ބަލިވެގެން ޑޮކްޓަރަށް ދައްކަން ޖެހިއްޖެނަމަ، މާލެ ނުގޮސް ވާކަށް އަދިވެސް ނެތެވެ. ގިނަ ދުވަހަށް ފަރުވާ ދިގުދެމިގެންދާނަމަ، އެތައް ދުވަހަކު މާލޭގައި މަޑުކުރަންޖެހެއެވެ. އާއިލާ މީހަކު ކިތަންމެ ކުޑަ ތަންކޮޅެއްގައި އުޅުނުސް، އެތަނަށް ނުގޮސްވެސް ވާކަށް ނެތެވެ. އާއިލާ މީހަކު ނޫޅޭނަމަ ދެންޖެހެނީ ކޮޓަރިއެއް ކުއްޔަށް ނަގާށެވެ.

ކުއްޔަށް ދޫކުރާ ކޮޓަރީގައި ހުންނަނީ ހަމައެކަނި ފެންވަރާލާ ނިދާލެވޭނޭ ގޮތެއް އެކަންޏެވެ. އޭސީ ކޮޓަރިއެއްނަމަ، ދުވާލަކަށް 500ރ އާއި 450 ރ އާއި ދެމެދުގެ އަގެއް ކުއްޔަށް ދައްކަން ޖެހޭއިރު  ހޫނުފެން ފޮދެއް ލިބޭނޭގޮތެއް އަދި އިސްތިރިކޮށްލެވޭނެ ފަދަ ގޮތެއްވެސް މަދު ތަނެއްގައި ނޫނީ ނުހުރެއެވެ. ދެންވީ އިސްތިރިއަކާއި، ފެން ހޫނުކުރާ ޖަގެއްވެސް ގަންނާށެވެ. އަނެއްކާވެސް ކުލީގެ އިތުރުން ފައިސާތަކެއް ޚަރަދު ކުރަން ޖެހުނީއެވެ.  ނޫނީ ރަށުން އެތަކެތި ހިފައިގެން އަންނަންވީ އެވެ. މިއީ ކިހާ ބޮޑު ތަކްލީފެއް ކަމެއް އެގޭނީ ދުވަހަކުވެސް މިއިން ކަމެއް ތަޖުރިބާކުރަން ޖެހުނު ބަޔަކަށެވެ. ޚާއްސަކޮށް އުމުރުން ދޮށީ ބޭފުޅުން ގޮވައިގެން އުޅޭ މީހުންނަށް މިއީ ވަރަށް ދަތި ކަމެކެވެ.

ބައެއް ބަލިމީހުންނަށް  ވަކި ގޮތަކަށް ކެއުން ބަހައްޓަންޖެހޭއިރު، ކިތަންމެ ބޭނުން ނުވިޔަސް ހޮޓަލުން ގަނެފައި ކާންދިނުން ނޫން ގޮތެއް ނޯވެއެވެ. ކޮންމެ ގަޑިއަކަށް ހޮޓަލުން ކާއެއްޗިހި ގަތުމަކީވެސް ވަކިކުޑަ ޚަރަދެއްނޫނެވެ.

ކުލީ ކޮޓަރިތަކުގެ އަގު ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންދާއިރު، ކޮޓަރީގެ ފެންވަރުވެސް ރަނގަޅުވާން އެބަޖެހެއެވެ. ކޮޓަރިއަކާއި އެއްކޮށް ކެއްކޭނެ އިންތިޒާމުވެސް މިހާރު ހުންނަން ޖެހެއެވެ. ބޭސް ފަރުވާއަށް މާލެއައުން ފިޔަވައި އިތުރުގޮތެއް ނެތްއިރު މިފަދަކަންކަން ލުއި ފަސޭހަ ގޮތަކަށް ހަމަޖެހޭނެ ކޮންމެވެސް ޚަރުދަނާ އުސޫލުތަކެއް ގާއިމްވެފައި ހުންނަން އެބަޖެހެއެވެ.

މިގައުމުގައި އެތައް ކަމަކަށް ގާނޫނުތައް ހެދިފައިވީ ނަމަވެސް، ކުލީގެ މައްސަލަ ހައްލުކޮށް، ކުލި ވަކިވަރެއްގައި ކޮންޓުރޯލްކުރުމަށް ގާނޫނެއް ހެދިފައެއްނެތެވެ. ނަތީޖާއެއްގެ ގޮތުން މުއްސަނދިން މުއްސަދިވެ، ނިކަމެތިން އިތުރަށް ނިކަމެތިވަނީ އެވެ. މިއީ ގައުމީ މައްސަލައަކަށްވާއިރު ގާނޫނަކުން ރައްޔިތުންނަށް ހައްލު ހޯދައިދޭން ޖެހެ އެވެ. އަސާސީ ބޭނުންތަކަށް މާލެ އަންނަން މަޖުބޫރުވެފައިވާ ރައްޔިތުން “ކުލީގެ އަޅުންނަށްވެ” ލިބޭހާ ފައިސާ ކުއްޔަށް ހަރަދުކުރަމުން ދާތާ އެތަކެއް އަހަރު ފާއިތުވީ އެވެ. އިޖްތިމާއީ އެތަކެއް މައްސަލައެއްގެ ފެށުމަކީ ބޯހިޔާވަހިކަމަށް ވެފައިވާ އިރު، މިފަދަ ކަންކަން ހައްލު ނުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.