އުސްމިނުގައި 356 މީޓަރު ހުންނަ ލޮޓަސް ޓަވަރު ނުވަތަ ސިންގަޅަ ބަހުން ނީލަމް ކުލުނަ އަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި ހަދާފައިވާ އެންމެ އުސް ބިނާއެވެ. އެއީ އެތަކެއް ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޓަވަރެކެވެ. އެތަނުގައި މުއާޞަލާތީ ކަންތައްތަކަށާ އެކަމާއި ގުޅުންހުރި ބައެއް ޚިދުމަތްލިބޭ ތަންތަން ހިމެނެއެވެ. އެގޮތުން ދާރުލްއާޘާރެއް، ރެސްޓޯރަންޓެއް، ކޮންފަރެންސް ހޯލްތަކެއް، އޮޑިޓޯރިއަމަކާއި ބެންކިއުޓް ހޯލްތަކަކާއި އޮބްޒަވޭޝަން ގެލެރީއެއް، ޝޮޕިންގ ކޮމްޕްލެކްސް އަކާ އެންމެ މަތީ ފެންވަރުގެ އެކޮމަޑޭޝަން ޚިދުމަތްލިބެން ހުރެއެވެ.

ލޮޓަސް ޓަވަރު ހުޅުއްވައިދެއްވީ ލަންކާގެ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އެވެ.  އެތަނަކީ ލަންކާގެ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަން (ޓީއާރްސީއެލް) ގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައިވެސް ވަނީ ހަމަޖައްސާފައެވެ.

ލޮޓަސް ޓަވަރު ހުންނަނީ ބެއިރާ ލޭކް އަށް ކުރިމަތިވާ ގޮތަށް ޑީ އާރް ވިޖޭވަރްދަނާ މަވާތާ އަށް ވާގޮތަށް އެތަނަށް ވަންނަ ދޮރު ހުންނަގޮތަށެވެ. ލޮޓަސް ޓަވަރުގެ ފުރިހަމަ ފަރުމާއިން ލަންކާގެ އައިޑެންޓިޓީ ރިވެލިކޮށްދެއެވެ. ލޮޓަސް މަލަކީ އެ ގައުމުގެ ސަގާފަތް ރަމްޒުކޮށްދޭ ވަރަށް މުހިންމު އުންސުރެކެވެ. ހަމަ އެހެންމެ އެ މަލަކީ އެމީހުން އަޅުކަންކުރުމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ މަލެކެވެ.

ލޮޓަސް ޓަވަރުގެ ޕްރޮޖެކްޓް ފެށީ 2008 ވަނަ އަހަރު ޓީއާރްސީއެލްސީ އާއި ޔުނިވާރސިޓީ އޮފް މޮރަޓުވާގެ އާކިޓެކްޓުން ގުޅިގެންނެވެ. އެތަނުގެ ޑިޒައިންގައި ލޮޓަސް ބޯށްޓަކާއި އޭގެ ދިގު ތަނޑިގަނޑު ރަމްޒުކޮށްދޭ ޑިޒައިން ހެދީ ޔުނިވާރސިޓީ އޮފް މޮރަޓުވާގެ އާކިޓެކްޓުންނެވެ. ހިތްގައިމުކަމާއި ޗާލުކަން އެކުލެވޭ ލޮޓަސް ޓަވަރުގެ ފެހިކުލައާއި ގަދަ ފިޔާތޮށިކުލައިން ފެންނަ މަންޒަރަކީ ދޮޅިން އަތްނެއްޓިދާ ފަދަ ޗާލު މަންޒަރެކެވެ.

ލޮޓަސް ޓަވަރުގެ ރެސްޓޮރެންޓްގެ އެތެރެ

ލޮޓަސް ޓަވަރުގައި ތަފާތު ހަތަރު ބައި ހުރެއެވެ. އެއީ ތިން ފަންގިފިލާ އާއި ބިންގަރާސް ފަންގިފިލާއެއް ހިމެނޭ ޓަވަރުގެ ބުޑު ނުވަތަ އެންމެ ތިރީ ބައި، ލޮޓަސް މަލުގެ ތަނޑި ރަމްޒުކޮށްދޭ ބައިި، އަދި އަށް ބުރިއަށް ހަދާފައިވާ މަލުގެ ބޯށި ރަމްޒުކޮށްދޭ ބައެވެ. މީގެ އިތުރުން 180 ޓަނުގެ ދިގުމިން ހުންނަ ޓަވަރުގެ މާސްޓު ނުވަތަ ކުނބު ހިމެނެއެވެ.

ލޮޓަސް ޓަވަރުން އެންމެ ފާހަގަކޮށްލެވޭ އެއް ތަނަނީ އެތަނުގެ ރެސްޓޯރެންޓެވެ. އެއީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން ހަނދާން ނައްތައިލަން ދަތި ތަޖުރިބާއެއް ކުރެވޭނެ ތަނެކެވެ. މީގެ އިތުރުން، އެންމެ މަތީގައި ހުންނަ އޮބްޒަވޭޝަން ޑެކަކީ ވަށައިގެންވާ މާހައުލުން ފެންނަ ކަނޑާއި އުސް ފަރުބަދަ ތަކުގެ ހިތްގައިމު މަންޒަރުތައް ބަލައިލުމަށް ފަހި ތަނެކެވެ. އުޑުމަތި ސާފު ދުވަހެއްގައި ސްރީ ޕަދާ ފަރުބަދަ، ކަލުތާރާ ބޯދިޔާގެ އިތުރުން ކަޓުނަޔަކެ އިންޓަނޭޝަނަލް އެއަރޕޯޓަކީ އޮބްޒަވޭޝަން ޓެކުން ފެންނަ ފާހަގަކޮށްލެވޭ ބައެއް ތަންތަނެވެ. އެއާޕޯޓުން ކޮލޮމްބޯއަށް ދަތުރުކުރަމުން އަންނައިރު ޓަވަރުގެ ހިތްގައިމު މަންޒަރުތައް ފެންނާނެއެވެ.

ސްރީ ލަންކާގައި ހުރި އެންމެ ބާރަށް ދަތުރުކުރާ އެލިވޭޓަރ ނުވަތަ ލިފުޓް ހުންނަނީ ލޮޓަސް ޓަވަރުގެ ތަނޑި ހިމެނޭ ބަޔާއި ޓަވަރުގެ ބުޑާއި ބޯށްޓާއި ދެމެދުގައެވެ. އެ ދެމެދުގެ އުސްމިނުގައި 215 މީޓަރު ހުރެއެވެ. މިނެޓަކު ހަތް މީޓަރުގެ ބާރު ދުވެލީގައި އެ ލިފްޓް ދަތުރުކުރެއެވެ.

ލޮޓަސް ޓަވަރުގެ ބިޔަ ބޮޑު އިމާރާތަށް ބަލާއިރު، އެތަނުގައި ބޭނުންކޮށްފައިވާ އިންޖިނިއަރިންގެ އެންމެ ފަހުގެ ފަންނިއްޔާތާއި އިމާރާތްކުރުމުގެ އެންމެ ފަހުގެ ފަންނިއްޔާތުގެ ސަބަބުން އެތަނުގެ ވަރުގަދަކަމާއި ގުދުރަތީ ކާރިސާތަކުން އެތަން ހިމާޔަތްކުރުމަށް ބާރު ލިއްބައިދޭނެއެވެ.

ލޮޓަސް ޓަވަރު ހަދާފައި ހުންނަނީ ‘ޕްރޮގްރާމޭބަލް އިލޫމިނޭޝަން ސިސްޓަމް’ އަކުން މުޅި ޓަވަރު ދިއްލައިލެވޭ ގޮތަށެވެ. އެހެންކަމުން ލޮޓަސް ޓަވަރު ދިއްލާލައިފާ ހުންނަ މަންޒަރަކީ ރޭގަނޑު ގަޑީގައި ބަލައިލަން ނިކަން ހިތްގައިމު މަންޒަރެކެވެ. ޓަވަރުގެ އަލިކަމުން ކޮލަމްބޯ ސިޓީއަށް އިތުރު ހުޅުދާންކަމެއް ގެނެސްދެއެވެ.

ލޮޓަސް ޓަވަރުގެ ޕާކަކީވެސް ހިތްގައިމު ތަނެކެވެ. މުނިފޫހި ފިލުވައިލުމަށް، ފެހިކަންގަދަ ހުސް މައިދާނެއް ބިއާރާ ލޭކްގެ ކުރިމައްޗަށް ވާގޮތަށް އޮވެއެވެ. އެތަނުގައި ލޭޒާ ޝޯތަކާއި ފެންއަރުވާވަޑާންތަކާއި އަދިވެސް އިތުރު ތަންތަން އެތަނުގައި ހުރެއެވެ. ލޮޓަސް ޓަވަރުގެ ސަބަބުން ކޮލޮމްބޯ ސިޓީގެ ލޭންޑްސްކޭޕަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

މަސްދަރު:ސެރެންދީބު މަޖައްލާ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.