ފ. ފީއައްޔަކީ ފިސާރި ގިނައިން ކަނަމަދު އޮންނަ ރަށެކެވެ. އެރަށު ހައްވައްތަ އަކީ ކަނަމަދު ހޯދުމަށް އެއްމެ މަޝްހޫރު މީހާއެވެ. އެހެން މީހަކަށް ކަނަމަދެއް ހޮވޭނީ ހައްވައްތަ އަށް ނުފެނި އޮންނަ މަދެއް ފެނުނިއްޔާ އެވެ.

ފީއަލީ އަލިނަރުމާގޭ ދެމަފިރިންގެ 6 ކުދިން ތިބެއެވެ. އެއީ 5 އަންހެން ކުދިންނާއި އެއްމެ ފިރިހެން ކުއްޖެކެވެ. އެއްމެ ދޮށްޓަށް ހުންނަނީ ފިރިހެން ކުއްޖާ އެވެ. ދުވަސްވަރަކީ ސްކޫލްގެ ބޮޑު ޗުއްޓީގެ ދުވަސްވަރެވެ. ސްކޫލަށް ދާން ނުޖެހޭތީ ފޫހިފިލުވުމަށް ގޭތެރޭގައި އެކި ކުޅިވަރުތައް ކުޅެ މަޖާކުރުމުގައި 5 އަންހެން ކުދިން އުޅޭއިރު އެކުދިންގެ ދޮންބެ މިސްބާޙް ހުންނަނީ ފޫހިވެފަ އެވެ. އެހެންކަމުން މިސްބާޙް ގިނަވަގުތު ހޭދަަކުރަނީ ޖެހިގެން ހުންނަ ގޭ އަލީ އާއި ހުސޭނާާ އެކު ފިލްމު ބެލުމާއި ގޭމް ކުޅުމުގަ އެވެ.

އަލިނަރުމާގޭ ފަސް އަންހެންކުދިން ޗުއްޓީ ފެށުމާއި އެކު ވަރަށް ވަރުގަދަ މަސައްކަތެއްވެސް ވަނީ ފަށާފަ އެވެ. އެއީ ކަނަމަދު ހޯދުމުގެ މަސައްކަތެވެ. ކަނަމަދު އަވީގައިލާ ހިއްކުމަށްފަހު ކަނަމަދު ފަޅައިގެން އޭގެ ފިޔަރިތައް ނަގައި ޑަބިޔާ ޑަބިޔަލުގައި ރައްކާކުރުމުގެ މަސައްކަތެވެ. އެ ކުދިންގެ މަންމަ އާއި ބައްޕަ އެކުދިން ކަނަމަދު ހޯދަނީ ކީއްކުރަންތޯ ދޭތެރެއަކުން ސުވާާލުކޮށް ހަދަ އެވެ. ނަމަވެސް އެކުދިން ކަނަމަދު ހޯދަނީ ކީއްކުރަން ކަމެއް ނުބުނެއެވެ.

“މަންމާ… ދެން އަބަދު ތިހެން ނާހަބަލަ ޕްލީޒް!! އަހަރުމެން ކަނަމަދު ހޯދަނީ ކީއްކުރަންކަން އެނގޭނޭ ފަހުން. މަންމަވެސް ބައްޕަވެސް އެ ވަގުތު ޖެހެންދެން މަޑުކޮށްލަދެއްވާ!” ފަސްކުދިންގެ ތެރެއިން އެއްމެ ދޮށްޓަށް ހުންނަ މިޝްޔާ އަބަދުވެސް ދެނީ މި ޖަވާބެވެ.

ފަސްކުދިން ކަނަމަދު ހޯދުމަށް ވަރަށް ހެނދުނާ ވަލަށް ވަދެއެވެ. ހައްވައްތަ ވަލަށް ވަނުމުގެ ކުރިން ވަދެ ހުރިހައި ކަނަމަދެއް ހޯދައިގެން ބަރޯއަށް އަޅައިގެން ނިކުމެ އެވެ. ކަނަމަދު ތައް އަވީގައި ލާ ހިއްކަން ބަހައްޓަ އެވެ. ކުރީ ދުވަހު އަވީގައިލާ ހިއްކާފައި ހުންނަ ކަނަމަދު ތައް ފަޅައިގެން ފިޔަރި ނެގުމުގެ މަސައްކަތް ކުރާއިރު ހީވަނީ ކުޑަވަރެއްގެ ފެކްޓަރީ އެއްގައި މަސައްކަތްތަކެއް ކުރިއަށްދާ ހެންނެވެ. އެކުދިން މަދުފަޅަން ފެށުމުން ކޮންމެ ދުވަހަކުވެސް އެކުދިންގެ ދޮންބެ އެތަނަށް ގޮސް ކޮންމެވެސް ޖެއްސުމެއް ކޮށްލައި އުޅުމަކީ އާދައެކެވެ.

tropical almond

“ކޮއްކޮމެން މަދު ހޯދާ ސަބަބެއް ނުބުނަންޏާ ތި މަދުތައް އެއްކޮށް ކައި ހުސްކޮށްލާނަން!” މިސްބާޙް އެކުދިންނަށް ބިރުދައްކައިގެން މަސައްކަތް ކުރަނީ ކަނަމަދު ހޮވާ ސަބަބެއް އޮޅުން ފިލުވުމަށެވެ. ނަމަވެސް އެކުދިން ކަނަމަދު ހޯދާ ސަބަބު ބުނަން ހިތަށްވެސް ނާރުވާ ކަހަލަ އެވެ.

“ދޮންބެ ކިތައްމެ ބިރެއް ދެއްކިޔަސް ހެޔޮ… ކަނަމަދު ހޮވާ ސަބަބެއް ނުބުނާނަން!” އެކުދިން އަބަދުވެސް މިސްބާޙަށް ދެނީ މި ޖަވާބެވެ.

**************

އާދައިގެ މަތިން އެކުދިން ކަނަމަދު ހޮވަން ވަލަށް ވަތް ދުވަހެކެވެ. މިދިލި ގަސްތައް އެއްމެ ބޯކޮށް އޮންނަ ހިސާބުގައި އަވަދިނެތި މަދު ހޮވަން އެކުދިން ތިއްބާ ކުއްލިއަކަށް ވަރަށް ބަރު އަޑަކުން ކޮންމެވެސް އެއްޗެއް ކުކުރާލި އަޑު އިވިއްޖެއެވެ.

“ހޫ.. ހޫ… ހޫ.” އެ އަޑު އިވުނީ މިދިލި ގަސްތަކާއި ދިމާ ބިއްދޮށުގައި ހެދިފައި އޮތް ބޯ މިރިހި ގަސްތަކުގެ ތެރެއިންނެވެ. އިވުނު އަޑަކީ ކިތައްމެ ބަރު އަޑަކަސް އެކުދިން މާބޮޑު ސަމާލުކަމެއް ނުދެއެވެ. މަދު ހޮވުމައިގެން ކުރިއަށް ދިޔައީ އިވުނު އަޑަކީ ނުއިވޭ އަޑަކަށް ހަދައިގެންނެވެ.

“ހޫ.. ހޫ … ބުނޭ ބުނޭ!… ތިކުދިން މަދުހޮވަނީ ކީއްކުރަންކަން ހަމަ މިހާރު ބުނޭ… އަހަންނަކީ ކަނަމަދު ޖިންނި… މަށަށް ނޭނގި މިތަނުން މަދުހޮވައިގެން ނުވާނެ… ހަމަ މިހާާރު ބުނޭ!!” ކުރިންވެސް އިވުނު ބަރު އަޑުން މިފަހަރު އިވުނީ ވާހަކަ ދައްކާ އަޑެވެ. ބިރުވެރި ވައްތަރަކަށް ހުރި އަޑަކުން ކިޔަމުން ދިޔައީ މަދު ހޮވާ ސަބަބެއް ބުނެދިނުމަށެވެ.

މަދު ހޮވަން ތިބި ފަސްކުދިންގެ ތެރެއިން ދެވަނައަށް ހަގަށް ހުރި މިޝްޤާ ބިރުން ތެޅިގަނެފައި ރޯން ފެށިއެވެ.

“ދޮންތީ.. ދޮންތީ… އެއީ ޖިންނިޔެކޯ … ކަނަމަދު ޖިންނިޔޯ… ހިނގާ އަވަހަށް ގެއަށްދަމާ!!” މިޝްޤާ ރޮމުން ރޮމުން ކިޔަން ފެށިއެވެ.

“ކޮއްކޯ… އެއީ ކޮންމެވެސް މީހެއްގެ އަޑޭ… އެ އުޅެނީ އަހަރުމެން މަދު ހޮވާތީ އެކަން ހުއްޓުވަން.. އެކަމާ އަޅައިލާާ އެއްޗެއް ނޫނޭ.” މިޝްޤާ ހަމަޖެއްސުމަށް މިޝްޔާ މަސައްކަތް ކުރަން ފެށިއެވެ.

“އާނއެކޭ… އެވެދާނެ އެ އުޅޭ ހައްވައްތައަށް މަދު ނުފެންނާތީ ޖޭވެގެން މީހަކު ލައްވާ ކުރުވާ ކަމަކަށްވެސް. އަޅާލާ އެއްޗެއް ނޫން. އެބުނާ ކަނަމަދު ހަންޑިއެއް އެހާވަރަށް ނުފުއްޕާ މިތަނަށް ނިކުމެ ބިރު ދައްކަން ވީނު ދޯ ދޮންތީ؟!!’ ދޮންތަ އަށް ދޯ އަޅަމުން ވާހަކަދެއްކީ މިޝްރާ އެވެ. މިޝްރާ އަކީ މިޝްޔާ އާއި ޖެހިގެން ހަގަށް ހުންނަ ކުއްޖާ އެވެ.

އިރުކޮޅެއް ވާންދެން އެ އަޑެއް އިވުމަށްފަހު ހުއްޓިއްޖެއެވެ. އެކުދިން މަދު ހޮވައިގެން ނިކުތީ އެއްވެސް ހާސްކަމެއް ނެތިއެވެ. ގެއަށްގޮސް އެވާހަކަ މަންމަމެން ކައިރީގައިވެސް ނުދައްކައެވެ. އެއީ އެ އަޑަކީ ކޮންމެވެސް މީހަކު އެކުދިން ބިރުގަންނުވަން އިއްވާ އަޑެއްކަން ޔަޤީން ކުރެވޭތީ އެވެ.

**************

އަނެއްދުވަހުވެސް ހެނދުނު މިކުދިން މަދުހޮވަން ވަނެވެ. މަދުހޮވަން ހަމަ ފެށިތަނާހެން އެއްކަލަ ބަރު އަޑުން މިއަދުވެސް ކިޔަން ފެށީ ހަމަ އެއް ވާާހަކަތަކެކެވެ.

“ހޫ.. ހޫ … ބުނޭ ބުނޭ!… އަހަންނަކީ ކަނަމަދު ޖިންނި….ތިކުދިން މަދުހޮވަނީ ކީއްކުރަންކަން ހަމަ މިހާރު ބުނޭ…… މަށަށް ނޭނގި މިތަނުން މަދުހޮވައިގެން ނުވާނެ… ހަމަ މިހާާރު ބުނޭ!!” ކުރީދުވަހުވެސް އިވުނު ޖުމްލަތައް ތަކުރާރު ވަމުން ދިޔައެވެ. މަދުހޮވަން ތިބި ކުދިން އެ އަޑު އިވޭކަމަށްވެސް ނުހަދައެވެ. މަދު ހޮވުމައިގެން ކުރިއަށް ދިޔައީ އިތުރު ހިތްވަރަކާއި އެކުގައެވެ.

“ކިތައްމެ ވަރަކަށް ތިހެން ކިޔަސް މަދުހޮވަނީ ކީއްކުރަން ކަމެއް ނުބުނާނަން. ތީ ކަނަމަދު ޖިންނިޔަސް އެހެން ޖިންނިޔަކަސް ހެޔޮ. އަހަރުމެން ކުރިމައްޗަށް ނިކުމެ ފެނުނީމަ ނޫނީ ތީ ޖިންނިއެއްކަން ކިހިނެތް ޤަބޫލު ކުރާނީ!!” މިއަދު މިޝްޔާ ބޭނުންވީ އެބުނާ ކަނަމަދު ޖިންނިއާއި ޗެލެންޖް ކުރާށެވެ. މިޝްޔާ މިހެން ޗެލެންޖް ކުރީ ކޮންމެވެސް ވަރަކަށް ބިރުންވެސް ހުރެގެންނެވެ. ނަމަވެސް އެއްމެ ދޮށްޓަށް ހުރި ކުއްޖާއަށް ވެފައި ކޮއްކޮމެން ބިރުގަތަ ނުދިނުމަށް މިޝްޔާ ހުރީ ކޮންމެ ކަމަކާވެސް ކުރިމަތިލާން ތައްޔާރުވެގެން ނެވެ.

އެބުނާ ޖިންނިއަކަށް ގަސްތަކުގެ ތެރެއިން ނިކުންނާކަށް ނުކުރެނުނެވެ. ފެންނާކަށް ނުކެރުނެވެ. އެހިސާބުން މިޝްޔާއަށް ޔަޤީންވީ އެއީ ހަމަ އަސްލުވެސް ޖިންނިއެއް ނޫންކަމެވެ. ކޮންމެވެސް ފިނޑި މީހަކު ކުރަމުން އަންނަ ޖެއްސުމެއް ކަމެވެ.

“ކޮބާ.. ދޮންތި ބުނީމެއްނު އެއީ ކޮންމެވެސް ފިނޑި މީހެއް ކުރަމުން އަންނަ ކަމެކޭ!… ޖިންނި އެއް ނަމަ އެގޮތަށް ހުސް އަނގައެއް ނުތަޅާނެ!” މިޝްޔާ އޭނާގެ ކޮއްކޮމެންނަށްވެސް ޔަޤީންކަން ދިނެވެ.

“އެވާނީ އެއުޅޭ ހައްވައްތަގެ ކަމަކަށް…” މިޝްރާ ހުރީ ރުޅިގަދަވެފައެވެ.

“އަޅާނުލާ ކޮއްކޯ.. އެމީހަކު ކުރިކަމެއް އެމީހަކަށް.” ރުޅިގަދަވެފައި ހުރި މިޝްރާ ހަމަޖެއްސުމަށް މިޝްޔާ ބުންޏެވެ.

**************

ޖެހިގެން އައިދުވަހުވެސް އެކުދިން މަދުހޮވަން ދިޔައީ ވަރަށް ހެނދުނު ހެނދުނާ އެވެ. މަދުހޮވަން ފެށިތަނާ އެއްކަލަ އަޑުއިވެން ފަށައިފިއެވެ.

“ހޫ.. ހޫ … ބުނޭ ބުނޭ!… އަހަންނަކީ ކަނަމަދު ޖިންނި….ކީއްކުރަންހޭ ތިހާވަރަށް މަދު ތި ހޮވަނީ!!!؟؟ ހަމަ މިހާރު ބުނޭ!!” މިއަދު އެ އަޑުގައި ރުޅިވެރިކަމާއި އަމުރުވެރިކަން މާބޮޑަށް ހުއްްޓެވެ. ނަމަވެސް މަދުހޮވަން ތިބި ފަސްބެއިން އަޅައިވެސް ނުލާ މަދުހޮވަމުން ދިޔައެވެ.

“ކަލޭ މެން ތި ހީކުރަނީ މަށަކީ އަސްލު ޖިންނިއެއް ނޫންކަމަށްތަ؟…. ހުރެބަލަ ނިކަން!!” މިހެން ހަމަ ބުނުމާއި އެކު ގަސްތަކުގެ ތެރެއިން ކުއްލިއަކަށް ނިކުތީ މުޅިން ހުދުކުލައަށް ހުރި ސޫރައެކެވެ. ކުޑަކުޑަ ދެލޯ ހުރިއިރު ދެން ހުރީ ބޮޑު ތުންގަނޑެކެވެ. އަތެއް ފައެއް ވަކިކުރާކަށްވެސް ނޭނގެއެވެ. އެ ސޫރައެއް ނިކުތުމުން ހުރިހައިކުދިންނަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ.

 

Picture1

އެ ސޫރަ ގޮސް ހިފީ އެއްމެ ހަގަށް ހުރި ކުއްޖާގެ އަތުގައެވެ.

“ހައްހައްހާ…. ކަނަމަދު ހޯދަނީ ކީއްކުރަންކަން ނުބުނަންޏާ އެއްމެ ފުރަތަމަވެސް ކާލާނީ މިކުއްޖާ!! ހޮއްހޮއްހޮއްހޯ…. ހައްހައްހައްހާ… ބުނޭ ބުނޭ… ހަމަ މިހާރު ބުނޭ!!” އެ ސޫރަ އެހެން ކިޔަމުންދިޔައީ ދެފަރާތަށް މުޅި އެތި ގެށެމުން ހިނގަމުން ނެވެ.

“އެއީ އަޅުގަނޑުމެންގެ މަންމައާއި ބައްޕަގެ 70 ވަނަ އުފަންދުވަހަށް 70 ފޫޓްގެ ކަނަމަދު ކޭކެއް އަޅަންވެގެން ކަނަމަދު މި ހޯދަނީ!!” ބިރުގެންފައި ހުރި މިޝްޔާ އަށް މަޖުބޫރުވުމުން އެއްމެ ފަހުން ބުންޏެވެ. މިޝްޔާ ހަމަ އެހެން ބުނުމާއިއެކު އެ ސޫރައެއް މިޝްޔާގެ ކޮއްކޮ ދޫކޮށްލާފައި ގަސްތައް ތެރެއަށް ވަދެ ގެއްލިއްޖެ އެވެ. ހުރިހައި ކުދިންނަށް އެއްފަހަރާ الحَمْد لله އޭ ބުނެ މާތްﷲ އަށް ޙަމްދު ކުރެވުނެވެ.

**************

މަދުހޮވަން ދިޔަ ފަސްކުދިން ގެއަށް އައިއިރު އެކުދިން މަދުފަޅަން ތިބޭ ގޮސްދޮށުގައި އެލުފާފައި އޮތް ވާދިގު އުނދޯއްޔެއްގައި އެކުދިންގެ ދޮންބެ މިސްބާޙް އޮތެވެ. ހީވީ އެކުދިންގެ އިންތިޒާރުގައި އޮތްހެންނެވެ.

Picture2

“އަހަނ!! މިއަދު ހާދަ އަވަހަކަށް ތިޔަ އައީ މަދުހޮވަން ގޮސްފަ؟ އަނެއްކާ ކަމެއް ދިމާވީތަ؟” ޖެއްސުމުގެ ރާގަކަށް މިސްބާޙް ސުވާލުކުރިއެވެ.

“ދޮންބޭ.. ދެން އަބަދު ދިމާނުކޮށްބަލަ… މިއަދު އަހަރުންނަށް ވަރަށް ބޮޑުކަމެއް ދިމާވެގެންނޭ އެހާ އަވަހަށް މި ނިކުތީވެސް….” ކަންތައް ދިމާވިގޮތް އަލިފުން ޔާ އަށް މިޝްޔާ ކިޔައިދިނެވެ.

“އެހެންދޯ ވަނީ… އާނ ދެން އެއްވެސް މީހެއްކައިރީ ނުބުނެ ތިހާވަރަށް މަދު ހޮވަންޏާ ތިބުނާ ޖިންނިއެއްވެސް އެކަމުގެ ސަބަބެއް ހޯދަން އުޅޭނެދޯ… ދެން ނިކަން ދޮންބެ ކައިރީ ބުނެބަލަ ތިވަރަށް މަދުހޮވަނީ ކީއްކުރަން ކަމެއް!!” މިސްބާޙް ބުންޏެވެ.

“ނޫން ނޫން.. ނުބުނާނަން. ދޮންބެވެސް ހުރޭ ވަގުތު ޖެހެންދެން!” މިފަހަރު ވަރަށް މަޖާވެލަމުން ޖަވާބުދިނީ އެއްމެ ހަގަށް ހުރި މިސްބާ އެވެ.

“އެހެންތަ!. އޯކޭ އޯކޭ … ދޮންބެ ގެސްކޮށްގެން މަދު ހޮވަނީ ކީއްކުރަންކަން ދިމާކޮށްފިއްޔާޔޯ؟؟” މިސްބާޙް ބުންޏެވެ.

“އަޅެ ދިމާކޮށްބަލަ. އޭރުން ކަނަމަދު ލާއްސެއް ދޭނަން ދޮންބެ އަށް.” މިޝްރާ ބުންޏެވެ.

“ތިޔަ އުޅެނީ މަންމައާއި ބައްޕަގެ 70 ވަނަ އުފަންދުވަހަށް 70 ފޫޓްގެ ކަނަމަދު ކޭކެއް އަޅަންވެގެން ނު ދޯ!!” މިސްބާޙް އެއްފަހަރުން ރަނގަޅު ޖަވާބު ދިނުމުން ހުރިހައިކުދިންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.

“ކިހިނެތް ދޮންބެ އަށް އެހާ ފަސޭހައިން މިފަހަރު ތި ގެސްކުރެވުނީ؟” މިޝްޔާ އަށް ޝައްކެއް ވެގެން ސުވާލު ކުރިއެވެ.

މިސްބާހް އުނދޯލިން ތެދުވެގެން ގޮސް އެތާ ކައިރީ ހުރި ފަންބޮނޑިއެއްގެ ތެރެއިން ބޮޑު ހުދު ބެޑްޝީޓެއް ނެގިއެވެ. އަދި ބްރިސިލް ބޯޑެއް އޮޅާލައިގެން ހަދާފައި އޮތް ދިގު ދޯރިއެއްވެސް ނެގިއެވެ. ދޯރީގެ ހިމަކޮޅުގައި އެއް އަތުން ހިފަހައްޓައިގެން އަނގައާއި ކައިރިއަށް ގެންދިޔައެވެ. އަނެއް އަތުން ބެޑްޝީޓް ނަގައި ބޯމަތިން މުޅި ގައިމައްޗަށް ވައްޓާލިއެވެ. އެއަށްފަހު ދެފަރާތަށް ގެށެމުން ގެށެމުން ހިނގަން ފެށިއެވެ.

Picture3“ހޫ.. ހޫ … ބުނޭ ބުނޭ!… އަހަންނަކީ ކަނަމަދު ޖިންނި….ތިކުދިން މަދުހޮވަނީ ކީއްކުރަންކަން ހަމަ މިހާރު ބުނޭ…… މަށަށް ނޭނގި މިތަނުން މަދުހޮވައިގެން ނުވާނެ… ހަމަ މިހާާރު ބުނޭ!!” ބެޑްޝީޓް ތެރޭގައި ހުރެގެން މިސްބާޙް މިހެން ކިޔަމުން ހިނގަމުން ދިޔައެވެ.

ހުރިހައި ކުދިންނަށް އެއްފަހަރާ ހެވޭން ފެށުނެވެ.

“ހޫމް މި ދޮންބެ ގަނޑު މިއީ ދޯ ކަނަމަދު ޖިންނި އަކީ… ވަރަށް ފޫހިވޭ.. ހެއްހެއްހޭ.” ހެމުންހެމުން މިޝްޔާ ބުންޏެވެ.

“އާނ. ކޮއްކޮމެން އެއްވެސް މީހެއް ކައިރީ ނުބުނެ ތިވަރަށް މަދު ހޮވާތީ ދޮންބެ ހިތަށް އެރީ ކޮންމެހެންވެސް ތި ވަރަށް މަދުހޮވާ ސަބަބެއް ހޯދާނަމޭ.. އެހެން ހިތައި އެއްމެ ފުރަތަމަ ދެ ތިން ދުވަހަކު ކޮއްކޮމެން މަދުހޮވަން ވަނީމަ ފާރަލަމުން ދިޔައީ. ކޮއްކޮމެން ވާހަކަ ދައްކަމުންވެސް މަދުހޮވާ ސަބަބެއް ބުނޭތޯ، އަޑުއިވޭ ހިސާބުގައި ފިލާހުރިން. ގަސްތައް ތެރޭގައި ފިލާހުރިން. ރުއްރުކުގެ ބުޑުގައިވެސް ފިލާއޮތިން. އެވަރުންވެސް ނޭގުނީމާ ދެން ނިންމީ މި ބްރިސިލް ބޯޑުން މި ކޯން ހަދައިގެން ބިރުވެރި އަޑަކުން އެއްޗެކޭ ކިޔައި ބިރުގަންނުުވައިގެންވެސް ތިކަމެއް ހޯދަން. އެކަމަކު އެވަރުންވެސް ކޮއްކޮމެން އެކަން ހާމަ ނުކުރީމަ ދެން ނިންމީ ބެޑްޝީޓް އަޅައިގެން މިހެން ނިކުންނަން. ނިކުމެ ރަނގަޅަށް ބިރުގަންނުވާލަންވެގެން މަގޭ މިސްބާއްކޮ އަތުގައި ހިފީ.” މިސްބާޙް ކަންތައް ކުރިގޮތް ކިޔައިދިނެވެ.

REdEyeSG

“އޯކޭ އޯކޭ.. ދެން މިހިރަ ކަނަމަދު ޖިންނި ގަނޑު އަނެއްކާ މިވާހަކަ މަންމަ ކައިރީ ބުނާނީކީ ނޫން އިނގޭ. ދޮންބެވެސް ވާނެ ދެން މިކަމުގަ ބައިވެރިވާން. މަންމަ އާއި ބައްޕަގެ ހަތްދިހަވަނަ އުފަންދުވަހު ވާނެ ބޮޑު ސަޕްރައިޒް އެއް ދޭން!!” މިޝްޔާ ބުންޏެވެ.

“ދޮންބެ މިދިން ކަނަމަދު ހަންޑި ސަޕްރައިޒް އަށް ވުރެވެންވެސް ބޮޑު ސަޕްރައިޒް އެއްތަ އަނެއްކާ.. ހައްހައްހާ.” ހިނިގަނޑެއް ޖަހައިލަމުން މިސްބާޙް ބުންޏެވެ. ހުރިހައި ކުދިން އެއްފަހަރާ ހޭން ފެށިއެވެ.

 

ނިމުނީ

ނޯޓް: މިއީ 17 ޖޫން 2016 ވަނަ ދުވަހުގެ ރޭ އަޅުގަނޑުގެ ހަގު ދަރިފުޅު ނިދުމުގެ ކުރިން ‘ހަމަ ކޮންމެހެންވެސް ކިޔައިދޭން ޖެހޭ’ ދެ ވާހަކައިގެ ތެރެއިން އެ ރޭގައި ވަގުތުން އުފައްދަމުން ކިޔައިދެވުނު ވާހަކަ އެކެވެ. މިގޮތަށް ވާހަކަ ކިޔައިދެމުން ދާއިރު ބައެއް ފަހަރަށް، ވަރަށް އިބްރަތްތެރި ވަރަށް ރީތި ވާހަކަތައްވެސް ކިޔައިދެވެއެވެ. އެގޮތުން ކިޔައިދެވޭ ވާހަކަތައް ދެވަނަ ފަހަރަށް ހަނދާން ނުހުންނާތީ އެރޭ ވާހަކަ ކިޔައިދީ ނިންމާފައި ވަގުތުން އިށީންނީ މި ވާހަކަ ލިޔެލުމަށެވެ. މި ވާހަކަ ލިޔުމަށް މިންވަރު ކުރެއްވީތީ މާތް ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.