އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވާދަވެރި ޗެލްސީ 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު މެންޗެސްޓަރ ސިޓީ، ލީގު ހޯދުމުގެ ރޭހުގައި ފިޔަވަޅެއް ކުރިއަށް އަޅައިފިއެވެ.

މެންޗެސްޓަރ ސިޓީ ގެ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗުގެ 21 ވަނަ މިނެޓުގައި މަޓެއޯ ކޮވަސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެންގޯލޯ ކާންޓޭ ވަނީ ގޯލެއް ޖަހާ ޗެލްސީ އަށް މެޗުގެ ކުރި ހޯދައިދީފައެވެ. މިއީ ކާންޓޭ ޗެލްސީ އަށް ކުޅެދިން 150 ވަނަ މެޗެވެ. ޗެލްސީ ގެ ގޯލަށްފަހު މެންޗެސްޓަރ ސިޓީ ގެ ކުޅުން ވަރުގަދަކޮށް، 29 ވަނަ މިނެޓުގައި އުފެއްދި އެޓޭކެއްގައި ކެވިން ޑިބްރޭނާ ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ގިނައިރު ބޯޅަ ހިފަހައްޓައިގެން ޗެލްސީ މޮޅަށް ކުޅުނު ނަމަވެސް ކާންޓޭގެ ގޯލަށްފަހު، ނުރައްކާތެރި ހަމަލާތަކެއް މެންޗެސްޓަރ ސިޓީ ގެ ގޯލަށް އަމާޒުކޮށްލެވިފައި ނުވެއެވެ. މެންޗެސްޓަރ ސިޓީ އަށް ތިން ޕޮއިންޓް ކަށަވަރުވީ މެޗުގެ 37 ވަނަ މިނެޓުގައި އެޓީމުގެ ހުނަރުވެރި މިޑްފިލްޑަރ ރިޔާދް މާރެޒް ކާމިޔާބުކޮށްދިން ގޯލުންނެވެ. 

މެޗު ނިމެން އުޅެނިކޮށް ރަހީމް ސްޓާލިން ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ބޭނުންކޮށްގެން ބެލުމަށްފަހު، ރެފްރީ ވަނީ އެ ގޯލް އޮފްސައިޑް ކަމަށް ނިންމާފައެވެ. 

މެންޗެސްޓަރ ސިޓީ ގެ ކޯޗް ޕެޕް ގާޑިއޯލާގެ ކޯޗިންގ ކެރިއަރުގައި ބާސެލޯނާ، ބަޔާން މިއުނިކް އަދި މެންޗެސްޓަރ ސިޓީ އަށް 381 މެޗުގައި އިރުޝާދު ދީފައިވާއިރު، އޭނާގެ ކޯޗުކަމުގެ ދަށުން ކުޅުނު ޓީމެއް އެންމެ މަދުން ބޯޅަ ހިފަހައްޓައިގެން ކުޅުނު މެޗަށް، މި މެޗު ވަނީ ވެފައެވެ. 

މި މެޗުން ހޯދި މޮޅާއެކު ކުޅުނު 13 މެޗުން 28 ޕޮއިންޓް ހޯދައިގެން މެންޗެސްޓަރ ސިޓީ ވަނީ ލީގުގެ 3 ވަނަ އަށް ޖެހިލާފައެވެ. ޗެލްސީ ވަނީ 26 ޕޮއިންޓާއެކު 4 ވަނަ އަށް ވެއްޓިފައެވެ. މެންޗެސްޓަރ ސިޓީ އަށް ކުރިއަށް އޮތީ ޔުއެފާ ޗެންޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ޝަކްތާރ ޑޮނެޓްސްކް އާ ބައްދަލުކުރަން ޖެހޭ މެޗެވެ. ޗެލްސީ އަށް އޮތީ ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ވެލެންސިއާ އާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.