ސެކިއުލަރިޒަމް ނުވަތަ ޢިލްމާނީ ފިކުރަކީ ދީނާއި، ދައުލަތަކީ ވަކި އެއްޗެއް ކަމަށް ދައުވާކޮށް، އިސްލާމީ ޝަރީޢަތަކީ ޒަމާނާއި ނުގުޅޭ ބޯދާ އެއްޗެއްގެ ގޮތުގައި މީސްތަކުންނަށް ވިސްނައިދީ، އާޚިރަތެއް އޮންނަ ކަމަށް ނުދެކި، ދުނިޔެ އަކީ އެމީހުންގެ ހަމައެކަނި މަންޒިލް ކަމުގައި ދެކި، ދުނިޔެވީ އެދުންތަކާއިގެން އުޅުމެވެ.
މިއަދު، ސައްތައިންސައްތަ މުސްލިމުން ކަމަށް ދައުވާކުރާ މި ކުޑަކުޑަ މުޖުތަމަޢުގައި، ހުއި ކޮޅެއްގައި އަލިފާން ރޯކޮށްލުމުން އެ ހުޅުގަނޑު ފެތުރޭހާ ބާރުމިނުގައި މި ޢިލްމާނީ ފިކުރު މިވަނީ ފެތުރެން ފަށާފައެވެ. މިބައިމީހުން ގޮވަނީ ދައުލަތުގެ ކަންކަމުގެ ތެރެއަށް ދީން ނުވެއްދުމަށެވެ. މުޢާމަލާތްތަކާއި، ޙުކުމްތަކަށް ދީން ވެއްދުމެއް ނެތްކަމަށެވެ. ސިޔާސަތުގެ ތެރެއަށް ދީން ވެއްދުމެއް ނެތްކަމަށާއި، ދީނަކީ ހަމައެކަނި އަޅުކަމުގައި ކަނޑައެޅިފައިވާ އެއްޗެއްގެ ގޮތުގައި މިބައިމީހުން ވަކާލާތުކުރެއެވެ.
އިސްލާމްދީނުގެ މަތިވެރި ރިސާލާތާއިގެން އަޅަމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وعلى آله وسلم ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވުނީ ހުރިހާ ޒަމާނަކާއި، ހުރިހާ ތަނަކާއި، ހުރިހާ ވަގުތަކަށް އާންމުވެ ޝާމިލްވެގެންވާ ގޮތުގައެވެ. ނަމަވެސް، މި ޢިލްމާނީ ފިކުރުގެ މީހުން ވަކާލާތުކުރާ ގޮތުގައި އިސްލާމީ ޝަރީޢަތަކީ ޒަމާނާއި ނުގުޅޭ ބޯދާ އެއްޗެކެވެ. سبحان الله. ހެޔޮވާނީ ކިހިނަކުންތޯއެވެ؟ ނެތުމުގެތެރެއިން އަޅަމެން އުފައްދަވައި، ރިޒުޤު ތަނަވަސްކޮށްދެއްވައި، ކުރިއަށް ވާން އޮތް ކަންތައްތަކާއި، ވެނިމިފައިވާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ޚާލިޤުވަންތަ މާތް ﷲ سبحانه وتعالى މިފަދަ ޒަމާނެއް އަންނާނެކަން ދެނެވޮޑިގެން ނުވަނީ ހެއްޔެވެ؟ އިސްލާމީ ޝަރިޢާތަކީ އެކަލާނގެ ބާވައިލެއްވި ޝަރީޢަތެވެ. އެއީ އިންސާނާގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ކާއިނާތުގެ ރައްބު ބާވައިލެއްވި ޝަރީޢަތެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
“ޣައިބުގެ ތަޅުދަނޑިތައް ވަނީ އެކަލާނގެ ހަޟްރަތުގައެވެ. އެކަލާނގެ މެނުވީ އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯ އެއްޗެއްވިޔަސް، ހިކި އެއްޗެއްވިޔަސް ބަޔާންވެގެންވާ ފޮތުގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ.” (އަލް އަންޢާމް ސޫރަތުގެ 59 ވަނަ އާޔަތް)
ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ. މިބައިމީހުންގެ މި ނުރައްކާތެރި ފިކުރުތަކުން އަޅުގަނޑުމެން މުސްލިމުން ބަރީޢަވެ، އެ ފިކުރުތަކުން އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ ދަރީން ސަލާމަތްކުރަން އެބަޖެހެއެވެ. ވިސްނާ ފިކުރުކޮށްލާށެވެ. ވެރިކަމާއި، ވެރިކަން ކުރާނެ ގޮތާއި، ޙުކުމް ތަކާއި، ޙައްދުތަކާއި، ޢުޤޫބާތްތަކާއި، ދިރިއުޅުމާއި، ދޭދޭ ގުޅުންތަކާއި، ކައިވެންޏާއި، މި ފަދަ އެންމެހައި ކަމެއް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ ހިނދު ވެސް، ދީނަކީ ވަކި އެއްޗެއް ކަމުގައި ހަދައި ދައުލަތާއި، ވެރިކަން ކުރުމާއި އެފަދަ ކަންކަމުގެ ތެރެއަށް ދީން ނުވެއްދުމަށް މިބައިމީހުން ދަނީ ގޮވަމުންނެވެ. މިބައިމީހުންނަކީ ފޮތުގެ އެއްބައި ކިޔާފައި އަނެއްބައި ދޫކޮށްލާ މީހުންނެވެ. އިސްލާމްދީނުން މިބައިމީހުން ރުހޭ ތަންތަން ކޮޅު ނަގައި، އަނެއްބައި ދޫކޮށްލައެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
“ފަހެ ފޮތުން ބަޔަކަށް ތިޔަބައިމީހުން އީމާންވެ، އަނެއްބަޔަކަށް ކާފިރު ވަނީ ހެއްޔެވެ؟ ފަހެ ތިޔަބައިމީހުންގެ ތެރެއިން އެކަންތައް ކުރާ މީހުންގެ ޖަޒާއަކީ، ދުނިޔޭގެ ހަޔާތުގައި ދެރަކަމާއި، ނިކަމެތިކަން ކަމުގައި މެނުވީ ނުވެއެވެ. އަދި ގިޔާމަތް ދުވަހުން ގަދަފަދަ ޢަޒާބުގެ ތެރެއަށް އެއުރެން ފޮނުއްވާހުށްޓެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ ޢަމަލުތަކާއި މެދު ޣާފިލުވެ ވޮޑިގެންވާ ކަލަކުކަމުގައި ﷲ ނުވެއެވެ.” (އަލް ބަޤަރާ ސޫރަތުގެ 85 ވަނަ އާޔަތް)
މާތް ﷲ ބާވާލެއްވި ޝަރީއަތް ބާއްވާފައި، އަމިއްލަ އަތުން ގާނޫނުތައް ހަދާ މީހުންނީ ވެސް ޢިލްމާނީ ފިކުރުގެ މީހުންނެވެ. މާތް ﷲ ޙަރާމްކުރައްވާފައިވާ ކަމެއް މަނާނުކުރާ ހާލު، އެ ކަންތައް މުޅި މުޖުތަމަޢު އަށް އާންމުކުރާ މީހުންނީ ވެސް ޢިލްމާނީ ފިކުރުގެ މީހުންނެވެ. ރަލާއި، މިއުޒިކާއި، ރިބާ ފަދަ ބޮޑެތި މުންކަރާތްތައް ފާޅުކަންބޮޑު ގޮތެއްގައި މި ކުޑަކުޑަ މުޖުތަމަޢުގައި ވަނީ ފެތުރިފައެވެ. ރަލާއި، އޫރުމަހާއި އެނޫނަސް މާތް ﷲ ޙަރާމްކުރައްވާފައިވާ ކަންކަމުން އާމްދަނީ ހޯދައިގެން ކައިބޮއި ހަދަނީއެވެ. ބޭންކް ތަކާއި، އެނޫންވެސް ވިޔަފާރީގެ މުޢާމަލާތްތައް ހިންގާ ފަރާތްތަކުން ރިބާގެ މުޢާމަލާތްތައް ހިންގަނީއެވެ. އަމިއްލަ އަތުން ލިޔެ ތައްޔާރުކޮށްފައިވާ ގާނޫނަކުން ހުއްދަކޮށްގެންނެވެ. މިކަންކަން ހުއްޓުވުމުން އެކަންކަމުން ލިބޭނެ މަންފާތައް ހުއްޓިދާނެކަމުގެ ޢުޒުރު ދައްކާ އެކަންކަން ހުއްޓުވުމަށް މަސައްކަތް ނުކުރާ ފަރާތްތަކެއްވެއެވެ. އެބައިމީހުންނީ ވެސް ޢިލްމާނީ ފިކުރުގެ މީހުންނެވެ. ސައްތައިންސައްތަ މުސްލިމުން ކަމަށް ދައުވާކުރާ މި މުޖުތަމަޢުގައި މާތް ﷲ ޙަރާމްކުރައްވާފައިވާ އެ ފަދަ ބޮޑެތި ފާހިޝް ކަންތައްތައް ހުއްޓުވާނެ ފަރާތެއް ނެތުމަކީ ހިތާމައިގެ ކޮޅެއްވެސް ނެތް ކަމެކެވެ. ހަމަ ޔަގީނުންވެސް މާތް ﷲ ޙަރާމްކުރައްވާފައިވާ އެއްވެސް ކަމެއް އެއްވެސް ފަރާތަކަށް ހުއްދަ އެއް ނުކުރެވޭނެއެވެ. އަދި އެކަލާނގެ ޙަރާމްކުރެއްވި އެއްވެސް ކަމެއްގައި ހެވެއް ނުހުންނާނެ އެވެ
ކީރިތި ޤުރުއާނުގައި މާތް ﷲ ވަހީ ކުރައްވާފައިވެއެވެ.
“މިއީ އެ ފޮތެވެ. އެ ފޮތާއި މެދަކު ޝައްކެތްނެތެވެ. (މިފޮތަކީ) ތަޤްވާވެރިންނަށް ހުރި ހިދާޔަތެކެވެ.” (އަލް ބަޤަރާ ސޫރަތުގެ 2 ވަނަ އާޔަތް)
“މި ޤުރުއާނަކީ ތިމަން ރަސްކަލާނގެ ބާވާލެއްވި ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ފަހެ ތިޔަބައިމީހުން އެ ފޮތަށް ތަބާވާށެވެ. އަދި ތިޔަބައިމީހުން ތަޤްވާވެރިވާށެވެ. (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.” (އަލް އަންޢާމް ސޫރަތުގެ 155 ވަނަ އާޔަތް)
އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޙައްދުގެ ޙުކުމްތަކަށް ފާޅުގައި އިންކާރުކޮށް، އެ ޙުކުމްތަކަކީ އިންސާނިއްޔަތާއި ޚިލާފް ކަންތައްތަކެއް ކަމަށް ބުނެ، އެކަމާއި ދެކޮޅު ހަދައި، އޭގެ ބަދަލުގައި އެހެންގޮތެއް ހޯދުމަށް މަސައްކަތް ކުރާ މީހުންނަކީ ވެސް ޢިލްމާނީ ފިކުރުގެ މީހުންނެވެ. މިކަން އެބައިމީހުން ކުރަނީ އިސްލާމީ ޝަރީޢަތަކީ، ބޯދާ، ހައްދުފަހަނައަޅާފައިވާ ޤާނޫނުތަކެއް ހިމެނޭ ޝަރީޢަތެއްގެ ގޮތުގައި އިންސާނީ ބުއްދިތަކަށް ތަޞައްވަރުވާނެ ގޮތަށް އެ ޝަރީޢަތުގެ ވާހަކަތައް ގެނެސްދީގެންނެވެ. އެ ޝަރީޢަތަކީ އިންސާނީ ޙައްޤުތަކާއި މިނިވަންކަމާއި އަންހެނުންގެ ޙައްޤުތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބުނަމުން އަދި އެގޮތަށް ދޭހަވާ ފަދަ ގޮތަކަށެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
“ﷲ ބާވާލެއްވި ޙުކުމުން ޙުކުމް ނުކުރާ މީހުން ދަންނާށެވެ. ފަހެ އެއުރެން އެއީ ހަމަ ކާފަަރުންނެވެ.” ( އަލް މާއިދާ ސޫރަތުގެ 44 ވަނަ އާޔަތް)
“އަދި ﷲ ބާވާލެއްވި ޙުކުމުން ޙުކުމް ނުކުރާ މީހާ ދަންނާށެވެ. އެއުރެން އެއީ ހަމަ އަނިޔާވެރީންނެވެ.” (އަލް މާއިދާ ސޫރަތުގެ 45 ވަނަ އާޔަތް)
“އަދި ﷲ ބާވާލެއްވި ޙުކުމުން ޙުކުމް ނުކުރާ މީހާ ދަންނާށެވެ. އެއުރެން އެއީ ހަމަ ފާސިޤުންނެވެ.” (އަލް މާއިދާ ސޫރަތުގެ 47 ވަނަ އާޔަތް )
މި ތިން އާޔަތަށް ވިސްނާ ފިކުރު ހިންގާލުމުން ވެސް މާތް ﷲ ބާވާލެއްވި ޝަރީއަތަށް ފުރައްސާރަކޮށް އެއީ ޒަމާނާއި ނުގުޅޭ ބޯދާ އެއްޗެއްގެ ގޮތުގައި ސިފަކޮށް، އެ ނޫން ގޮތެއް ހޯދުމަށް މަސައްކަތް ކުރުމުގެ ނުރައްކާތެރިކަން ހާމަވެއެވެ. އިސްލާމީ ޝަރީޢަތުގައިވާ ހުރިހާ ޙުކުމްތަކަކީވެސް އެންމެ ފުރިހަމަ އަދި އެންމެ ރިވެތި ޙުކުމްތަކެވެ. ޙިކުމަތުން ފުރިގެންވާ ޙުކުމްތަކެވެ. އުނި ސިކުނޑިތަކަށް މި ޙުކުމްތަކުގައި އެކުލެވިގެންވާ މަތިވެރިކަމާއި ޙިކްމަތް ވިސްނައި ނުގަނެވިދާނެއެވެ. އެއީ ޝަރީޢަތުގައިވާ އުނި ކަމެއް ނޫނެވެ. އެއީ އިންސާނާގެ ބުއްދީގައިވާ އުނިކަމެކެވެ.
އިންސާނާއަށް އެންމެ ފައިދާ ހުރި އަދި އެންމެ މަސްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ކާއިނާތުގެ ވެރި މާތް ﷲ سبحانه وتعالى އެވެ.
މާތް ﷲ އަޅަމެން މިފަދަ ނުބައި ފިކުރުތަކުން ރައްކާތެރިކޮށް، އެކަލާނގެ މަގުގައި އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާށި. އާމީން.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި