ފްރާންސްގެ ވެރިރަށް ޕެރިހުގައި ރޭ ބޭއްވުނު ބެލޮންޑިއޯ އެވޯޑް ހަފްލާގައި ނެދަލޭންޑްސް އަދި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް، ނޫސްވެރިޔަކު ކުރި ސުވާލަކަށް ސަމާސާކޮށްލުމުގެ ގޮތުން ދިން ޖަވާބެއް ވަރަށް ބޮޑު ކަންތައްގަނޑަކަށް ވެއްޖެއެވެ.

ރޭގެ ބެލޮންޑިއޯ އެވޯޑް ހަފްލާގައި ބައިވެރިނުވެ، ރޮނާލްޑޯ ވަނީ ރޭ އިޓަލީގެ މިލާންގައި ބޭއްވި އިޓާލިއަން ލީގުގެ އެވޯޑް ހަފްލާގައި ބައިވެރިވެފައެވެ.

“އޭނާ އަކީ ވާދަވެރިއެއް ތަ؟” ރޮނާލްޑޯ ރޭގެ ބެލޮންޑިއޯ އެވޯޑް ހަފްލާ އަށް ހާޒިރުނުވުމުން، ވެންޑައިކާ އެކު ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ އެއް ވާދަވެރިއެއް މަދުވީތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ސަމާސާ ރާގެއްގައި ވެންޑައިކް ބުންޏެވެ.

ނަމަވެސް ރޭގެ ހަފްލާގައި ވެންޑައިކް ސަމާސާކޮށްލުމުގެ ގޮތުން ދިން ޖަވާބު މިހާރު މިވަނީ ވިހަވެފައެވެ. މިކަމާއިގުޅިގެން ރޮނާލްޑޯ ގެ ދައްތަ ކޭޓިއާ، ހިތްހަމަނުޖެހުން ފާޅުކޮށް، އޭނާގެ އިންސްޓަގްރާމްގައި ބޮޑު ބަޔާނެއް އާންމުކޮށް ވެންޑައިކަށް ރައްދުދީފައެވެ.

“ރޮނާލްޑޯ ޓީމުތަކާ އެކު ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް އޭނާ އަށް މިރޭގެ އެވޯޑް ނުލިބޭނެކަމީ އެންމެންނަށް އެނގޭ ކަމެއް. ވާޖިލް އަށް މިހާރު ދެވިފައި ތިޔަހުރި ހިސާބަށް ރޮނާލްޑޯ ވަނީ އެތައް ހާސް ފަހަރަކު އައިސް ގޮސް ހަދާފަ. މިހާރު ވާޖިލް ތިޔަ ކުޅެމުންދާ ލީގުގެ ޗެމްޕިއަންކަން ރޮނާލްޑޯ ވަނީ ތިން ފަހަރު ހޯދާފަ. ނަމަވެސް އެ ލީގުގައި ކުޅެމުންދާތަން އަހަރުތަކެއް ވީއިރުވެސް ވާޖިލް އަކަށް އެ ޓްރޮފީގައި އަތެއް ނުލެވޭ.”

“ރޮނާލްޑޯ ވަނީ ވާޖިލް ތިޔަ ކުޅެމުންދާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ. އޭރު އަހަރެންގެ އުމުރު ވާޖިލްގެ އުމުރަށްވުރެ ހަގު ވާނެ. ދެން އެއަށްފަހު ދުނިޔޭގެ އެހެން ގައުމުތަކުގައި ކުޅެ، ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަށް ރޮނާލްޑޯ ވަނީ ވެފަ. ރެއާލް މެޑްރިޑުން ރޮނާލްޑޯ އާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާޖިލްގެ ޓީމު ވަނީ ބަލިކޮށްފަ. ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގު ވެސް ފަސް ފަހަރު ހޯދާފަ.”

“އަދި ރޮނާލްޑޯ އާއި އޭނާގެ ޓީމުން ވަނީ ނޭޝަންސް ލީގުގެ ފައިނަލްގައި ވާޖިލްގެ އޮރެންޖު ޓީމު ބިމަށް ތިރިކޮށްފަ. ވަރަށް އަސަރުކުރި ދޯ؟ އަހަރެމެން ހަމްދަރުދީވަން. ރޮނާލްޑޯގެ ކެރިއަރުގައި އެންމެ މަދުން ކާމިޔާބު ހޯދިއިރުގައިވެސް ވާޖިލް އަށް ވުރެން ގިނަ ޓްރޮފީ ވަނީ ހޯދާފަ. ސަޅިއެއް ނޫންތަ؟”

ރޮނާލްޑޯ ގެ ދައްތަ ކޭޓިއާ ރޮނާލްޑޯ އާ އެކު ބެލޮންޑިއޯ ހަފްލާއެއްގައި

“އެހެންވީމާ މުހިންމު އަދި ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ ވާހަކަ ދައްކަން އާދޭ. އެފަދަ މުހިންމު އަދި ބޮޑެތި ކާމިޔާބީތަކެއް ތަންކޮޅެއް ގިނައިން ހޯދީމަ، ފަހަރެއްގައި ރޮނާލްޑޯ އާއި އެއް މޭޒެއްގެ ކައިރީގައި އިށީނުމުގެ ފުރުސަތެއް ލިބިދާނެ.”

ރޮނާލްޑޯގެ ދައްތަ ކޭޓިއާ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.