ޔުއެފާ ޗެމްޕިއަންސް ލީގު ގުރޫޕު ސީ ގައި ރޭ، ޝަކްތާ ޑޮނެސްކް އާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި މެންޗެސްޓަރ ސިޓީ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

މެންޗެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައި ނުވާއިރު، ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ޝަކްތާ ޑޮނެސްކުގެ ޓެޓޭ ސިޓީގެ ހުސް ގޯލަށް ފޮނުވާލި ހަމަލާއެއް ގޯލުގެ ރޮނގުމަތިން ކަހަލަގޮތަކަށް ސިޓީގެ ޑިފެންޑަރު ފެނާންޑީނިއޯ ވަނީ ދިފާއުކޮށްފައެވެ. 

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއްނުވެ މެޗުގެ 56 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ތަނަވަސްކޮށްދިން ފުރުސަތަކުން އިކޭ ގުންޑޮގާން ވަނީ ގޯލެއް ޖަހާ ސިޓީ އަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް 65 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޝަކްތާ ޑޮނެސްކުގެ މަނޯ ސޮލޮމަން 69 ވަނަ މިނެޓުގައި ގޯލެއް ޖަހާ މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ކޮށްދީފައެވެ.

މިއީ ޗެމްޕިއަންސް ލީގުގައި ސިޓީ ޖެހިޖެހިގެން އެއްވަރުވި ދެވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. މި މެޗުން އެއްވަރުވި ނަމަވެސް، އެޓްލާންޓާ އަތުން ޑައިނަމޯ ޒެގްރެބް ބަލިވުމުން ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ޖާގައެއް ސިޓީ އަށް ވަނީ ޔަގީންވެފައެވެ. ޖެހިޖެހިގެން 7 ވަނަ ސީޒަނުގައި ޗެންޕިއަންސް ލީގު ގުރޫޕު ސްޓޭޖް ފަހަނައަޅައި، ނޮކްއައުޓް ބުރަށް ދަތުރުކުރި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ގަދަ 16 އަށް ދަތުރުކުރުމުން، ދެން އަނެއްކާވެސް އަމާޒު ހުރީ އިނގިރޭސި ޕްރިމިއަރ ލީގު ހޯދުމަށް ކަމަށެވެ.

ގުރޫޕު ސީ ގެ އެއްވަނައިގައި ކުޅުނު 5 މެޗުން 11 ޕޮއިންޓް ހޯދައިގެން ސިޓީ އޮތްއިރު، 6 ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތް ޝަކްތާ ޑޮނެސްކާއި، 5 ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތް ޑައިނަމޯ ޒެގްރެބް އަދި 4 ޕޮއިންޓް ހޯދައިގެން ގުރޫޕުގެ ފުލުގައި އޮތް އެޓްލާންޓާ އަށް ވެސް ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.