ދުނިޔޭގެ ގިނަ ފުޓްބޯޅަ ކުލަބުތަކަކީ ހަމައެކަނި ފުޓްބޯޅަ ކުޅެގެން ސަޕޯޓަރުންގެ ހިތްތައް ފަތަހަކުރާ ބައެއް ނޫނެވެ. ފުޓްބޯޅައިގެ އިތުރުން އިޖްތިމާޢީ ކަންކަމުގައި ވެސް ގިނަ ފުޓްބޯޅަ ކުލަބުތަައް އަންނަނީ ނަމޫނާ ދައްކަމުންނެވެ. ނަމަވެސް މިފަހަރު ފުޓްބޯޅަ ކުލަބެއް މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެއްލިގެން އުޅޭ މީހުން ހޯދުމުގައި އެހީތެރިވެ ނަމޫނާ ދައްކާފައެވެ.
އިޓާލިއަން ލީގުގެ ގަދަ ބާރެއް ކަމަށްވާ އޭސް ރޯމާ އަކީ މީސްމީޑިއާ ކެމްޕެއިންތައް ހިންގުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ފުޓްބޯޅަ ކުލަބެވެ. ތަފާތު އުފެއްދުންތެރި ހިޔާލުތަކާއި، އުކުޅުތައް ބޭނުންކޮށްގެން މީސްމީޑިއާ ކެމްޕެއިންތައް ހިންގަމުން އަންނަ ރޯމާ މިފަހަރު މިވަނީ ތަފާތު ކަމެއް ކުރަން ފަށާފައެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި އެކުލަބާއި ގުޅުނު ކުޅުންތެރިންގެ އިޢުލާނުތަކާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެއްލިފައިވާ ކުޑަކުދިން ގެ އިޢުލާނުތައް ވެސް އެމީހުން ވަނީ މީސްމީޑިއާ ގައި އާންމުކޮށްފައެވެ.
ދުނިޔޭގެ 12 ގައުމަކުން ގެއްލިގެން ރިޕޯޓްކޮށްފައިވާ، 109 ކުޑަ ކުދިން ތަފާތު 72 ވީޑިއޯ އެއްގައި އެ ކުލަބުގެ މީސްމީޑިއާ ގައި ވަނީ އާންމުކޮށްފަ އެވެ. ރޯމާ އިން ފެށި މި ކެމްޕެއިންގެ ސަބަބުން މިހާތަނަށް ޖުމްލަ 5 ކުދިން ވަނީ ފެނިފައެވެ. އޭގެތެރޭގައި ހިމެނެނީ ކެންޔާ، ބެލްޖިއަމް އަދި އިންގްލެންޑް ގެ ކުދިންނެވެ.
އާ ކުޅުންތެރިން ކުލަބާއި ގުޅޭ އުފާވެރި ދަނޑިވަޅެއްގައި، މީހުން ގެއްލިގެން އުޅޭ ހިތާމަވެރި އިއުލާނެއް އެއާއެކު އާންމުކުރަނީ ކީއްވެގެންހޭ ބުނެ، ރޯމާ އިން ފެށި މި ކެމްޕެއިންގެ ފުރަތަމަ ކޮޅުގައި، ބައެއް ސަޕޯޓަރުން ވަނީ ސުވާލުތައް ކުރިމަތިކޮށްފައެވެ. ނަމަވެސް މި ކެމްޕެއިންގެ ސަބަބުން ގެއްލިފައިވާ ބައެއް ކުދިން ފެންނަން ފެށުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުން ދަނީ ހީވެސް ނުކުރާ ވަރުގެ ތަރުހީބެއް މިކެމްޕެއިނަށް ދެމުންނެވެ. ރޯމާގެ މި ކެމްޕެއިންގެ ސަބަބުން ކުދިން ގެއްލިގެން ހިތާމައިގައި ތިބި އާއިލާތަކަށް ވަނީ އިތުރު އުންމީދެއް ގެނުވާފައެވެ.
ރޯމާގެ މި ކެމްޕެއިންގެ މޭސްތިރިޔަކީ އެކުލަބުގެ ހެޑް އޮފް ސްޓްރެޓެޖީ ޕައުލް ރޮޖާރސް އެވެ. “މީސްމީޑިއާ ގައި އަހަރެމެންނަށް ފުދޭވަރެއްގެ ބޮޑު ބައިވެރިވުމެއް ގާއިމްކުރެވިފައި އޮތުމުން، ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރަށް ދިޔައިރު، އެ ފުރުސަތަކީ ތަންކޮޅެއް މުހިންމު އަދި ބޭނުންތެރި ކަމެއް ކޮށްލުމަށް ރަނގަޅު ފުރުސަތެއް ކަން އަހަރެމެންނަށް ވިސްނުނު.”
“ފުޓްބޯޅައިގެ ސަބަބުން ސަޕޯޓަރުންގެ މެދުގައި މީސްމީޑިއާ ގައި ބައެއް ފަހަރު އަރައިރުން އުފެދޭ. އަހަރެމެންނަށް ވިސްނުނީ އެއާ ޚިލާފަށް ފުޓްބޯޅައިގެ ހުރިހާ ސަޕޯޓަރުން ވެސް ބަލައިގަނެ، އެކަމުގައި ބައިވެރިވާނެ ކަމެއް ކުރަން.” ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ޕައުލް ރޮޖާރސް ބުނެފައިވެއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދުވާލަކު އެތައް ސަތޭކަ ކުދިންނެއް ގެއްލިގެން ރިޕޯޓް ކުރާއިރު، އެކަމަށް ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ރޯމާ އިން ފެށި މި ކެމްޕެއިންނަށް އެ ކުލަބުގެ މީސްމީޑިއާ “ފޮލޯ” ކުރާ 16 މިލިއަން ސަޕޯޓަރުންނާއި، ދުނިޔޭގެ އެހެނިހެން ކުލަބުތަކުގެ ސަޕޯޓަރުން ދަނީ ހީވެސް ނުކުރާ ވަރުގެ އެއްބާރުލުމެއް ދެމުންނެވެ. ރޯމާގެ މި ކެމްޕެއިންގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުން އެއްބައިވަންތަ ކޮށްދީ، މުޖުތަމައަށް އަގުނުކުރެވޭ ވަރުގެ ބޮޑު ޚިދުމަތެއް ފޯރުކޮށްދެވޭއިރު، އެހެން ކުލަބުތަކުން ވެސް ދުނިޔޭގެ ގެއްލިފައިވާ ކުދިންގެ ދުވަސް ގެ ގޮތުގައި ފާހަގަކުރާ މެއި މަހުގެ 25 ވަނަ ދުވަހާ ދިމާކޮށް މިފަދަ ކެމްޕޭނެއް ފެށުމަށް ޕައުލް ރޮޖާރސް ގޮވާލިއެވެ.
“ހަމަ އެކަނި ރޯމާ އިން މިފަދަ ކެމްޕޭނެއް ފެށުމުން 5 ކުދިން އެވަނީ އެކުދިންގެ އާއިލާ ކައިރިއަށް ދެވިފަ. ބާސެލޯނާ، މެންޗެސްޓަރ ޔުނައިޓެޑް އަދި ލިވަޕޫލް ފަދަ ބޮޑެތި ކުލަބުތަކުން މި ކެމްޕޭނުގައި ބައިވެރިވެއްޖެ ނަމަ މިކަމަށް އަންނާނެ ކުރިއެރުން ވިސްނާލާ.” ޕައުލް ރޮޖާރސް ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި