ދިވެހިން ދަތުރުކޮށް އުޅޭ މަޤްބޫލު މަންޒިލް ތަކުގެ ތެރެއިން ތައިލޭންޑްގެ ބެންކޮކަކީ އަހަރަކު އެތަކެއް ދިވެހިން ޒިޔާރަތްކުރާ މަޝްހޫރު މަންޒިލެކެވެ. ބެންކޮކްގެ މަޝްހޫރު 3 މަގެއްގައި ފައިމަގުގައި ހިނގާފައި އުޅޭގޮތަށް އަންނަ ޑިސެމްބަރު މަހު ހަޖައްސަން ވަނީ ނިންމާފައެވެ.

ޑިސެމްބަރުން ފެށިގެން ބެންކޮކްގައި ފަތުރުވެރިން އެންމެ އާއްމުކޮށް ގޮސް އުޅޭ، ސިލޮމް، ޔާވޮރަޓް (ޗައިނާ ޓައުން) އާއި ކާއުސަން މަގުތަކަކީ ހަމަ އެކަނި ހިނގާފައި އުޅޭ މަގުތަކެއްގެ ގޮތުގައި ހެދުމަށް ނިންމާފައިވާކަމަށް މިމަހުގެ 28 ގައި ބެންކޮކްގެ ސިޓީ ހޯލުން ވަނީ އިޢުލާނުކޮށްފައެވެ.

ބެންކޮކް ގެ މަގެއް – ފޮޓޯ: މުނިއަވަސް

ޑެޕިއުޓީ ގަވަރުނަރު ސަކްލޯތީ ޕަތިޔާކުލް ބުނީ ސިލޮމް މަގުގެ ޓްރެފިކް ކޮންމެ މަހެއްގެ އެއްދުވަހު މެޓްރޯޕޮލިޓަން ގެ އިދާރާއިން ބަންދުކުރާނެ ކަމަށެވެ. މީގެ ކުރިންވެސް އެކަން 2016 ވަނަ އަހަރާއި ހަމައަށް ކޮށްފައިވެއެވެ.

ސިލޮމްގެ ހުޅުވައިލެވިފައިވާ މަގުމަތީ ބާޒާރަށް މި ބަދަލު ގެނައުމުގެ އިތުރުން، ޔާވޮރަޓް (ޗައިނާ ޓައުން) އާއި ކާއުސަންގެ މަގުތައް ވެސް ވަގުތީގޮތުން ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

މި އަހަރު ޖުލައި މަހުން ފެށިގެން ޔާވޮރަޓް މަގަކީ ‘ވަޓް މަންގްކޯރން އެމްއާރްޓީ‘ އިން ފަސޭހަކަމާއެކު ދެވޭގޮތަށް ހަމަޖެހިފައިވާ ތަނެކެވެ. ޑިސެމްބަރު 13 އިން ފެށިގެން އެ މަގަކީ ފައިމަގުގައި އުޅޭ މަގަކަށް ހަދާނެއެވެ. ޗަލަންބޫރީ އާއި ރޭޗާވޮންގް ގުޅޭ ހަތަރު އަނގޮޅިއާއި ހަމައަށް އޮންނަ 600 މީޓަރުގެ ރާސްތާ ޚާއްޞަކޮށްލަނީ ފައިމަގުގައި އުޅޭގޮތަށެވެ. މި ތާރީޚްގެ ފަހުން ޗައިނާ ޓައުންގެ މަގުމަތީ ބާޒާރު ހުޅުވަން ނިންމާފައިވަނީ ކޮންމެ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހެއްގެ ރޭގަނޑު 07:00 ގައެވެ. ހުކުރު އަދި ހޮނިހިރު ދުވަހު ޔާވޮރަޓް އޮންނާނީ ކޮންމެވެސް ވަރަކަށް ބަންދުކޮށްފައެވެ. އާދީއްތަ ދުވަހަކީ ވާހަނަތައް (ވެހިކަލްތައް) އެ ސަރަހައްދަށް ވަނުން އެއްކޮށް މަނާ ދުވަހެކެވެ.

ސިލޮމް މަގުގެ މާރުކޭޓް ސަރަހައްދު ބަންދުކުރަން ފަށާނީ ޑިސެމްބަރު 15 ވަނަ ދުވަހުގެ ރޭ 10:00 އިން ފެށިގެންނެވެ. އޭގެ ފަހުން، މޭ މަސް ނިމެންދެން ކޮންމެ މަހެއްގެ ތިންވަނައަށް އަންނަ އާދީއްތަ ދުވަހަކީ އެ މަގުގައި ހިނގާފައި އުޅުމަށް ޚާއްޞަ ދުވަހަކަށް ހަދާނެއެވެ. މޭ މަހާއި ހަމައަށް މިގޮތަށް ހަމަޖައްސަނީ މޭ މަހަކީ ބެންކޮކަށް ވިއްސާރަ މޫސުން ފެށޭ މަސް ކަމަށް ވާތީއެވެ. މި ސަރަހައްދުގެ މަގުމަތީ ބާޒާރު ‘ސޮއި ސަލަ ޑެންގް’ އިން ފެށިން ނަރަރޮމް ޖަންކްޝަނާއި ހަމަށް (800 މީޓަރަށް) ދެމިގެންދާނެއެވެ.

ބެންކޮކްގެ ޔާއޮވޮރަތު މަގުގައި ބަޔަކު ކަނީ -ފޮޓޯ: ސެތާބްރަހުމަނާ

ކާއުސަން މަގު ބަންދުކުރަން ފަށަނީ ޑިސެމްބަރު 16 ވަނަ ދުވަހު ހަވީރު 05:00 އިން ފެށިގެންނެވެ. އެ މަގު ކޮންމެ ހޯމަ ދުވަހަކުވެސް ބަންދުކުރާނެ އެވެ. މަސާޖް ޕާލަރުތަކާއި. ޕަބްތަކާއި ކްލަބްތަކުގެ އިތުރުން އެ ސަރަހައްދުގައި ފަންނުވެރިކަމާއި ސަގާފީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ‘ޗޯން’ ނުވަތަ މާސްކް އަޅައިގެން ނަށާ ނެށުމާއި ‘ތައި’ ނެށުމުގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ރޭޥިފައިވާކަމަށް ޑެޕިއުޓީ ގަވަރުނަރު ސަކްލޯތީ ޕަތިޔާކުލް ބުނެއެވެ.

ބަންދުކުރާ މަގުތަކުގެ އިތުރު ތަފްޞީލުތައް ފަހުން އިޢުލާނުކުރުމަށް ވަނީ ނިންމާފައެވެ.

 

ފެހި ކުލައިން ފާހަގަކޮށްފައި އެވަނީ ބަންދުކުރާ ސަރަހައްދުތަކެވެ. ޒޫމް ކޮށްލައިގެން ޗާޓް ބަލައިލުން ރަނގަޅުވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.