ސްޕެނިޝް ލީގުގައި ރޭ ސްޕެއިންގެ ގަދަބާރުތައް ކަމަށްވާ އެތްލެޓިކޯ މެޑްރިޑް އާއި ބާސެލޯނާ ބައްދަލުކުރި ފޯރިގަދަ މެޗު، 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އަލުން ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
އެތްލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި ބާސާ އިން ތަންކޮޅެއް ދަށްކޮށް ފެށިއިރު، އެތްލެޓިކޯ އިން ފެށީ ވަރުގަދަކޮށެވެ. އެތްލެޓިކޯ އިން އުފެއްދި ނުރައްކާތެރި ހަމަލާތަކުގެ ހުރަހަކަށް ވީ ރޭ މޮޅުކުޅުމެއް ދެއްކި ބާސާ ގެ ގޯލްކީޕަރު ޓާ ސްޓެގެން އެވެ.
ފުރަތަަމަ ހާފުގައި އެތްލެޓިކޯ މޮޅަށް ކުޅުނު ނަމަވެސް ދެވަނަ ހާފު ބާސާ އިން ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ ކޮންޓްރޯލް ހޯދައި ގިނަ ހަމަލާތަކެއް ބާސާ އިން އުފައްދަމުން ދިޔައިރު، އެތްލެޓިކޯ ގެ ގޯލްކީޕަރު ޖޯން އޮބްލަކް ވަނީ މޮޅެތި ސޭވްތަކެއް ކޮށްފައެވެ. މެޗު ނިމެން އުޅެނިކޮށް 86 ވަނަ މިނެޓުގައި ބާސާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މެސީ ވަނީ ގޯލެއްޖަހާ މެޗުގެ 3 ޕޮއިންޓް ބާސާ އަށް ކަށަވަރުކޮށްދީފައެވެ. މިއީ އެތްލެޓިކޯގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމް ގައި މެސީ ކާމިޔާބުކުރި ފުރަތަމަ ގޯލު ނަމަވެސް، މިއީ މެސީ އެތްލެޓިކޯ ކޮޅަށް ކާމިޔާބުކުރި 30 ވަނަ ގޯލެވެ.
ސިމިއޯނީ އެތްލެޓިކޯގެ ކޯޗުކަމާއި 2011 ވަނަ އަހަރު ހަވާލުވި ފަހުން ބާސާ އަތުން މޮޅެއް ހޯދިފައި ނުވެއެވެ. މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބާސާގެ ކޯޗު އާނަސްޓޯ ވަލްވާޑޭ ބުނެފައިވަނީ މެސީ ޓީމުގައި ހުރުމަކީ އަަބަދުވެސް އެޑްވާންޓޭޖެއް ކަމަށެވެ.
ޑިޕޯޓިވޯ އަލާވެސް އަތުން 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެން ރެއާލް މެޑްރިޑް އެއްވަނައިގައި ވަގުތީގޮތުން އޮތްނަމަވެސް، މި މެޗުން ބާސާ މޮޅުވުމުން އެޓީމު ވަނީ އަލުން ތާވަލުގެ އެއްވަނަ އަށް އަރާފައެވެ. ރެއާލް އަދި ބާސާ އަށް ވެސް 31 ޕޮއިންޓް ލިބިފައިވާއިރު، ބާސާ އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި 30 ޕޮއިންޓާއެކު އޮތީ ސެވިއްޔާ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި