ފްރާންސް ފުޓްބޯލް މެގަޒިން އިން 1956 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ކޮންމެ އަހަރަކުވެސް ދެމުން އަންނަ ޝަރަފްވެރި ބެލޮންޑިއޯ އެވޯޑް ރެކޯޑް ހަވަނަ ފަހަރަށް މެސީ ހާސިލްކޮށްފިއެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި މި މަހުގެ 2 ވަނަ ދުވަހުގެރޭ ބޭއްވި ހަފްލާގައި ބެލޮންޑިއޯ އެވޯޑް މެސީ ހާސިލްކުރީ ވާޖިލް ވެންޑައިކް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހުގައެވެ. ވެންޑައިކަށް ދެވަނަ ލިބުނުއިރު، ރޮނާލްޑޯ އަށް ލިބިފައިވަނީ ތިންވަނައެވެ.
ބެލޮންޑިއޯ އެވޯޑް 2009, 2010, 2011, 2012, 2015 އަދި 2019 ވަނަ އަހަރު ހޯދައިގެން މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާގެ ޝަރަފު މެސީ ހޯދިއިރު، އޭނާ ވަނީ ޔޫރަޕުގެ ރަން ބޫޓް 6 ފަހަރު އަދި ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް 6 ފަހަރު ހޯދާފައެވެ.
ބެލޮންޑިއޯ އެވޯޑް ހަވަނަ ފަހަރަށް ހާސިލްކުރި ދުނިޔޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ވަނީ މިއަހަރު ފީފާ އިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާ “ދަ ބެސްޓް” އެވޯޑާއި، ޔޫރަޕުގެ ރަން ބޫޓާއި، ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ފޯވާޑުގެ އެވޯޑާއި، ލަލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި، ލަލީގާގެ ރަން ބޫޓް “ޕިޗިޗީ” އާއި، ޗެމްޕިއަންސް ލީގުގެ ރަން ބޫޓް ވެސް ހޯދާފައެވެ.
ބެލެންޑިއޯ އެވޯޑް ދިނުމުގައި ބަލާފައި ވަނީ މި އަހަރު ކުޅުންތެރިން ގައުމީ ފެންވަރުގައްޔާއި، ކުލަބު ފެންވަރުގައި ދައްކާފައިވާ ކުޅުމަށެވެ. ބެލޮންޑިއޯ އެވޯޑް ލިބޭ ކުޅުންތެރިޔާ ހޮވަނީ ފްރާންސް ފުޓްބޯލް މެގަޒިން އިން ހޮވާފައިވާ ޚާއްސަ ނޫސްވެރިންގެ ޓީމަކާއި، ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި އަދި ކޯޗުންގެ ވޯޓުންނެވެ.
ރޭގެ ހަފްލާގައި އަންހެނުންގެ ބައިން ބެލޮންޑިއޯ އެވޯޑުގެ ހާސިލްކުރީ ފީފާ “ދަ ބެސްޓް“ އެވޯޑް ވެސް ހާސިލްކުރި އެމެރިކާގެ މޭގަން ރެޕިނޯ އެވެ. ކީޕަރުންނަށް ޚާާއްސަކޮށްގެން ދިން ލެވް ޔާޝިން އެވޯޑް ހާސިލްކުރީ ފީފާގެ ވެސް އެންމެ މޮޅު ކީޕަރުގެ އެވޯޑް ހާސިލްކުރި ބުރެޒިލްގެ އަލިސަން އެވެ. ޒުވާން ކުޅުންތެރިންނަށް ޚާއްސަކޮށްގެން ދިން ކޮޕާ އެވޯޑް ހާސިލްކުރީ ނެދަލޭންޑްސްގެ ޑިލީޓް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި