މިއީ މިހާރު ކޮންމެހެން ވެސް ދައްކަން ޖެހޭ ވާހަކައެކެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދަށް ހުއްޓައި މޮބައިލް ފޯނު ރިންގުވާ އަޑުއިވެނީ މަދެއްކޮށެއް ނޫނެވެ. އެކަކުގެ ފޯނުން ބޮޑުބެރު ލަވައެކެވެ. ދެން  ޖެހިގެން ހުރިމީހާގެ ފޯނުން ލޯބީގެ ލަވައެކެވެ.

މިސްކިތަށް ނަމާދަށް އަރަމުން ގަސްތުގައި މޮބައިލް ފޯނު ރިންގު އޮފް ނުކޮށް އަރަނީއެއް ނޫނެވެ. ހަމަ އަސްލުގައި ވެސް ހަނދުމަ ނެތެނީއެވެ. އެއީ ބައެއް މީހުންގެ ވަރަށް ބޮޑު އާދައެކެވެ. ނަމަވެސް ބަދަލުކުރަން ޖެހިފައިވާ އާދައެކެވެ.

ފާޑުފާޑުގެ ބޮޑުބެރު ލަވަތަކާއި އަދި ލޯބީގެ ލަވަތައް ފޯނުގެ ރިންގު ޓޯނަށް ލުމުގެެ ކުރިން ވިސްނައިލަން ޖެހޭ ދެކަމެއް އަޅުގަނޑު މިތަނުގައި ފާހަގަ ކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ތިމާގެ ފޯނަށް ކޯލެއް އައުމުން، އެ އިވޭ ލަވައަކީ ދީނުގައި ހުއްދަ އެއްޗަކަށް ނުވުމެވެ. ދެން އަނެއް ކަމަކީ މި ބިންމަތީގައި ހުރި الله ތަޢާލާގެ ގެކޮޅުގައި އެކަލާންގެ އެންމެ ލޯބިވެވޮޑިގެންވާ އަޅުކަމުގައި، އެކަލާންގެ އަޅުން މަސްޢޫލުވެ ތިއްބައި އެ ހަމަހިމޭންކަން  ފޫދުއްވާލުމަށްފަހު އިވިގެންދާ ޝައިތާނާގެ ދުންމާރީގެ އަޑުގެ ސަބަބުން ޖަމާޢަތުގައި ތިބި އެންމެންގެ ނަމާދަށް އޭގެ ނޭދެވޭ އަސަރު ކުރުމެވެ. ގޯސް އަޑަކުން އުފެދިގެންދާ އިތުރު ގޯހެކެވެ.

އަދިވެސް ތަފާތު ގޮތަކަށް އަމަލުކުރާ ބަޔަކު މިސްކިތުން ފެނެއެވެ. މިސްކިތަށް ނަމާދުގެ ޖަމާޢަތަށް އަރަމުން މޮބައިލް ފޯނުގެ ރިންގުކަނޑާލައި ވައިބްރޭޓަށް ލުމެވެ. ނަމާދަށް ހުއްޓައި ފޯނެއް އަތުވެއްޖެނަމަ ފޯނު ގެންގުޅޭ މީހާއާއި އަދި ކައިރީގައި ޖެހިގެން ހުންނަ މީހާއަށް ވެސް ފޯނުގެ ވައިބްރޭޓްގެ އަޑު އިވެއެވެ. އެ ހިސާބުން ދެ މީހުންގެ ނަމާދުގެ ހުޝޫޢަތްތެރިކަމަށް ބުރޫއަރަ އެވެ. މިއީވެސް ރަނގަޅު ގޮތެއް ނޫނެވެ. 

އަޅުގަނޑުމެންނަކީ އަބަދާއި އަބަދު އެކިއެކި ފާފަތަކުގެ ތެރޭގައި އުޅެވޭ ބައެކެވެ. ކޮންމެ ނަމާދެއްގެ ޖަމާއަތަށް އޮންނަނީ ނުދެވިފައެވެ. ދެވޭ މަދު ފަހަރު މިފަދަ ކަންތައްތަކުގެ ސަބަބުން  ނަމާދުން ބައެއް އުނިވެގެންދާ ބަޔަކުކަމުގައި ނުވަމާ ހިނގާށެވެ. ތިމާގެ ސަބަބުން އެހެން މީހުންނަށް އުނދަގޫވިޔަ ނުދޭށެވެ. ނަމާދުގައި ހޭދަކޮށްލާ މަދު ވަގުތުކޮޅު ފޯނު ވައިބްރޭޓަށް ލުމުގެ ބަދަލުގައި ނިއްވައިލާށެވެ. މޮބައިލް ފޯނަކީ މިސްކިތުގައި ޝައިތާނާގެ ބައިވެރިއަކަށް ނުހަދާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.