ރާއިދު އާމެދު ނާޖިދާ ހާއްސަގޮތެއް ބަހައްޓަމުންދާކަން އޭނާއަށް ފާހަގަކުރެވޭން ފެށިއެވެ.

ދުވަހުގެ މެންދުރުކުރިއެވެ. ނާއިމް އޭނާގެ އާދައިގެމަތިން ފިހާރައިގެ މަސައްކަތާއިގެން އުޅެމުންދިޔައިރު، ކަމާލިޔާ ވީ ސްކޫލަށް ގޮހެވެ.
ރާއިދްގެ ކޮޓަރިއަށް ނާޖިދާ ދިޔައިރު، އެނދުގައި އޮށޯވެލައިގެން ފޯނާއި ކުޅެލަ ކުޅެލާ ރާއިދު އޮތެވެ.

“އާދޭ.” ކޮޓަރިއަށް ވަން ނާޖިދާ ފެނުމާއިއެކު އެނދުން ޖާގަދެމުން ރާއިދު ބުނެލިއެވެ.

“ކޮންމެހެން ތިޔަވަރުގެ ބޮޑު ޖާގައެއް ނުދިނަސް އަހަރެންނަށް ތިޔަ އެނދުގައި އިށީންދެވޭނެ.” ރާއިދަށް ހިނިތުންވެލަމުން ނާޖިދާ ބުނެލިއެވެ. އެނދުގައި އިށީންނަމުން ނާޖިދާ ބަލާލީ ރާއިދުގެ ފޯނަށެވެ.

“އޯހް …. ރާއިދު ވާހަކަ ވެސް ކިޔަންތަ ؟” ނާޖިދާ އަހާލީ ހައިރާންކަމާއިއެކުގައެވެ.
ނާޖިދާގެ މޫނަށް ބަލާލަމުން ރާއިދު އާނއެކޭ ބުންޏެވެ.
“ތިޔަ ވާހަކައިގަ ކިހިނެތްތަ ވަނީ ؟” އަނެއްކާ ވެސް ނާޖިދާ ކުރީ ސުވާލެކެވެ.
“ވަރަށްރީތި އަންހެންކުއްޖަކަށް ލޯބީގަ ދިމާވި ޙަޤީޤީ ހާދިސާއަކަށް ލިޔެފައިވާ ވާހަކައެއް…. މިރަށުގަ ވެސް ހާދަރީތި އަންހެން ކުދިން އުޅެއޭދޯ ؟” ވައްކަޅިން ނާޖިދާއަށް ބަލާލަމުން ރާއިދު އަހާލިއެވެ.
“އެހާ ރީތިކުދިން އުޅޭތަ ؟…. ތިބުނާ ރީތިކުއްޖެއް އަހަރެންނަށް ވެސް ދައްކާލަބަލަ.” ނާޖިދާ ބަލާލީ ކޮޓަރިއަށް ވަންނަންހުރި ދޮރާއިދިމާއަށެވެ.
“އަހަރެންނަށް މިރަށުން ފެނުނު އެންމެކަމުދާ އަންހެންކުއްޖާވީ މީހެއްގެ އަތްނބަކަށް ….. އެހެންވީރު …. އެވާހަކަ … ” ސިއްރު ސިއްރުން ރާއިދު ބަލާލީ ނާޖިދާއަށް ނަމަވެސް އޭނާއަކަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ.
“އެހެންތަ ؟ އެހެންވިޔަސް ބުނެލެވިދާނެދޯ ؟” އެބުނާ ނަސީބުވެރިއަކީ ކާކުތޯ ބަލާލުމަށް ނާޖިދާ ވަރަށް ބޭނުންވިއެވެ. ނާޖިދާ ގަބޫލުކުރާގޮތުގައި ރާއިދު ފަދަ ފުރިހަމަ ފިރިހެނެއްގެ ލޯބިވެރިއަކަށް ވެވޭނީ ވަރަށް ނަސީބުގަދަ އަންހެންކުއްޖަކަށެވެ.
“އެވާހަކަ ދައްކައިގެން އެ އަންހެންކުއްޖާ އަހަރެންނާއި ގަޔާވެ ވަރިފަށަށް އަރައިފިއްޔާ މާގޯހެއްނު.” ރާއިދު ކަންބޮޑުވިއެވެ. އޭނާގެ ސަބަބުން ދެމަފިރިއެއްގެ ދިރިއުޅުން ހަލާކުވާން އޭނާ ނޭދެއެވެ.
“އެހެން ވީއިރު …. މިސާލަކަށް އެއަންހެން ކުއްޖާ ބޭނުންވަނީ އޭނާގެ ފިރިމީހާއާ ދުރަށްދާން. އެހެންމީހަކާއި ކައިވެނިކުރަން. އެފިރިހެނަކީ ރާއިދަށް ވެއްޖެނަމަ ކީކޭބުނާނީ ؟” ރާއިދުގެ މޫނަށް ބަލާލަމުން ނާޖިދާ ވާހަކަދެއްކީ އޭނާގެ ހުވަފެން ޙަޤީޤަތަކަށް ހެދިދާނެކަމުގެ އުންމީދު އާވުމުން ކަން ނޭނގެއެވެ.
“އަހަރެންނަށް އެފުރުސަތު ލިބުނަސް ކައިވެނިކުރެވޭނީ އަހަރެއްހާ ދުވަސްފަހުން…. އެގޮތަށް އަންހެންކުއްޖާ ގަބޫލުނަމަ ލޯބީގެ ގުޅުން ބޭއްވިދާނެ. ޔަގީނުން ވެސް އަހަރެންނާއި ކައިވެނިކޮށްފިނަމަ އެއަންހެންކުއްޖާ ދިރިއުޅޭނީ މިހާރަށްވުރެ އުފަލާއި އަރާމުގަ. މިހާރަށްވުރެ ލޯބިވެތި ހިތްހަމަޖެހޭ ދިރިއުޅުމެއް.” ރާއިދު ބަލާލީ ނާޖިދާގެ މޫނަށެވެ.

ފުރަތަމަފަހަރަށް ރާއިދާއި ނާޖިދާގެ ހަތަރުކަޅި ހަމަވިއެވެ. ރާއިދުގެ ލޮލުން ފޮނުވާލީ ބާރު ވިދުވަރެއްގައި ޖެހި ނާޖިދާ ހައްޔަރުވި ކަހަލައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުންއެރި އެވެ. ދެމީހުނަށް ވެސް ތިބިގޮތަށް ތިބެވުނީ އެވެ.
“މަންމާ !” ސިއްސައިގެން ގޮސް ދެމީހުނަށް ހޭވެރިކަންވީ ކަމާލިޔާގެ އަޑަށެވެ. ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން ކަމާލިޔާގެ ސަބަބުން ގެއްލުނީތީ ނާޖިދާ ހިތްހަމަ ނުޖެހުނެވެ. އަވަސް އަވަހަށް ގޮސް ކޮޓަރިން ނުކުތްއިރު މީހާ ހުރީ ރުޅިއައިސް ރަތްވެފައެވެ.
“ކިހިނެތްވީ ؟” ނާޖިދާ ސުވާލުކުރީ ރުޅިވެރިކަމާއެކުއެވެ.
“މާމަ.” ނާޖިދާގެ ރުޅިވެރިކަން ފެނުމުން މަޑުމަޑުން އިސްޖަހާލަމުން ކަމާލިޔާ އިޝާރާތްކޮށްލީ ގެއަށް ވަންނަންހުރި ދޮރާއިދިމާ އަށެވެ.
ނާޖިދާއާ ދިމާއަށް ބަލަހައްޓައިގެން އޮތް ރާއިދު އިތުރަށް ވިސްނާލިއެވެ.
ނާޖިދާ ގޮސް ގޯތިތެރެއަށް ނަޒަރުހިންގާލިއިރު އެތަނުގައިހުރީ އޭނާގެ މަންމަ ޒުބޭދާ އެވެ.
“ހައްދުފަހަނަ އަޅާފަ …. ތަނަވަސްކަމާއި އަރާމު ބޭނުންވޭ ….. ޖޯރުހުރި ޒުވާން ފިރިހެނަކު ބޭނުންވޭ ….. ވަގުތުގެ ބޭނުން ކޮށްލަންވީ ކަންނޭނގެ. އޭރުން މިރަށުގަ އުޅޭ ދުވަސްކޮޅު އަރާމާއި އުފަލުގަ ހޭދަކޮށްލެވޭނެ.” ރާއިދަށް ލިބުނު ހިތްހަމަޖެހުން އޭނާގެ މޫނުމަތިން ފާޅުވި ހިނިތުންވުން ހެކިދެއެވެ.

ދުވަސްތައް މާޒީއާއެކުވަމުން ދިޔައިރު ނާޖިދާ އާއި އޭނާގެ ގުޅުން މަޑުމަޑުން ދުރުވަމުންދާކަމުގައި ނާއިމަށް އިހުސާސްކުރެވޭން ފެށިއެވެ. އެކަމާބެހޭގޮތުން ވާހަކަދައްކާ ކޮންމެފަހަރަކު ނާޖިދާ ބުނަނީ ނާއިމަށް ކުށްހީއެއް ކުރެވެނީ ކަމަށާއި އޭނާ ނާއިމްއާ ކައިވެނިކުރީ ނާއިމްގެ ދެބަފައިން ދެކެ ލޯބިން ކަމަށާއި އުޅެމުންދަނީ ހިތްހަމަޖެހުމާއިއެކުގައި ކަމަށެވެ. އޭނާއާމެދު ކުށްހީތައް ނުކުރުމަށާއި އެގޮތަށް ނުދެކުމަށެވެ. ކުށްހީ ތަކުގެ ސަބަބުން ކައިވެނިތައް ރޫޅި އެތައްދިރިއުޅުމެއް ހަލާކުވެފައިވާ ކަމަށެވެ. އޭނާއާ ނާއިމްގެ ކައިވެނިގެ ގުޅުމަށް އެހެންވާން ބޭނުންނުވާ ކަމަށެވެ. އުފަލާއި ހިތްހަމަޖެހުމާއެކު ބަޔަކު އުޅޭނަމަ އެކަން ހަލާކުކުރަން ސައިތާނާ މަސައްކަތްކުރާނެ ކަމަށެވެ.

ނާއިމް ރަށުން ބޭރަށް ގޮސްފިނަމަ ނާޖިދާ އާއި ކަމާލިޔާ އެއްކޮޓަރީގައި ނިދުމަކީ ނާއިމް ބޭނުންވާ ގޮތެވެ. މިރެއަކީ ވެސް އެފަދަ ރެއެކެވެ. ނާއިމް މާލެދިއުމުން ކަމާލިޔާ ގެނެސް އެކޮޓަރީގައި ނިންދެވިއެވެ.
ރާއިދުގެ ކޮޓަރިއަށް ނާޖިދާ ދިޔައިރު ރާއިދު އުޅެނީ ފާޚާނާގައެވެ.
ކޮޓަރިއަށްވަދެ ދޮރުލައްޕައި ތަޅުލަމުން އެނދާއިދިމާއަށް ހިނގައިގަތްއިރު ނާޖިދާގެ މޫނުމަތިން ފެންނަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކާއި ކުލަވަރެވެ. ބޭނުންވި ފުރުސަތާއި ބޭނުންވި އަމާންކަން ލިބުމުން އޭނާއަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން ކިތަންމެ ރަނގަޅަކަށް ވެސް ފާޅުވެއެވެ.
“އަބަދު ފާޚާނާގައި ދޯ ؟” ފާޚާނާއިން ނުކުތް ރާއިދަށް ބަލާލަމުން ނާޖިދާ ބުނެލިއެވެ.
“އާން …. އަހަރުމެން ދެން އެކަނި އުޅޭމީހުނަށް އޮންނާނީ މިގޮތެއްނު.” ނާޖިދާއާ ދިމާއަށް އަންނަމުން ރާއިދު ވާހަކަދެއްކި އެވެ. ނާޖިދާއިނީ ރާއިދަށް ބަލާށެވެ.
ހަމައެކަނި ސޯޓެއްލައިގެންހުރި ރާއިދުގެ ފިރިހެންވަންތަ ފުރިހަމަ ހަށިގަނޑަށް ބަލާލުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ނާޖިދާގެ ހިތް ކިޔެވެ. ތަކުރާރުކޮށް އެތައްފަހަރަކު ރާއިދުގެ މުޅިހަށިގަނޑު ސުކޭންކޮށްލި ކަހަލައެވެ.
“ހާދަވަރަކަށް ތިޔަ ބަލަނީ ކިހިނެތްވީ ؟” ނާޖިދާއަށް ވަމުންދިޔަގޮތުން ރާއިދުގެ އުންމީދު އާވިއެވެ.
“ގަޔާވީވަރުން ….” ޚިޔާލީ އާލަމަކަށް ގެއްލިފައި ކަހަލަގޮތަކަށް އިނދެގެން ނާޖިދާ ބުނެލިއެވެ. ރާއިދުއާ ހަތަރުކަޅި ހަމަވި ވަގުތު ނާޖިދާގެ ލޯމެރިގެންދިޔައީ ކީއްވެގެންކަން ރާއިދަށް ސިއްރެއްނުވިއެވެ. އޭނާ ބޭނުންވީ ވެސް އެގޮތެވެ. މަޑުމަޑުން ނާޖިދާއާ ކައިރިވެލިއެވެ.
ބޭނުންވި ފުރުސަތު ލިބުމާއިއެކު ވަގުތުގެ ބޭނުންހިފުމަށް ރާއިދު އަވަސްވެގަތެވެ. މަޑުމަޑުން ނާޖިދާގެ ކޮނޑުގައި ހިފަހައްޓާލާ އެނދުގައި ބާއްވަމުން ނާޖިދާއާދިމާއަށް ގުދުވިއެވެ.
ކޮޓަރީދޮރުގައި ތަޅައިގަތްއަޑަށް ދެމީހުން ވެސް ދިޔައީ ސިއްސައިގެންނެވެ. އެދެމީހުންނާއި ކަމާލިޔާ ފިޔަވާ އެހެން މީހަކު މިހާރު ގެއަކު ނެތެވެ. އެހެންމީހަކަށް މިގަޑީ ގެއަކަށް ނުވެސް ވަދެވޭނެއެވެ. އެއީ ކަމާލިޔާގެ ކަމެއްކަން ނާޖިދާއަށް ޔަގީންވުމާއިއެކު ރުޅިއައިސް ރަތްވިއެވެ. ހިތްހަމަނުޖެހުމާއިއެކު އަވަސް އަވަހަށް ތެދުވަމުން ދޮރާއިދިމާއަށް ހިނގައިގަތެވެ.
ނާޖިދާ ގޮސް ދޮރުހުޅުވާލިއިރު އެތަނުގައި ހުރީ ކަމާލިޔާއެވެ.
“މަންމާ …. މަންމާ …. މީހަކު …” ރޮމުން ރޮމުން ކަމާލިޔާ ދައްކާލީ ގެއަށް ވަންނަންހުރި ދޮރެވެ. އޭރު އޭނާ ބިރުން ތުރުތުރުއަޅަ އެވެ. ފެނުނު މަންޒަރާއިއެކު ނާޖިދާގެ ރުޅިގަނޑު މައިތިރިވިއެވެ. ގަބޫލުކުރަން ދަތިވެގެން ކަހަލަގޮތަކަށް ދެއަތަކަށް ބޯހޫރާލެވުނެވެ.
ނާޖިދާ ނިދަންވަނީ އެދޮރުލައްޕައި ތަޅުލާފައިކަން އޭނާއަށް ޔަގީނެވެ. ހައިރާންކަމާއި ނުތަނަވަސްކަމާއެކު ނާޖިދާ ގޮސް ބޭރު ބަލާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކޮންމެވެސް މީހަކު ކޮންމެވެސް ގޮތަކުން ދޮރުހުޅުވައިގެން ގެއަށް ވަދެއްޖެއެވެ. އެހެން ނޫންނަމަ ކަމާލިޔާ އެހެނެއް ނުބުނާނެއެވެ.

ފަހަރަކަށްވުރެ ފަހަރެއް ވައިގަދަވަމުން ބަނަކުރަމުންދިޔައިރު ދެންމެ ދެންމެ ވާރޭ ވެހިގެންފާނެހެން ވެސް ހީވެއެވެ. ކުރިން ރީތިކޮށް އޮތްނަމަވެސް މިހާރު މޫސުމް ގޯސްވެއްޖެއެވެ.
ދޮރުލައްޕާ ތަޅުލުމަށްފަހު ކަމާލިޔާ ގޮވައިގެން ނާޖިދާ ދިޔައީ ނާޖިދާމެން ކޮޓަރި އަށެވެ. އޭނާގެ ސަބަބުން ކަމާލިޔާއަށް ދެރަގޮތެއް ވެއްޖެނަމަ ނުވަތަ އޭނާއާ ރާއިދުގެ ގުޅުން ނާއިމަށް އެނގިއްޖެނަމަ ދެންވާނެގޮތް ނާޖިދާއަށް އެނގެއެވެ. އޭނާ ދިރިއުޅެމުން ދިޔައީ އަބަދުވެސް އެކަމަށް އިސްކަންދީގެންނެވެ. ނާއިމްގެ ހުރިހާ ވެސް މީހަކީ ކަމާލިޔާ އެވެ. ކަމާލިޔާ ބުނެއްޖެނަމަ ނާޖިދާ ޖެހެނީ އެގެއިން ދާށެވެ. ކުރީގެ ނިކަމެތި ދިރިއުޅުމަށް އަނބުރާދިޔުމަކީ ނާޖިދާ އެއްގޮތަކަށް ވެސް ބޭނުންވާގޮތެއް ނޫނެވެ.

ގަދަވަޔާއިއެކު ވިދާގުގުރާ ވާރޭވެހެން ފެށިއިރު ކަމާލިޔާ އާއި ނާޖިދާއަކަށް ނުނިދެއެވެ. ކަމާލިޔާ ބިރުން އުޅޭތީ އޭނާ ހަމައަކަށް އެޅުވޭތޯ ނާޖިދާ މަސައްކަތްކުރަމުން ދިޔައެވެ. ކަމާލިޔާގެ ރުހުމަކީ މިވަގުތަށް ނާޖިދާއަށް އެންމެ މުހިންމު ކަންތަކެވެ.

ހެނދުނު ހަތެއް ޖަހާކަން ހާއިރެވެ. ކަމާލިޔާ މަދަރުސާއަށް ލުމަށްފަހު ނާޖިދާ އައިސް އުޅުނީ ރާއިދު ހޭލުމުގެ ކުރިން ހެނދުނުގެ ސައި ތައްޔާރުކުރެވޭތޯ އެވެ.
ރާއިދު އައިސް ބަދިގޭ ދޮރުކައިރިއަށް ހުއްޓުނުއިރު ވެސް ނާޖިދާއަކަށް ތަނެއްދޮރެއް ނޭނގެއެވެ.
“ހާދަ އަވަސްކޮށްލާފަ.” ރޮށިފިހުމާއިގެން މަސްޢޫލްވެހުރި ނާޖިދާ ސިއްސައިގެންދިޔައީ ރާއިދުގެ އަޑަށެވެ. އަވަސް އަވަހަށް އެނބުރިލަމުން ފަހަތަށް ބަލާލިއިރު ރާއިދު އައިސް ބަދިގެއަށް ވަންނަނީ އެވެ.
“ރާއިދު ހޭލުމުގެ ކުރިން ސައިތައްޔާރުކޮށް ނިންމާލަންކަމަށް އުޅުނީ.” ރާއިދަށް ހިނިތުންވެލަމުން ނާޖިދާ ބުންޏެވެ.
“އެހެންތަ ؟ …. ކޮބާ ކަމާލިޔާ؟ މަދަރުސާއަށް ދިޔައީތަ ؟” އޭނާ އާއި ނާޖިދާގެ ގުޅުމަށް މިވަގުތުއޮތް ހަމައެކަނި ހުރަހަކީ ކަމާލިޔާ ކަމަށްވާތީ، ވަގުތުގެ އަމާންކަން ޔަގީންކޮށްލަން ރާއިދު ބޭނުންވި ކަހަލައެވެ.
” އާން …. އޭނަ މަދަރުސާއަށް ގެންގޮސްފަ މިއައީ.” ރޮށިތަށި ހިފައިގެން ބަދިގެއިން ނުކުންނަމުން ނާޖިދާ ވާހަކަދެއްކިއެވެ.

ސައިބުއިމާއިގެން މަސްޢޫލުވެ ތިބިއިރު ނާޖިދާ އާއި ރާއިދުގެ މެދުގައި ތަފާތު މަޢުލޫތަކަށް އެތައް ވާހަކައެއް ދެކެވެމުންދިޔައެވެ. ލިބިފައިވާ މިނިވަންކަމާއި އަމާންކަމުގެ ސަބަބުން ދެމީހުން ވެސް ތިބީ ވަރަށްއުފާވެ ހިތްހަމަޖެހިފައެވެ.
“ނާޖިދާ ކީއްކުރަން ދޮންދަރިއަކާއި ހަވާލުވީ؟ ތިޔަށްވުރެ މާ އުފާވެރި ހަމަޖެހޭ ތަނަވަސް ދިރިއުޅުން ނާޖިދާއަށް ލިބޭނެކަން އަހަރެންނަށް ޔަގީން.” ވާހަކަދައްކަމުން ދައްކަމުން ރާއިދު ބަލާލީ ނާޖިދާގެ މޫނަށެވެ.
“އޭރު އަހަރެންނަށް ވިސްނުނު އެންމެ ރަނގަޅުގޮތް މިއީ …. އަހަރުމެންނަކީ ކުޑައިރުއްސުރެ ފެށިގެން ވަރަށް ނިކަމެތިކޮށް ވަރަށް ހާލުގަ އުޅެމުންއައި ބައެއް. އެ ނިކަމެތިކަމުން އަރައިގަންނަން އަހަރެންނަށް ފެނުނު އެންމެރަނގަޅުމަގު މިއީ …. ނާއިމްގެ މިތަނަވަސްކަމުގެ މިލްކުވެރިކަން އަހަރެން ދަމައިގަންނާނަން ….” ހިތުގައިވާގޮތް ހާމަކުރަމުން އެހީއަކަށް އެދޭ ފަދައަކުން ރާއިދުއާ ދިމާއަށް ނާޖިދާ ބަލާލި އެވެ. ނާޖިދާގެ ބެލުމުގައި މާނައެއް ވާކަން ރާއިދު ދެނެގަތެވެ.
“ކިހިނެތް ؟ …. ނާޖިދާ ތިޔައީ ތިހާ ހިތްވަރުގަދަ މީހެއްނަމަ މިހާދުވަސް ވާންދެން ކީއްވެ މަޑުކޮށްގެން ތިހުރީ ؟” އޭނާއަށް ވެސް މިވަގުތަށް އެންމެ ރަނގަޅުވާނީ ނާޖިދާއަށް މޮޅުގޮތްވުންކަން ރާއިދަށް އެނގެއެވެ.
“ބޭނުންވަނީ ރާއިދުގެ ކުޑަކުޑަ އެހީއެއް ….. ހުރިހާ ބިރުވެރިކަމަކާއި ނުރައްކަލުން ސަލާމަތްވާނެ އޭރުން. ގޭތެރެ މުޅިން އަމާންވާނެ. ނާއިމް އުޅޭނީ އަބަދުވެސް ވިޔަފާރީގެކަންތަކުގަ ގެއިން ބޭރު. ރަށުން ބޭރު. އަހަރެމެން ބޭނުންވާ މިނިވަންކަން ….. އަމާންކަން ބޭނުން ވަރަކަށް އޮންނާނެ.” ނާޖިދާގެ ވާހަކަތަކުން ރާއިދަށް ލިބުނު ހިތްހަމަޖެހުން ބޮޑެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.