނު ގޮތުގެ ވާހަކައެވެ. އެ މަންޖެ ހެއްދި އިސްތިރި ޖެހުނު ގޮތުގެ ވާހައެވެ. އެއީ އަހަރެން ޙާޞިލް ކުރުމަށް އެ މަންޖެ އިޚްތިޔާރު ކުރިގޮތެވެ. ނަފްސާނީގޮތުންނާއި ރޫޙާނީ ގޮތުން އޭނާގެ ގައިދުގެ ތެރެއަށް އަހަރެން ވެއްދުމަށް އޭނާ މަސައްކަތްކުރީ މިހެންނެވެ. އަޑު އަހާށެވެ.

އެ މަންޖެ އަކީ އަރަހުމެންގެ އޮފީހުގެ ސެކްރެޓަރީ އަކަށް ވެއްދި މަންޖެ އެކެވެ. ހުވަދޫ އަތޮޅު ރަށެއްގެ ކުއްޖެކެވެ. ޒުވާން މަންޖެއެކެވެ. ގާތްގަނޑަކަށް އަހަންނާއި ހަމަ އެއް އުމުރެކެވެ. އެއީ ލަދުގެ ފަރުދާއެއް ގެންގުޅެން ނުވެސް ދަންނަ މަންޖެއެކެވެ. ހިލޭ ފިރިހެނުންނާ ހީ ސަމާސާކޮށް އުޅޭކަހަލަ މަންޖެއެކެވެ. އެ މަންޖެ ގެ އެއްވެސް ބީރައްޓެހިކަމެއް ނެތް އުޅުން ފެނިފައި ގިނަބަޔަކަށް ކަމުދިޔަޔަސް، އަހަންނަކަށް ކަމަކު ނުދިޔައެވެ. ބުރުގާ އަޅައިގެން އުޅެނީވެސް ނަމެއްގައެވެ. ކަތި ނަޒަރަކުން ނޫނިއްޔާ ފިރިހެނަކާ ދިމާއަށް ބަލައިވެސް ނުލައެވެ. ނަމަވެސް މެހެމާންދާރީ އަދާކުރުމުގެ ގޮތުން އެ މަންޖެއާ ކޮންމެވެސް ވަރަކަށް އަހަރެންވެސް ވާހަކަދެއްކީމެވެ.

އެ މަންޖެ އޮފީހަށް އަންނަތާ ހަފުތާއެއް ވީއިރު ކުރިއަށްވުރެން ގިނައިން ވާހަކަދެއްކެން ފެށުނެވެ. އެއް އޮފީހެއްގައި އުޅޭއިރު ވާހަކަވެސް ދެއްކޭނެތާއެވެ. ނަމަވެސް އޮފީހުގެ ރަސްމީ ވާހަކަތަކުގެ އިތުރަށް ޢާއްމު ވާހަކަތައްވެސް ދެއްކެއެވެ. ހަމަ ޢާއްމު ވާހަކައެވެ. މިގޮތަށް ވާހަކަ ދެއްކުމުގައި އެއްދުވަހަކު އެ މަންޖެ ވަރަށް އެހެން ކަހަަލަ ސުވާލެއް އަހަންނާ ކުރިއެވެ. އަހަރެންގެ މަންމަ އާއި ބައްޕައަށް ކިޔަނީ ކޮން ނަމެއްތޯ އެހިއެވެ. މާ ބޮޑު ކަމަކަށް ނުހަދައި އަހަރެންގެ މަންމަ އާއި ބައްޕަގެ ނަން ބުނީމެވެ.

އެދުވަހުގެ އަނެއް ދުވަހު އޮފީހަށް ގޮސް ވަދެވުމާއެކު އަހަރެންގެ ހިތް ގޮވަންފެށީ އެ މަންޖެ ދެކިލުމަށެވެ. އަހަރެންގެ ހިއްސުތައް ގޮވަމުން ދިޔައީ އެ މަންޖެ ފެންނަ ހިސާބުގައި ހުރުމަށެވެ. އެ މަންޖެގެ ވަސްޖެހޭ ހިސާބުގައި ހުރުމަށެވެ. މީގެ ކުރިން އެ މަންޖެ އާއިމެދު މިފަދަ އެއްވެސް ގޮތަކަށް އަހަރެން ނުވިސްނަމެވެ. ނުވެސް ވިސްނެއެވެ. ނަމަވެސް އެދުވަހު އެ މަންޖެ އާއިމެދު ހަމަ ވިސްނުނީއެވެ. އެއްމެފަހުން އެ މަންޖެ އިންނަ ކިއުބިކަލް އަށް ގޮސް ވާހަކަދައްކަންފެށީމެވެ. މެންދުރު ކެއުމަށް ޑޮލްފިންއަށް ދިއުމަށް ދަޢުވަތުވެސް ދިނީމެވެ. މެންދުރުގެ ކެއުން ނިންމާލެވުނުއިރު އަހަރެންގެ ފޯނު ނަންބަރުވެސް ދިނީމެވެ. އަހަންނަކީ ކައިވެނިކޮށްގެން އުޅޭ މީހެއްކަން އެނގޭ އިރުވެސް އެ މަންޖެގެ ފޯނަށް އަހަރެންގެ ނަންބަރު ސޭވްކޮށްލިއެވެ. ހަމައެއާއެކު ވައިބަރުން އަހަންނަށް ‘ހައި’ ޖަހާފައި މެސެެޖެއްކޮށްލިއެވެ. އެދުވަހަށްފަހުން އަހަންނަށް ދެވަނަ އެހެން ކަމަކާ ނުވިސްނެއެވެ. އަހަރެންގެ ލޯބިވާ އަނބިމިހާއާއި މެދު ކުޑަކޮށްވެސް ވިސްނައެއް ނުލެވެއެވެ. އެކުގައި ވަގުތު ހޭދަކުރާހިތެއްވެސް ނުވެއެވެ. ދީނީ ކަންކަމުގައި އަހަންނަކީ މީގެ ކުރިން ވަރަށް ފަރުވާތެރި މީހެކެވެ. ފަސްވަތު ނާޅާ ނަމާދުކޮށް ޤުރުއާން ކިޔެވުމާއި ޒިކުރުތައް ކިޔެވުމަކީ އަހަރެންގެ ކަށީގައި ހިފައިފައި ހުރި ކަމެކެވެ. ނަމަވެސް މި ކަންތައްތަކާވެސް ދުރުވަމުން ދުރުވަމުންގޮސް އެއްކޮށް ދުރުވެވުނީ އެ މަންޖެގެ ޖަޒުބާތުގައި ޖެހިގެންނެވެ. އަހަރެންގެ ދިރިއުޅުން އަނދިރި ވަޅުގަނޑެއްގެ ތެރެއަށް އަމިއްލައަށް ވައްޓާލެވެނީކަން ކުޑަކޮށްވެސް ރޭކާ ނުލާ ހާލުގައި ހުރެއެވެ.

އަހަންނަށް ނިދިން ހޭލެވެނީ އެ މަންޖެގެ ހުވަފަނަކުންނެވެ. ހޭލެވުމާއެކު ވައިބަރުން ޗެޓްކުރަން ފެށެއެވެ. ފާހާނާއަށް ވަދެވެނީވެސް ޗެޓް ކުރަމުންނެވެ. ފެންވަރަން ހުރެފައިވެސް އެ މަންޖެގެ ޓެކްސްޓްތަކަށް ޖަވާބުދެމުން ނޫނީ ފެނެއްވެސް ނުވެރެއެވެ. ރޭގަނޑު ނިދުމުގެ ކުރިންވެސް އެ މަންޖެއާ ޗެޓްކުރުމުގައި ގަޑިދެގަޑިއިރު ހޭދަކޮށްފައި ނޫނީ ނުވެއް ނިދެއެވެ. އެ މަންޖެގެ ކަންތަކުގައި އަހަންނަށް ސީރިޔަސް ވެވުނުވަރުން އެންމެފަހުން އިންނަންވެސް އެހުނެވެ. އަހަރެން އެ މަންޖެ އާއި ރައްޓެހިވިތާ އޭރު ވާނީ އަދި ދެތިން ހަފުތާއެވެ. އެކަމަކުވެސް އަހަރެން ބޭނުންވީ އެ މަންޖެ އާއި ކައިވެނި ކުރާށެވެ. އަހަރެންގެ އަންނެހުން ކައިރީގައި އެ މަންޖެ އާ ދެ އަތްބަށް ކައިވެނިކުރަން ބޭނުންވާ ވަހަކަ ބުނުމުން އެކަމަށް އެއްބަހެއް ނުވިއެވެ. އަމިއްލައަށް ދަންޖެހިގެން މަރުވާނެކަމަށް ބުނެ އަަހަންނަށް އިންޒާރުދީ ބިރުދެއްކިއެވެ.

އެއްމެފަހުން އެ މަންޖެ އެހެން މީހަކާ ކައިވެނި ކުރިއެވެ. އެކަމަކުވެސް އަހަރެންގެ ހިތުގައި އެ މަންޖެއަށް ދެވިފައިވާ ލޯތްބަތް ކުަޑަނަމަވެސް ފަނޑުކަމެއް ނާދެއެވެ. ފޯނުން އަހަރެމެންގެ ގުޅުން ބަރާބަރަށް ކުރިއަށް ދިޔައެވެ.

އަހަރެން އެކުއްޖާއާއި އެއްމެ ފަހުން ބައްދަލުވިތާ މިހާރު 5 މަސްދުވަސް ފާއިތުވެއްޖެއެވެ. ކޮންމެވެސް ވަރަކަށް އަހަރެންގެ ދިރިއުޅުމާމެދު ވިސްނަން ފެށުނީ އެހިސާބުންނެވެ. އެހެންކަމުން ބަރާބަރަށް ނަމާދުކުރުމާއި ހެޔޮ ޢަމަލުތައް ކުރަން ފެށީމެވެ. އަހަންނަށް ސަލާމަތުގެ އައްސޭރި އަތުޖެހޭނީ ތަޤުވާގެ މަގު ޚިޔާރުކޮށްގެންކަން ވިސްނުނެވެ. އަދި އެ މަންޖެގެ ހަނދާންތަކާއި ދުރަށް ދެވޭނީވެސް މިގޮތުގައި ކަން ވިސްނުނެވެ.

އެ މަންޖެ ކައިވެނިކުރިތާ ދެ މަހެއް ފަހުން އަހަންނަށް ވަރަށް އެހެންކަހަލަ ކަންތައްތަކެއް ކުރިމަތިވާން ފެށިއެވެ. ނަމާދުކޮށް ޤުރުއާން ކިޔަވާއިރު އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. ﷲ ގެ މާތް ނަންފުޅު ކިޔެނީވެސް ވަރަށް އުނދަގުލުންނެވެ. އޭގެ ތިން ހަފުތާ ފަހުން އަހަރެންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. ފާޑުފާޑުގެ ހުވަފެންތައް ފެންނަންފެށިއެވެ. ކުށްހީތަކާއި ވަހުމްތައް ވާންފެށިއެވެ. ކައިރީގައި އަބަދުވެސް ކަޅު ހިޔަންޏެއް ހުންނަހެންވެސް ހީވާން ފެށިއެވެ. ކެއުންބުއިން މަތިންވެސް ފޫހިވިއެވެ. އަބަދު ހުންނަނީ މޭ ނުބައިކޮށްފައެވެ. ހޮޑުލަވާފައެވެ. ބިރުގެންފައެވެ. ބިރު ގަންނަނީ ކޮންކަމަކާ ކަމެއްވެސް ނޭނގެއެވެ. ކަންބޮޑުވެ ހާސްވުންވެސް އިތުރުވިއެވެ. އަބަދު ހުންނަނީ ހުން ވައްތަރުވެސް ވެފައެވެ. ރަނގަޅަށް ނަމާދެއްވެސް ކޮށްނުލެވެއެވެ. ކީރިތި ޤުރުއާން އަޑުއިވުނަސް ބިރުގަންނަން ފެށިއެވެ. އެއްމެ ފަހުން ކުފުރުގެ ކަންތައްތައްވެސް ހިތަށް ވަންނަން ފެށިއެވެ. ޝިރުކު ކުރުމުގެ ޚިޔާލުތައް ސިކުނޑިތެރޭގައި އެނބުރެން ފެށިއެވެ. މިކަންކަމާ އަހަރެން ކުރިމަތިލާން ބޭނުންވިޔަސް ކާމިޔާބެއް ނުލިބުނެވެ.

މި ހުރިހައި ކަމެއް ވާންފެށުމުން އަހަރެންގެ ޢާއިލާ މީހުން އަހަރެން ގެންދިޔައީ ސިހުރުހާހުރަ ހަދައި އުޅޭ މީހެއްގެ ކައިރިއަށެވެ. އެމީހާ ރަމަލު ޖަހާފައި އެ ބަލާއެއްޗެއް ބަލާފައި ބުނީ އަހަންނާ ޖިންނިއެއް އަވަލާފައި ހުރިކަމަށެވެ. އަދި އެއީ ސިހުރެއްގެ ޒަރީޢާއިން ކުރިމަތިވި ކަމެއް ކަމަށްވެސް އެމީހާ ބުންޏެވެ. އެކަން ކުރީ ކަނޑައެޅިގެން އަހަންނާއެކު މަސައްކަތް ކުރަން އުޅުނު މީހެއް ކަމަކަށް އޭނާއެއް ނުބުނެއެވެ. ނަމަވެސް އަހަރެން މަސައްކަތް ކުރަނީ ކޮންތަނެއްގައިތޯ އާއި މަސައްކަތުގެ މައިދާނުގައި އެއްވެސް މީހަކާ ދެބަސްވެ މައްސަލައެއް ޖެހިފައިވޭތޯ ސުވާލު ކުރިއެވެ. އެފަދަ މައްސަލައެއް ޖެހިފައި ނުވާކަމަށް އަހަރެން ބުނީމެވެ. ފަންޑިތަ ހަދާމީހާ ދެއްކި ވާހަކަތަކުން އަހަންނަށް ކަމެއް ވިސްނުނެވެ. އަހަންނަށް ކަމެއް ކުރިއްޔާ އެ ކުރި މީހަކީ އެ މަންޖެ ނޫން ދެވަ މީހަކަށް ނުވާނެކަމަށް ޤަބޫލު ކުރެވުނެވެ. ފަންޑިތަ ހަދާމީހާ ތަވީދެއް ތައްޔާރުކޮށްފައި އަހަރެންގެ އަތަށް ދިނެވެ. އެ ތަވީދު ފެން ތަށްޓެއްގެ ތެރެއަށް ލައި ގިރުވާލައިގެން ބުއިމަށް އިރުޝާދު ދެމުންނެވެ. މިކަން ކުރި އިރު އަހަންނަކަށް ޝަރުޢީ ރުޤުޔާ އާއި ބެހޭ މަޢުލޫމާތެއް ލިބިފައެއް ނެތެވެ. އަދި މިފަދަ ފަންޑިތަ ހަދާ މީހުންކައިރިއަށް ގޮސް ރަމަލު ޖެއްސުމަކީ މާބޮޑު ޝިރުކެއް ކަމަކަށްވެސް ވިސްނިފައެއް ނެތެވެ.

ފަންޑިތަ ހަދާ މީހާ އެ ދިން ތަވީދެއް ބޭނުންކުރިފަހުން އަހަންނަށް ލުޔެއް ލިބުނެވެ. ނަމަވެސް ކުފުރުގެ ޚިޔާލުތައް ކުރެވުމާއި ކީރިތި ޤުރުއާނާއިމެދު ޚިޔާލަށް އަންނަމުންދިޔަ ބޭއަދަބީ ވިސްނުންތަކަކާއި ދުރަކަށް ނުދެވުނެވެ. އެއްމެ ފަހުން އަހަރެން ނިންމީ އިންޓަރނެޓްގެ ޒަރީޢާއިން ރުޤްޔާ އާއި ބެހޭ ކަންކަން އަމިއްލައަށް ދަސްކުރާށެވެ. އޭރު ދިވެހިބަހުން ރުޤްޔާ އާއި މެދު ލިޔެފައިވާ ލިޔުންތައް މިހާރު ލިބެން މިހުންނަގޮތަށް ލިބޭކަށް ނުހުރެއެވެ. އެހެންކަމުން ބޭރުގެ ބައެއް އިސްލާމީ ވެބްސައިޓްތައް ބޭނުންކޮށްގެން ރުޤްޔާ ކުރާނެގޮތް އުނގެނެން ފެށީމެވެ. ޔޫޓިއުބުން މިކަމާގުޅޭ ތަފާތު ވީޑިއޯތައްވެސް ބެލީމެވެ. ރުޤުޔާގެ އާޔަތްތައް ނަގައިގެން ކިޔަންފެށީމެވެ. ރުޤްޔާ ދަސްކުރަން ފެށުމުން އަހަންނަށް އެނގުނު އެއްމެ މުހިންމު ކަމަކީ ޙަޤީޤި ފަރުވާއެއް ވަނީ ކީރިތި ޤުރުއާނުގައި ކަމެވެ. ނަމާދުކޮށް ދުޢާކޮށްގެން ކަމެވެ. މާތް ﷲ އަށް ފުރިހަމައަށް އަޅުދާސްތުވެގެން ކަމެވެ. ކުރިން ބުނިހެން، އަހަރެން ފަސްވަގުތު ނާޅައި ހުރިހައި ނަމާދެއް ކުރަންފެށީ މިހިސާބުންނެވެ. ނަމާދުކޮށް ޤުރުއާން ކިޔެވުމުގެ އިތުރުން ހެނދުނާއި ހަވީރުގެ ޒިކުރުތައް ބަރާބަރަށް ކިޔަންފެށީމެވެ. މިކަންކަން ކުރަންފެށިތާ ހައެއްކަ މަސްފަހުން އަހަންނަށް ކުރިމަތިވަމުންދިޔަ ކަންތައްތައް އެއްކޮށް ކަހަލަ ގޮތަކަށް ފިލައިގެން ދިޔައެވެ.

އެ މަންޖެ ގެ ކަންތަކާއި ގުޅިގެން އަހަންނަށް ދިމާވި ކަންތައްތަކުން އަހަންނަށް ވިސްނުނު ވަރަށް މުހިއްމު ކަމެއް ފާހަގަ ކޮށްލާނަމެވެ. ސިހުރު ހާހޫރަ ނުވަތަ ޖިންނީގެ ކަމެއް ދިމާވުމުން ދެވަނަ މީހެއް ލައްވާ ރުޤްޔާ ހެދުމަކީ ބޭކާރު ކަމެކެވެ. އޭގެ ބަދަލުގައި ތިމާ ފަރުޟް ފަސްނަމާދުކޮށް ޤުރުއާން ކިޔެވުން ގިނަކުރުމާއެކު ޝިފާ ދެއްވުމަށްއެދި އަމިއްލައަށް ރުޤްޔާ ކުރުމަކީ އެއްމެ ބުއްދިވެރި ގޮތެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.