އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ ސަޑިއޯ މާނޭ އާއި ޑިވޮކް އޮރިގީގެ މޮޅުކުޅުމާއެކު، އެވަޓަންގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރިހޯދައިގެން، ލިވަޕޫލް އިން އެ ޓީމު 1997 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 1998 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް ބަލިނުވެ ފުރިހަމަކޮށްގެން ހަދާފައިވާ 31 މެޗުގެ ރެކޯޑު އާކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑު އެންފީލްޑް ގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ގޯލެއް ޖަހާ ލިވަޕޫލް އިން ވަނީ މެޗުގެ ލީޑު ހޯދާފައެވެ. މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން 6 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ އޮރިގީ އެވެ. ފުރަތަމަ އެގާރައިގައި ހިމެނޭ ބައެއް މުހިންމު ކުޅުންތެރިންނަށް އަރާމުކުރުމަށް ފުރުސަތުދީގެން ލިވަޕޫލް އިން މި މެޗު ކުޅުނު ނަމަވެސް މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅުނީ ލިވަޕޫލް އިން ކަން ފާހަގަކޮށްލެވެއެވެ. ލިވަޕޫލްގެ ދެވަނަ ގޯލް މެޗުގެ 17 ވަނަ މިނެޓުގައި މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޝަގީރީ ކާމިޔާބުކުރިތަން ތިން މިނެޓު ފަހުން އެވަޓަންގެ މައިކަލް ކީން ވަނީ ގޯލެއް ޖަހާ އެވަޓަން އަށް އުންމީދު ގެނުވާފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ލޮވްރެން މަތިން ލައިދިން ދިގު ޕާހެއް ވަރަށް މޮޅަށް ކޮންޓްރޯލްކޮށްލުމަށްފަހު، ގޯލުގެ މަތީ ކަނަށް ވައްދާލައިގެން އޮރިގީ ވަނީ ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ. ލިވަޕޫލްގެ ހަތަރުވަނަ ގޯލް 45 ވަނަ މިނެޓުގައި އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ މެޗުގައި މޮޅުކުޅުމެއް ދެއްކި މާނޭ އެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެތެރޭގައި ބާނާޑް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެން ރިޗާލިސަން ވަނީ އެވަޓަންގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. ދެވަނަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް، ލިވަޕޫލް ގެ ފަސްވަނަ ގޯލް މެޗުގެ 90 ވަނަ މިނެޓުގައި ފާމީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ ވައިނާލްޑަމް އެވެ.

މި މެޗުން ހޯދި މޮޅާއެކު، ޖެހިޖެހިގެން ބަލިނުވެ 32 މެޗު ފުރިހަމަކޮށް 1997 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 1998 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް ކެނީ ޑަލްގިޝްގެ ކޯޗުކަމުގައި ލިވަޕޫލް އިން ހަދާފައިވާ 31 މެޗުގެ ރެކޯޑް އެޓީމުން މިވަނީ އާކޮށްފައެވެ. އިނގެރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އަށްވުރެ ގިނައިން ބަލިނުވެ، ޖެހިޖެހިގެން އެންމެ ގިނަ މެޗު ފުރިހަމަކޮށްފަައިވަނީ ހަމައެކަނި ޗެލްސީ އާއި އާސެނަލް އެވެ. ޗެލްސީ ބަލިނުވެ 40 މެޗު ފުރިހަމަކޮށްފައިވާއިރު، އާސެނަލް ވަނީ 49 މެޗު ފުރިހަމަކޮށްފައެވެ. އަދި، މި މެޗުން މޮޅުވުމާއެކު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެފައިވަނީ ޕްރިމިއަރ ލީގުގައި އެންމެ އަވަހަށް 100 މެޗުން މޮޅުވި ދެވަނަ ކޯޗަށެވެ. ކްލޮޕް 159 މެޗުން 100 މޮޅު ހޯދިއިރު، 142 މެޗުން 100 މޮޅު ހޯދައިގެން އެންމެ އަވަހަށް މިކަން ކޮށްފައިވަނީ ހޯސޭ މޮރީނިއޯ އެވެ. ނަމަވެސް މޮރީނިއޯ ގެ މި ރެކޯޑް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މުގުރާލާނެކަމަށް ބެލެވެއެވެ. ގާޑިއޯލާ ވަނީ މިހާތަނަށް 129 މެޗުން 97 މޮޅު ހޯދާފައެވެ.

މެޗަށްފަހު ލިވަޕޫލް ކުޅުންތެރިންނާއި، ކްލޮޕް އުފާފާޅުކުރަނީ

ކުޅުނު 15 މެޗުން 43 ޕޮއިންޓް ހޯދައިގެން ލިވަޕޫލް ތާވަލުގެ އެއްވަނައިގައި އޮތްއިރު، 35 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އޮތީ 32 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.