މަހްދީގެ ވާހަކަތަކާމެދު ވިސްނާ ބޭކާރު ވަގުތުތަކެއް ދުއްވާލުމުގެ ބޭނުމެއްނެތެވެ. ލިބުނީ އެދިއެދި ހުރި ފުރުސަތެކެވެ. ދެން އޮތީ ނާޖިދާ އާނބަސް ބުނުމެވެ. ނާޖިދާގެ އާނބަސް ލިބުމާއެކު ނާއިމްގެ މަސައްކަތް ފަށާނެއެވެ.
ނާއިމްގެ ހުށަހެޅުމަށް ނާޖިދާ އެއްޗެކޭ ނުބުނެ މަޑުކޮށްލީ އޭނާ ދިން ޖަވާބުން ނާއިމަށް ވާގޮތެއް ބަލައިލުމަށްޓަކައެވެ. އޭނާގެ އެ ޖަވާބުގެ ސަބަބުން ނާއިމަށް އެއްވެސް ބަދަލެއް އާދޭތޯ ޔަގީންކޮށްލުމަށްޓަކައެވެ. ނާއިމްގެ ހިތުގައި އޭނާއާމެދު އެއްވެސް އެއްޗެއްއޮތްކަން ނާއިމްގެ ފަރާތުން ފެނޭތޯއެވެ. އެހާ ފަސޭހައިން އެއްބަސްވެއްޖެ ނަމަ ނާއިމަށް އެހެން އެއްޗެއް ހީވެދާނެތީއެވެ.
ރޭގަނޑަށް ފިހާރަ ބަންދުކުރުމުގެ ކުރިން ނިންމަންޖެހޭ ފައިސާގެ ކަންތައް ނިންމުމަށްޓަކައި ނާއިމް އުޅެމުން ދިޔައިރު އޭނާއަށް އެހީތެރިވުމާއިގެން ނާޖިދާ އުޅެމުންދިޔައެވެ. ނާޖިދާގެ ފަރާތުން އެއްވެސް ތަފާތެއް ނުފެންނާތީ ނާއިމް ނިންމައިގެންހުރީ ނާޖިދާ ގާތު މަހްދީ އެވާހަކަ އަދި ނުދައްކަނީ ކަމަށެވެ. އެވާހަކަ ދައްކާފައި ވާނަމަ ނާޖިދާގެ ފަރާތުން ކޮންމެވެސް ބަދަލެއް ފެންނާނެކަމަށް ނާއިމްގެ ހިތް ބުނަމުންދިޔައެވެ.
ފިހާރަ ބަންދުކުރުމަށްފަހު ބޭރަށް ނުކުތީ ދެމީހުން އެކުގައެވެ. އެހެން ރޭރޭ ފިހާރަ ބަންދުކުރުމާއެކު ގެއަށްދާ ނާޖިދާ މިރޭ މަޑުކުރުމުން ނާއިމަށް ލިބުނީ ހައިރާންކަމެވެ. ސުވާލު އުފެދޭގޮތް ވިއެވެ.
“ގެއަށް ގެންގޮސްދޭންވީތަ؟” ސައިކަލް ސުޓާޓްކޮށްލަމުން ނާއިމް އަހާލިއެވެ. ނާއިމްގެ ފިހާރައިގެ މަސައްކަތް ކުރާތާ ދެމަހެއްހައި ދުވަސް ވެފައިވާއިރު މީގެ ކުރިން ދުވަހަކު ވެސް އެފަދަ ސުވާލެއް ނާއިމް ކޮށްފައެއް ނުވެއެވެ. އެފަދަ ކަމެއް ކޮށްދީފައެއް ވެސް ނުވެއެވެ. ނާއިމްގެ ބޭނުން ނާޖިދާއަށް ވިސްނުނެވެ.
“މަހްދީ …. ބުނީ ….. އަހަރެން ….. ބޭނުން ނާއިމްއާ ކައިވެނިކުރަން. ނާއިމްއާއެކު …..” ލަދުން އިސްޖަހާލައިގެންހުރި ނާޖިދާއަށް އެތައް އިރެއްގެ މަސައްކަތުން ވެސް ބުނެވުނީ އެވަރަށެވެ. އިތުރަށް ވާހަކަ ދައްކާކަށް ނުކެރުނެވެ. އަވަސް އަވަހަށް ނާއިމްއާ ދުރަށް، ބާރުބާރަށް ހިނގައިގަތެވެ.
ނާޖިދާގެ ވާހަކައިން ލިބުނު އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ހުއްޓުން އަރާފައި ނާއިމަށް އިނދެވުނީ ކިހާއިރެއް ވާންދެންކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ. ނާއިމް ކުރާކަމެއް ބަލާލަމުން ނާޖިދާ ގޮސް ގޯޅިއަށް ވަތްއިރު ވެސް ނާއިމް އިންގޮތަށް އިނީއެވެ.
ލިބިފައިވާ އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ނާޖިދާގެ ލޮލަށް ނިދިވެސް ނައި ކަހަލައެވެ. ފުރޮޅި ފުރޮޅި އެނދުގައި އޮތްއިރު ދޭތެރެއަކުން ފޯނަށް ބަލާލައެވެ. ފޯނެއްގެ އިންތިޒާރުގައި އޮތްކަހަލައެވެ.
“ވަރަށްބޮޑަށް ޝުކުރިއްޔާ! …. އަހަރެން ވަރަށް އުފާވެއްޖެ ނާޖިދާ އަހަރެންނާއި އިންނަން އެއްބަސްވީމަ.” ފޯނަށް މެސެޖެއް އައުމުން އަވަސް އަވަހަށް ނާޖިދާ ކިޔައިލިއެވެ. ނާއިމްގެ އެ މެސެޖާއިއެކު ނާޖިދާގެ ކިބައިން ފެންނަމުން ދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެންދިޔަ އެވެ. ތަކުރާރުކޮށް ދެތިން ފަހަރަކު މެސެޖް ކިޔާލި ވެސް މެއެވެ.
“ކޮންއިރަކުން ހެކިވެރިން ފޮނުވަންވީ؟ ބައްޕަ ވަލީދޭނެތަ؟” ދެވަނަމެސެޖެއް އައެވެ. ކުރިން މެސެޖަށް ޖަވާބެއް ނުދިން ނަމަވެސް މި މެސެޖަށް ޖަވާބެއް ދޭން އެބަޖެހެއެވެ.
ނާއިމް ކޮށްފައިވާ ދެސުވާލުގެ މުހިންމުކަމާއި އަވަސް ޖަވާބެއް ދިނުމުގެ ބޭނުންތެރިކަން ވިސްނުމުން އިތުރަށް ވިސްނާލަން ޖެހުނެވެ. ނާއިމަށް ޖަވާބެއް ދިނުމުގެ ކުރިން އޭނާގެ މަންމަ އާއި ބައްޕައާ ވެސް ވާހަކަދައްކަން ޖެހެއެވެ. އެމީހުން ބުނާ އެއްޗެއް ބަލާފައި ނޫނީ ނާއިމަށް ޖަވާބެއް ދީގެން ނުވާނެއެވެ. އެހެން ނޫނީ ފަހުން ގޯހެއް ހިނގާފާނެއެވެ.
ކަންތައް ކުރަން ނާޖިދާ ނިންމީ އޭނާއަށް ވިސްނުނު އެންމެ ރަނގަޅު ގޮތަށެވެ. ނާއިމަށް އޭނާ ޖަވާބެއް ދޭނީ މާދަމާ ބައްޕަމެނާއި ވާހަކަދައްކާފައެވެ. މިވަގުތު ފޯނުން އެއްވެސް މުޢާމަލާތެއް ނުކޮށްފި ނަމަ ނާޖިދާ ނިދާފައި އޮތުމުން މެސެޖް ނުފެނުނީކަން ނާއިމަށް ގަބޫލުކުރެވޭނެއެވެ. ބައްޕަމެންގެ ޖަވާބެއް ހޯދައިގެން މާދަމާ ނާއިމަށް ޖަވާބުދީފި ނަމަ ހެނދުނު މެސެޖް ފެނިގެން ޖަވާބެއްދިނީ ކަން ނާއިމަށް އެނގޭނެއެވެ.
ނާޖިދާގެ ފަރާތުން ޖަވާބެއް ނައުމުން ނާއިމް އިތުރު މެސެޖެއް ނުކުރެއެވެ. ލިބިފައިވާ އުފަލާއި ހިތްހަމަޖެހުމުގައި އަވަހަށް ނިދާލެވޭތޯ ބެލީ މާދަމާއަށް އިންތިޒާރުކުރަމުންނެވެ. ދުވަހުގެ ފެށުން ފޮނިވާނެ ކަމަށް އުންމީދުކުރަމުން ވެސް މެއެވެ.
ނާއިމްއާ ކައިވެނިކުރުމަށް ނާއިމް އެދިފައިވާ ވާހަކަ އާއި އެކަން ކުރަން ބޭނުންކަމަށް ނާޖިދާ ބުނުމުން އޭނާގެ މައިންބަފައިންނަށް ލިބުނީ ހައިރާންކަމެވެ. ގަބޫލުކުރަން ދަތިވެގެން ކަހަލަ ގޮތަކަށް އޭނާގެ ބައްޕަ ބޯހަލުވައިލިއިރު މަންމަ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނާޖިދާ އިތުރަށް އެތައް ވާހަކައެއް ދެއްކިއެވެ. ނާއިމްގެ ރަނގަޅު ވާހަކަ އާއި ކުރަން މިއުޅެނީ ކީއްކަން އެނގޭ ވާހަކައެވެ. އުމުރުގެ ތަފާތާއި ނާއިމްގެ ދަރިއަކު ހުރިކަން އެނގޭ ވާހަކައެވެ. އެ ކައިވެނީގެ ސަބަބުން ޢާއިލާއަށް ކުރާނެ ފައިދާގެ ވާހަކައެވެ.
ކައިވެންޏަކީ ނާޖިދާ އަމިއްލައަށް ބޭނުންވެގެން ކުރަންއުޅޭ ކައިވެންޏަކަށް ވާތީ އޭނާގެ މައިންބަފައިން އުފަލާއިއެކު އެކަމަށް އެއްބަސްވިއެވެ. އެމީހުންގެ ފަރާތުން ކުރަންޖެހޭ ކަންތައްތަކާއިގެން އުޅުނެވެ.
ނާއިމްއާ ކައިވެނިކުރަން ނާޖިދާ ރަންކީ ވާހަކަ އާއި އޭނާގެ ބައްޕަ ވަލީދިން ވާހަކަ ރަށުތެރެއަށް ފެތުރިގެން ދިޔައީ ޕެޓްރޯލް އަޅާފައި ރޯކޮށްލި އަލިފާންގަނޑެއްހާ ހަލުވިކޮށެވެ. އެވާހަކަތަކުގެ ސަބަބުން ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދިޔައިރު އެތައް ބަޔަކު އެތައް ގޮތަކަށް އެވާހަކަ ދައްކަމުންދިޔައެވެ.
ބައެއްމީހުނަށް އެ ވާހަކަތައް ގަބޫލުކުރަން ދަތިވިއެވެ. އެބައިމީހުން ބުނަމުންދާ ގޮތުގައި އެ ވާހަކަތައް ދައްކާ ބަޔަކު އެ ވާހަކަތައް އެދައްކަނީ ނާއިމްގެ ފިހާރާގައި ނާޖިދާ މަސައްކަތްކުރަމުން ދާތީ އެތަނުން ބޭރުކުރަން ވެގެންނެވެ. އެ ބަޔަކަށް އެކަމުން އަސަރުކުރީއެވެ. އެހެންމީހަކަށް އެއްޗެއް ލިބޭތީ ކަންބޮޑުވީއެވެ. ލިބޭއެއްޗެއް ލިބެން ޖެހޭނީ ތިމާމެނަށް އެކަންޏެވެ.
ރޭގަނޑުގެ ދިހައެއްޖަހާކަން ހާއިރެވެ. ނާޖިދާގެ އެންމެގާތް ރައްޓެހިންގެތެރޭގައި ހިމެނޭ އަރީސާ އާއި ދިހްނާ ފިހާރައަށް އައިއިރު ނާޖިދާ ފިޔަވާ އެހެން އެއްވެސް މީހަކު ފިހާރައިގަ ނެތެވެ. ދެ ޒުވާނުންގެ މޫނުމަތިން ފާޅުވި ހިނިތުންވުން ނާޖިދާއަށް މެސެޖެއްދިނެވެ.
“ކޮންއިރަކުން ކޮފީދެނީ …. ޅ” ފިހާރައަށް ވަންނަމުން އަރީސާ އަހާލިއެވެ.
“ކޮފީއޭ ؟ …. ރަށުގަހުރި އެންމެ މުއްސަނދިމީހާގެ ވާންއުޅޭ އަނބިމީހާ ވެސް ކޮފީތަ؟. އުނހު … ކަމަކު ނުދާނެ. ރަނގަޅު ކެއުމެއް ދޭންވާނީ. އެވެސް ރެސްޓޯރެންޓުން.” އަރީސާއާ ސުވާލުކުރަމުން ވާހަކަދައްކަން ފެށިނަމަވެސް ދިހްނާ ވާހަކަތައް ނިންމާލީ ނާޖިދާއަށް ބަލާލަމުންނެވެ.
“ވާން އުޅެއޭދޯ ތިބުނީ …. ވީމާ ތިހެންބުނޭ.” ރަހުމަތްތެރިންނަށް ދޫދޭކަށް ނާޖިދާ ވެސް ބޭނުމެއްނުވިއެވެ. އެންމެ ބޭނުންވި ކަންތައް ބޭނުންވިގޮތަށް ވާންއުޅޭތީ އޭނާއަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން އޭނާގެ ކިބައިން ފެންނަމުން ދިޔައެވެ.
“ހޫން …. ހޫން. އެދުވަހަކުން ވަރަށް ކަންތައް އޮންނާނެތާ. ވަރަށް ކެއުން ދޭންވާނެ.” ހެމުން ހެމުން އަރީސާ ބުންޏެވެ.
“އާން ދެން ވަރަށް ކަންތައް އޮންނާނެތާ …. ޔަޒީދާ ނިޔާވި ފަހުން އަހަރެއްހާ ދުވަސްވީވިއްޔަ.” ހީނގަންނަމުން ދިހްނާ ބުނިއެއްޗެއް ދެމީހުނަށް ނަގައިގަނެވުނީ އެއްކޮށެވެ. އަރީސާ ހީގަތުމާއެކު ނާޖިދާ ވެސް ހީގަތެވެ.
“އެއްކަހަލަ ލަދުކުޑަކަލޭގެ ފެށީ.” ދިހްނާއަށް ކަޅިއަޅާލަމުން ނާޖިދާ ބުނެލިއެވެ.
ނާޖިދާ އާއި ނާއިމްގެ ކައިވެނީގެކަންތައް ކުރިޔަށް ދިޔައިރު ނާއިމްގެ ރަހުމަތްތެރިންގެ އެހީތެރިކަމާއި އެއްބާރުލުން އެންމެ ފުރިހަމައަށް ލިބެމުން ދިޔައެވެ. ނާޖިދާގެ ޢާއިލާއިން ވެސް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދެމުންދިޔައެވެ.
ނާޖިދާ އާއި ނާއިމް ކައިވެނިކުރާތީ އެންމެ އުފާވި އެކަކީ ނާޖިދާގެ މަންމަ ޒުބޭދާއެވެ. އޭނާގެ ދަރިފުޅަށް ލިބުނު ނަސީބާމެދު އޭނާ އުފާކޮށް ފަޚުރުވެރިވެއެވެ. އެވާހަކަތައް މީހުންކައިރީ ދައްކައެވެ. ނާޖިދާއާ ހެދި ނާއިމް އުޅޭވަރު ކިޔައިދެއެވެ.
“ލާރި …. ލާރި …. ރަން ސަރ.” ފިހާރައިން ނުކުމެގެން ގެއާދިމާއަށް ހިނގަމުންއައި ނާޖިދާގެ ފިޔަވަޅުތަކަށް ހުއްޓުންއައީ ޒުބީންގެ އަޑަށެވެ. ޒުބީންއަކީ ނާޖިދާގެ ލޯތްބަށްއެދި އާދޭސްކުރަމުން އޭނާގެ ފަހަތުން މުގޯލިއަޅަމުން ދުއްވި ޒުވާނުންގެ ތެރެއިން އެކެކެވެ. އެންމެ ބޮޑަށް އެކަމާއިގެން އުޅުނު މީހުންގެ ތެރެއިން މީހެއް ވެސް މެއެވެ.
“އަސަރެއް ކުރާނީ.” ރުޅިވެރިކަމާއެކު ޒުބީނަށް ބަލާލަމުން ނާޖިދާ ބުނެލިއެވެ. އޭނާއާބެހޭގޮތުން ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަމުން ދިޔަނަމަވެސް އެމީހެއް ހޯދައި އެއަށް ރައްދުދޭން ނުދުވި ނަމަވެސް ދިމާލަށް ބުނީމަ އެއްޗެކޭ ނުބުނެ ދިއުމަކީ އެންމެ ރަނގަޅުގޮތް ކަމަކަށް ނާޖިދާ އަކަށް ގަބޫލެއް ނުކުރެވުނެވެ. ކެތެއް ނުކުރެވުނެވެ.
އަލަތު ކައިވެންޏާއިއެކު އެތައް ބައެއްގެ މަލާމާތާއި ފުރައްސާރަކުރުންތައް އަމާޒުވަމުން ދިޔަނަމަވެސް ނާޖިދާ އެކަމަކަށް އަޅައެއް ނުލައެވެ. މީހަކު ކިޔާ އެއްޗަކަށް، ބުނާ ބަހަކަށް ބެލުން މުހިންމު ނޫންކަމުގައި އޭނާގެ ޒަމީރު ބުނެދެމުން ދިޔަ ބުނެދިނުން ހިތުގެ އަޑިން ނާޖިދާއަށް ގަބޫލު ކުރެވުނެވެ. ކައިވެނިކުރީ ނާޖިދާ ބޭނުންވި މީހާއާ އޭނާއެވެ. އޭނާއާއެކު ދިރިއުޅޭނީ ވެސް ނާޖިދާއެވެ. އެހެންމީހެއް ނޫނެވެ.
ނާޖިދާގެ ކައިވެނީގެ ފުރަގަހުގައި ފޮރުވިފައިވާ އެތައް ސިއްރެއް ވާކަމާއި ނާޖިދާ ބޭނުންވެގެން އުޅެނީ ނާއިމްގެ ތަނަވަސްކަން ކަމުގައި ބުނަމުންދާ މީހުން ގިނައެވެ. ތިމާއަށް ވުރެ މާ ދޮށީ މީހަކާއި ކައިވެނިކޮށް ދޮންމަންމައެއްގެ މަގާމަށް ނުދިޔަ ނަމަވެސް ތަނަވަސްކަން ލިބިދާނެ ކަމަށްބުނެ މަލާމަތްކުރާ މީހުން ވެސް މަދެއްނޫނެވެ. މުސްކުޅިއަކާ ކައިވެނިކުރުމުގެ ހިތި ރަހަ އަދި ލާނެކަމަށް ބުނަމުންދާ ޒުވާނުންނަށް ނާޖިދާ ރައްދު ދެމުންދިޔައީ ކެރިގެންނެވެ. އޭނާއަކީ ވެސް އޭނާ ބޭނުން މީހަކާއި ކައިވެނިކުރުމުގެ މިނިވަންކަން ލިބިފައިވާ މިނިވަނެއްކަމަށް ބުނަމުންނެވެ. އެކަމާއި ފާޑުކިޔުމުގެ ހައްގެއް ނޯއްނާނެ ކަމަށް ވެސް ބުނަމުންނެވެ.
ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ނާޖިދާއަށް ވަރިހަމައެވެ. އޭނާ ބޭނުންވި ކަންތައް ބޭނުންވި ގޮތަށް ވެއްޖެއެވެ. ދެން އޮތީ އެކަން ދަމަހައްޓަން ކުރަންޖެހޭ ކަންކަން ކުރުމެވެ. އެކަން ވެސް އޭނާ ކުރާނެއެވެ.
އަލަތު ކައިވެންޏާއިއެކު ބޭނުންވި ފަދަ ފުރިހަމަ ތަނަވަސް ދިރިއުޅުމެއް ލިބުމުން ނާޖިދާއަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން ބޮޑެވެ. ނާއިމްގެ ގެއަށް ނާޖިދާ ބަދަލުވެ ކަމާލިޔާ ބެލެހެއްޓުމާއި ހަވާލުވިއެވެ. ޔަޒީދާގެ ޢާއިލާއިން ކަމާލިޔާ އެ ޢާއިލާ ކައިރީ ބަހައްޓަން ބޭނުންވި ނަމަވެސް ނާޖިދާ އަކަށް އެގޮތް ކަމަކު ނުދިޔައެވެ. ނާޖިދާ ބޭނުންވީ ކަމާލިޔާ އޭނާ އާއި ނާއިމް ކައިރީ ބަހައްޓާށެވެ. ނާއިމްއާ އޭނާ ކައިވެނިކުރީ ނާއިމްގެ ދަރިފުޅަށް މަންމައެއްގެ ލޯބި ވެސް ދޭންކަމަށް ބުންޏެވެ.
ދުވަސްތައް މާޒީއާ އެކުވަމުން އައިސް ދެ އަހަރެއްހާ ދުވަސް މާޒީއާ އެކުވެގެން ދިޔައިރު ނާޖިދާގެ އުޅުމަށް މަޑުމަޑުން ބަދަލުތައް އަންނަން ފެށިއެވެ. ކައިވެނީގެ ފުރަތަމަކޮޅު ކަމާލިޔާއަށް ދެމުންދިޔަ އަޅާލުމާއި އެހީތެރިކަން މަޑުމަޑުން މަދުކުރަމުން މަދުކުރަމުން އައިސް ހުއްޓާލި އެވެ. ނުހަނު ލޯބިން އަޅާލާ ލޯތްބާއި އޯގާތެރިކަން ދެމުންދިޔަ ދޮންމަންމަގެ އޯގާތެރިކަން އެއްކޮށް ފިލައިދިޔައެވެ. ދުރުކުރަމުން ދުރުކުރަމުން ގޮސް ކަމާލިޔާ މުޅިންފެއަށް ލިއެވެ.
ނާއިމްގެ ހަޔާތަށް އަތްގަދަވެ ހިންދެމިލެވޭގޮތް ވުމާއިއެކު ނާޖިދާގެ އަސްލު ސިފަ ފެންނަން ފެށިއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދެކެމުންއައި ހުވަފެން ޙަޤީޤަތަކަށް ވުމުން ބޭނުންވި ގޭމް ކުޅެމުންދިޔައެވެ. ނާއިމްގެ ކުރިމަތީގައި އެހެން މޫނެއް ކަމާލިޔާގެ ކުރިމަތީގައި އެހެން މޫނެއް ދައްކަމުންދިޔަ ނަމަވެސް ނާއިމްއަކަށް އެކަމެއް ނޭނގެއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި