އިރުމަތީ މެޑިޓެރޭނިއަން ކަނޑުގެ އަައްސޭރިފަށާއި އުރުދުން ކޯރާއި ދެމެދުގައިވާ ފަލަސްތީނަކީ ދިގު ތާރީޚެއް އޮތް ގަދީމީ ސަރަހައްދެކެވެ. އަސީރިއަނުންނާއާއި، ބާބިލޯނިއަނުންނާއާއި، ރޯމަނުން އަދި އުޘްމާނީ ޚިލާފަތް ފަދަ ގިނަ ހަޟާރާތްތަކެއްގެ އަތްދަށުވެފައިވާ މި ސަރަހައްދަކީ ދީނީގޮތުންނާއި އެހެނިހެން ގޮތްގޮތުން ގިނަ ޚިލާފުވުންތަކެއް އެެކުލެވިގެންވާ ސަރަހައްދެކެވެ.

އަޅުގަނޑުގެ އަމާޒަކީ މި ލިޔުމުން ތިޔަ އެންމެހާ ކިޔުންތެރިންނަށް ފަލަސްތީނާއިމެދު ކުރިން އެނގިފައިނުވާ އެތަކެއް ވާހަކަތަކެއް ތިލަކުރުމެވެ. އޭގެތެރޭގައި މިހާރުގެ މަޢުލޫމާތުތަކާއި އެކަމާއި ގުޅުންހުރި ބައެއް ދިރާސާތަކާއި އަދި ލިޔެވިފައިވާ ތާރީޚީ މަޢުލޫތު ހިމެނެއެވެ.

ފަލަސްތީނުގެ ބޮޑު ތާރީޚަކީ އަޅުގަނޑުމެން ދިވެހިން ދަންނަ ތާރީޚެކެވެ. މަދަރުސާގައި ކިޔަވާ ފޮތްތަކުގައްޔާއި އަދި އެކިއެކި ޓީވީ ޕުރޮގުރާމުތަކުގެ އިތުރުން އެހެނިހެން ޒަރިއްޔާތަކުން ނަމަވެސް ފަލަސްތީނުގެ ވާހަކަ ދިވެހިން ވާނީ އަޑު އަހާފައެވެެ. ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ތަހަންމަލު ކުރަމުންދާ ދަތި ދިރިއުޅުން އަޅުގަނޑުމެންނަށް އަބަދުވެސް ދަނީ ފެންނަމުންނެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން ކުރިމަތި ކުރަމުން ގެންދާ އުނދަގޫތަކާއި، އަނިޔާތަކާއި އަދި ހިންގަމުން ގެންދާ ޤަތުލުއާމުތަަކަށް މުޅި ދުނިޔެ ވަނީ ކަނުވެފައެވެ. މި ހާލަތަށް ފަލަސްތީނު ވެއްޓެން މެދުވެރިވި ސަބަބަކީ ކޮބައިތޯއެވެ؟ މިއީ މުހިންމު ސުވާލެކެވެ. މި ސުވާލަކީ ޖަވާބުދޭން އުނދަގޫ ސުވާލެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. ވިސްނައި ފިކުރު ކުރާ ކޮންމެ މީހަކަށް ހަޤީޤީ ޖަވާބު ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. މި ހަޤީގަތްތަކުގެ ވާހަކަ މާގިނައިން ދައްކާ ނޫޅެނީ ސަބަބުތަކަކަށް ޓަކައެވެ. މި ހަޤީޤަތްތަށް އަޅުގަނޑުގެ ޤާބިލްކަން ހުރި މިންވަރަކުން ހާމަކުރުމަކީ މި ލިޔުމުގެ މައިގަނޑު ބޭނުމެވެ.

1917-1516 އުޘްމާނީ ޚިލާފަތް:

މީލާދުން 1516 ވަނަ އަހަރު “މަމްލުކް” ހިލާފަތުގެ ވެރިޔާ “ކަންސު ގަވްރީ” އާއި އުޘްމާނީ ހިލާފަތުގެ ޔަވުޒް ސުލްތާން ސެލިމްގެ ކުރިމަތިލުންތަކަށްފަހު ފަލަސްތީނާއި ސީރިޔާގެ ބިންތައް އުޘްމާނީ ޚިލާފަތުގެ ބާރުގެދަށަށް ދިއައެވެ. އޭރުގައި މިހާރުގެ ފަލަސްތީނަށް ކިޔައި އުޅެނީ “ދެކުނު ސީރިޔާ”އެވެ. އުޘްމާނީ ޚިލާފަތުގައި ފަލަސްތީނު ތިން ބަޔަކަށް ބަހާލެވުނެވެ. ބައިތުލް މަޤްދިސް، ޣައްޒާ އަދި ނަބްލުސް، މި ތިން ސަރަހައްދު ވެސް ސީރިޔާގެ ދިމިޝްކު ޕްރޮވިންސްއާއި ގުޅާލެވުނެވެ. ބެލެވޭގޮތުގައި އޭރު ފަލަސްތީނުގައި %80 މުސްލިމުން، %10 އަރަބި ނަޞާރާއިން އަދި %5 – %7 ދެމެދުގައި ޔަހޫދީންގެ އާބާދިއެއް އޮތްކަމުގައި ވެއެވެ. ބައިތުލް މަޤްދިސް ބިމުގައި މުސްލިމުން، ޔަހޫދީން އަދި ނަޞާރާއިންގެ މުޤައްދަސް ބިނާތައް އެކުލެވިގެން ވުމާއިއެކު ވެސް އުޘްމާނީ ޚިލާފަތުގައި އަމާންކަމާއި މިނިވަންކަމުގައި ފާގަތި 401 އަހަރު ފަލަސްތީނު އޮތެވެ.

1913 ވަނަ އަހަރާއި ހަމައަށް އުޘްމާނީ ޚިލާފަތުގެ ބާރު މެދުއިރުމަތީގައި ކުޑަވިއެވެ. ނަމަވެސް ފަލަސްތީނު އޮތީ އޭރުވެސް ތުރުކީގެ ބާރުގެ ދަށުގައެވެ.
(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.