އަހަރެމެން ކުޑައިރު އަޑުއަހާ ފުލޯކު ވާހަކައެއްގައި ނުފެންނަ ތާކިހަލެއްގެ ވާހަކަ ކިޔައެވެ. މި ތާކިހާ އެޅީމާ އެ އަޅާމީހެއް އެހެންމީހުންނަކަށް ނުފެންނާނެއެވެ. އެހެންމީހުންގެ ލޯތަކަށް އެމީހާ ޣައިބު ވަނީޔޯލައެވެ. ދެން އެމީހާ ފެންނާނީ އެ ތާކިހާ ނެގި އިރަކުންނެވެ.

މިފަހަރު މިއީ ފުލޯކު ވާހަކައެއް ނޫނެވެ. ތޯތޯ ވާހަކައެއް ނުމެނޫންމެއެވެ. ކެނެޑާގެ ކުންފުންޏަކުން އުފެއްދި ނުފެންނަ ހެދުމެއްގެ ވާހަކައެވެ. އެ ހެދުން ލާމީހާ އެހެންމީހުންގެ ލޯތަކަށް ޣައިބު ވަނީއެވެ.

ނުފެންނަ ހެދުމެއްގެ ފަންނިއްޔާތު ކެނެޑާގެ ވެންކޫވަރގެ ކުންފުންޏަކުން އީޖާދު ކުރެވިއްޖެކަމަށް ދާދިފަހުން އިއުލާނު ކޮށްފިއެވެ. އެއްއިރެއްގައި އެއީ ޚިޔާލީ އެއްޗެއް ކަމުގައި ހީކުރެވިފައި ވިޔަސް، ހައިޕަރސްޓެލްތު ބައޯޓެކްނޮލޮޖީ ކޯޕަރޭޝަނުން، އެއްޗެހި ގެއްލުވާލެވޭ ހެދުމެއް އުފައްދާ ތަޖު ރިބާ ކުރަން ފަށައިފިއެވެ.

ކުންފުނިން އިއުލާނު ކޮށްފައިވާގޮތުން ހަތަރު ޕޭޓަންޓެއްގެ ހައްގު އެތަނުން ހޯދާ، އެއަށް “ކުއަންޓަމްސްޓެލްތު” ގެ ނަން ދިނެވެ. މި އައު އީޖާދު “އަލި ލަންބާ މާއްދާ” ގެ ގިންތީގައި ހިމަނާފައި ވެއެވެ.

ނުފެންނަ ތާކިހަލުން މި މީހާގެ އެއްފަޅި ޣައިބުކޮށްލާ – ފޮޓޯ: އޭއޯ ނިއުސް

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން މި އުފެއްދުމަކީ، ޚިޔާލީ ވާހަކަ ލިޔުންތެރިން ޒަމާނުއްސުރެ ލިޔަމުންއައި ނުފެންނަ ތާކިހަލާއި އެއްފަދަ އީޖާދެކެވެ. މި އުފެއްދުން އާންމު ކުރުމަށްޓަކައި އެ ކުންފުނިން 100 މިނެޓުގެ ވީޑިއޯއެއްވެސް ހަދާފައި ވެއެވެ.
އަޖައިބެއްފަދަ މި އުފެއްދުން އީޖާދުކުރީ ހައިޕަރސްޓެލްތުގެ ރައީސް/ސީއީއޯ ގައީ ކްރޭމާ އެވެ.

މި އުފެއްދުމާ ބެހޭގޮތުން ހާމަ ކޮށްފައިވާ މަދު މައުލޫމާތުން އެނގޭގޮތުގައި މިއީ ވަރަށް އޮޅުންބޮޅުން ބޮޑު އީޖާދެކެވެ. މިއަށް އެއްވެސް ކަހަލަ ހަކަތައެއް ބޭނުމެއް ނުވެއެވެ. އާދައިގެ ކަރުދާހެއްހާ ތުނި މިހެދުން އަގުބޮޑެއްވެސް ނޫނެވެ. ކުންފުނިން ބުނާގޮތުން މިއިން މީހެއް ނުވަތަ ބޮޑެތި ވާހަނަ އާއި ބޯޓުފަހަރާއި އިމާރާތްވެސް ޣައިބު ކޮށްލެވިދާނެއެވެ.

ވީޑިއޯއިން ދައްކާގޮތުން ލޭޒަރ ބޭނުންކޮށްގެން ބޮޑު ދޯއްޖެއް 3،888،000 ބަޔަށް ބައިކޮށްލައެވެ. ނުފެންނަގޮތް ހަދަނީ މިކުދި ދޯދިތައް ބޭނުންކޮށްގެންނެވެ. މި ދޯދިތައް މަސައްކަތް ކުރަނީ ރާޑަރު ސިސްޓަމާ އެއްގޮތަށެވެ. ޑްރައިވަރަކު ނެތި ދުއްވާ ކާރު، އޭތި ދާންވީ މަގު ހޯދަނީ މީގެ ރާޑަރު ފަންނިއްޔާތު ބޭނުން ކޮށްގެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.