‏މެންޗެސްޓަރ ސިޓީ ހިންގާ ގުރޫޕުން އިންޑިއަން ސުޕަރ ލީގު (އައި.އެސް.އެލް) ގެ މުމްބާއީ ސިޓީ ފުޓްބޯލް ކުލަބުގެ މެޖޯރިޓީ ހިއްސާ ގަންނަން އުޅޭކަން އެ ގުރޫޕުން ހާމަކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި ސިޓީ އިންވެސްޓްމަންޓް ގުރޫޕު (ސީ.އެފް.ޖީ) އިން ނެރުނު ސްޓޭޓްމަންޓެއްގަައި ބުނެފައިވަނީ މުމްބާއީ ސިޓީ ފުޓްބޯޅަ ކުލަބުގެ %65 ހިއްސާ ގަތުމަށް ނިންމާފައިވާކަމުގައެވެ.

އަބޫދާބީ ޔުނައިޓެޑް ގުރޫޕުގެ ވެރިޔާ ޝެއިޚް މަންސޫރު ބިން ޒައިދު އަލް ނަހްޔާނުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ސިިޓީ ފުޓްބޯލް ގުރޫޕް (ސީ.އެފް.ޖީ) ގެ އެންމެ ކާމިޔާބު އެއް އިންވެސްޓްމަންޓަކީ މެންޗެސްޓަރ ސިޓީ ފުޓްބޯލް ކުލަބެވެ. 

މުންބާއީ އެފްސީ އަކީ ސިޓީ ފުޓްބޯލް ގުރޫޕުން އިންވެސްޓް ކުރާ އަށް ވަނަ ކުލަބެވެ. ސިޓީ ފުޓްބޯލް ގުރޫޕުން މުމްބާއީ އެފްސީގެ %65 ހިއްސާ ގަންނާން ހަމަޖެހިފައިވާއިރު، ބާކީ %35 ހިއްސާ އޮންނާނީ މިހާރު ވެސް އެ ކުލަބުގެ ހިއްސާދާރުން ކަމުގައިވާ ރަންބީރު ކަޕޫރާއި، ބިމާލް ޕާރެކް އަށެވެ. 

“މުސްތަގުބަލުގައި މުމްބާއި އެފްސީ އާއި، އިންޑިއާ ގެ ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ސިޓީ ފުޓްބޯލް ގުރޫޕުން މިތިބީ ސާބިތުވެ. މުމްބާއީ އެފްސީގެ ސަޕޯޓަރުންނާއި، އާންމުންނާއި، އަދި ކުލަބުގެ ދެން ތިބި ހިއްސާދާރުންނާއި ގުޅިގެން ކުލަބުގެ ތަރައްގީ އަށް މަސައްކަތްކުރުމަށް އަހަރެމެން މިތިބީ ތައްޔާރަށް.” ސިޓީ ފުޓްބޯލް ގުރޫޕުގެ ޗެއާމަން ޚަލްދޫން އަލް މުބާރަކް ބުނެފައިވެއެވެ. 

އިންޑިއާގެ ފުޓްބޯޅަ ދިރާސާކުރަމުންދާތަން ދެ އަހަރު ވެއްޖެ ކަމަށާއި، އުންމީދުކުރަނީ މިއަހަރު ނިމުމުގެ ކުރިން، ދުނިޔޭގެ ދެވަނައަށް އާބާދީ އެންމެ ބޮޑު ގައުމުކަމަށްވާ އިންޑިއާގެ، މުމްބާއީ އެފްސީ ގަތުމުގެ ހުރިހާ ކަމެއް ނިމިގެންދިއުން ކަމަށް ސިޓީ ފުޓްބޯލް ގުރޫޕުން ނެރުނު ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.