ބައިސްކޯފުން ދެއްކުމަށް ހުސެން މުނައްވަރު (ކުޑަފޫޅު) ޕްރޮޑިއުސްކޮށް، މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒް “ހަނާ” ޑަބްކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަަމަށް އަމްޖޭ ބުނެފިއެވެ.
މުނިއަވަސް އާ ވާހަކަދައްކަމުން މިއަދު އަމްޖޭ ބުނީ ޑަބިން މަސައްކަތުގެ މިހާރު ނުނިމި އޮތީ ވަރަށް ކުޑަކުޑަ ޕަސެންޓެއް ކަމަށެވެ.
“ޑަބިންގެ ބޮޑުބައި އޮތީ އެއްކޮށް ނިމިފަ. ދެން ޑަބިން އެއްކޮށް ނިމިފަ ތިބި މީހުންގެ ތެރޭގަ ނިޝްކޮ އާއި ފާތުން ހިމެނޭ. ދެން ތިބި މީހުންގެ ވެސް ބޮޑުބައި އޮތީ އެއްކޮށް ނިމިފަ.” ފާތުން އަކީ މި ސީރީޒްގައި މަންމަ ބައި ކުޅޭ ފަންނާނެވެ.
އަމްޖޭ ބުނީ ސީރީޒްގައި މުހިންމު ރޯލުތަކުން ފެންނަ ޝަމީލް، ގުލިސްތާނު ހިމެނޭ ގިނަ މަންޒަރުތަކުގެ ޑަބިންގެ ބޮޑުބައި އޮތީ ނިމިފައި ކަމަށެވެ.

ވެބް ސީރީޒް “ހަނާ” ޑަބްކުރުމުގައި ގޮޅާ އައްޔަ، އަމްޖޭ އަދި ގުލިސްތާނު – ފޮޓޯ: ހަނާ ޓީމު
“އެކުދިން ޑަބިންއަށް ވެސް ވަރަށް ރަނގަޅު. އަހަރުމެން މި ހަދާ ޑްރާމާތަކާ ހަމަ ވަރަށް ތަފާތު. ހުރިހާ ކުދިންވެސް ވަރަށް މަސައްކަތްކޮށްފަ އެބަހުރި.” ނިޝްކޮ އާއި ފާތުން އަކީ މި ދާއިރާއަށް އާ ބައެއް ނަމަވެސް އެމީހުންގެ ޑަބްކުރުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ތަޢުރީފުކުރަމުން އަމްޖޭ ފާހަގަކުރިއެވެ.
“ދެން ޑަބްކުރަން މި އިންނަނީ ގޮޅާ އައްޔަ ވީމަ، އައްޔަ އަކީވެސް ވަރަށް ބޮޑު ތަޖުރިބާކރަކަށް ވެފާ، ދެން އޭނަގެވެސް މަސައްކަތާ އެއްކޮށް އަސްލު އެހާ ފުރިހަމަވެގެން މި އަންނަނީ.” ޑަބިން ކުރިއަށްދާގޮތް އިތުރަށް ހިއްސާކުރަމުން އަމްޖޭ ބުންޏެވެ.

ވެބް ސީރީޒް “ހަނާ” ގެ މަސައްކަތުގައި ގޮޅާ އައްޔަ، އަދި ހުސެން – ފޮޓޯ: ހަނާ ޓީމު
އަމްޖޭ ބުނީ ކުރިއަށް މި އޮތް ތިން ދުވަސްތެރޭގައި ޑަބިން މަސައްކަތް އެއްކޮށް ނިންމައިލެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ނިމިދިޔަ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރުގެ ރޯލާއި ސްޕެޝަލް ޖޫރީ ޕްރައިޒް، އައުޓްސްޓޭންޑިންގ އޯލްރައުންޑް ޕާރފޯމަރގެ އެވޯޑް ހޯދާފައިވާ އަލީ އާޒިމް (ދޮން އައްޔަ) ލީޑުން ފެނިގެންދާ މި ވެބް ސީރީޒް މި މަހު ދައްކަން ނުފެށޭނެ ކަަމަށް އަމްޖޭ ބުންޏެވެ.
“މިމަސް ތެރޭގަ އަދި ހިއެއް ނުވޭ. ދެއްކޭނެ ޑޭޓެއް އަދި ސީދާ ބުނާކަށް ނޭނގޭ. އެއީ ޑިސެމްބަރު ދޭއްގަ އައްޔުމަން މިކޮޅަށް (މާލެ އަށް) އައިމަ އައްޔުމަން އާ ބެކްމިއުޒިކް ހަވާލުކުރަނީ.” އަމްޖޭ ބުނީ އައްޔުމަން އަންނަގޮތަށް ސީރީޒްގެ ބެކްމިއުޒިކްގެ މަސައްކަތް ފަށާނެ ކަމަށެވެ.

އައްޔުމަން ޝަރީފް އަކީ ކުޅަދާނާ މިއުޒީޝަނެއް – ފޮޓޯ: އައްޔުމަން
“އައްޔުމަން އައިމަ މި ސީރީޒް ދައްކަން ފަށާނެ ޑޭޓެއް ބުނަން އެނގޭނީ.” އަމްޖޭ ބުނީ ސީރީޒްގެ ބެކްމިއުޒިކު ހަދަން އެމީހުންގެ ޓީމުން ބޭނުންވަނީ އައްޔުމަން ލައްވާ ކަމަށެވެ.
ބެކްމިއުޒިކް ހެދުމަށް ހުނަރުވެރި އައްޔުމަން އަކީ އަމްޖޭގެ ވަރަށް ގިނަ ފިލްމުތަކުގައި ބެކްމިއުޒިކް ހަދާފައިވާ އާޓިސްޓެކެވެ. އެހެންކަމުން އައްޔުމަން އަކީ އަމްޖޭގެ ފޭވަރިޓެކެވެ. އައްޔުމަންގެ މަސައްކަތުގެ ވައްޓަފާޅިއަށް އަމްޖޭ ވަރަށް ބޮޑަށް ތަޢުރީފުކުރިއެވެ.

“ހަނާ” ސީރީޒްގައި ހަރަކާތްތެރިވާ ފަންނާނުންނާއި ކްރޫ – ފޮޓޯ: ހަނާ ޓީމު
ވެބްް ސީރީޒް “ހަނާ” އަކީ ވަރުގަދަ ލޯބީގެ ހާދިސާއެއް ދައްކައިދޭ ސީރީރެކެވެ. ވާހަކަ ލިޔުނީ ޢަލީ ރަޝީދު (ގޮޅާ)ގެ އަންހެން ރިނާޒާ އެވެ.
”ހަނާ“ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ދޮން އައްޔަގެ އިތުރުން އިބްރާހިމް ޖިހާދު (ޖިމީ)، ނޫރާ، ޝަމީލް، ގުލިސްތާނު އަދި ނިޝާ (ނިޝްކޮ) ހިމެނެއެވެ.
ތޭރަ އެޕިސޯޑްގެ ”ހަނާ“ ޕްރޮޑިއުސްކޮށް ކެމެރާ ކުރަނީ ހުސައިން މުނައްވަރު (ކުޑަފޫޅު) އެވެ.
”މި ޑްރާމާ ވާނެ، ޑްރާމާ ބަލާހިތްވާ މީހުން ބަލާހިތުން ބަލާނެ ވަރަށް ރަނގަޅު ޑްރާމާއަަކަށް. ރީތި ޑްރާމާއެއް ބަލާލަން ބޭނުންނަމަ ”ހަނާ“ ބަލަން ވާނޭ ބުނެވޭނީ.“ މި ވެބް ސީރީޒްއާ މެދު އަމްޖޭ ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!