އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަން ގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެން ލީގު ހޯދުމުގެ ރޭހުގައި ލިވަޕޫލް ބޮޑު ލީޑެއް ނަގައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގެ 18 ވަނަ މިނެޓުގައި ބްރައިޓަން ގެ އޭރިއާ ގެ އަރިމަތިން ލިބުނު ހިލޭ ޖެހުމެއް ލިވަޕޫލްގެ ޑިފެންޑަރު އެލެކްޒެންޑާ އާނޯލްޑް ހުރަސްކޮށްލުމުން، ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން ވާޖިލް ވެންޑައިކް ވަނީ ލިވަޕޫލް އަށް މެޗުގެ ލީޑު ހޯދައިދީފައެވެ. ފުރަތަަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި ލިވަޕޫލް އަށް ލިބުނު ކޯނަރެއް އެލެކްޒެންޑާ އާނޯލްޑް އޭރިއާ އެތެރެއަށް ހުރަސްކޮށްލުމުން، ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން ވެންޑައިކް ވަނީ ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ.
ބްރައިޓަން އިން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް ވަނީ މަސައްކަތްކޮށްފައެވެ. ބްރައިޓަން ކުރަމުން ދިޔަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބުނީ 79 ވަނަ މިނެޓުގައި ބްރައިޓަން ގެ ޑިފެންޑަރު ލެވިސް ޑަންކް ހިލޭ ޖެހުމަކުން ގޯލެއް ކާމިޔާބުކުރުމުންނެވެ. މި ހިލޭ ޖެހުމަކީ ބްރައިޓަން އިން އުފެއްދި ހަމަލާކަށް އޭރިއާގެ ބޭރުގައި ހުރެފައި ލިވަޕޫލްގެ ކީޕަރު އަލިސަން އަތްލުމުން ލިބުނު ހިލޭޖެހުމެކެވެ. ސީދާ ރަތްކާޑު ދެއްކުމަށް ފަހު ރެފްރީ ވަނީ އަލިސަން ދަނޑުން ފޮނުވާލާފައެވެ.
ޕްރިމިއަރ ލީގުގެ ނިމިދިޔަ ސީޒަނުން ފެށިގެން، އާނޯލްޑް އަށް ވުރެ ގިނަ އެސިސްޓް ހެދި ކުޅުންތެރިއެއް ނެތްކަން ފާހަގަކޮށްލެވެއެވެ. އޭނާ ޖުމްލަ 17 އެސިސްޓް ވަނީ ހަދާފައެވެ. އަދި، ޕްރިމިއަރ ލީގުގެ ނިމިދިޔަ ސީޒަނުން ފެށިގެން ވެންޑައިކް އަށް ވުރެ ގިނަ ގޯލު ޖެހި ޑިފެންޑަރެއް ނެތްކަން ފާހަގަކޮށްލެވެއެވެ. އޭނާ ޖުމްލަ 7 ގޯލު ވަނީ ކާމިޔާބުކޮށްފައެވެ.
މިއީ ލިވަޕޫލް ބަލިނުވެ ޖެހިޖެހިގެން ފުރިހަމަކުރި 31 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. މި މެޗުން ހޯދި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އިން ވަނީ 11 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ނަމަވެސް މިރޭ އެވަޓަން އާއި ބައްދަލުކުރާ މެޗުން ލެސްޓާ ސިޓީ މޮޅުވެއްޖެނަމަ ލިވަޕޫލްގެ ލީޑު 8 ޕޮއިންޓަށް ކުޑަވާނެއެވެ. މެންޗެސްޓަރ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވުމުން ސިޓީ ލީގު ހޯދުމަށް ކުރަމުން ގެންދާ އުންމީދުތަކަށް ވަނީ ހުރަސްއެޅިފައެވެ.
މިހާރު ލީގުގެ ތާވަލަށް ބަލައިލާއިރު 14 މެޗުން 40 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެ، 29 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މެންޗެސްޓަރ ސިޓީއެވެ. އެއް މެޗު މަދުން ކުޅެފައިވާ ލެސްޓާ ސިޓީ 29 ޕޮއިންޓާއެކު އޮތީ ތިންވަނައިގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި